بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދު، އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ބަންދު އިބްރާހީމް ސަލީމް، އަޅުގަނޑާއެކީގައި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ދައުލަތުގެ މާލީ ވަޒީރު، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޢިއްޒަތްތެރި މިނިސްޓަރު. ހަމައެއާއެކީގައި، މިނިސްޓަރ އޮފް ޔޫތު އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ. މިތަނަށް ވަޑައިގެން ތިއްބެވި ދައުލަތުގެ ޢިއްޒަތްތެރިން، ބޭރު ޤައުމުތަކުގެ އެމްބެސެޑަރުން، ސަފީރުން އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
ރާއްޖޭގެ ކުރިއަށް މިއޮތް ތަރައްޤީގެ ޕްލޭނުގައި އެންމެ މުހިންމު އިސްކަމެއް ސަރުކާރުން ދެއްވާފައި މިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްޤީގެ މަސައްކަތް ކުރިއަށްދާއިރުގައި މި މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން ޙިއްޞާކުރުން. މި ބައިވެރިވުން ހިއްޞާކުރުމުގައި މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވިސްނުންފުޅުގެ ދަށުން، ޚާއްޞަގޮތެއްގައި ރާއްޖޭގެ އަންހެން ބޭކަނބަލުންނަށް ރާއްޖޭގެ ތަރައްޤީއަށް މުހިންމު ޙިއްޞާއެއް ދިނުމަކީ، މިއަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއްވިސްނުން. މި ވިސްނުމުގައި ޚާއްޞަގޮތެއްގައި، ސަރުކާރުގެ މަޤާމުތަކުގަޔާއި އަދި ވިޔަފާރީގައި އަންހެން ބޭކަނބަލުންނަށް ވީހާވެސް ބޮޑު ފުރުޞަތެއް ދިނުމަކީ، މިއަދުގެ ސަރުކާރުގެ ވިސްނުން.
އަޅުގަނޑު އުފާލާއެކީގައި ފާހަގަކުރަން، މާތްﷲގެ ރަޙްމަތާއެކީގައި، އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ސިޔާސަތު ކުރިއަށް އޮތް 5 އަހަރު ކުރިއަށް ގެންދާނީ، ރާއްޖޭގެ އަންހެން ބޭކަނބަލުންނަށް ދެވޭ ވެލްފެއަރގެ ނިޒާމާއި، އަދި އަންހެން ބޭކަނބަލުންގެ މަޤާމަކީ، އިރާދަކުރެއްވިއްޔާ ސަރަޙައްދީގޮތުންނާއި، ތަރައްޤީވެފައިވާ ޤައުމުތަކުގެ ނިސްބަތުން މި 5 އަހަރު ނިމިގެންދާއިރު، ރާއްޖޭގެ އަންހެން ބޭކަނބަލުން ފަޚުރުވެރިވާފަދަ މަޤާމަކަށް ހެދުމަކީ، އެއީ ރައީސް ޔާމީނުގެ އަދި މިއަދުގެ ސަރުކާރުގެ ވިސްނުންކަމުގައި އަޅުގަނޑު ދަންނަވަން.
މިއާއެކީގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އިތުރުން، ވިޔަފާރީގެ ތެރޭގައި ޚާއްޞަގޮތެއްގައި އަންހެން ބޭކަނބަލުންނަށް ފުރުޞަތު ހޯދައި ދިނުމަކީ، އަންހެން ބޭކަނބަލުންގެ މަޤާމު މަތިކުރުމަށާއި، ވެލްފެއަރގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު. މިގޮތުން، އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން، މިއަދު އެއަރޕޯޓުގައި ހުޅުވިގެން މިދާ ޝޮޕްތަކަކީ، ރާއްޖޭގެ އުފެއްދުން، ޚާއްޞަގޮތެއްގައި ރާއްޖޭގެ އަންހެން ބޭފުޅުންގެ އަތްތެރި މަސައްކަތް، އެ މަސައްކަތުގެ ތެރެއިން އުފެދޭ ތަކެތި، ރާއްޖެއަށާއި ރާއްޖެއިން ބޭރުގެ ބާޒާރަށް ވިއްކުމަށްޓަކައި ޙަޤީގަތުގައި އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް. އެހެންކަމުން، މި މުހިންމު ފުރުޞަތުގެ ތެރޭގައި، މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި ސަބާ ކޯޕަރޭޝަނުގެ ފަރާތުން އިސްނަންގަވައިގެން މި މަސައްކަތް ކުރައްވާތީ އަލްފާޟިލް ފާރިސް މައުމޫނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.
އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ކުރިއެރުން މުސްތަޤްބަލުގައި ފެނިގެންދާހިނދުގައި މިއަދު އަޅުގަނޑުމެން މި ހުއްޓި ތިބި ތަނަކީ، ވަރަށް މުހިންމު ތަނެއް. ރާއްޖޭގެ އެއަރޕޯޓަކީ، ފަޚުރުވެރި މަޤާމެއް ދިވެހިންގެ ހިތުގައި ދެވިފައިވާ ތަނެއް. އަދި އިރާދަކުރެއްވިއްޔާ، ރައީސް ޔާމީނުގެ ސަރުކާރުގައި މި އެއަރޕޯޓު ވެގެންދާނީ، ދިވެހިން އެތަނަކަށްޓަކައި ފަޚުރުވެރިވާފަދަ ތަނަކަށް. މިތަނުގައި މާލެއާއި އެއަރޕޯޓާ ދެމެދުގައި ބްރިޖުން ގުޅާލުމަށްފަހުގައި ހުޅުމާލޭގައި އިރާދަކުރެއްވިއްޔާ ތަރައްޤީވެގެންދާ ސިޓީވެގެންދާނީ، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި، ރާއްޖޭގެ ޒުވާނުންނަށްޓަކައި، ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ވަރަށް ފަޚުރުވެރި މަޤާމެއް ހޯދައިދޭނެ ތަނަކަށް.
މިތަން މިގޮތަށް ކުރިއަށްދާއިރުގައި، ދިވެހިން ފަޚުރުވެރިވާން ޖެހޭނީ، ހަމައެކަނި މިގޮތަށް ހޯދޭ ތަރައްޤީގެ ބިނާތަކަކުންނެއް ނޫން. ނުވަތަ މިގޮތަށް ޤާއިމުވެގެންދާ ތަރައްޤީގެ ސިޓީތަކަކުންނެއްވެސް ނޫން. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ތަރައްޤީ ފުރިހަމަގޮތުގައި އަޅުގަނޑުމެންނާ ހަމައަށް އައިސް އަދި އެ ތަރައްޤީ އަޅުގަނޑުމެން އަންނަން އޮތް ޖީލަށް ގެންދާއިރުގައި އެންމެ މުހިންމު އެއްކަމެއް ދޭންޖެހޭނީ، ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް. ދިވެހިންނަކީ ކޮންބައެއްކަން ބުނެދިނުމަށް. ތަރައްޤީއެކީގައި ބައިނަލްއަޤުވާމީ ދުނިޔޭގައި އެހެންވެސް ޤައުމުތަކުން ފަޚުރުވެރިވާފަދަ އެޤައުމެއްގެ އަމިއްލަވަންތަކަން، އެޤައުމެއްގެ އުފެއްދުންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަކީ، ހަމަ ތަރައްޤީގެ ވަރަށް މުހިންމު ޙިއްޞާއެއް. މިއަދު އަޅުގަނޑު އެކަމަށްޓަކައި، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ސަޢީދަށް ޚާއްޞަގޮތެއްގައި ޝުކުރުއަދާކުރަން ބޭނުންވަނީ.
ތަރައްޤީއާއި އެކީގައި ބޮޑެތި ބިނާތަކާއި، މުހިންމު މަރުކަޒުތަކާއި، ތަރައްޤީގެ އެކި ހިސާބުތަކަށް އެކި ޙިއްޞާތައް ގެންދާއިރުގައި ދިވެހިވަންތަކަމާއި، ދިވެހިންގެ އުފެއްދުންތަކާއި، ދިވެހި ޤައުމިއްޔަތާއި، ދިވެހިވަންތަކަމާއި، ދިވެހި ޘަޤާފަތް ދައްކައިދޭ ތަކެތި، ރާއްޖެއާއި ރާއްޖެއިން ބޭރަށް، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ލިބޭނެފަދަ ގޮތެއް ވެގެން ދިޔުމަކީ، އަޅުގަނޑުމެން މިއަދު ކުރާ މަސައްކަތުގައި މުހިންމު ޙިއްޞާއެއް. މިއަދު އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވިގެންމިދާ ޝޮޕުގެ އިތުރުން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ސަބާ ކޯޕަރޭޓިވްގެ ދަށުންމ ރާއްޖޭގެ އިތުރު ތިން އެއަރޕޯޓެއްގައިވެސް މިފަދަ އަތްތެރި މަސައްކަތުގެ ތަކެތި ގަންނަން ލިބެން ހުރުމަކީ، އިރާދަކުރެއްވިޔާ މި މަސައްކަތް ފުޅާވެގެންދާނެކަމެއް.
އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން އިރާދަކުރެއްވިއްޔާ މިފަދަ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދެވެންއޮތް ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެއޭ. އެކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑު ބޭނުންވޭ، މިހާ ފުރިހަމައަށް މި ތަޞައްވަރު ކުރިއަށްނެރެ، ކުރިންވެސް މިދެންނެވި ފަދައިން، ދިވެހިވަންތަކަމާއި، ދިވެހިންނަކީ ކޮންބައެއްކަން ބުނެދެވޭނީ، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓަށް، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް، މިތަކެތި ފޯރުކޮށްދީގެން.
މި މުހިންމު މަސައްކަތް މިއަދު ޙަޤީޤަތަށް ހައްދަވައިދެއްވި ކަމަށްޓަކައި މިއަދުގެ ހީވާގި، ޒުވާން، އެނަރޖެޓިކް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރަށް އަޅުގަނޑު އައްސަރިބަހާއި ސާބަހާއި ޝުކުރު އަދާކުރަން. އަޅުގަނޑު ހަމައެއާއެކީގައި އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، އެއަރޕޯޓް ޑިވެލޮޕްމަންޓުގައި މިއަދު ހީވާގިކަމާއެކީގައި ބަންދު އިބްރާހީމް ސަލީމު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރަން. ހަމައެއާއެކީގައި، މުޅި އެއަރޕޯޓުގައި ހަރަކާތްތެރިވާ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނަށް، މިފަދަ މަސައްކަތެއް މިއަދު މިހާހިސާބަށް ޙަޤީޤަތަކަށް ހައްދަވައި ދެއްވުމަށްޓަކައި އެންމެ މުހިންމު ޙިއްޞާދާރުން ކަމުގައިވާ ރާއްޖޭގެ އަންހެން ބޭކަނބަލުން، ރާއްޖޭގެ އަތްތެރި މަސައްކަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތައް އަޅުގަނޑު ފާހަގަކުރަން. ދިވެހިންނަކީ އުފެއްދުންތެރި ބައެއް. ފަންނުވެރި ބައެއް. ހީވާގި ބައެއް. ވަރަށް ފުޅާ ތަނަވަސް ސިކުނޑިއެއްގެ ވެރި ބައެއް ދިވެހިންނަކީ. އަޅުގަނޑު އެއްވެސް ޝައްކެއްނެތް، އިރާދަކުރެއްވިއްޔާ، ފުރުޞަތު ލިބިއްޖެކަމުގައިވާނަމަ، ދިވެހި އަންހެން ބޭކަބަލުންގެ ހީވާގިކަމާއި، ފަންނުވެރިކަމާއި، ހުނަރުވެރިކަން ރާއްޖޭގެ މަސައްކަތުގެ މާޙައުލުން ފުޅާދާއިރާއެއްގައި ފެނިގެންދާނެ. އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ އަންހެން ބޭކަނބަލުންނަށް އަޅުގަނޑު ފަޚުރުވެރިކަމާއެކީގައި ސާބަސްދެން، ޝުކުރު އަދާކުރަން.
اللّـه سبحـانـه وتعـالى، އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތުގައި ފުރިހަމަ ބަރަކާތާއި ތައުފީޤު މިންވަރުކުރެއްވައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި މިއަދުގެ ސަރުކާރުން މިކުރާ މަސައްކަތުގައި އެކަލާނގެ ހެޔޮ މިންވަރު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه
_____________________________