ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން، މަތީ ވަނަ ހޯދާ ފަރާތްތަކަށް، ސަރުކާރުންނާއި އެނޫން ފަރާތްތަކުން ބާއްވާ އެކިއެކި ޖަލްސާތަކާއި، ރަސްމިއްޔާތު ތަކުގައި، ޤުރްއާން ކިޔެވުމުގެ ފުރްޞަތު ހޯއްދަވައި ދެއްވުމަށާއި، ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީ.ވީ ސްޓޭޝަންތަކުންވެސް އެ ފުރުޞަތު އެކުދިންނަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ކީރިތި ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި ރީތިކޮށް ޤުރްއާން ކިޔަވާ ކުދިންނާއި މީހުންނާއި އަދި ޤުރްއާން ހިތުދަސްކުރާ ކުދިންނާއި މީހުންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު، ޤައުމީ ފެންވަރުގައި ބޭއްވޭ ޤުރްއާން މުބާރާތްތަކުން މަތީ ވަނަ ހޯދާ ކުދިންނާއި މީހުންގެ ޤުރްއާން ކިޔެވުމުގެ އަޑު، އިވޭލެއް ވަރަށްމަދުކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި އަދި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، މީޑިއާތަކުންނާއި، އަމިއްލަ ފަރާތްތަކުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުންނާއި އަދި އެނޫން އެހެން ފަރާތްތަކުން ބާއްވާ އެކިއެކި ޖަލްސާތަކާއި، ރަސްމިއްޔާތުތަކުގައި ޤުރްއާން ކިޔެވުމުގެ ފުރްޞަތު، އެފަދަ ކުދިންނަށާއި މީހުންނަށް ލިބޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މުހިންމުކަން އެމަނިކުފާނަށް އިޙްސާސް ކުރެއްވޭ ކަމަށެވެ. ހަމައެހެންމެ، ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީ.ވީ ސްޓޭޝަންތަކުންވެސް އެ ކުދިންނަށާއި މީހުންނަށް އެ ފުރުސަތު ލިބޭނެ ގޮތް ހަމަޖެހުމުގެ ބޭނުންތެރިކަން އެމަނިކުފާނަށް ވަޒަން ކުރެއްވޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، މިދެންނެވި ކުދިންނަށާއި މީހުންނަށް އެކިއެކި ޕްރޮގްރާމްތަކުން ފުރްޞަތު ލިބޭނެގޮތަށް މަސައްކަތް ކޮށްދެއްވުމަށް، މީޑިއާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސް ކުރެއްވިއެވެ. އަދި ސަރުކާރުގެ އެކި ފަރާތްތަކުންނާއި އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި އަދި އެނޫން އެހެން ފަރާތްތަކުން ބާއްވާ އެކި ޖަލްސާތަކާއި ރަސްމިއްޔާތުތަކާއި ޙަފްލާތަކުގައި އެކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ގޮތަކަށް ކަންތައްތައް އިންތިޒާމު ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ ޤުރްއާން މުބާރާތް ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައްވާފައިވާތީ، އެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަކީ، މުޖުތަމަޢުގެ ޚާއްޞަ ފުރުޞަތުތައް ދޭންޖެހޭ ކުދިން ކަމަށް ވިދާޅުވެ، އެފަދަ ކުދިންނަށް ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މިފަދަ މުބާރާތެއްގައި އެކުދިން ބައިވެރިވެ، ވަނަ ޙާޞިލުކުރިކަން އެއީ، އެކުދިންނަށްވެސް އެކި ރޮނގުތަކުން ކުރިއަށް ދިޔުމުގެ ފުރްޞަތު އޮތްކަން ހާމަވެގެންދާ ކަމުގެ ކުލަގަދަ ދަލީލެއް ކަމަށާއި، ހަމައެހެން، ފުރްޞަތު ދެވުމުން ރަނގަޅު ނަތީޖާވެސް ފެންނާނެ ކަމުގެ ދަލީލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ތާޖާއި އިނާމު ޙާޞިލު ކުރެއްވި އަލްޙާފިޡު ޢަބާން ޢަބްދުﷲ އަށާއި، އަލްޙާފިޡު ޢަބްދުއްރައޫފް ޢަބްދުލްޣަފޫރަށާއި، އަލްޙާފިޡާ ޙުސްނާ ޙުސައިނަށާއި، އަލްޙާފިޡާ ޚަދީޖާ އިބްރާހީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ. އަދި ޤައުމީ ޤުރްއާން މުބާރާތުގެ އެކި ޢުމުރުފުރާތަކުން ވަނަ ޙާޞިލުކުރި ހުރިހާ ދަރިވަރުންނަށާއި، އެކި ވަނަތައް ހޯދި ސްކޫލްތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ. ހަމައެހެންމެ، މުބާރާތުގައި ކުދިން ބައިވެރިކުރެއްވި ސްކޫލް މަދްރަސާތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ކޮންމެ އަހަރަކު ބާއްވަވަމުން މިގެންދަވާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ވަރަށް މަތިވެރި މަޤްޞަދެއްގައި ބާއްވަމުން ގެންދާ މުބާރާތެއް ކަމުގައި ވިދާޅުވިއެވެ. "އެންމެބޮޑު އެއް ބޭނުމަކީ، އަޅުގަނޑުމެންގެ ޅަދަރިންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮތް ލޯބި އިތުރުކޮށް، ޤުރްއާނަށް އޮތް ޝައުޤުވެރިކަން ދެމެހެއްޓުން. ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންގެ ދުސްތޫރު. އިލާހީ ޤާނޫނު. މާތްﷲގެ ކަލާމްފުޅު. އަޅުގަނޑުމެން އެންމެންވެސް އެފޮތް ދަސްކޮށް، ﷲގެ ވަޙީ ބަސްފުޅުތަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީގޮތުން ތަބާވާންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންގެ ޅަދަރިންނަށް ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމަށާއި ހިތުދަސްކޮށްދެއްވުމަށް މައިންބަފައިންނާއި ބެލެނިވެރިން މިއަދު އެކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ހަމައެހެންމެ، އެކި ޢުމުރުފުރާގެ ކުދިންނާއި މީހުން ރީތިކޮށް ޤުރްއާން ކިޔެވުމަށާއި، ޤުރްއާން ހިތުދަސްކުރުމަށް ދެމުންގެންދާ އަހަންމިއްޔަތުވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އެއީ އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ވަރުގަދަވެ، އިސްލާމްދީނަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރުވެ، ވަރުގަދަވެގެންދާނެ ކަމެކެވެ.