އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ހިންގުމަށްޓަކައި އަދި އެ ހޮސްޕިޓަލުން ދޭންޖެހޭ ޚިދްމަތްތައް ދިނުމަށްޓަކައި ހޯދަންޖެހޭ އެއްޗެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލްގެ އިސްބޭފުޅުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެން ފަންނީ ބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ، މިވަގުތު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ޙައްލުކުރެއްވުމަށް ކުރެވެންހުރި މަސައްކަތްތަކަށް މަގުފަހިކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވަރަށް އަގުބޮޑު އެއްޗެއް ކުއްލިއަކަށް ނުހޯދުނު ކަމަށްވީނަމަވެސް، ހޮސްޕިޓަލުން ދޭންޖެހޭ ޚިދްމަތްތައް ދިނުމަށް ކޮންމެހެން ހޯދަންޖެހޭ އެއްޗެތި ހޯދަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަސްހާސް ރުފިޔާއަށް ނުވަތަ އެއްލައްކަ ރުފިޔާއަށް މަރާމާތު ކުރެވޭ ސްކޭން މެޝިނެއް ނުވަތަ އެހެން އެއްޗެއް ނުހެދި ހުރެގެން ނުވާނެ ކަމަށް ވިދާޅުވެ، މިކަންކަން ރަނގަޅުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ހޮސްޕިޓަލްގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ބަޖެޓްގައި ފައިސާ ނެތިގެން ކުރަންޖެހޭ ކަމެއް ނުކުރެވި ނުވަތަ ދޭންޖެހޭ ޚިދްމަތެއް ނުދެވި ނުވަތަ ހޯދަންޖެހޭ އެއްޗެއް ނުހޯދި ހިނގައިދާނެ ކަމަށް ހީފުޅުނުކުރެއްވުމަށާއި، ހޮސްޕިޓަލްގެ ކަންކަން ރަނގަޅު ކުރެއްވުމަށް ކުރެވެންހުރި ކަންކަން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުންވެސް އަދި އެހެން ރީޖަނަލް ހޮސްޕިޓަލްތަކުންވެސް ފުރިހަމައަށް ޚިދްމަތް ނުދެވޭކަން ނުވަތަ ހޮސްޕިޓަލްގެ ކަންކަން ރަނގަޅަށް ނުދާކަމަށް އެނގިވަޑައިގެންފިނަމަ، އެކަންކަން ރަނގަޅު ނުކުރައްވައި ނުހުންނަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ދެއްކެވި ވާހަކަފުޅުގައި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ކަންކަން މިހާރުން މިހާރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ބެލުމަށްޓަކައި ހޮސްޕިޓަލްގެ ކަމާބެހޭ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީއެއް ނަންގަވައިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެ ކޮމިޓީއިން ފާހަގަކުރައްވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި، އެޅެންހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ޢަޒުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ދެވޭނެގޮތް ހަމަޖެހިގެން ދިޔުން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ހޮސްޕިޓަލްގެ ކަންކަން ރަނގަޅު ކުރެއްވުމާ ގުޅޭގޮތުން މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ހޮސްޕިޓަލަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުންނާއި، އެކަންކަން ޙައްލުކުރެއްވުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން ހޮސްޕިޓަލްގެ އިސްވެރިންނާއި ޑޮކްޓަރުންނާއި އަދި އެހެން މުވައްޒަފުން ވާހަކަ ދައްކަވައި، ރައީސުލްޖުމްހޫރިއްޔާއަށާއި ނައިބު ރައީސަށް މަޢުލޫމާތު އެރުވިއެވެ.