ސުވާލު:
އައްސަލާމް ޢަލައިކުމް. އަޅުގަނޑު ރައީސްއާއި ކޮށްލަން ބޭނުންވާ ސުވާލަކީ، މާލޭ ސަރަޙައްދުގައި ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ބޭފުޅުންނަށް އެއްވެސް ފުރުޞަތެއް އެބައޮތްތޯއޭ؟

ޖަވާބު:
އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ރަނގަޅު ސުވާލެއް ދެންމެ އެ ކުރެއްވެވީ. އާދެ! ފުރަތަމަވެސް އަޅުގަނޑު ހަމަ، މިއަދު މީ އިންޓަރނޭޝަނަލް ވިމެންސް ޑޭ ވީމާ ހުރިހާ ކަނބަލުންނަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވަން. އަޅުގަނޑުގެ ސިޔާސަތަކީ ކަނބަލުންނަކީ، އަންހެން ބޭފުޅުންނަކީ، ބާރުވެރި ކުރެވިފައިވާ، އެމްޕަވަރ ކުރެވިފައިވާ ބަޔަކަށް ހަދައިދިނުން. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދަން. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ވެސް ބާރުވެރިކުރުވާ މަސައްކަތް ކުރެވޭނެގޮތް ޤާނޫނުތަކަށް އިސްލާޙު ގެނެސްގެން ކުރިއަށް ގެންދަން އަޅުގަނޑު ގަސްތުކޮށްފައިވާނީ.
އެހެންވީމާ މިދުވަހުގެ ތަހުނިޔާ ހުރިހާ އަންހެން ބޭފުޅުންނަށް ދަންނަވަމުން، ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާލެ ސަރަޙައްދުގައި މިޤާއިމްކުރަން މަސައްކަތްކުރާ ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްސްތަކަކީ، ހުރިހާ ރައްޔިތުންނަށް އޭގެ ފުރުޞަތު ލިބިގެންދާނެ މަޝްރޫޢުތަކެކޭ. އޭގައި މާލޭގެ ހުރިހާ ރައްޔިތުންނަށް، ގެދޮރުވެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް، މާލެ ސިޓީ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން އެއީ އެންމެ ފުރަތަމަ ކަމަކީ. އެންމެ ގިނަދުވަސް ވެގެން މިދިޔައީ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަޤީންކޮށް ނުދެވި ސަރުކާރަށް. އެހެންވީމާ މާލެ ސަރަޙައްދުގައި ބިންހިއްކައިގެން މިހިންގާ މަޝްރޫޢުތަކުން، މާލޭގެ ރައްޔިތުންނަށް، މާލޭގެ ރައްވެހިންނަށް ގެދޮރުވެރިކަން ޔަޤީންކޮށްދިނުން އެއީ ފުރަތަމަ ޓާގެޓް. އެއާއެކީގައި، ހަމަ އެއަށްވުރެ ގިނައިން ގެދޮރުވެރިކަން ޤާއިމްކުރާނީ މިސަރަޙައްދުގައި. އެހެންވީމާ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުވުމަށްފަހު، މާލޭ ކައިރިއާ މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކުންވެސް މިސަރަޙައްދުގައި ގެދޮރުވެރިކަން ބޭނުންވާ ފަރާތްތަކަށް ގެދޮރުވެރިކަން ލިބޭ ވަރަށް މިމަޝްރޫޢުތައް މިހިންގަނީ. އަދި މާލެ ނޫން ސަރަޙައްދުތަކުންވެސް ގެދޮރުވެރިކަން ލިބޭނެ. މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަމުގެ ދާއިމީ ޔަޤީންކަން ލިބިގެންދާނެ. ޝުކުރިއްޔާ.