މި ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެމް.ޓީ.ސީ.ސީ.އިން ހޯދާފައިވާ ކުރިއެރުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުރީފު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އެމް.ޓީ.ސީ.ސީ.އަށް ތަޢުރީފު ކުރެއްވީ، އެ ކުންފުނިން ހުޅުމާލޭގައި ދެމުން ގެންދާ ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމުގެ ގޮތުން ވޮލްވޯ ބްރޭންޑުގެ "މެޓްރޯ" ބަހުގެ ޚިދުމަތް ތަޢާރުފު ކުރެއްވުމަށް މިރޭ އިރާކޮޅު ހުޅުމާލޭގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޚިދުމަތް ތަޢާރުފު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެޓްރޯ ބަހުގެ ޚިދުމަތް ފުރަތަމަ ފަހަރަށް ދުނިޔޭގެ ފެންވަރުގައި ރާއްޖޭގައި ތަޢާރުފު ކުރެވުނުކަން އެއީ، ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ތާރީޚުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިގެންދާނޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިރޭ ރަމްޒުވެގެން މި ދިޔައީ، މި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމް.ޓީ.ސީ.ސީ.އަށް އައި ބަދަލާއި ކުރިއެރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ރައްޔިތުންގެ ހިއްސާ އޮތް، ސަރުކާރު ބައިވެރިވާ ކުންފުންޏަކުން މިފަދަ ބޮޑު ކާމިޔާބީއެއް ހާސިލު ކުރުމަކީ، އެއީ ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެކަން އަޅުގަނޑު ކުލަގަދަ ގޮތެއްގައި ފާހަގަކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2008 ވަނަ އަހަރު ސަރުކާރު ބަދަލުވުމަށްފަހު ދެން އައި 3 އަހަރު ދުވަހުގެ ތެރޭގައި އެމް.ޓީ.ސީ.ސީ.އިން ޖުމްލަ 69 މިލިއަން ރުފިޔާ ގެއްލުންވެފައިވާކަން ހާމަކުރައްވަމުން، މި ސަރުކާރުން ކުންފުންޏާ ހަވާލުވެގެން ހިންގަން ފެށިފަހުން 12 މަސް ދުވަހުގެ ތެރޭގައި، 24 މިލިއަން ރުފިޔާ ފައިދާވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ޙަޤީޤަތް ހާމަވަގެން މިދިޔައީ ބައެއްގެ ވަރަށް ބުރަ މަސައްކަތާއި ހިތްވަރުން ކަމަށް ވިދާޅުވެ، އެންމެ ފުރަތަމަ އެކަމުގެ ޙައްޤު ޝުކުރުވެރިންނަކީ، އެމް.ޓީ.ސީ.ސީ.ގެ ހީވާގި މުވައްޒަފުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކުރެއްވިއެވެ. "ހަލާކުވަމުން ފުނޑުފުނޑުވަމުންދިޔަ ބޮޑު ކުންފުންޏެއް، ދިވެހިރާއްޖޭގެ ތާރީޚުގައި އުފެދުނު އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ހަލާކުވަމުން ދަނިކޮށް، އެ ކުންފުނި ނަގާ ކޮއްޅަށް ޖެއްސެވީ ތިޔަބޭފުޅުން. ޚާއްޞަކޮށް، ކުންފުނީގެ ޗެއަރމަނާއި ބޯޑުގެ ޑިރެކްޓަރުންނަށް ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، ކުންފުނީގެ ސީ.އީ.އޯ، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން. ޒުވާން ސީ.އީ.އޯ.އެއް މިހާބޮޑު ކާމިޔާބީއެއް ހޯއްދެވިކަން އެއީ، އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެން ދެކޭ މުސްތަޤްބަލަކީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ފަސޭހަތައް މިއަށްވުރެ ބޮޑަށް ފަހިވެގެން ދިޔުން ކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ އެދުވަސް ދާދި އަވަހަށް އަޅުގަނޑުމެންނަށް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު ފެނިގެން މިދިޔައީ އޭގެ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.