بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

السَّلَامُ عَلَيْكُمْ.

ހުރިހާ ބޭފުޅުން.

އާދެ، މީގެ ދެ ދުވަސް ފަހުން، މި މަހުގެ 17 ވަނަ ދުވަހު އަޅުގަނޑު މި މަގާމުން ވަކިވެގެންދާނެ. އަޅުގަނޑު މި އޮފީހުގައި ހޭދަކުރި ފަސް އަހަރު ދުވަހުގެ ތެރޭގައި، ތިޔަބޭފުޅުން އަޅުގަނޑަށް ދެއްވި އެއްބާރުލެއްވުމާއި، ކުރެއްވި މަސައްކަތް ފާހަގަކޮށް، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު އަދާކުރަން.

އަޅުގަނޑު 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ އިރުއޮއްސުނު ގަޑީގައި މިތަނަށް އައީ. އެ ވަގުތުން ފެށިގެން ތަފާތެއްނެތި ކޮންމެ ދުވަހަކުވެސް އަޅުގަނޑު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި، ކުރިންވެސް ދެންނެވި ފަދައިން، އެއްބާރުލުމާއި އެހީތެރިކަން ތިޔަބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ލިބިގެންދިޔަ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވެރިކަމަށް އައީ ވަޢުދުތަކެއް ވެގެން. އަދި އެ ވަޢުދުތައް ފުއްދުމުގައި މިއަދާ ހިސާބަށް އާދެވުނުއިރުގައި، ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިފައި އެބަހުރި. އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއެއް ލިބުނިއްޔާ ލިބިފައި އޮތީ، އޭގެ މުހިންމު ދައުރެއް ތިޔަބޭފުޅުން، މި އޮފީހުގެ މުވައްޒަފުން އަދާކުރެއްވީތީ. އެކަމަށްޓަކައި އަދިވެސް އެއްފަހަރު ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑު މި ވޭތުކުރި، އަޅުގަނޑުގެ ޙަޔާތުގެ މިދިޔަ 30 އަހަރު މުޅިންވެސް މި މަސައްކަތް ކުރަން ޖެހުނީ އިންތިޚާބީ މަގާމެއްގައި. އަބަދުވެސް އަޅުގަނޑުގެ ޢާއިލާއެއްގެ ގޮތުގައި ބަލަމުން އަންނަން ޖެހިފައި އޮތީ ރައްޔިތުން. ރައްޔިތުންގެ ހާލު އަބަދުވެސް ބަލަންޖެހޭނެ. ކޮންމެ ދުވަހަކު ހެނދުނު އިރުއެރީއްސުރެ ގޮސް ނިދަންދެން، އަޅުގަނޑުގެ ޙަޔާތުގެ ކޮންމެ ދުވަހެއް ހޭދަކުރަންޖެހުނީ އެހެން.

އެހެން ނަމަވެސް، 17 ވަނަ ދުވަހަށްފަހު، މުޅިން އާ ދުވަހެއް އަޅުގަނޑާ ކުރިމަތިވާނީ. މިތަނުގައި އަޅުގަނޑު ހޭދަކުރި ކޮންމެ ދުވަހަކު އަޅުގަނޑަށް އެތައް ތަޖުރިބާއެއް، އެތައް ކަމެއް ދަސްވެގެންދިޔަ ތިޔަބޭފުޅުންގެ ފަރާތުން. އެއިން އެއްވެސް ކަމަކީ އަޅުގަނޑު މާޒީއަށް ދޫކޮށްލާނެ ކަންތައްތަކެއް ނޫން. ހަނދާންނައްތާލާނެ ކަންތައްތަކެއް ނޫން. އަޅުގަނޑުގެ އާ ދުވަސްތަކުގައި، ކޮންމެ ދުވަހަކު އެ ކަންތައްތައް، އަޅުގަނޑަށް މިތަނުން ލިބުނު ތަޖުރިބާގެ ބޭނުން އަޅުގަނޑު ހިފަމުންދާނަން.

އާދެ، މިތަނަށް އާ ވެރިން އަންނާނެ. ސިޔާސީ މަގާމުތަކަކީ ބަދަލުވާނެ ކަމެއް. އިންތިޚާބީ މަގާމުތަކަކީ ދާއިމަށް ދެމިތިބެވޭނެ މަގާމުތަކެއް ނޫން. އެގޮތުން މިތަނަށް އަނެއްކާވެސް އާ ވެރިޔަކު އަންނާނެ. އަޅުގަނޑުގެ އެދުމަކީ، ތިޔަބޭފުޅުން ތަފާތުކުރުމެއްނެތި، މި ގޮނޑީގައި އިށީންނަ ބޭފުޅަކަށް އެހީތެރިކަން ފޯރުކޮށްދިނުން. މިޒާޖު ތަފާތުވާނެ. މަސައްކަތްކުރާ ގޮތްވެސް ތަފާތުވާނެ ކޮންމެ ދެ މީހަކު. އެހެން ނަމަވެސް، އެއް ވެރިޔަކު އަނެއް ވެރިޔަކާ ކޮމްޕެއަރ ނުކޮށް، އޭރަކު އެ ހުންނަވާ ވެރިޔަކަށް މަސައްކަތް ކޮށްދިނުމަކީ، ޤައުމަށް އެންމެ ފައިދާހުރި ގޮތް.

އަޅުގަނޑު މާކަދިގުކޮށް މިއަދު ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑުގެ ޙަޔާތުގައި މި ފަށާ އާ ދަތުރުގައި، އަބަދުވެސް މި ދެންނެވިހެން، މިތަނުން މި ލިބުނު އެހީތެރިކަމާއި އެއްބާރުލުމާއި ތަޖުރިބާތައް އަޅުގަނޑު ބޭނުންކުރަމުން ގެންދާނަން.

އަޅުގަނޑަށް އެންމެ ގިނައިން ބައްދަލުވަނީ، ކޮންމެ ދުވަހަކު އަޅުގަނޑަށް އިންޓަރވަލް ގަޑީގައި ސައި ހިފައިގެން ވަންނަ ދެ ބޭފުޅުންނާ. ކޮންމެ ދުވަހަކު އަޅުގަނޑު ކައިރީގައި ރަމީޒް އަހާލާނެ، "ރައީސް ހާލު ކިހިނެއްތޯއޭ؟" އަޅުގަނޑު ދަންނަވަން ކޮންމެ ދުވަހަކުވެސް، އަޅުގަނޑުގެ ޙާލު ރަނގަޅޭ. މިއަދުވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުގެ ހާލު ރަނގަޅޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.

އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ބޭފުޅުންނަށް އުފާވެރި ދުވަސްތަކަކަށް.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.