ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަމާއި، ކުނި މެނޭޖުކުރާނެ ރަނގަޅު އިންތިޒާމެއް ހަމަޖެހުން ކަމުގައެވެ. އަދި ރަށުގައި ޕިކްނިކް ގޮސް، މޫދަށް އެރެވޭނެ ސަރަހައްދެއް ކަނޑައަޅައިދެއްވުމަށާއި، ސްޕޯޓް ކޮމްޕްލެކްސްގެ ކަންކަން އަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ރަށުގައި މިހާރު ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑުވުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މާއެނބޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް މުސާރައެއް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.