ދިވެހިން އަބަދުވެސް ޢަމަލު ކުރަމުން އައީ އަދި ދިރިއުޅެމުން އައީ މެދުމިން އުޞޫލުތަކެއް ގެންގުޅެމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ރޭޑިޔޯ ޚިޠާބުގައި، އިސްލާމްދީން ޙިމާޔަތް ކުރުމުގެ ނަމުގައި އަޑު އުފުލުމަށް ބަޔަކު ނުކުތުމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމްދީނުގެ ޙުކުމްތައް ކަމަށް އަންގައިދިނުމަށް އެތައް ފަރާތަކުން އެކި ބާވަތް ބާވަތުގެ ކަންކަން މިއަދު އެބަ ފާހަގަކުރަމުން ގެންދާ ކަމަށާއި، މިކަންކަމުގެ ތެރެއިން އިސްލާމްދީނުގެ ސީދާ ސާދާ ޙުކުމްތަކަކީ ކޮބައިތޯ އެބަ ދެނެގަންނާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި މިހާރު ހިނގާ ބައެއް ކުށްކުށާއި، އެ ކުށްކުށަށް މިހާރު ދެވޭ އަދަބުތަކާ ބެހޭގޮތުން ދަންނަ ބޭކަލުންގެ ނުވަތަ ޤާނޫނީ މާހިރުންގެ ނަޒަރުގައި އެކުށްތަކަށް ކަނޑައެޅިފައި ހުންނަންވީ އަދަބުތަކަކީ ކޮބައިތޯ ސާފުކޮށްދެއްވުމަށް، ރާއްޖޭގެ ދީނީ ހުރިހާ ދަންނަ ބޭކަލުންނަށާއި، ޤާނޫނީ މާހިރުންނަށް ސިޓީއެއް ފޮނުއްވަން ޤަޞްދު ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިކަންކަމުގެ އިތުރުން، މިދިޔަ ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ނަޒަރަށް ގެނެވިފައިވާ އެހެން ބާވަތުގެ ކަންތައްތައްވެސް އެބަހުރި ކަމަށާއި، އެކަންތައްތަކުގައިވެސް ދަންނަ ބޭކަލުންނާއި ޤާނޫނީ މާހިރުންގެ ހެޔޮލަފާ ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަންކަމުގެ ތެރޭގައި، މިޔުޒިކް އަޑުއެހުމާއި، މިޔުޒިކް ކުޅުމާއި، ސޫރަ ކުރެހުމާއި، ސޫރަ ދެއްކުމާއި، އަންހެން ކުދިން ޚިތާނު ކުރުމާއި، ވެކްސިން ޖެހުންފަދަ ކަންތައްތައް ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ކުރުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެއްފަރާތަކުން ދެކޭގޮތުގައި، އެމުޒާހަރާއަކީ އިސްލާމްދީން ޙިމާޔަތް ކުރުމުގެ ގޮތުން ބޭއްވޭ މުޒާހަރާއެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިބާއްވާ އެއްވުމަކީ، މެދުމިނަށް ކުރާ ތާއީދުގައި، އެ ޕާޓީގެ ފިކުރާއި ޚިޔާލު، ރާއްޖޭގެ ރައްޔިތުންނަށް ދައްކަވައިދެއްވުމަށް ބާއްވަވާ އެއްވުމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިއެއްވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އެމަނިކުފާނުގެ ބޭނުންފުޅަކީ، މަޤްޞަދަކީ، އެމަނިކުފާނަކީވެސް މެދުމިނަށް ތާއީދު ކުރައްވާ ބޭފުޅެއްކަން ޕާޓީގެ ހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ.