ޤައުމުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ސަރުކާރުން އިސްނަންގަވައިގެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރެއްވުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި މިއަދު ބޭއްވުމަށް ހަމަޖެއްސި ބައްދަލުވުމުގައިވެސް އެމް.ޑީ.ޕީ ން ބައިވެރިވެފައިނުވާތީ އެކަމާ ސަރުކާރުން ހިތާމަކުރައްވައެވެ.

ސަރުކާރުން އެމް.ޑީ.ޕީ އާއެކު ވަކިން މަޝްވަރާކުރެއްވުމަށް މިއަދު ދަޢުވަތު ދެއްވާފައިވަނީ، އެ ޕާޓީގެ މެންބަރުންގެ އެންމެބޮޑު ކަންބޮޑުވުންކަމަށްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޖިނާއީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ދައުލަތުގެ ފަރާތުން ލުޔެއް ހޯދިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ. އަދި ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ހޯދުމަކީ، ސަރުކާރުން ވަރަށް މުހިންމު ކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތަކަށްވެފައި، އޭނާއަށް ވީގޮތެއް އެމް.ޑީ.ޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެނގޭކަމުގައި މީޑިއާގައި ވިދާޅުވެފައިވާތީ އެ މަޢުލޫމާތުތައް ހޯދުމާބެހޭ ގޮތުންވެސް މަޝްވަރާކުރެއްވުމަށެވެ.

ސަރުކާރުން އިސްނަންގަވައިގެން އެމް.ޑީ.ޕީ އާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ތަކުރާރުކޮށް މަސައްކަތްކުރައްވަމުން މިގެންދަނީ، ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް މަސައްކަތްކުރުން ކަމުގައިވާތީ، ހެޔޮ ނިޔަތުގައި ސަރުކާރުން ކުރިޔަށްގެންދަވާ މި މަޝްވަރާތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބައިވެރިވެވަޑައިގެން ދެއްވުމަށް ސަރުކާރުން އިލްތިމާސް ކުރައްވައެވެ.