ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)" ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާހަށް އަރުވައިފިއެވެ. މި ޢިއްޒަތް ރައީސް މަޙްމޫދު ޢައްބާހަށް ރައީސުލްޖުމްހޫރިއްޔާ މިއެރުއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެ މަތިން އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވީހިނދު، ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، މިގުޅުން ތަރައްޤީ ކުރައްވައި ވަރުގަދަ ކުރެއްވުމަށާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުޚުއްވަތްތެރިކަމުގެ ގުޅުން ޤާއިމްކުރެއްވުމަށް ފަލަސްޠީނުގެ ރައީސް އަދާކުރައްވާފައިވާ މުހިންމު ދައުރު ފާހަގަކުރެއްވުމުގެ ގޮތުންނާއި، މެދުއިރުމަތީގެ ޞުލްޙަ ޤާއިމްކުރެއްވުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރައްވައި ދެމެހެއްޓެވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށާއި ޚިދްމަތްތަކަށްޓަކައެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހަށް މި ޢިއްޒަތް ރައީސުލްޖުމްހޫރިއްޔާ އެރުއްވީ، އެމަނިކުފާނާ އިއްޔެ ބައްދަލުކުރައްވައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ދިވެހި ދައުލަތުން މީގެކުރިން 16 ބޭފުޅަކަށް އަރުވާފައިވެއެވެ. 15 މާޗް 1972 ގައި މި ޢިއްޒަތް ރައީސް އިބްރާހީމް ނާޞިރު، ޑިއުކް އޮފް އެޑިމްބަރާއަށާއި، އާރލް މައުންޓް ބެޓްންއަށް އަރުވާފައިވެއެވެ. އަދި 30 އޮކްޓޯބަރ 1984 ގައި މި ޢިއްޒަތް ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް، ދެކުނު ކޮރެއާގެ އޭރުގެ ރައީސް ޗުންޑޫ ހުވާނަށާއި، 16 ނޮވެމްބަރ 1989 ގައި މި ޢިއްޒަތް ކޮމަންވެލްތުގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ސަރ ޝްރީދަތު ރާމްފާލަށް އަރުވާފައިވެއެވެ. އަދި 10 ނޮވެމްބަރ 2008 ގައި މި ޢިއްޒަތް އިތުރު 11 ބޭފުޅަކަށްވެސް އަރުވާފައިވެއެވެ. އެބޭފުޅުންނަކީ އަލްއުސްތާޛު އަލްމަރްޙޫމް ފަތުޙުﷲ ޖަމީލް، ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އަލްފާޟިލް ޢަލީ ޢުމަރު މަނިކު، އަލްފާޟިލް އުމަރު ޒާހިރު، އަލްފާޟިލް ޢަބްދުﷲ ޖަމީލު، އަލްފާޟިލް އިލްޔާސް އިބްރާހީމް، އަލްފާޟިލް އިސްމާޢީލް ޝަފީޢު، އަލްފާޟިލް އަޙްމަދު ޒާހިރު، އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން އަދި ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމެވެ.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން އެންމެފަހުން އަރުވާފައިވަނީ، ރައީސް މުޙަންމަދު ނަޝީދުގެ ވެރިކަމުގައި ސަޢޫދީ ޕްރިންސް އަލްވަލީދު ބިން ޠަލާލު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް 2 ޑިސެމްބަރ 2009 ގައެވެ.