ޑޮކްޓަރ ޙުސައިން ޙަލީމް
މ. ނީލޯފަރުމާގެ

ޑޮކްޓަރ ޙުސައިން ޙަލީމް އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ، ގިނަ ވަނަތަކެއް ހާސިލު ކުރައްވާފައިވާ ކާމިޔާބު ދުވުންތެރިއެއްގެ ގޮތުގައެވެ. މި ދާއިރާއަށް އޭނާ ވެދެވަޑައިގަތުމުގައި އެންމެބޮޑު އެހީތެރިކަމެއް ވެދެއްވީ އަދި އެންމެބޮޑު ހިތްވަރެއް ދެއްވި ބޭފުޅަކީ، ރާއްޖޭގެ ކުޅިވަރު ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި އަލްމަރްޙޫމް މުޙަންމަދު ޒާހިރު ނަޞީރެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުނު މެރެތަންގައި ފާހަގަކުރެވޭފަދަ ގިނަ ކާމިޔާބީތަކެއް ހާސިލު ކުރެއްވުނީ މަރްޙޫމް މުޙަންމަދު ޒާހިރު ނަޞީރު ދެއްވި އިރުޝާދާއި ލަފާގެ އަޑު އައްސަވައިގެން، ގަޑިނުޖެހި ކޮންމެ ދުވަހަކު ތަމްރީނުތަކަށް ގަވާއިދުން ވަޑައިގެން ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންކަން ޙުސައިން ޙަލީމް އަބަދުވެސް ގަބޫލުކުރައްވައެވެ.

1987 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ބޭއްވި، ފުރަތަމަ މާލޭ މެރެތަން ރޭސް ވަރަށްބޮޑު ތަފާތަކުން ޙުސައިން ޙަލީމް ކާމިޔާބު ކުރެއްވުން ވެގެންދިޔައީ، އޭނާގެ ކުޅިވަރުގެ ދައުރުގެ ފެށުން ކަމުގައެވެ. އެދުވަހުގެ ފަހުން ރާއްޖޭގައި ބޭއްވުނު ދިގު ދުވުމުގެ ކޮންމެ ރޭހަކުން އޭނާ ގެންދެވީ ކާމިޔާބީ ހޯއްދަވަމުންނެވެ. މިގޮތުން، 1987، 1988، 1989، 1990، 1991 އަދި 1993 ގައި މާލޭ މެރެތަން ރޭހުން އޭނާ 1 ވަނަ ހޯއްދެވިއެވެ. މީގެއިތުރުން ޤައުމީ ފެންވަރުގައި، އެކި އަހަރުތަކުގައި ރާއްޖޭގައި ބޭއްވުނު ރޭސްތަކުގެ ތެރެއިން 1500 މީޓަރުގެ ދުވުމުންނާއި، 5000 މީޓަރުގެ ދުވުމުންނާއި، 10000 މީޓަރުގެ ދުވުމުންނާއި، 20 ކިލޯ މީޓަރުގެ ދުވުމުންނާއި، އަދި 30 ކިލޯ މީޓަރުގެ ދުވުމުން 1 ވަނަ ހޯއްދަވާފައިވެއެވެ. އެންމެ ފާހަގަކޮށްލެވެނީ، ރާއްޖޭގައި ބޭއްވުނު އެއްވެސް ދިގު ދުވުމަކުން ދިވެއްސެއްގެ އަތުން ޙުސައިން ޙަލީމް ބަލިނުވެ 1 ވަނަ ހޯއްދަވާފައިވާކަމެވެ.

ޑޮކްޓަރ ޙުސައިން ޙަލީމް ރާއްޖޭގެ ކުޅިވަރަށް ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި، އެތްލެޓިކްސްގެ ޤައުމީ ކޯޗުކަމާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ ސެކްރެޓެރީ ޖެނެރަލްކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތައް ހިމެނެއެވެ. އަދި ކުޅިވަރު ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން 2003 ވަނަ އަހަރުން ފެށިގެން 10 އަހަރު ޚިދުމަތް ކުރެއްވިއެވެ. މީގެއިތުރުން، 1999 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ފިޒިކަލް އަދި މެންޓަލް ފިޓްނަސް ޓްރެއިނަރކަމާއި، 2000 ވަނަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފިޒިކަލް އަދި މެންޓަލް ފިޓްނަސް ޓްރެއިނަރުކަން ކުރައްވާފައިވެއެވެ. މީގެއިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ކަމުގެ މަޤާމު، 2008 ން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް ފުރުއްވިއެވެ.

ޑޮކްޓަރ ޙުސައިން ޙަލީމް ޕީ.އެޗް.ޑީ ހާސިލު ކުރެއްވީ ނިއުޒީލަންޑުންނެވެ. އެއީ ސްޕޯޓްސް ކޯޗިންގގެ ދާއިރާއިން 2006 ވަނަ އަހަރުގައެވެ. މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، އެމް.އެން.ޑީ.އެފް ގައި 8 އަހަރު ޚިދުމަތް ކުރެއްވިއެވެ. ކަސްރަތަށް ލޯބިކުރާ އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭ ސިފައިން އުފެއްދެވުމަށާއި، ޤައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދެވުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ކުޅޭ ކުޅިވަރުތަކާބެހޭ އެކި ދިރާސާތައްވެސް ޙުސައިން ޙަލީމް ވަނީ ކުރައްވާފައެވެ. އެ ދިރާސާތަކުގެ މައްޗަށް ބިނާކުރައްވައިގެން، 2013 ވަނަ އަހަރު 2 ފޮތެއް އޭނާވަނީ ލިޔުއްވާފައެވެ. މީގެއިތުރުން، އެކިފަރާތްތަކުން ނެރުއްވާ ފޮތްތަކަށާއި ޖަރނަލްތަކަށް އެކި ލިޔުންތައް ލިޔުއްވާފައިވެއެވެ. ހިލޭސާބަހަށް ކުރައްވާ ޚިދުމަތެއްގެ ގޮތުގައި ރާއްޖޭގެ ބައެއް ސްކޫލްތަކަށާއި، ކްލަބް ޖަމުޢިއްޔާ ޖަމާޢަތްތަކަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައެއް އޮފީސްތަކަށާއި، އަތޮޅުތަކުގެ ބައެއް ޖަމުޢިއްޔާތަކަށް ކަސްރަތާއި ކުޅިވަރާ ގުޅުންހުރި މައުޟޫޢުތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވައި، އެކިއެކި މަސައްކަތު ބައްދަލުވުންތައް ހިންގަވައިދެއްވާފައިވެއެވެ. އަދި އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަށާއި، އަމިއްލަ ކޮލެޖްތަކަށް ލެކްޗަރަރއެއްގެ ހައިސިއްޔަތުން ކިޔަވައިދެއްވައި، ރޭޑިއޯ ޓީ.ވީ ޕްރޮގްރާމްތަކުގައިވެސް ކަސްރަތާއި ކުޅިވަރުގެ މުހިންމު ކަމުގެ މައްޗަށް ނަޞޭޙަތާއި އިރުޝާދު ދެއްވަމުން ގެންދަވައެވެ.

މިއަދު ޑޮކްޓަރ ޙުސައިން ޙަލީމަކީ، 2011 ވަނަ އަހަރު [ޓޯޓަލް ފިޓްނަސް ގްރޫޕް] (ޓީ.އެފް.ޖީ)ގެ ނަމުގައި ރާއްޖޭގައި ޤާއިމުކުރެވުނު އެންމެބޮޑު ޖިމްގެ ޙިއްޞާދާރެއްގެ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2015 ވަނަ އަހަރު އޭނާ އަމިއްލައަށް އުފެއްދެވި [ކުޑަ ޙުސައިން ސްޕޯޓްސް އެކަޑަމީ] އިން މިއަދާ ހަމަޔަށް 500 ކުދިންނަށާއި، އެކި އުމުރުފުރާގެ މީހުންނަށް ތަފާތު ތަމްރީނުތައް ދެއްވަމުން ގެންދަވާފައިވާކަން ފާހަގަކުރަމެވެ.

ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން ޑޮކްޓަރ ޙުސައިން ޙަލީމަށް މިއަދު ހިތްވަރު ދިނުމުގެ ޤައުމީ ލިބިވަޑައިގަންނަވާއިރު، ޙުސައިން ޙަލީމް ވިދާޅުވާގޮތުގައި ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތާމަޔަކީ، މި ޝަރަފް އޭނާއަށް އަރުވާ މަންޒަރު ދެކެވަޑައިގަންނަވަން، އޭނާގެ ކުޅިވަރުގެ އުސްތާޛު އަދި ރާއްޖޭގެ ކުޅިވަރުގެ ބައްޕަ މުޙަންމަދު ޒާހިރު ނަޞީރު މި ދުނިޔޭގައި ނެތުމުގެ ހިތާމައެވެ.