‏އަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރެވޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ‏‏ދުވަހެވެ. ދުވަހާ ގުޅިގެން ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހީވާގި ‏‏އެންމެހާ ނޫސްވެރިންނަށާއި، މިދާއިރާގެ އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވާ އެންމެހާ ‏‏ފަރާތްތަކަށާއި، ނޫސްވެރިކަމުގެ ބެލެނިވެރި ފަރާތްތަކަށް، ދުވަހުގެ ތަހުނިޔާ، ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރިސްކުރައްވައެވެ.‏

‏ނޫސްވެރިކަމަކީ ޑިމޮކްރަސީއެއް ފުރިހަމަވެގެން އަންނައިރު، ނުހަނު މުހިއްމު ‏‏ދައުރެއް އަދާކުރާ އެއްޗަކަށްވީއިރު، އެއީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ގިނަބަޔަކު ‏‏އިއްތިފާޤުވާ ބާރެވެ. ގިނަގުނަ ސަބަބުތަކަށްޓަކައެވެ. ނޫސްވެރިކަމަކީ މުޖުތަމަޢުގައި ހުރި ‏‏މައްސަލަތައް، ޢާންމު ސަމާލުކަމަށް ގެނުވައިދީ، ޑިމޮކްރަސީގެ ބާރުތަކަށް ފާރަވެރިވާ އެއްޗެކެވެ. ‏‏ނޫސްވެރިކަމުގެ މައްޗަށް މުޖުތަމަޢެއްގެ ހަމަޖެހުން ދެމިއޮތުމާއި ނެތިދިޔުން، ބައެއްފަހަރު ‏‏ބިނާވެއެވެ. ޚާއްޞަކޮށް، އަޅުގަނޑުމެންފަދަ ކުޑަކުޑަ މުޖުތަމަޢެއްގައި ނޫސްވެރިކަން އަދާކުރާ ‏‏ދައުރު ބޮޑެވެ. ނޫސްވެރިކަމުގެ ޒިއްމާ އެއަށްވުރެ މާބޮޑެވެ.‏

‏ދިވެހި ނޫސްވެރިކަމަށް ބަލައިލާއިރު، ފާއިތުވެގެންދިޔަ ދުވަސްތަކުގައި، ‏‏ދިވެހި ނޫސްވެރިކަން، ނާމާންކަމާއި، ބިރުވެރިކަމުގެ ދުވަސްތަކެއް ވަނީ ދެކެފައެވެ. ސިޔާސީ ‏‏ހަލަބޮލިކަމުގެ ތެރޭގައި، ފުރާނަ އަތްމައްޗަށްލައްވައި، މަސައްކަތުގައި ހޭދަކުރައްވަން ‏‏ޖެހިވަޑައިގެންނެވި ނޫސްވެރިން، ނިސްބަތުން މަދެއް ނުވާނެއެވެ. ރޯމާދުވާލު ސިޔާސީ ޕާޓީއެއް ‏‏ރަމްޒުކޮށްދޭ ދިދަތަކާއެކު، އޮއްގަލާއި ލަޓި ދަގަނޑުބުރިން މީޑިއާގެ މުއައްސަސާއެއް ތަޅާ ‏‏ސުންނާފަތި ކުރިތަން އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ. ބަޔަކު މީހުން އެމީޑިއާ ‏‏މުއައްސަސާގެ ތެރެއަށް ޕެޓްރޯލްބޮން އުކައި، އަލިފާން ރޯކޮށް ހެދިއިރު، ގިސްލުމާއި ރުއިމުގެ ‏‏އަޑުތައް، އެމުއައްސަސާއެއްގެ ތެރެއިން އިވިއިވި ހުރިކަން، އިއްޔެވީ ކަމެއްގެ ގޮތުގައި ‏‏އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުއްޓެވެ. ރާއްޖޭގޭ ޓީވީ ޗެނަލެއްގެ ތެރެއަށް ބަޔަކު ވަދެ، ‏‏މުޅި ޢިމާރާތުގައި ހުޅުޖަހައި އަންދާލާފައިވެއެވެ. ދިވެހި ނޫސްވެރިޔަކަށް ވަރަށް ރަޙުމްކުޑަ ‏‏ގޮތަކަށް އަނިޔާކޮށް، އޭނާގެ ފުރާނަ، މަރުގެ ތުންފަތްމައްޗަށް ވައްޓާލީ ދާދި މިދާކަށް ‏‏ދުވަހުއެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މުޒާހަރާތައް ކަވަރުކުރުމަށް ނުކުތް ބައެއް ‏‏ނޫސްވެރިންނަކީ އެސިޑްފަދަ ނުރައްކާތެރި ކެމިކަލްގެ ޝިކާރައަކަށް ވެގެންދިޔަ ފަރާތްތަކެވެ. ‏‏އޮއްގަލުގެ ޙަމަލާއިން ހަށިގަނޑުގެ އެތަންމިތަނުން ލޭއޮހޮރުވާލަންޖެހުނު ފަރާތްތަކެވެ. މިފަދަ ‏‏ދަށު ދަރަޖައިގެ އެންމެހާ ކަންކަން ދިވެހި ސަރުކާރުން އަބަދުވެސް ކުށްވެރިކުރެއެވެ.‏

‏ކަންމިހެން ހުރިއިރު، މިފުރުޞަތުގައި ދިވެހި ނޫސްވެރިންގެ ހިތްވަރާއި ‏‏ޢަޒުމަށް ސާބަސް ދަންނަވަން ޖެހެއެވެ. މި ޚިދުމަތުގައި ކެރިވަޑައިގެން ސާބިތުވެ ތިއްބެވީތީއެވެ. ‏‏އެދުވަހު އަލިފާނުގައި އަނދަމުންދިޔަ މީޑިއާގެ މުއައްސަސާތައް، އެޙާދިސާއަށްފަހު އަނެއްކާވެސް ‏‏ހަށިފޮޅާލައި ޚިދުމަތާއިގެން ތެދުވީތީއެވެ. އެތައް އަނިޔާތަކާއި އިންޒާރުތަކަށް ސިހިވަޑައިނުގެން، ‏‏މިއަދުވެސް ނޫސްވެރިކަމުގައި ނޫސްވެރިން ދެމިތިއްބެވީތީއެވެ.‏

‏ނޫސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، މީޑިއާގެ ‏‏މުއައްސަސާތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، ‏‏އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް، މި ސަރުކާރުން އަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން، ‏‏މިފުރުޞަތުގައި އެންމެހާ ދިވެހި ނޫސްވެރިންނަށާއި، މިދާއިރާގެ މަސްއޫލުވެރި ފަރާތްތަކަށް ‏‏އަރުވަމެވެ.‏

‏ނޫސްވެރިންގެ މެދުގައި ތަފާތުކުރުމެއްނެތި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ‏‏ޙައްޤަށް، މިސަރުކާރުން ފުރިހަމައަށް އިޙްތިރާމް ކުރެއެވެ. އެގޮތުން 'މަޢުލޫމާތު ހޯދައި ‏‏ލިބިގަތުމުގެ ޙައްޤު' ގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ވަނީ 12 ޖަނަވަރީ 2014 ގައި ‏‏ތަޞްދީޤު ކުރައްވައި ގެޒެޓު ކުރައްވާފައެވެ. އަދި އެޤާނޫނަށް ޢަމަލުކުރާ ތާރީޚު ‏‏އަންނަންވާއިރަށް، ޤާނޫނުގައި ލާޒިމުކުރާ އެންމެހާ އިންތިޒާމްތައް ހަމަޖެއްސެވުމުގެ މަސައްކަތް ‏‏ސަރުކާރުން ކުރައްވަމުން ގެންދަވާ ވާހަކަ ދަންނަވަމެވެ.‏

‏މިސަރުކާރުގެ އެއްވެސް މުއައްސަސާއަކީ ނޫސްވެރިޔާ ނިސްބަތްވާ ‏‏އިދާރާއަކުން ނުވަތަ ނޫސްވެރިޔާ ގެނެސްދެއްވާ ޚަބަރެއްގެ ސަބަބުން، ނޫސްވެރިޔާއަށް ވަނުން ‏‏މަނާވެފައި ހުންނާނެ ތަންތަނެއް ނޫނެވެ. ވަކި މީޑިއާގެ މުއްސަސާއަކަށް ނޫސްވެރިޔާ ‏‏ނިސްބަތްވީތީ، އެއްވެސް ނޫސްވެރިޔަކީ މަޢުލޫމާތު ލިބިގަތުމުގެ ޙައްޤުން މަޙްރޫމްވެފައިވާ ‏‏ފަރާތަކަށް ވެގެން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން، ދިވެހި ސަރުކާރުން އަރުވައެވެ. ‏‏ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ނޫސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެންމެހާ ގަވާޢިދުތަކެއް ‏‏ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި، ޒިއްމާދާރުކަމާއެކު، ޚަބަރާއި މަޢުލޫމާތު ފެތުރުއްވުމަށް، ‏‏މި ސަރުކާރުން މަރުޙަބާ ކިޔައެވެ. ހަމައެއާއެކު، މީގެކުރިން މީޑިއާގެ ފަރާތްތަކާމެދު ކޯޓުތަކުގައި ‏‏އުފުލިފައިހުރި ބައެއް މައްސަލަތައް، މިސަރުކާރު އައުމާއެކު ވަނީ އަނބުރާ ގެންދަވާފައެވެ. ‏‏މިއިން އަންގައިދެނީ މިސަރުކާރަކީ ނޫސްވެރިންނާއި ނޫސްވެރިކަމުގެ އިދާރާތަކަށް ލުއިފަސޭހަ ‏‏މަގުން ކަންކަން ކޮށްދެއްވާނެ ސަރުކާރެއްކަމެވެ.‏

‏އެހެން ނަމަވެސް، އެއްވެސް ޒިއްމާދާރުކަމެއްނެތި، ނޫސްވެރިކަމުގެ ‏‏އިންތަކާއި މިންތައް ފަހަނައަޅާ، ޚަބަރުފަތުރާ ވަސީލަތްތަކަކީ މީހުންގެ އަބުރު ނަގައިލުމަށާއި، ‏‏މުޖުތަމަޢު ފަސާދަކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައިވާނަމަ، އެކަންކަން ހުއްޓުވުމަށްޓަކައި ‏‏ކުރެވެން ހުރި ހުރިހާ މަސައްކަތެއް، ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް، މިސަރުކާރުން ‏‏ކުރާނެއެވެ. ނޫސްވެރިކަން ރެގިއުލޭޓް ކުރުމުގެ ޒިއްމާ ޙަވާލުވެވިފައިވާ ފަރާތްތަކުން ‏‏މިހާރަށްވުރެ ބޮޑަށް، ޢަމަލުކުރައްވަމުން ގެންދަވާ ނިޒާމްތައް ހަރުދަނާކުރައްވަންޖެހޭ ކަމުގައި ‏‏ސަރުކާރުން ދެކެއެވެ. ވަކިން ޚާއްޞަކޮށް، މީޑިއާގެ ކަންކަން ރެގިއުލޭޓް ކުރުމުގައި، ‏‏ކޮންމެވެސް އެއް ޒިއްމާދާރު ފަރާތެއް ހުރުމަކީ، މިދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ‏‏ފަރާތްތަކެއް އެއްބަސްވެވަޑައިގަންނަވާ ކަމެއްކަމުގައި ސަރުކާރުން ޤަބޫލުކުރަމެވެ.‏

‏ދިވެހި ނޫސްވެރިންނަކީ، ސިޔާސީ އެންމެހައި ނުފޫޒުތަކުން ސަލާމަތްވެ، ‏‏ފުރިހަމަ މިނިވަންކަމާއެކު ޚަބަރާއި މަޢުލޫމާތު ފޯރުވައިދިނުމުގައި ޙަރަކާތްތެރިވާ ‏‏ފަރާތްތަކަށްވުމަކީ ދިވެހި ނޫސްވެރިކަމަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަން ކަށަވަރެވެ. ‏‏މިސަރުކާރުން އެދެނީ، އަބަދުވެސް ދިވެހި ނޫސްވެރިކަމަށް އިތުރު ކުރިއެރުމާއި ‏‏މުއްސަނދިކަމެވެ. ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަމާއި ބާއްޖަވެރިކަމެވެ. މާތްﷲ، ތިޔަ ‏‏ލޮބުވެތި ނޫސްވެރިން ކުރައްވަމުން ގެންދަވާ ޤައުމީ މަސައްކަތްޕުޅުގައި ހެޔޮ ތައުފީޤު ‏‏ދެއްވާށިއެވެ. އާމީން.‏