بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު، ދައުލަތުގެ ވަޒީރުން، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވާ ބޭފުޅުން، ހާޒިރުވެ ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މިއަދަކީ ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގެ މުޅިން އާ ޞަފްޙާއެއް ލިޔަން ފަށާ ދުވަހެއް. މިއީ ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި ޚިދުމަތް ކުރައްވާ ބޭފުޅުންނަށް، ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފުގެ ނަމުގައި ޚާއްޞަ ޝަރަފެއް އެރުވޭ ފުރަތަމަ ފަހަރު.

މި ޝަރަފުގެ އެއް މަޤްޞަދަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ، އަދި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތެއް ކޮށްދެއްވާ މުވައްޒަފުންގެ އަގު ވަޒަންކުރުން. އަދި ޚާރިޖީ ދާއިރާގެ މުވައްޒަފުން، ޚިދުމަތުގައި ދެމިތިއްބެވުމަށް އިތުރު ހިތްވަރެއް ދިނުމާއި، މި ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުން.

ދެންމެ މި ޝަރަފު އެރުވި ދެ ބޭފުޅުންނަކީ، ރާއްޖޭގައި އެންމެ ފުރަތަމަ މި ޝަރަފު ލިބިވަޑައިގެންނެވި ދެ ބޭފުޅުން. އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމުގައި މިހާރު ހުންނެވި އަޙްމަދު ޚަލީލް، އަދި ފޮރިން ސެކްރެޓަރީގެ މަގާމުގައި މިހާރު ހުންނެވި އަޙްމަދު ލަޠީފް. އެހެންކަމުން، އެ ދެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.

އަޙްމަދު ޚަލީލް، ރާއްޖޭގެ ޚާރިޖީ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވާތާ 41 އަހަރަށް ވުރެ ދިގު މުއްދަތެއް ވެއްޖެ. އަޙްމަދު ޚަލީލަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުމާއި، ދިވެހިރާއްޖޭގެ ޙައްޤުގައި ވަކާލާތު ކުރެއްވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް. ވަކިން ޚާއްޞަކޮށް، އެކި ކަންކަމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަން ރާއްޖެއަށް ހޯދުމުގައި، އަޙްމަދު ޚަލީލް ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައި.

އަޙްމަދު ލަޠީފަކީ ވެސް ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި ހަމަ އެހާ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. އަޙްމަދު ލަޠީފް، މި ދާއިރާގައި ޚިދުމަތް ކުރައްވާތާ 35 އަހަރާއި 4 މަސްދުވަސް ވެއްޖެ. ލަޠީފްގެ ޚިދުމަތުގެ މުއްދަތުގެ ތެރޭގައި، ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާ ދެމެދު ގުޅުން ބަދަހިކުރެއްވުމުގައި، ލަޠީފްގެ ދައުރު ވަރަށް ބޮޑު. ވަކިން ޚާއްޞަ ގޮތެއްގައި، ސަރަޙައްދީ ޖަމުޢިއްޔާއެއް ކަމަށްވާ "ސާރކް" އުފެއްދުމުގެ ކަންކަމުގައި، ރާއްޖޭގެ ފަރާތުން އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަޙްމަދު ލަޠީފް.

މި ދެ ބޭފުޅުންގެ ޚިދުމަތުގެ މުއްދަތާއި ކުރެއްވި ޚިދުމަތްތަކަށް ބަލާއިރު، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވާ އެހެން ބޭފުޅުންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބޭ. ހަމަގައިމުވެސް އެ ދެ ބޭފުޅުން މި ދާއިރާގައި ޚިދުމަތް ކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމަކީ، އެ ދެ ބޭފުޅުންނާ އެކުގައި މަސައްކަތް ކުރެއްވި އެއްވެސް ބޭފުޅަކަށް ވަންހަނާވެގެންވާނެ ކަންކަމެއް ނޫން.

މިދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މައްޗަށް. އެ ސިޔާސަތު ދަމަހައްޓައި ތަންފީޒު ކުރެއްވުމުގައި، އަޙްމަދު ޚަލީލާއި އަޙްމަދު ލަޠީފްގެ ފަރާތްޕުޅުން ސަރުކާރަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބުނުކަން އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކުރަން.

ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާއަށް 2022 ވަނަ އަހަރު ވަރަށް މުހިންމު ބަދަލެއް އަޅުގަނޑުމެން ގެނައިން. އެއީ ސިވިލް ސަރވިސްގައި ނުހިމެނޭ މުޅިން ވަކި ޚިދުމަތެއްގެ ގޮތުގައި، ޚާއްޞަ ޤާނޫނަކުން ބާރު ލިބިދޭ ޚިދުމަތެއްގެ ގޮތުގައި ދިވެހި ފޮރިން ސަރވިސް އުފެއްދުން. އަދި މިހާރަށްވުރެ ޕްރޮފެޝަނަލް ޚިދުމަތަކަށް އެ ޚިދުމަތް ހެދުން.

ދިވެހި ޚާރިޖީ ޚިދުމަތުގެ ދާއިރާއަށް މި މުހިންމު ބަދަލު ގެނައީ، ވަރަށް މުހިންމު މަޤްޞަދެއްގައި. އެއީ އެއިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ޚާރިޖީ ސިޔާސަތުތައް ދަމަހައްޓައި ނެގެހެއްޓުމުގައި، އެންމެ ފުރިހަމަ މާނައިގައި އޭރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ސަރުކާރަށް އެހީތެރިވެދިނުން. ދިވެހި ޚާރިޖީ ޚިދުމަތުގެ އެންމެހައި މުވައްޒަފުން މިހާރުވެސް ދެމިތިއްބެވީ އެގޮތުގައި. އަދި ކުރިމަގުގައި ދެމިތިއްބަވާނީ ވެސް އެގޮތުގައި ކަމާމެދު އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބައޮތް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ޤައުމަށް ޚިދުމަތް ކުރުމާ ހަވާލުވިއިރު، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި. ބައިނަލްއަޤުވާމީ ޖަމާޢަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި. ބައެއް އިސްލާމީ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮތީ ގުޅުން ކެނޑިފައި. އެއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް އަދި ނިކަމެތިކަމެއް.

އެ ގުޅުންތައް އަލުން ޤާއިމުކޮށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް އިތުބާރާއި ޔަޤީންކަން އަލުން އަނބުރާ ހޯދުމަށް ދިވެހި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު. އެކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ހައިސިއްޔަތުން މިނިސްޓަރ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްތައް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށް ޝުކުރު ދަންނަވަން.

މިނިސްޓަރުގެ އިރުޝާދާއެކު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ރާއްޖެއަށް ޙައްޤު މަގާމު އަނބުރާ ހޯދުމުގައި، އަޙްމަދު ޚަލީލާއި އަޙްމަދު ލަޠީފް ވެސް، އަދި ދިވެހި މިޝަންތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. އެކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އޭގެ ތެރެއިން ވެސް އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވާ އެއް ކަމަކީ، ކޯވިޑް-19ގެ ވަބާ މުޅި ދުނިޔޭގައި ފެތުރި، ހުރިހާ ޤައުމުތަކެއް ފުރަބަންދުގެ ޙާލަތުގައި އޮތްއިރު، ޚާރިޖީ ޚިދުމަތުގައި ތިއްބެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް. ވަކިން ޚާއްޞަ ގޮތެއްގައި، ބޭރު ޤައުމުތަކުގައި ހުރި ރާއްޖޭގެ މިޝަންތަކުގައި ތިއްބެވި ބޭފުޅުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށް ލިބުނު. 

ބޭރު ޤައުމުތަކުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނާއި އެހެނިހެން ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމާއި، އެ ޤައުމުތަކުގައި ތިބި ދިވެހިންގެ ޙާލުއަޙުވާލު ބައްލަވައި، އެހީތެރިކަން ފޯރުކޮށްދެއްވުމުގައި، ޚާރިޖީ ޚިދުމަތްތެރިން ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި. އަދި ކޯވިޑުގެ ވަބާއިން ރައްކާތެރިވުމަށް ބޭނުންވި ބޭސްފަރުވާގެ ސާމާނާއި، އެހެނިހެން ތަކެތި ރާއްޖެއަށް ހޯދުމުގައި ވެސް އެ ބޭފުޅުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ސަރުކާރަށް ލިބިގެންދިޔަ.

އެކަމަށްޓަކައި ޖުމްލަކޮށް އެ ހުރިހާ ބޭފުޅުންނަށް، އެންމެހައި ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާ އިތުރަށް ތަރައްޤީވެ، ބައިނަލްއަޤުވާމީ މަސްރަޙުގައި ދިވެހި ދިދަ މިހާރަށްވުރެ ވެސް އުހުގައި ވިހުރެމުން ދިއުން. ދިވެހި ޚާރިޖީ ޚިދުމަތުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވަރަށް ފާގަތި ދުވަސްތަކަކަށް އެދެން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
____________________________