މާލޭގެ އަރބަން ޕްރައިމަރީ ހެލްތު ސެންޓަރ "ދަމަނަ ވެށި"، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރު އެތަނުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ދަމަނަ ވެށި" ހުޅުވުމުގެ ޚިޔާލު ސަރުކާރުން ކުރައްވާތާ ދުވަސްކޮޅެއްވެއްޖެ ކަމަށާއި، މިއަދު މި ވިސްނުން ޙަޤީޤަތަކަށް ވެގެން ދިޔުމަކީ، އެމަނިކުފާނު ވަރަށް އުފާފުޅު ކުރައްވާ ކަމަށެވެ. ސަރުކާރުގެ އުންމީދަކީ މިބާވަތުގެ އިތުރު މަރުކަޒުތައް، މާލޭގެ އަދި ގްރޭޓަރ މާލޭސިޓީގެ އެކި ދިމަދިމައިގައި ހުޅުވިގެން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ މަރުކަޒުތައް ހުޅުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން މިފަދަ މަރުކަޒެއް ހުޅުވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، އާދައިގެ ފަރުވާ ހޯދުމުގައިވެސް އަދި ޕްރައިމަރީ ކެއަރގެ އެކިއެކި ކަންކަމުގައި، ރައްޔިތުންނަށް ތަންކޮޅެއް ފަސޭހައިން، ތަންކޮޅެއް ގާތުން ޚިދުމަތް ދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ހިތްވަރުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، މިހާރަށްވުރެން ބޮޑަށް އިތުރުކޮށް، ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބުމަށް ރައްޔިތުން ހޭލުންތެރިކޮށް، ރައްޔިތުންގެ ޞިއްޙަތު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމަކީ، މިމަރުކަޒު ހުޅުވުމުގެ އަނެއް މަޤްޞަދުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަތޮޅުތެރޭގައި ޕަބްލިކް ހެލްތުގެ ކަންތައްތަކަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ބައްލަވާލައްވަމުން، މިހާރަށްވުރެ ރަނގަޅަށް އެމަސައްކަތްތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްދެއްވުމަށް ހެލްތު މިނިސްޓްރީގައި އެދިވަޑައިގެންނެވިއެވެ. އަދި މިމަރުކަޒުތައް އުފެދުމާ ގުޅިގެން، ޕްރައިމަރީ ހެލްތު ކެއަރގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އިތުރު ވަރކްޝޮޕްތައް ރާއްވަވައި، އެބޭފުޅުންގެ ތަޖުރިބާއާއި މަސައްކަތް ކުރިއަށް ގެންދެވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ދެނެގަނެ، އެކަންކަން ފުރިހަމަ ކުރެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.