އަމިއްލަ ވިޔަފާރިއަށް ދާއިރާ ފުޅާކުރައްވައި ބޭރުގެ ތަޖުރިބާ ހުރި ކުންފުނިތަކުން ރާއްޖޭގައި ފުރުސަތު އިތުރު ކުރައްވާތީ، އެކަން ފާހަގަކުރައްވައި އިނގިރޭސިވިލާތުގެ ބައިނަލްއަޤްވާމީ ޓްރޭޑް ރެޕްރެޒެންޓެޓިވް ޑިޔުކް އޮފް ޔޯކް، ޕްރިންސް އެންޑްރޫ ތަޢުރީފް ކުރައްވައިފިއެވެ. މިކަމަށް ތަޢުރީފް ކުރައްވައި ޕްރިންސް އެންޑްރޫ ވާހަކަފުޅު ދެއްކެވީ، ރާއްޖޭގައި ހުޅުވެމުންދާ ވިޔަފާރީގެ ފުރުސަތުތައް ރަސްމީގޮތުން ތަޢާރުފްކުރެއްވުމަށް ލަންޑަންގައި އިއްޔެ ބޭއްވެވި މަސައްކަތު ބައްދަލުވުމުގައި ޖަލީސުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތުގައި ރާއްޖެއަކީ، ދުނިޔޭގެ އެހެން ޤައުމުތަކަށް މަގުދައްކައިދޭނެ ދަންމަރަކަށްވުމަށް އިނގިރޭސިވިލާތުންވެސް މަސައްކަތް ކުރުމުގައި ރާއްޖޭގައި އިންވެސްޓްކުރާ ވިޔަފާރިވެރިންނަށް އެފަދަ މަޢުލޫމާތުތައް ފަހިވެގެންދާނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

"މޯލްޑިވްސް އިންވެސްޓްމަންޓް ޝޯވް ކޭސް" މިނަމުގައި ބޭއްވެވި މަސައްކަތު ބައްދަލުވުން ކުރިއަށްދިޔައީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ރޯޔަލް އޮޓޮމޮބައިލް ކްލަބްގެ މައި މަރުކަޒުގައެވެ. މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ ރައީސް މުޙަންމަދު ނަޝީދެވެ.

ޕްރިންސް އެންޑްރޫގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުން އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ ފުރުސަތުތައް ހުޅުވާލައްވާކަމީ ރާއްޖެއަށް އިތުރު ފާގަތިކަމާއި ތިޔާގިކަން ފަހިކޮށްދޭނެ ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ. ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ މިހާރުގެ ސަރުކާރުން ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ވަރަށް ފުޅާ ދާއިރާއެއްގައި އިނގިރޭސިވިލާތުން އެހީތެރިކަން ދެއްވާނެ ކަމަށެވެ. މިހާރުވެސް އިނގިރޭސި ކުންފުނިތައް ދިވެހިރާއްޖޭގައި ވިޔަފާރިތައް ހިންގަމުން ގެންދާ ކަމަށާއި، އަދި އިތުރު ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުން އެއީ، އިނގިރޭސިވިލާތުން ވަރަށް ބޮޑަށް ތަރުޙީބު ދެއްވާނެ ކަމެއް ކަމުގައިވެސް ޕްރިންސް އެންޑްރޫ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް ތަރައްޤީކުރުމަށް އިނގިރޭސިވިލާތުގެ އެކިދާއިރާތަކުން ދެއްވާފައިވާ އަދި ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އިނގިރޭސި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގައި ވިޔަފާރި ކުރުމަށް ހުރި ފުރުސަތުތައް ތަޢާރުފްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ޢާދިލް ސަލީމެވެ. ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ އާ ސިޔާސަތު ބައިވެރިންނަށް ހާމަކޮށްދެއްވީ، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ މުޙަންމަދު ރަޝީދެވެ. ރާއްޖޭގައި ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އަންނަ ތިމާވެށްޓާ ރަށްޓެހި ގޮތް ތަޢާރުފްކޮށްދެއްވީ މިފްކޯގެ މެނެޖިންގ ޑިރެކްޓަރ ޢަލީ ފާއިޒެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި އެޗް.އެސް.ބީ.ސީ.ގެ ޕްރިމިއަރ ރިލޭޝަންޝިޕް މެނޭޖަރ މާރކް ކޯންވޯލް އާ އިއްޔެ ބައްދަލުކުރެއްވިއެވެ.