އަލްފާޟިލް މުޙައްމަދު ޙަސަން
އޯކިޑްވިލާ/ ނ.ހޮޅުދޫ

               މުޙަންމަދު ޙަސަނަކީ، ހޮޅުދޫ މޭނާ ސްކޫލްގެ ނާޡިރެވެ. ތަޢުލީމު ޙާޞިލުކުރެއްވީ 1950 ގެ އަހަރުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުންނެވެ.

               1967 ވަނަ އަހަރުން ފެށިގެން މުދައްރިސެއްގެ ގޮތުން މޭނާ ސްކޫލްގައި މުޙަންމަދު ޙަސަން ޚިދުމަތްކުރައްވަން ފެށްޓެވިއެވެ. އެ ސްކޫލަކީ ރާއްޖެތެރޭގައި މެދުނުކެނޑި ހިނގާތާ އެންމެ ގިނަދުވަސްވީ އެއް ސްކޫލެވެ. 1995 ގައި އެ ސްކޫލަށްވަނީ ފަންސާސް އަހަރު ވެފައެވެ. 1975 ވަނަ އަހަރުން ފެށިގެން މޭނާ ސްކޫލުގެ ނާޡިރަކީ މުޙަންމަދު ޙަސަނެވެ. 1992 ގައި މޭނާ ސްކޫލަކީ ސަރުކާރުން ހިންގަވާ ސްކޫލެއްގެ ގޮތުގައި ހަމަޖައްސަވަންދެން މީނާ ކުރެއްވި ޚިދުމަތްތަކަށް ބަލާއިރު މުޙަންމަދު ޙަސަން ހިމެނެނީ ރާއްޖެތެރޭގެ ސްކޫލެއްގައި ގިނަދުވަހު ޚިދުމަތްކުރެއްވި މަދު ބޭފުޅުންކޮޅެއްގެ ތެރެއިން އެންމެ އިސްކޮށް ފާހަގަކުރެވުނު އެއް ބޭފުޅެއް ކަމުގައެވެ.

               މުޙަންމަދު ޙަސަނަކީ ރައްޔިތުންނަށް ތަފާތު ޚިދުމަތްތަކެއް ކުރައްވާ ވެރިއެކެވެ. އަދި ހޮޅުދޫގެ ކަތީބުވެސް މެއެވެ. 1963 ގައި ކުޑަކަތީބުކަން ލިބިލެއްވުމާ ހަމައިން ފެށިގެން މީނާގެ ޚިދުމަތްތައް އައީ ލިބެމުންނެވެ. ސަރުކާރުގެ ހުރިހާ ދާއިރާއަކަށް މުޙަންމަދު ޙަސަނަކީ އަލުން ތަޢާރުފަކަށް ބޭނުންނުވާފަދަ ތެދުވެރި ޚިދުމަތްތެރިއެކެވެ.