ސުވާލު:
އަޅުގަނޑަށް މިފުރުޞަތު ލިބުނީމާ، އަޅުގަނޑު ތ. އަތޮޅު ރައްޔިތެއްގެ ޙައިސިއްޔަތުންވެސް ކޮށްލަން ބޭނުންވާ ސުވާލަކީ، މުޅި ރާއްޖޭގައި ޓޫރިޒަމްގެ ފައިދާ، މަންފާ މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ލިބެމުންދާއިރު، މި ތ. އަތޮޅުގައި އޮތީ ޓޫރިޒަމްގެ އެންމެ ރަށެއް އިނގޭތޯ. އަތޮޅުގެ 13 ރަށުގެ 17000 އާބާދީއަށް މަންފާ ލިބޭގޮތަށް އެންމެ ރިސޯޓެއް. އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ ތ. އަތޮޅުގެ ރައްޔިތުންނަށް އިތުރު ރިސޯޓްތައް ހުޅުވިދާނެތޯއޭ ރައީސްގެ ވެރިކަމުގައި.

ޖަވާބު:
އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ ރިފާޒް އިނގޭތޯ. ވަރަށް އުފާވެއްޖެ ތިޔަކަހަލަ ސުވާލެއް ޒުވާނަކު ކޮށްލިކަމަށްޓަކައި. ޙަޤީގަތުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދެން. ޒުވާނުންނަށް، އަދި އެކި އުމުރުފުރައިގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދޭން. ދެން ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، ޓޫރިޒަމް އިންޑަސްޓްރީއިން އެކަން ކޮށްދިނުމުގައި ވަރަށް އިސްކަމެއްދެން.
ދެން މިއަތޮޅު، ތ. އަތޮޅުގައި ވިދާޅުވި ފަދައިން އެންމެ ރިސޯޓެއް މިއޮތީ. ދެން މި މަސައްކަތްކުރަނީ އިރާދަކުރެއްވިއްޔާ ހަމަ މި އަތޮޅަށް ގިނަ ރިސޯޓްތަކެއް އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި ހަމަ ގެންނާނަން އިރާދަކުރެއްވިއްޔާ. ވަރަށް ޔަޤީންކަން ދެން އިނގޭތޯ. ދެން އެއްކަމަކަށް އެއަރޕޯޓް އިތުރުކުރުން. އެއަރޕޯޓް މިހާރު އަޅުގަނޑުމެން މިއޮތީ ގުރައިދޫގައި އެއް އެއަރޕޯޓް އަދި ވިލުފުށީގައި އެއް އެއަރޕޯޓް އިރާދަކުރެއްވިއްޔާ ހެދިގެންދާނެ. ދެން އޭރުން ތިން އެއަރޕޯޓް އެޅުމުން ކަނެކްޓިވިޓީ އިތުރުވެގެން އެބަދޭ. ދެން މުޅި އިޤްތިޞާދަށް ގެންނަން މި މަސައްކަތްކުރާ ކުރިއެރުމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެ އަންނަ މިންވަރު އިތުރުވާނެ. އަދި އޭގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު މިބަލަނީ ވަރަށް އަވަހަށް ފުޅާކޮށް ތަރައްޤީ ކުރެވޭތޯ. އެހެންވީމާ އޭރުންވެސް ޓޫރިސްޓުން އަންނަ މިންވަރު ގިނަވާނެ.
އެހެންވީމާ މި އަތޮޅަށް ހަމަ، އިރާދަކުރެއްވިއްޔާ ވަރަށް ޔަޤީން މިއަހަރުވެސް ފެށޭވަރުވާނެ. އަދި މިފަސް އަހަރު ތެރެއަށް ބަހާލައިގެން ހަމަ ގިނަ ރިސޯޓްތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް އެކި ދާއިރާތައް ކަވަރު ވާގޮތަށް ގެނެސްދޭނަން. އެހެންވީމާ މި ޒުވާނުންނަށް، ރިފާޒް ކަހަލަ ޒުވާނުންނަށް، ރަށުގައި ތިބެގެން ކައިރި ރިސޯޓަކަށް ގޮސްގެން އާމްދަނީ ލިބޭނެ، ވަޒީފާ އަދާކުރެވޭނެ ފުރުޞަތު ހޯދައިދޭނަން އިރާދަކުރެއްވިއްޔާ. ވަރަށް އަވަހަށް އެކަން ފެނިގެންދާނެ.
ދެން އެހެން އަތޮޅުތަކުގައިވެސް އަޅުގަނޑުގެ ވިސްނުމަކީ މި ޒުވާނުންނަށް، ދިވެހި ރައްޔިތުންނަށް ރިސޯޓުގައި ތިބެގެން ވަޒީފާ އަދާކޮށްފައި ކައިރީގައި އޮންނަ އޭނާގެ އަމިއްލަ ރަށަށް ފަސޭހައިން ދެވޭކަހަލަ ގޮތަކަށް އެކި ހިސާބުތަކަށް އެކި ރިސޯޓުތައް އިތުރުކުރަން. އެހެންވީމާ އިރާދަކުރެއްވިއްޔާ ތިޔަކަންތައްވާނެ.

ރިފާޒް: ވަރަށް ބޮޑަށް ޝުކުރިއްޔާ
ރައީސް: ވަރަށް އުފާވެއްޖެ ދިމާވީމަ އިނގޭތޯ.