بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ لَّلهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى سَيِّدنَا مُحَمَّدٍ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރީން، ދިވެހި ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް. މި ވަގުތަކީ ވަރަށް އުންމީދީ ވަގުތެއް. މި މައިދާނަކީ ނަޞްރާއި ކާމިޔާބީގެ މައިދާނެއް.

އިރާދަކުރެއްވީތީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ރިޔާ ކޮށާލި ދުވަސް. މި ވަގުތަކީ ދިވެހީންގެ އުންމީދުތައް ހާސިލުކޮށްދީ، ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް އަޅުގަނޑުމެންގެ ހިތްތަކުން ޖަހަމުންދާ ވަގުތު. މި މައިދާނަކީތޯ؟ މިއީ، ޝަހީދު ޙުސައިން އާދަމާއި ދިވެހި ޤައުމު ދެކެ ލޯބިވި، އެނޫން އެފަދަ އެތައް ބަޠަލުންނެއް، އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިރާއްޖެއާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ފުރާނައިން ޤުރުބާންވި ބަރަކާތްތެރި ފަސްގަނޑާ ގުޅިފައިވާ، ޝަރަފުވެރި މައިދާން!

ލޮބުވެތި ދިވެހި ރައްޔިތުން؛

ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރޭ. އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން. އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން. މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން. ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދިނުން. އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި.

މީގެއިތުރަށް، އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން. މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ ފަރާތްތަކާ މެދުގައި ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ޚިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ.

ދިވެހި ޤައުމުގެ ލޮބުވެތި ދަރީންނޭ؛

ވަރަށް އިތުބާރާއެކު ތިޔަބޭފުޅުންގެ ކުރިފުޅުމަތީ އަޅުގަނޑު ހުއްޓި މިހުރީ، ނިކަން ޚުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި. އެއީ، ތިޔަބޭފުޅުންގެ އުންމީދުތަކާއި އަޅުގަނޑު އެކުލަވައިލާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ، މި ދެމެދުގައި އޮތް ވަޅުގަނޑެއް. މި ދަންނަވާ ވަޅުގަނޑަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު މިއަދު ވެއްޓިފައި މި އޮތް ފުން އަނދަވަޅު. މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާ ހަވާލުވާއިރު، ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކުޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައި. މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަނި. އެހެން ނަމަވެސް، މިކަންކަމުން އަރައިގަތުމަށްޓަކައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނިކަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތައް އަޅާނަން.

ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛

ރާއްޖޭގެ އިޤުތިޞާދު މިއަދު މިވަނީ، ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައި. ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމުވެފައި. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ނިންމައި، ޒަމާނީ އާ ޓަރމިނަލް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ހުޅުވާނަން. އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ. މިހާރު ރާއްޖެ އަންނަ ފަތުރުވެރީންގެ އެތައް ގުނައެއް އިތުރަށް، ފަތުރުވެރީން ރާއްޖެ އަންނާނެ. މީގެ އިތުރަށް، ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރާނަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ލޮބުވެތި ދިވެހި ރައްޔިތުން؛

ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އުސް އެއް ތަނބަކީ ފަތުރުވެރިކަން. ދިވެހި ބިމުގެ ރަންފަރުބަދަތަކަކީ، ޖަވާހިރުތަކަކީ ރީތި ހިމުން ދޮންވެލީގެ ތުނޑިތައް. ހިތްގައިމު މޫދުތައް. އަޅުގަނޑުމެންގެ ފަތުރުވެރިކަން ބިނާވެފައި ވަނީ، މި ވަސީލަތްތަކުގެ މައްޗަށް. ފަރުދީ ފެންވަރުގައްޔާއި، އާއިލީ ފެންވަރުގައްޔާއި އަދި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ، ދިވެހި އެތައް ޢާއިލާއަކަށް ކުރަމުންދޭ. އެހެންކަމުން، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން. އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނަން. ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތަޢާރުފުކުރާނަން. ހަމަ އެހެންމެ، އެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށްޓަކައި ގެދޮރުވެރިކަން ފަދަ، ދިރިއުޅުމުގެ ލުއިފަސޭހަ ގޮތްތައް ފަހިކޮށްދޭނަން.

ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

ލޮބުވެތި އެންމެހައި ދިވެހިރައްޔިތުން؛

ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލައެއް. އެކަމުގެ ސަބަބުން، އާއިލީ އިޖުތިމާޢީ މައްސަލަތައް ނިކުމޭ. ދީނީ، އަޚްލާޤީ މައްސަލަތައްވެސް އުފަންވޭ. ހަމަ އެހެންމެ، ޞިއްޙީ އެތައް ގެއްލުންތަކަކާވެސް ކުރިމަތިލާންޖެހޭ. އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ.

މީގެ އިތުރަށް، އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަށް ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްޤީގެ ނިޒާމެއް ބޭނުންވޭ. އަޅުގަނޑުމެން މި ފަށާ އާ ސަރުކާރުން ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ މި ވިސްނުމުގެ ތެރެއިން. އެއީ ސަރަހައްދީ ތަރައްޤީގެ ވިސްނުން. ނުވަތަ ރާއްޖޭގެ ސަރަހައްދަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ލިބިގެންވާ، އެގޮތަށް ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމް. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، މެދުރާސްތާގެ އަމާޒުތަކަކާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅައިލެވޭނެ. އަދި މިކަމުގައި ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ވިސްނުންތައް އަޅުގަނޑުމެންނާ ހަމަޔަށް ހިއްސާ ކުރެއްވުމަށް އެކަމުގެ ފުރުޞަތު އަޅުގަނޑުމެން ހުޅުވައިލާނަން. ރާއްޖޭގެ ޢިލްމީ އެކި ދާއިރާތަކާއި، ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުން، އެ ބޭފުޅުންގެ ޢިލްމީ ދިރާސާތަކާއި ތަޖުރިބާއިން މިކަމުގައި ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުން ވަރަށް ބޮޑަށް އެދެން. އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެކަމަށް ފުރުޞަތު ހުޅުވައިލާނަން. ބޭނުމަކީ ދިވެހިރައްޔިތުންގެ ހުވަފެންތަކާއި ތަޞައްވުރުތަކުގެ އެހީގައި ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ކުރަހައި ބައްޓަންކުރުން. ރައްޔިތުންގެ އެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުން. މި ވަގުތަށް އެކަށައެޅިފައި ހުރި ކަންކަމަށް ބަލާއިރުވެސް، ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްޤީ ކުރަން ކަނޑައެޅިފައިވާނެ. ހަމަ އެހެންމެ، ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލުވާހެން، 7 އަރބަން ސެންޓަރެއް، ނުވަތަ ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަހައްދެއްގައި ފައްކާކުރެވޭނެ.

ޖޯޝުހުރި ދިވެހި މަސްވެރީން، ދަނޑުވެރީން، އެކިއެކި މަސައްކަތްތެރީން؛

މަސައްކަތްތެރި އަތްތަކަކީ، ޤައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ހަތިޔާރުތައް. 4000 އަހަރުވީ ދިވެހިރާއްޖޭގެ ތާރީޚުގައި ދިވެހީންގެ ބަނޑުފުރާނަ މުއްތިކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއްބަޔަކީ، މަސައްކަތްތެރި މަސްވެރީންނާއި ދަނޑުވެރީން. މިއަދުވެސް އެ ޙަޤީޤަތަކަށް ބަދަލެއް ނާދޭ. އެއީ މީގެ 4000 އަހަރު ކުރީގެ އިންސާނާއެކޭ އެއްފަދައިން މިއަދުގެ އިންސާނާވެސް ކާންބޯންޖެހޭތީ. އެހެންކަމުން، މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ މަސައްކަތްތެރިކަމަށް ވަރަށް އިސްކަންދޭނަން. އެކަންކަމާ، ޒަމާނީ ޢިލްމުތަކާއި ޓެކްނޯލޮޖީއާ ރަޙްމަތްތެރިކޮށްދޭނަން. އިރާދަކުރެއްވިއްޔާ، ދުނިޔޭގައި ކުރިއަރައިފައިވާ އެންމެފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތަޢާރުފުކޮށްދީ، އާމްދަނީއާއި ހުނަރު އިތުރުކޮށްދިނުން، މާލަހެއްނުވެ، މަސްވެރީންނާއި ދަނޑުވެރީން އަމިއްލައަށް ތަޖުރިބާވެސް ކުރާނެ.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ޢިލްމުވެރީން؛

ކޮންމެ ޤައުމެއްގައިވެސް ޢިލްމުވެރީންނަކީ، އެ ޤައުމެއްގެ އިންސާނީ ކިއްލާގެ އެންމެ އުސް ކުރިބޯށިތައް. ރާއްޖޭގައިވެސް ތަފާތު ގިނަ ދާއިރާތަކުގެ ޢިލްމުވެރީން އެބަ ތިއްބެވި. ދީނީ ރޮނގުން. ބަހުގެ ރޮނގުން. ބޭސްވެރިކަމުގެ ރޮނގުން. އިމާރާތްކުރުމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ޓެކްނޯލޮޖީއާއި، ސައިންސްގެ އެކި ދާއިރާތަކުން. ވަކިން ޚާއްޞަކޮށް، އުނގަންނައި ދިނުމުގެ އެކި ދަރަޖަތަކުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތަންފީޒުކުރާނެ ސިޔާސަތުގައި ކޮންމެ ދާއިރާއެއްގައިވެސް ޢިލްމާއި ޢިލްމުވެރީންގެ އަގުވަޒަންކުރާނަން. ޤަދަރާއި ކަމޭހިތުން ދޭނަން. ޢިލްމުގެ ނޫރު ބަބުޅާ ކޮންމެ ހިތަކީ، އެފަދަ ކޮންމެ ނިތަކީ، އަޅުގަނޑުމެންގެ ގާތުގައި، އުޖާލާ ތަރިއެއް.

ޒުވާނުންގެ ހިތްތަކުގައި، ދީނީ ލޯބި އިތުރުވާން އަޅުގަނޑު ބޭނުން. އުފެދެމުން އަންނަ ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ މާތް އަޚްލާޤެއްގެ ވެރި ބަޔަކަށްވެފައިވާ ތަން ދެކެން އަޅުގަނޑު ޝައުޤުވެރިވަން. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނަށް ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައި މަސައްކަތްކުރާނަން. އެކަމަށްޓަކައި އެކަމަކަށް އެންމެ މުހިންމު ޢިލްމުވެރީންގެ ޚިދުމަތަށް މަގު ތަނަވަސްކޮށްދޭނަން. ދީނީ ޢިލްމުވެރީންގެ ދުލާއި ގަލަމަށް ރައްކާތެރި އަމާން ވެށްޓެއް ކަށަވަރުކޮށްދޭނަން. އަދި ކީއްތޯ؟ ސަރުކާރުން ދޭނީ ތާއީދާއި އިޖާބަ، ތަރުޙީބު. މަދަދާއި އެހީތެރިކަން. ކީރިތި ޤުރްއާނުގެ ތަޢުލީމާ އެއްގޮތަށް ޙިކްމަތްތެރިކަމާއި، ރިވެތި ވަޢުޡާއި ނަސޭހަތުން ތިޔަބޭފުޅުން، ދީން ހުށަހަޅުއްވައިދެއްވާ! ދިވެހި ދަރީންނަކީ މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ދިވެހި ޤައުމަށް، ވަފާތެރި، މުރާލި، ޒިންމާދާރު ބަޔަކު ކަމުގައި ހައްދަވައިދެއްވާ! އެކަމުގައި އުނގަންނައިދިނުމާއި، މުޢާމަލާތު ކުރުމުގެ ޒަމާނީ ޢިލްމީ އާ ގޮތްތައް ބޭނުންފުޅުކުރައްވާ! މިއަދުގެ ސިކުނޑިތަކަށް ޤަބޫލުކުރެވޭ ފަދަ ޒަމާނީ އުސްލޫބުތަކަށް އަހުލުވެރިވެވަޑައިގެން، އެ ގޮތްތައް ބޭނުންކުރައްވާ!

މި ފުރުޞަތުގައި، އެކި ދާއިރާތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނާއި އަދި ރާއްޖޭގެ ޢިލްމީ މުއައްސަސާތަކުގެ ފަރާތުން އަޅުގަނޑު އެދޭ ވަރަށް މުހިންމު ކަމެއް ދަންނަވާލަން ބޭނުން. އެކަމަކީ، ސަރުކާރު ހިންގުމަށް އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. އެއީ، ތިޔަބޭފުޅުންގެ ޢިލްމީ ދިރާސާތައް ގިނަކުރައްވައި، އެ ދިރާސާތައް އާންމުކުރެއްވުން. އެކަމުގެ މަގުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަހިކޮށްދޭނަން. އަޅުގަނޑު ބޭނުންވާ ގޮތަކީ، ޤައުމީ ތަރައްޤީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި، އެކަމުގެ ބިންގަލަކީ އަދި އަސްލަކީ، ޢިލްމުވެރީންގެ ޢިލްމީ ދިރާސާތައް ކަމުގައި ހެދުން. އެހެނީ، ޤައުމު ބިނާކުރުމުގައި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީން. އެކަމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ، ކޮންމެ ދާއިރާއަކުން ނަމަވެސް، ކަމުގެ ހޭލުންތެރިކަން ލިބިފައިވާ ފަރާތްތައް. އެހެންކަމުން، ޢިލްމީ ކޮންމެ ގަހަކީ މޭވާ ގަންނަ، ވަރިހެޔޮ ގަހަކަށްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

ހީވާގި ދިވެހި ކަނބަލުން، ދިވެހި ޒުވާނުން؛

ތިޔައީ، ޤައުމު ހިންގުމުގެ އިންޖީނު. ޤައުމު ދެމިއޮތުމުގެ ހަކަތަ. ކަނބަލުންގެ ޙައްޤުތައް އަޅުގަނޑުމެން ރައްކާތެރިކޮށްދޭނަން. ޒުވާނުންނާއި ކަނބަލުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދޭނަން. ސިޔާސީގޮތުން ބާރުވެރި ކުރުވާނަން. ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނަން. އިރާދަކުރެއްވިއްޔާ، ދިވެހި ޒުވާނުންނަކީ، ކްރިއޭޓަރ އިކޮނޮމީގެ މަހުޖަނުން ކަމުގައި ހަދައިދޭނަން.

ޚިދުމަތްތެރި އިސްރަށްވެހީން؛

ތިޔައީ، ތިޔަބޭފުޅުންގެ ކޮނޑުފުޅުމަތީގައި މިއަދުގެ ޖީލުތައް މިއަދާ ހަމައަށް އުފުލައިދިން އަމާނާތްތެރި ހިންމަތްތެރީން. ނެތް ވަސީލަތުގައި ހައިހޫނުކަމާއެކު ނުހަނު ދަތިހާލުގައި ރާއްޖެ ބިނާކުރުމުގައި އިއްޔެ އަވަދިނެތި އުޅުއްވީ ތިޔަބޭފުޅުން. މިކަންކަމުގެ ތަފުސީލު، އަދުގެ ޖީލުތަކަށް ފޯރަން އެބަޖެހޭ. رَسُولُ ٱللَّهِ صـلّى الله عَلـَيـهِ وَسَـلّم ގެ ޙަދީޘްފުޅެއްގެ މާނައިގައި އޮންނަނީ، ދޮށީއުމުރުގެ މީހުންނަށް ޤަދަރުނުކުރާ އަދި ކުޑަކުދީންނަށް ކަމޭނުހިތާ މީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން ހިމެނިގެންވާ މީހެއް ނޫންކަމަށް. އެހެންވީމާ، މިކަމުންވެސް ތިޔަބޭފުޅުންނަށް ލިބެންޖެހޭ އިޙްތިރާމު އެބަ ކަށަވަރުވެގެންދޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަ ޢިއްޒަތްތެރި އިސްރަށްވެހީން، މުޖުތަމަޢުގައި ހަވާސާއެއް ނުކުރާނަން. އޭގެ ބަދަލުގައި އަޅުގަނޑު މި އުފައްދާ ސަރުކާރު ވާނީ އިސްރަށްވެހީންނާ ކަވާސާ ސަރުކާރަކަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން، ލޮބުވެތި ދިވެހިރައްޔިތުން؛

ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް. އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް. އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަންވާނެވެސް ރޮނގެއް. އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ޙައްޤު އޮންނަންވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ. އެ އިޙްތިރާމު ލިބެންޖެހޭނެ. އިރާދަކުރެއްވިއްޔާ، އެ ޙައްޤު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުޞަތެއް ނުދޭނަން. ދިވެހީންނަކީ މިނިވަންކަމުގެ ދަރީން. ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މި އަންނަނީ މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން. އެއީ، ދިވެހި ރައްޔިތުން އެދޭގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން. އެހެންކަމުން، އަޅުގަނޑު ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން. ޤައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން.

ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުން؛

ވަރަށް ޔަޤީންކަމާއެކު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވައިލަން. އަޅުގަނޑުމެންމި ފަށަނީ ދިވެހި އުންމަތް އޭގެ ޙަޤީޤީ ބަނދަރާ ދިމާޔަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރު. މިއީ، ދިވެހިވަންތަ ޤައުމީ ޝަޚްޞިއްޔަތު، އަންނާން އޮތް ޖީލުތަކަށް ފޯރުވައިދިނުމުގެ ބުރަ މަސައްކަތް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެއީ ދިވެހި ކޮންމެ ކުޑަކުއްޖަކަށް އަދި ކޮންމެ ޒުވާނަކަށް ލިބެންޖެހޭ ޙައްޤެއް. ދިވެހި ތާރީޚު އެނގުމުގެ ޙައްޤު އެ ކުދީންގެ ކިބައިން މަޙުރޫމު ކުރެވިގެން ނުވާނެ. ދިވެހިރާއްޖޭގެ ޖިއޮގްރަފީ އެނގުމުގެ ޙައްޤު، ދިވެހި ކިޔަވާކުދިންގެ ކިބައިން ނިގުޅައިގަނެވިގެނެއް ނުވާނެ. 4000 އަހަރުވި މިނިވަން ދިވެހިރާއްޖޭގެ ފަޚުރުވެރި ދިވެހި ޙަޟާރަތާއި އަސްލުތައް ދަސްކޮށް، އެކަންކަމުން އިލްހާމު ލިބިގެން، ދިވެހި ޤައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިޔަކަށްވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބިދޭންޖެހޭނެ. މި ޙައްޤުތަކާއި ފުރުޞަތުތަކާއި، ފަޚުރުވެރި އަސަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި އަޅުގަނޑުމެން މި ފަށަނީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢު. މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫޢު. ދިވެހީންގެ ކެރުމާއި، ޢަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫޢު. ދިވެހީންގެ ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫޢުން ދިވެހި ދަރީންގެ ނަފުސާނީ، ރޫޙާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނަން. ދަރީން ހެޔޮގޮތުގައި ބޮޑުކުރުމަށް، މައިންބަފައިން ރެޔާއިދުވާލު އެ ވާ ޤުރުބާނީގެ މައްޗަށް ތަސައްލީއެއް، އެ މައިންބަފައިންގެ އުންމީދުން ފުރިގެންވާ ހިތްތަކަށް ހޯދައިދޭނަން.

ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރީން، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުން؛

ފަހަރެއްގައި ތިޔައިން ބޭފުޅެއްގެ ސުވާލަކަށް ވެދާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ ސޫރަޔަކީ، ސިފަޔަކީ ކޮބައިތޯ؟ އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިފުޅުމަތީ ހުއްޓިލީ، ތިޔަ ސުވާލަށް ޖަވާބެއް އަރުވަން ގަސްތުކޮށްގެން.

އަޅުގަނޑު ޢަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ! ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ. މާތް ﷲގެ ހެޔޮ ތައުފީޤާއެކު، އިރާދަކުރެއްވިއްޔާ، ވީ ވަޢުދުތައް ފުއްދާނަން. ހީލަތްތެރިއެއް ނުވާނެ! އަޅުގަނޑުމެންގެ ސަރުކާރު، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ފަސްގަނޑު ދިފާޢުކުރާނެ. ޣަދަރުވެރިއެއް ނުވާނެ! އަޅުގަނޑުމެން ވާނީ، ބިނާކުރާ ބަޔަކަށް. އަޅުގަނޑުމެންގެ ސަރުކާރުގައި، ދިވެހީންގެ ގެދޮރާއި ދިވެހީންގެ ސިކުނޑިތައް ބިނާކުރާނެ! ހުވަފެނެއް ނުދައްކާނެ! ނިކަން ރަޙުމާއި، ކުލުނާއި އަގަލު ހުންނާނެ! އަނިޔާވެރިއެއް ނުވާނެ! ރައްޔިތުންގެ އަޑުއެހުމާއި، ރައްޔިތުންގެ ހާލުބަލައި، ކަންކަން ހައްލުކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އިޚުލާޞްތެރިކަމާއެކު ދެމިތިބޭނަން. އަޅުގަނޑު މި އުފައްދާ ސަރުކާރު ބުނާނީ، އެކަކު އަނެކަކަށް ހިނިތުންވާށޭ! ގުޅުންތައް ދަމަހައްޓާށޭ! ލޯތްބާއި އިޙްތިރާމާއެކު، އެކަކު އަނެކަކަށް ޤަދަރުކުރުމުގެ މާތް ސިފަ މުޅިރާއްޖޭގައި އާލާކުރާށޭ! ހިތްފަސޭހަ، ހިތްގައިމު ދިވެހި މުޖުތަމަޢެއް ބިނާކުރާށޭ!

ލޮބުވެތި އެންމެހައި ދިވެހިރައްޔިތުން؛

މި ވާހަކަކޮޅު ނިންމާލައިފައި މި ފިޔަވަޅުމަތިން އަޅުގަނޑު ދުރަށް ޖެހިލުމުގެ ކުރިން، ތިޔަ އެންމެ ބޭފުޅުން، އެހެރަ ލޮބުވެތި ފަޚުރުވެރި ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުން އެދެން! މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުޚާޠަބު ކުރޭ. އެއީ، މިނިވަންކަމުގެ ދިދަ. އެކަން ދައްކައިދިނުމަށްޓަކައި، ފިންޏާއި ހޫނާއި، އަތްވާއި ވާރޭގައި، ރެޔާއިދުވާލު އެ ދިދަ ވިހުރޭ. އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ. އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ ބަޔަކު ތިބެގެންކަން. އެހެންކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ޤައުމު ޙަޤީޤީ ދިވެހި ޤައުމަކަށް ވަނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަން.

އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!

މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ! އެކުވެރިވާށޭ! ބައިބައިނުވާށޭ!

މިއަދު އަޅުގަނޑުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިވެތި އަޚުލާޤު ދައްކުވައިދޭށޭ! ހެޔޮބަސް ބުނާށޭ! ނުބައިބަސް ނުބުނާށޭ!

މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ!

ޝައްކެއްނެތް، އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޝުޢޫރަކަށް ވާންވީ؛

ކޮން ފަދަ ނަސީބެއްތޯއެ މީ، ދޮންވެލި ބިމެއްގައި ލެއްވުމީ
                   ހަންހާރަވެތި ދިވެހީންގެ މީ، ގިންތީ ތެރޭ ހިމެނުއްވުމީ.

އޯގާވަންތަ ﷲ މި ފަޚުރުވެރި ދިވެހިރާއްޖެއަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި! ދިވެހީންނަށް އަދަށްވުރެ ފަހި އުޖާލާ މާދަމާއެއް މިންވަރު ކުރައްވާށި! އަޅުގަނޑުމެން މިއަދު މި ފެށި ޤައުމީ ދަތުރަކީ އަމާން، ކާމިޔާބު ދަތުރެއް ކަމުގައި ލައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.