ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސަޢޫދީޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސަޢޫދީޢަރަބިއްޔާގެ ވަލީޢަހުދު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، ސަޢޫދީޢަރަބިއްޔާގެ މިނިސްޓަރ އޮފް ފިނޭންސް، ޑޮކްޓަރ އިބްރާހިމް ޢަބްދުލްޢަޒީޒް އަލް އައްޞާފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން، މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ސަޢޫދީޢަރަބިއްޔާގެ ވަލީޢަހުދަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އެރުވިއެވެ. އެގޮތުން ޚާއްޞަގޮތެއްގައި ރާއްޖޭގެ މާލީ ޙާލަތުގެ މައްޗައް އަލިއަޅުއްވާލައްވައި، މި ޙާލަތުން އަރައިގަތުމަށް ސަޢޫދީޢަރަބިއްޔާގެ މާލީ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

ސަޢޫދީޢަރަބިއްޔާގެ ވަލީޢަހުދު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުންނާއި ދިވެހި ރައްޔިތުން ސަޢޫދީޢަރަބިއްޔާއާ ދޭތެރޭ އަބަދުވެސް ބަހައްޓަވަމުން ގެންދަވާ ގާތްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއަށް ސަޢޫދީ ސަރުކާރުގެ ފަރާތުން އިތުރު އެހީ ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ދިވެހި ރައްޔިތުންނަށާއި، ދިވެހިސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ވަލީޢަހުދު ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސަޢޫދީ ސަރުކާރުން ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަމާއި، ވެދެއްވާ އެކި އެހީތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނަށާއި، ވަލީޢަހުދަށާއި، ސަޢޫދީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.