ފަލަސްޠީނުން އަރުވާ އެންމެމަތީ ޝަރަފް "ސްޓާރ އޮފް ޕެލަސްޓައިން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސް އަރުވައިފިއެވެ. މި ޢިއްޒަތް ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނުގެ ރައީސާ އިއްޔެ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައެވެ.

"ސްޓާރ އޮފް ޕެލަސްޓައިން" "ފަލަސްޠީނުގެ ތަރި" މި ޝަރަފް ރައީސުލްޖުމްހޫރިއްޔާއަށް މިއެރުވީ، ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެޤައުމުގެ ދެމެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ފަލަސްޠީނުގެ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.