‏މިއަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ‏‏ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޔުނިސެފް ގުޅިގެން ‏‏ހިންގުމަށް ހަމަޖެހިފައިވާ "އަހަން" ކެމްޕެއިން ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ‏‏އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. ‏

‏މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވުނު މިރަސްމިއްޔާތުގައި، "އަހަން" ‏‏ކެމްޕެއިން ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ‏އަނބިކަނބަލުން އަލްފާޟިލާ ‏‏ފާޠިމަތު އިބްރާހީމްއެވެ.‏

‏މިރަސްމިޔާތުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ‏ ‏‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ‏‏އެކަމަނާއަށް ހަނދާނީ ފިލައެއް އެރުއްވުން ‏‏އޮތެވެ. މިފިލާ އެކަމަނާއާއި ޙަވާލުކޮށްދެއްވީ، ޔުނިސެފްގެ ‏‏ޕްރޮގްރާމް ސްޕެޝަލިސްޓް އަލްފާޟިލް މުޙައްމަދު ނައީމެވެ.‏