‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު ‏‏އިބްރާހީމް، ‏ޕާކިސްތާނަށް ‏ކުރައްވާ ފުރަމާނަ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ.‏

‏މިއަދުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ‏‏މި ދަތުރުފުޅުގައި، ‏ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނާއި، ‏ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ‏‏ނަވާޒް ޝަރީފާ ބައްދަލުކުރައްވައި، ‏ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ‏‏ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ‏‏ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.‏

‏މީގެއިތުރުން، ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ‏‏‏ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެޤައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ވަނީ ‏‏‏ހަމަޖެހިފައެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގަތީ، މި ދަތުރުފުޅަށް ‏‏ޕާކިސްތާން ސަރުކާރުން ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާ ބޯޓެއްގައެވެ.‏