بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެންމެހާ އިސްވެރިން، ކީރިތި ޤުރްއާނާބެހޭ މަރްކަޒު ހިންގުމާ ޙަވާލުވެ ތިއްބެވި އިސްވެރިން، މިއަދުގެ މިއުފާވެރި އިޙްތިފާލުގައި ބައިވެރިވެވަޑައިގަންނަވާ އަޅުގަނޑުމެންގެ ލޮބުވެތި އެންމެހާ ދަރިވަރުންނާއި އަދި އެ ދަރިވަރުންގެ އެންމެހާ ބެލެނިވެރިން، މި ޖަލްސާ، ދުރާއި ގާތުން އަޑުއައްސަވާ އަދި ބައްލަވަމުން ގެންދަވާ ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
އާދެ! ދުވަހުގެ މިފަދަ ވަގުތަކީ، މި ހިސާބަށް އަންނައިރުގައި، ވަރަށް ވަރުބަލިކަން އިޙްސާސްވާ ވަގުތަކަށްވުމާއެކީގައި، ޖަލްސާގެ މި މާލަމުގެ ތެރެއިންވެސް ތަންކޮޅެއް ރޫޙު މަޑުކޮށް އަޅުގަނޑުމެންނަށް ފެނިގެންދަނީ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޤުރްއާން ކިޔެވުމުގެ 29 ވަނަ ޤައުމީ މުބާރާތް މިއަދު ބޭއްވިގެންދާއިރުގައި، ރާއްޖޭގެ ރައްޔިތުންނަށް ވަރަށްގިނަ ގޮތްގޮތުން ވަރަށް ޚާއްޞަ މުބާރާތަކަށް މި މުބާރާތްވެގެން ގޮސްފައިއޮތީ. ޚާއްޞަ ގޮތެއްގައި، މިއަދު ފެށިގެން މިދާ މުބާރާތަކީ، 826 ވަރަކަށް ދަރިވަރުން، އެކިއެކި ބައިތަކުން ބައިވެރިވެވަޑައިގެން، ކުރިއަށްދާ މުބާރާތަކަށްވާހިނދުގައި، ބަލައިގެންނާއި އަދި ހިތުން ކިޔަވާ އެކިއެކި ބައިތަކަށް ބަހައިގެން ކުރިއަށްދާއިރުގައި، މި މުބާރާތް ވެގެންގޮސްފައި މިވަނީ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު މުބާރާތަކަށް. އެއީ މުބާރާތް ނިމިގެންދާއިރުގައި، ވަރަށްގިނަ ކުދިން، ވަރަށްގިނަ ތުއްތު ކުދިންވެސް އެބަ ފެނޭ. އަޅުގަނޑު މި ޖަލްސާކުރާ މި މާލަމަށް ވަދެގެން އައިއިރުގައި، ބެލެނިވެރިން ވަރަށް ކެތްތެރިކަމާ އެކީގައި، ވަރަށް ތުއްތު ކުދިން ކޮންޓްރޯލް ކުރުމުގެ މަސައްކަތްވެސް ކުރަމުންދިޔަތަން ފެނިގެންދޭ. މިހާރުވެސް ވަރަށް ބަސްއަހައިގެން، މަޑުމައިތިރިކަމާއެކީގައި، ވަރަށްގިނަ ކުދިން މި ތިއްބެވީ އިށީނދެގެން. މި މުބާރާތް ނިމިގެންދާއިރުގައި، މީގެތެރެއިން ގާތްގަނޑަކަށް 192 ވަރަކަށް ވަނައެއް ހޮވިގެންދޭ. އަޅުގަނޑު ދެކޭގޮތުގައި، އެއީ ވަރަށް ޚާއްޞަ ކަމެއް، މި މުބާރާތަށް ލިބިގެންވާ. އަދި ހަމައެޔާއެކީގައި، މި މުބާރާތުގައި، ނިމިގެންދާއިރުގައި ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ކުދިންގެ ތެރެއިން 5 ވަނައެއް، އެކުދިން ހިމެނޭ ކެޓަގަރީއިންވެސް ހޮވިގެންދާކަމީ، ޙަޤީޤަތުގައި، ޙަޤީޤީ މާނައިގައި، ޤައުމީ މުބާރާތަކަށް މި މުބާރާތް ވެގެންދާ ކަމެއް ކަމަށް އަޅުގަނޑު ދެކެން.
ޢިއްޒަތްތެރި ބައިވެރިން:
މިއަދު ދެންމެ އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، ކީރިތި ޤުރްއާން ދަސްކުރުމަށް، ދިވެހިންގެ ހިތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައި މިވަނީ. އަޅުގަނޑު ދެކޭގޮތުގައި، މިއަދު މި މުބާރާތާ އެކީގައި، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ މުހިންމު ކަމެއް އެބައޮތް. އެއީ، ދިވެހި ޤައުމުގެ އެންމެ މުހިންމު ތަރިކައަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ދިވެހިންގެ ދީނީ ޢަޤީދާ ކަމަށްވާހިނދު، ދިވެހިންނަކީ އަދި ދިވެހި ޤައުމަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި މިއަދާ ހަމައަށް ދެމިގެން އައުމުގެ އެންމެބޮޑު ސިއްރަކީ އަދި އެންމެބޮޑު އަސާސަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ދިވެހި އެއްވެސް ރައްޔިތަކު ދެބަސްނުވާނެ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ޤާއިމުވެފައި އޮތުން. މިއަދު ފަޚްރުވެރިކަމާއެކީގައި، އަޅުގަނޑުމެން ދިވެހިންނަކީ އެއްބައެއްކަމާއި އަދި ދިވެހިންގެ ތެރޭގައި ޤާއިމުވެފައިވާ ވަޙުދަތާއި، އެކުވެރިކަމަކީ މިއަދުވެސް ދިވެހިންގެ ޙަޤީޤީ ޝަޚްޞިއްޔަތު އަންގައިދޭ ކަމެއް ކަމަށް ވާހަކަ ދައްކާއިރުގައި، އެކަން ހިފެހެއްޓުމުގެ އެންމެ މުހިންމު އަސާސަކަށްވެގެން ގޮސްފައި މިއޮތީ، ދިވެހިންނަށް ލިބިފައިވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ.
މިއަދު މި ބޭއްވޭ އިޙްތިފާލުންވެސް، އަޅުގަނޑުމެންނަށް ސާފުކޮށް އެނގިގެން މިދަނީ، ރާއްޖޭގެ ރައްޔިތުންނަކީ ޚާއްޞަ ގޮތެއްގައި، އިސްލާމްދީނަށް ވަރަށް ބޮޑަށް ލޯބިކުރާ ރައްޔިތެއްކަން. ވަކިން ޚާއްޞަކޮށް، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ވަރަށްބޮޑު އިސްކަމެއްދީ، ގަދައަޅައި މަސައްކަތްކުރާ އަދި އަޅުގަނޑުމެންނަށް ފެންނަ ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކާ ޚިލާފަށްވެސް ކުދިންނަށްޓަކައި ވަރަށް ބޮޑަށް ހޭދަކުރާ މައިންބަފައިންތަކެއް ދިރިއުޅޭ ޤައުމެއް، ދިވެހިރާއްޖެއަކީ. އަދި މިކަން މިއަދު މި ބޭއްވިގެންދާ މުބާރާތަށް ބެލުމުންވެސް، އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ. ރާއްޖޭގެ އެކިކަންކޮޅުތަކުން ވަރަށް ބޮޑެތި ހޭދަކޮށްފައި، މި މާލެއަށް ދަތުރުކޮށްގެން، މި މުބާރާތުގައި ރާއްޖޭގެ އެކިއެކި ހިސާބުތަކުން ކުދިން ބައިވެރި މިވަނީ، މައިންބަފައިން ވަރަށްބޮޑު ހޭދައެއްކުރުމާ އެކީގައި، އެކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއްދީގެން.
މައިންބަފައިންގެ ފަރާތުން، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް ތަކުރާރުކޮށް ވާހަކަ ދައްކަމުންދާކަމީވެސް، ރާއްޖޭގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް، ރާއްޖޭގެ މައިންބަފައިން ދޭ ޚާއްޞަ ސަމާލުކަމެއްކަން އަޅުގަނޑު ފާހަގަކުރަން. މިވާހަކަތައް، އެކިއެކި ގޮތްގޮތުން ދެއްކުމުގެ އިތުރުން، ޕީ.ޓީ.އޭ މެދުވެރިކޮށްވެސް މައިންބަފައިން، ސިޔާސީ ފަރާތްތަކާ ހަމައަށް އަދި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، ރާއްޖޭގެ އެކިއެކި ފަރާތްތަކުން ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި، ތަކުރާރުކޮށް، ތަޢުލީމީ ނިޒާމުގެ ތެރެއަށް ހެޔޮބަދަލުތައް ގެނައުމަށް ވަކާލާތު ކުރުމުގެ ނަތީޖާއަކީ، އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯގައި، މައިންބަފައިން ބޭނުންވާ ބަދަލު ގެނައުމަށްޓަކައި، މެނިފެސްޓޯގެ ތެރެއަށް ގިނަގުނަ ކަންތައްތަކެއް ތަޢާރުފް ކުރުން. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މައިންބަފައިން ބޭނުންވި، ރާއްޖޭގެ ސްކޫލްތަކުގައި، މަދްރަސާތަކުގައި ކީރިތި ޤުރްއާން ކިޔަވައިދެވޭނެގޮތް ހަމަޖައްސައިދިނުމަށް. އަދި އެގޮތަށް، އެކިފަރާތްތަކުން އެދުމުގެ ނަތީޖާއެއްގެ ގޮތުން، މިއަދުގެ ސަރުކާރު ވުޖޫދަށް އައިތާ 100 ދުވަސްވެސް ހަމަނުވަނީސް، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، ދެންމެ އަޅުގަނޑުމެންގެ އަޚު، އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވި ފަދައިން، ޚާއްޞަ ގޮތެއްގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމްގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، ކީރިތި ޤުރްއާން ކިޔަވައިދެވޭނެގޮތް ހަމަޖެއްސުން ވެގެންދިޔައީ، އަޅުގަނޑު ދެކޭގޮތުގައި، މިދެންނެވި މައިންބަފައިން ވަކާލާތު ކުރަމުންދިޔަ މަސައްކަތަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއަކަށް.
ކީރިތި ޤުރްއާނުގެ ތަޢުލީމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ސަބަބަކަށްޓަކައި އަޅުގަނޑުމެން ފަތުރައި އަދި އުނގަންނައިދޭ ތަޢުލީމެއް. އެއީ، ކީރިތި ޤުރްއާނުގެ ތަޢުލީމަކީ، ކޮންމެ އިންސާނެއްގެ ތަރުބިއްޔަތާއި އަދި ތިމާގެ ދީނީ ޢަޤީދާ ހަރުދަނާ ކުރުމަށާއި، ހެޔޮގޮތްތައް ހޯދުމަށާއި އަދި އިތުބާރު ލިބިގެންވާ ރަނގަޅު މަގުން ހިނގާ މީހަކަށް، ތިމާގެ އަންނަން އޮތް ޖީލު، ތިމާގެ ދަރިން ހެދުމަށްޓަކައި ކޮންމެހެން މުހިންމު ޢިލްމަކަށްވާތީ، ކީރިތި ޤުރްއާން ދަސްކޮށްދިނުމަށް އަޅުގަނޑުމެން އެހާ ބާރު މި އަޅަނީ.
އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދިޔައިރުގައި، ދެވަނަ ކަމަކަށް އަޅުގަނޑުމެންނާ ހަމައަށް އައީ، ޢަރަބި ބަސް ރާއްޖޭގެ އެކި ސްކޫލްތަކުގައި ކިޔަވައިދިނުމަށްޓަކައި، ރާއްޖޭގެ ބެލެނިވެރިން އަޅުގަނޑުމެންނާ ހަމައަށް، އެބޭފުޅުން އިއްވި އަޑު. ސަރުކާރު ވުޖޫދަށް އައިތާ 100 ދުވަހުގެ ތެރޭގައި، ހިންގަން ފެށި ޕްރޮގްރާމްގެ ދަށުން އަޅުގަނޑު ފާހަގަކުރަން އުފަލާއެކީގައި، މިއަދު މިހާރު ރަސްމީކޮށް ޢަރަބި ތަޢުލީމް ކިޔަވައިދޭ މަދްރަސާތަކުގެ އިތުރުން، ޢާންމު ސްކޫލްތަކުގެ ތެރެއިން 19 ވަރަކަށް ސްކޫލްގައި މިހާރުވަނީ ރަސްމީކޮށް، ޢަރަބި ބަސް އެއީ، ވަކި ބަހެއްގެ ގޮތުގައި ކިޔަވައިދިނުމުގެ ޕްރޮގްރާމް ތަޢާރުފްވެ، ﷲގެ ރަޙްމަތާއެކީގައި، ކާމިޔާބުކަމާއެކީގައި އެމަސައްކަތް މިހާރު މިދަނީ ކުރިއަށް. ޢަރަބި ބަސް، އަޅުގަނޑުމެން ކިޔަވައި މިދެނީ މުހިންމު ސަބަބަކަށްޓަކައި. އެންމެ މުހިންމު ސަބަބަކީ އެއީ، އެ ބަހަކުން މިއަދު އަޅުގަނޑުމެން ފާހަގަކުރަމުންމިދާ އިޙްތިފާލު، ކީރިތި ޤުރްއާނުގެ މި ބޮޑު މުބާރާތް މި ބޭއްވޭހިނދުގައިވެސް، ކީރިތި ޤުރްއާން އެ ބަހަކުން ބާވައިލެއްވުނީ، ޢަރަބި ބަސް ކަމަށްވާތީ. ހަމައެޔާއެކީގައި، ޢަރަބި ބަސް ކިޔެވުމުން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ކުދިންނަށް ޢަރަބި ޤައުމުތަކުން މަތީ ތަޢުލީމް ހޯދުމަށް އޮތް ފުރްޞަތުވެސް އިތުރަށް ފުޅާވެގެންދާނެތީއާވެސް އެކީގައި.
މިއާއެކީގައި، ރާއްޖޭގެ އެތަކެއް ބެލެނިވެރިން، މި ސަރުކާރު ވުޖޫދަށް އައިއިރުގައި، ތަކުރާރުކޮށް ދައްކަމުންދިޔަ އެއް ވާހަކައަކީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި، ތަޢުލީމީ ނިޒާމުގެ މަންހަޖު އިޞްލާޙު ކުރުން. މިކަމަކީ ދިގުދެމިގެން ގޮސްފައި އޮތް ކަމެއް. އަދި މައިންބަފައިން އެދުނީ، ދިވެހިންގެ ތަޢުލީމީ ނިޒާމުގެ މި މަންހަޖު، ދިވެހި މުޖްތަމަޢުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތްވާ ގޮތަށް އެކުލަވައިލުމާއެކު، ދިވެހިންގެ ދީނީ ޢަޤީދާ ކަމަށްވާ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ހިފެހެއްޓޭ ގޮތެއްގެ މަތިން، މިދެންނެވި މަންހަޖު ހަމަޖެހިފައި އޮތުން. މިކަން އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހަމަޖައްސައި، މަންހަޖު މިހާރުވަނީ މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، ފާސްކުރެވި، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، އެ މަންހަޖު ރާއްޖޭގެ ސްކޫލްތަކުގައި ތަންފީޛު ކުރެވެން ފަށާނެ.
މިއަދު މި މުބާރާތް މި ބޭއްވިގެންދާއިރުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ހިތަށް، ދެންމެ އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވި ފަދައިން، ވަރަށް ފުން އިޙްސާސްތަކެއް ވަދެގެންދޭ. ބެލެނިވެރިން ވަރަށް ބޮޑަށް އުފާކުރޭ. އެކަމަކު އެޔާއެކީގައި، އެންމެ ބޮޑަށް އަޅުގަނޑުމެން މި މަސައްކަތްކުރި ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ ބެލެނިވެރިންގެ އެއް ޝަކުވާއަކަށް އޮތީ، ރާއްޖޭގެ ކުދިންގެ އަޚްލާޤު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކޮށްދިނުން، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން. އެކަމަށްޓަކައި ރާއްޖޭގެ ދަރިވަރުންގެ ތެރޭގައި އަޚްލާޤީ ރީތި މިންގަނޑެއް ތަޢާރުފް ކުރުމަށް، މުޅި ދިރިއުޅުމުގައި، މުޅި ދިރިއުޅުމުގައި އިސްލާމީ ރީތި ގޮތްތައް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުގެ ވިސްނުމުގެ ތެރެއިން އަޚްލާޤީ ރީތި މިންގަނޑުތައް ތަޢާރުފް ކުރުމުގެ ގޮތުން، މަދަނީ ތަޢުލީމު ނުވަތަ އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލެވޭ ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމެއް، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ތަޢާރުފް ކުރުމުގެ މަސައްކަތް މިހާރު ނިމި، އެމަސައްކަތަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރެވި، އިރާދަކުރެއްވިއްޔާ ދެވަނަ ޓަރމް، ސްކޫލްތަކުގައި ފެށޭއިރުގައި، މިދެންނެވި ޕްރޮގްރާމް، ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން ތަޢާރުފްވެ ހިނގައިގެންދާނެ.
މިއާއެކީގައި، ކުރިއަށް މިއޮތް ދުވަސްތަކުގައި، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ކަންތައްތައް ހަރުދަނާ ކުރުމާއި، ދީނަކީ މުޅި ދިރިއުޅުމާ ލާމެހިފައިވާ ކަމެއްކަމަށްވީހިނދު، ރާއްޖޭގެ ރައްޔިތުންނަށް، އަޅުކަން ކުރުމަށް، ދީނުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަކީ، މިއަދުގެ ސަރުކާރުން އެންމެ މުހިންމު އިސްކަމެއްދޭނެ އެއްކަމެއް. އަޅުގަނޑުމެން މިއަދު ސަރުކާރުގެ ޕްރޮގްރާމްތަކާއެކު ކުރިއަށްދާހިނދުގައި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން، މިސްކިތްތައް މަރާމާތު ކުރުމާއި އަދި އަލަށް މިސްކިތްތައް ތަޢުމީރު ކުރުމަށްޓަކައި އަޅުގަނޑުމެންނާ ހަމައަށް ތަފާތު އެކި ފަރާތްތަކުން މި އިލްތިމާސް އެބަ އާދޭ. މިއަދު އަޅުގަނޑު ފާހަގަކުރަން، އަޅުގަނޑުމެންގެ ސަރުކާރުގައި މިކަމަށްޓަކައި ޚާއްޞަ އިސްކަމެއްދީގެން އަދި ސަރުކާރަށް ލިބޭ ހިލޭ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިންވެސް މިސްކިތްތައް މަރާމާތު ކުރުމާއި، މިސްކިތްތައް ތަޢުމީރު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި، ސަޢޫދީ ސަރުކާރުން ރާއްޖެއަށް ދެއްވަން ވަޢުދުވެފައިވާ 10 މިސްކިތުގެ އިތުރުން، މިހާރު ޔޫ.އޭ.އީ. ސަރުކާރުގެ ފަރާތުން މިހާރު މިވަނީ މިއަދު އަޅުގަނޑުމެން މި އިޙްތިފާލު ފާހަގަކުރަމުން މިގެންދާ އިސްލާމީ މަރްކަޒު، މި މިސްކިތް، މިމިސްކިތަށް ބޭނުންވާ މަރާމާތު، އެކި ފިޔަވައްސަށް ބަހައިގެން، އިރާދަކުރެއްވިއްޔާ ރަމަޟާން މަހުގެ ކުރިންވެސް، ބައެއް މަސައްކަތް ކުރިއަށް ގެންދިޔުމަށް، ޔޫ.އޭ.އީ. ސަރުކާރުން މިހާރު މިވަނީ އެއްބަސްވެ، އެކަމުގެ ހުރިހާ ޚަރަދެއް، އެ ސަރުކާރުން ބަލަހައްޓާގޮތަށް، ރާއްޖޭގެ ރައްޔިތުންނަށް އެއުފާވެރި ކަމުގެ ޚަބަރުވެސް ދީފައި މިވަނީ.
ޢިއްޒަތްތެރި ބެލެނިވެރިން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން އަދި އަޅުގަނޑުގެ ލޮބުވެތި ދަރިވަރުން:
މިއަދު ދިވެހިންގެ ތެރޭގައި އުފެދެމުންދާ އިޖްތިމާޢީ މައްސަލަތައް ގިނަކަމާއި، އެކަންތައްތަކުގެ ތެރޭގައި އެންމެބޮޑު އަސަރެއް ކުރަމުންދާ ބަޔަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޒުވާން އާބާދީ ކަމަށްވާއިރުގައި، ޒުވާން ޖީލު ކަމަށްވާހިނދު، އެކަމަށް އޮތް ޙައްލަކީ ކޮބައިތޯ މިއަދު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އެކަމަށް އޮތް އެންމެބޮޑު ޙައްލަކީ، އަޅުގަނޑުމެންގެ މަތިވެރިވެގެންވާ ދީނުގެ ތަޢުލީމަކީ، އަޅުގަނޑުމެންގެ ދިރިއުޅުން ކަމުގައި ހެދުން ކަމަށް އަޅުގަނޑު ޝައްކެއްނުކުރަން. ތިމާމެންގެ ދިރިއުޅުމުގެ ތެރެއިން، ދީނަށް އުޅުމަކީ ވަކި ވަގުތެއްގައި ނުވަތަ ވަކި ސާޢަތެއްގައި ނުވަތަ ވަކި މަހެއްގައި، ވަކި ދުވަސްތަކެއްގައި ކުރާ ކަމަކަށްވުރެ ބޮޑަށް، ދީނަކީ ޢާންމު ދިރިއުޅުން ކަމުގައި ހެދިއްޖެނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
އަޅުގަނޑު އުފާވޭ، މިއަދު މިހާގިނަ ބައިވެރިންތަކެއް، މިހާގިނަ ބެލެނިވެރިންތަކެއް، ޝައުޤުވެރިކަމާއެކީގައި، ޤުރްއާން ކިޔެވުމުގެ 29 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށްޓަކައި އަދި އަޅުގަނޑުމެންގެ މި ވާހަކަތައް އަޑުއެހުމަށްޓަކައި މިތަނަށް ވަޑައިގެން ތިއްބެވީތީ. މިކަމުން ރަމްޒުކޮށްދެނީ، ހެޔޮގޮތްތައް ހޯދައި، ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރަން މައިންބަފައިން ބޭނުންވާކަން. އެކަމަކު އަޅުގަނޑުގެ ނަޞޭޙަތަކީ، ދީނަށް އުޅުމަކީ ހަމައެކަނި ވަކިކަމެއް ކުރުމުން ފުދޭކަމަކަށްވުރެ ބޮޑަށް، ދީނަކީ ތިމާގެ ދިރިއުޅުމުގެ އަޚްލާޤާއި، ތިމާ އެކަކު އަނެކަކާ މުޢާމަލާތުކުރާ ގޮތާއި، އިޖްތިމާޢީ އަދަބުތައް، ތިމާ ހިފަހައްޓާ ގޮތްތަކުގެ ތެރެއިން ފެންނަންޖެހޭ ކަމަކަށް ހެދިއްޖެނަމަ، ދީނުގެ މަތިވެރި މަޤްޞަދުގެ ތެރޭގައި، މި މުޖްތަމަޢަށް އުޅެވޭނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.
މިއަދު ތިޔަ ލޮބުވެތި ބެލެނިވެރިން، މައިންބަފައިން އެތަކެއް ވަގުތު، ކުދިންނަށް ކީރިތި ޤުރްއާން ރީއްޗަށް ކިޔަވައިދޭން ހޭދަކުރާކަމީ، އެކަމާމެދު އަޅުގަނޑު، ސަރުކާރުން، ސަރުކާރުގެ ވަޒީރުން، ތަޢުލީމާބެހޭ ވަޒީރު، އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް. ދިވެހި ޤައުމު އެކަމަށް އުފާކުރޭ. އަދި އެކަމަށްޓަކައި ތިޔަބޭފުޅުން ތިޔަ ކުރައްވާ ބުރަ މަސައްކަތަށް ޙައްޤު ތަޢުރީފާއި ސާބަސް އަޅުގަނޑު ރައްދުކުރަން. ޚާއްޞަ ގޮތެއްގައި، އަތޮޅުތަކުން ދަތުރުކުރައްވައި، މިހާ ހިސާބަށް މި މުބާރާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދަތުރުކުރެއްވި ބެލެނިވެރިންނަށް ޙައްޤު ތަޢުރީފް، އަޅުގަނޑު އަދާކުރަން. އެކަމަކު މި މަސައްކަތަކީ ކޮން މަޤްޞަދެއް ޙާޞިލު ކުރުމަށްޓަކައި، ކީއްކުރަން ކުރާ ކަމެއްތޯ، އަމިއްލަ ނަފްސާ މިއަދު ތިޔަ ހުރިހާ ބެލެނިވެރިންވެސް ސުވާލުކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެއީ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައ ކުރާ ކަމެއްތޯ ނުވަތަ އެއީ ކުއްޖާއަށާއި، ތިމާއަށާއި، ތިމާގެ ޢާއިލާއަށާއި، ނިސްބަތްވާ ރަށަށާއި، އަތޮޅަށް ހަމައެކަނި ރީތި ނަމެއް ހޯދުމަށްޓަކައި ކުރާ ކަމެއްތޯ، އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ. ނުވަތަ އެއީ ތަޢުލީމީ ނިޒާމުގެ ތެރެއިން ލިބެން އޮތް ފުރްޞަތެއްގެ ބޭނުން ހިފުމަށްޓަކައި ކުރާ ކަމެއްތޯ، އަމިއްލަ ނަފްސާ ސުވާލު ކުރައްވަންޖެހޭ. ނުވަތަ މިފަދަ މުބާރާތުގައި، ތުއްތު ކުދިން އަތުގައި ހިއްޕަވައިގެން ތިޔަ ވަޑައިގަންނަވަނީ، ހުރިހާ މާނައެއްގައިވެސް، ހުރިހާ މާނައެއްގައިވެސް އެކުއްޖާގެ ތަރުބިއްޔަތުގެ ތެރެއިން އިސްލާމީ އަޚްލާޤިއްޔާތު އަށަގަންނުވައި، މުޅި ދިރިއުޅުމަކީ، ކުއްޖާގެ މުޅި ދިރިއުޅުމަކީ، އިސްލާމީ އަޚްލާޤުގެ ތެރެއިން ކުރިއަށް ގެންދެވޭ ދިރިއުޅުމަކަށް ހެދުމަށްޓަކައި ކުރާ ޚާލިޞް މަސައްކަތެއްތޯ، ސުވާލު ކުރައްވަން އެބަޖެހޭ.
މިވާހަކަ މިގޮތަށް ދައްކަން މިޖެހެނީ، އެއްކޮޅުން ތުއްތު ކުއްޖާ އަތުގައި ހިއްޕަވައިގެން، ކީރިތި ޤުރްއާނުގެ މުބާރާތުގައި ބައިވެރިވުމަށްޓަކައި ވަޑައިގަންނަވާހިނދު، އަދި ޤުރްއާން ދަސްކޮށްދިނުމަށްޓަކައި ކްލާސްތަކަށް ގެންދަވާހިނދު، އަނެއްކޮޅުން މަގުމަތިންދާ މީހާއާ ދިމާއަށް، ތިމާއަށް ފެންނަ އެއްޗެއް ބުނަމުން، ގޭތެރޭގައި އެކުދިންނަށް އަޑުއިވޭ ހިސާބުގައި ފާޅުކުރާ ޚިޔާލުތަކުގައި، އަނެކާގެ އަބުރަށް ހުތުރުވާގޮތަށް ވާހަކަ ދައްކައި، ޣީބަ ބުނުމާއި، އަނެއް އަޚާއަށް ނިސްބަތްކޮށް، ހިތަށްއެރި ގޮތަކަށް ވާހަކަ ދެއްކުމަށްފަހުވެސް، ތިމާގެ ދަރިފުޅުގެ އަޚްލާޤާއި ސުލޫކު އަދި ވިސްނުން، އިސްލާމްދީނުގެ އޯގާތެރިކަމާއި، ސަމާޙަތްތެރިކަމާއި، އިސްލާމްދީނުގެ އިޖްތިމާޢީ މިންގަނޑުގެ ތެރޭގައި ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރުމަކީ، ހަމަޖެހޭ ކަމަކަށް ނުވާނެކަން މިއަދު ދިވެހި މުޖްތަމަޢުގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ކަންތައްތަކަށް ބެލުމުން، އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެގެންދޭ.
އިސްލާމްދީނަކީ މުސްލިމް މުޖްތަމަޢެއްގެ މުޅި ދިރިއުޅުން. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގެނުމާއި، އަޅުކަން ކުރުމަކީވެސް މުޅި އިޖްތިމާޢީ މަޞްލަޙަތާއި، އިޖްތިމާޢީ އަޚްލާޤިއްޔާތު އަދި އެ އަޚްލާޤިއްޔާތާ ގުޅިލާމެހިފައިވާ ކަމެއްކަން، ކީރިތި ޤުރްއާނުން އަޅުގަނޑުމެންނަށް އެނގޭ. ޤުރްއާން ކިޔެވުމަކީ ވަކި ޢަމަލަކަށްވެފައި، މުބާރާތްތަކުގައި ބައިވެރިވުމަކީ އަދި އެހެން ވަކިކަމަކަށްވެފައި، ޤުރްއާން ދަސްކުރުމަކީ މުޅިން ވަކިން ކުރާ ކަމަކަށްވެފައި، ތިމާގެ މުޅި ދިރިއުޅުމާއި، ތިމާ އެކަކު އަނެކަކާ މުޢާމަލާތްކުރާ ގޮތާއި، ވާހަކަ ދައްކާ ގޮތާއި، ކުއްޖާގެ ކަންފަތަށް ފޯރުކޮށްދޭ ބަސްތަކާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ގޮތާ، މިކަންތައްތަކަކީ މުޅިން ތަފާތު ދެކަމަކަށް ހަދައިފިނަމަ، ކީރިތި ޤުރްއާނުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލްކުރާ މިންވަރާމެދު ސުވާލުކުރަންޖެހޭ.
ސޫރަތުލް ޢަންކަބޫތުގެ 45 ވަނަ އާޔަތުގައި، اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَلَذِكْرُ اللَّـهِ أَكْبَرُ وَاللَّـهُ يَعْلَمُ مَا تَصْنَعُونَ.] [ފޮތުން ކަލޭގެފާނަށް ވަޙީކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ. އަދި ކަލޭގެފާނު ނަމާދު ޤާއިމު ކުރައްވާށެވެ. ހަމަކަށަވަރުން ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން ﷲ ހަނދުމަކުޅައުމަކީ، އެންމެބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައްތައް ﷲ ދެނެވޮޑިގެންވެތެވެ.] ނަމާދަކީ ތިމާގެ ހަށިގަނޑާއި ސިކުނޑިއަށް ލިބިގެންދާ އެންމެ ވަރުގަދަ އަދި އެންމެ ފުރިހަމަ ޓްރޭނިންގ ކަމަށްވާއިރު، އަޅުކަން ކުރުމުގެ ބޭނުމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ތިމާގެ ހިތާއި ސިކުނޑި ސާފުކުރުމާއެކު، މުޖްތަމަޢުގެ ފަރުދުންނާއި އަދި މުޖްތަމަޢުގެ އެންމެހާ ފަރާތްތަކާ ގުޅިގެން އުޅެން ދަސްކޮށްދިނުން. ނަމާދުގެ މިސާލު، އަޅުކަމުގެ ތެރެއިން، އެންމެ މިސާލެއްގެ ގޮތުގައި ނެގިކަމުގައިވީ ނަމަވެސް، ނަމާދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، އެކުވެރިކަމާއެކު އުޅުމަށް. ނަމާދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، އިޖްތިމާޢީ ގޮތުން، އެއްބަޔަކު އަނެއްބަޔަކާ މެދުގައި އޮންނަންޖެހޭ ގާތް ގުޅުން. ނަމާދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، އަޅުގަނޑުމެން މީސްމީހުންނަށް ތަކުލީފު ދިނުންފަދަ އެންމެހާ ކަންތައްތަކުން އެއްކިބާވުމަށް. އަދި ހަމައެޔާއެކީގައި، ފުރިހަމަ ސަމާލުކަމުގައި، ނަމާދުގެ ވަގުތުގައި، ޤިބްލައަށް ކުރިމަތިލައި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު، އިތުރު ޙަރަކާތްތަކުން އެއްކިބާވެ ތިބެ އަދާކުރާ އަޅުކަމަކަށްވުމުންވެސް، މި އަޅުކަމުން އަޅުގަނޑުމެންނަށް އެނގިގެންދަނީ، މިއީ ކޮންމެ މީހެއްގެ ނަފްސު ކޮންޓްރޯލް ކުރުމުގެ މުހިންމުކަން ދަސްކޮށްދޭ ފިލާވަޅެއްކަން. އަދި އެ ފިލާވަޅުން އަޅުގަނޑުމެން ދަސްކުރަންޖެހެނީ، މުސްލިމް މުޖްތަމަޢެއްގެ ގޮތުގައި ޙަރަކާތްތެރިވާއިރު، ކޮންމެ ފަރުދެއްގެ، ކޮންމެ އަޚެއްގެ، އުޚުތެއްގެ ޙައްޤަށް ތިމާ ރައްކާތެރިވާންޖެހޭ މިންވަރު. އެހެންކަމުން، އަޅުގަނޑު އެދެނީ، މިއަދުގެ މި އުފާވެރި އިޙްތިފާލުގައި، މުސްލިމް މުޖްތަމަޢެއްގެ ދަރިން ތަރުބިއްޔަތު ކުރުމަށް، މުޖްތަމަޢުގެ މަޞްލަޙަތަށް ރައްކާތެރިވުމަށާއި، އެކަކު އަނެކަކާމެދު ބަހައްޓަންޖެހޭ އަޚްލާޤީ މިންގަނޑާއި ހިތްހެޔޮކަމަކީ، އިސްލާމްދީނުގެ މަޤްޞަދުގެ ތެރޭގައި އެންމެ މުހިންމު ކަމެއް ކަމަށް، ބައެއް ޢިލްމުވެރިން ވިދާޅުވާ ވިދާޅުވުމަށް، ތިޔަބޭފުޅުން ސަމާލުވެވަޑައިގަތުން. އަލްމުވާފިޤަތު ފީ އުޞޫލުއްޝަރްޢިއްޔާގައި، އައްޝާތިބީ ބަޔާންކުރާގޮތުން، މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައި، މުޖްތަމަޢުގެ އެކުވެރިކަމަށްޓަކައި، ޕަބްލިކް އިންޓްރެސްޓަށްޓަކައި، އެކަކު އަނެކަކު ބަހައްޓަންޖެހޭ އަޚްލާޤީ މުހިންމު މިންގަނޑު ދެމެހެއްޓުމަކީ، އިސްލާމްދީނުގެ މަޤާސިދުއް ޝަރްޢިއްޔާގެ ތެރޭގައި އެންމެ މުހިންމު އެއް މަޤްޞަދު ކަމަށް ވެގެންގޮސްފައި ވަނީ.
އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ މައިންބަފައިންގެ ފަރާތުން ތަރުބިއްޔަތުގެ ތެރެއިން އިސްލާމީ އަޚްލާޤިއްޔާތު ފެނިގެން ދިޔުން. އަޅުގަނޑު އެދެނީ، ހަމައެކަނި ފެންނަ ފެނުމަށް ކުރާ ކަންތައްތަކަށް ކުރާ ބަޔަކަށް އަޅުގަނޑުމެން ނުވުން. އަޅުގަނޑު އެދެނީ، ދީނަކީ ތިމާމެންގެ މުޅި ދިރިއުޅުން ކަމުގައި އަޅުގަނޑުމެން ހެދުމާއެކު، ދީނަށް އުޅުމަކީ ތިމާމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގެ ތެރެއިން ފެނިގެންދާ ކަމަކަށް އަޅުގަނޑުމެން ހެދުން.
އަޅުގަނޑުގެ ދުޢާއަކީ، ދިވެހި މުޖްތަމަޢަކީ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އެކަކު އަނެކަކުގެ ޙައްޤުތަކަށް އިޙްތިރާމްކުރާ ބަޔަކަށް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މުޖްތަމަޢަކީ، ފުރިހަމަ މާނައިގައި އިސްލާމީ އަޚްލާޤުގެ މިންގަނޑުގެ ތެރޭގައި ޙަރަކާތްތެރިވާ ބައެއް ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރައްވައި، ކީރިތި ޤުރްއާނަށާއި، އިސްލާމްދީނަށް ލޯބިކުރާ ބައެއް ކަމުގައި އަޅުގަނޑުމެން އެންމެން ލައްވައި، މި ޤައުމަކީ ތާއަބަދަށް ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه
_____________________________