ރައީސް މުޙަންމަދު ނަޝީދު، މެލޭޝިޔާގެ އާ ބޮޑުވަޒީރު ދާތޯ ސެރީ މުޙަންމަދު ނަޖީބު ރައްޒާޤަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މިމުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ދާތޯ ސެރީ މުޙަންމަދު ނަޖީބު ރައްޒާޤަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި، ބޮޑުވަޒީރު ރައްޒާޤުގެ ޒަޢާމަތުގައި މެލޭޝިޔާއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބެމުންދާނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސް މުޙަންމަދު ނަޝީދުގެ މެސެޖުގައި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިމަގުގައިވެސް އިތުރަށް ބަދަހިވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.