ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް "ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އަރުވައިފިއެވެ. އެމަނިކުފާނަށް މި ޢިއްޒަތް އެރުވީ، މިނިވަންދުވަހުގެ މުނާސަބަތުގައި، މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް މިއެރުވީ، ރައީސް މައުމޫން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވައިގެންނާއި، އަދި އެ މަޤާމާ ޙަވާލުވެވަޑައިގަތުމުން ކުރިންވެސް ދިވެހި ރައްޔިތުންނަށާއި، ދިވެހި ޤައުމަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކާއި އަދި އެމަނިކުފާނު ވެރިކަމުގައި ހޭދަކުރެއްވި 30 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް އެކި ރޮނގު ރޮނގުން ގެނެސްދެއްވާފައިވާ ކުރިއެރުންތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް 5 ބޭފުޅަކަށް އެރުވިއެވެ. މިގޮތުން، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެރުވީ، އަލްފާޟިލް ޢައްބާސް އިބްރާހީމަށާއި، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި، އަލްފާޟިލާ އަނީސާ އަޙްމަދަށާއި، އަލްފާޟިލް އިސްމާޢީލް ފަތުޙީއަށެވެ. ނިޝާން ޢަސްކަރީގެ ވެރިކަން އެރުވުނީ، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙަންމަދު ޒާހިރަށެވެ.

ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުނީ 3 ބޭފުޅަކަށެވެ. އެބޭފުޅުންނަށް އެރުވުނީ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތެވެ. އެބޭފުޅުންނަކީ އަލްފާޟިލް ޗަމްޕާ ޙުސައިން ޢަފީފާއި، އަލްފާޟިލް ޤާސިމް އިބްރާހީމާއި، އަލްފާޟިލް ޗަމްޕާ މުޙަންމަދު މޫސާއެވެ.