بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢްތަޞިމް ޢަދުނާން، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެކުވެރި ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމޭޓުން، ހާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން މިއަދު މި ފާހަގަކުރާ ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެންމެހައި ދިވެހި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. އަދި ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި އެންމެހައި ބަޠަލުންގެ ހަނދާން އައުކޮށް، އެ ބޭފުޅުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މި ޖަލްސާގައި އަޅުގަނޑުގެ އެންމެ އިސް އެއް ވާޖިބެއް ކަމުގައި ދެކެނީ، ދެންމެ ދިވެހި ދައުލަތުގެ ޢިއްޒަތް، އާދެ، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ލިބިވަޑައިގެންނެވި، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް، ދިވެހި ދައުލަތުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.

ދެންމެ ފެނިވަޑައިގެންނެވި ވީޑިއޯ ރިޕޯޓުންވެސް ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ދިވެހި ޤައުމަށާއި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތައް ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންނަށް އެނގިއްޖެ. އެ މަނިކުފާނަކީ ރާއްޖެ މިއަދުމި ދެކޭ ތަޢުލީމީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް.

ރާއްޖޭގެ ރަށްރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް. ރަށްރަށުގައި ކޮމިއުނިޓީ ސްކޫލްތައް ފެށިގެން އައިއިރު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތައް ހުރަސްކުރައްވައި، ކޮމިއުނިޓީ ސްކޫލްތަކާއެކު އަތޮޅުތަކުގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރައްވައި، ތަޢުލީމުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނަވައިދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި.

އެ ދުވަސްވަރު އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ، ވަށައިޖެހޭ ތަޢުލީމެއް ތަޢާރަފް ކުރައްވައި، ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ބަދަހިކުރެއްވުމަށް. އެ މަނިކުފާނަކީ، ކިޔަވައިދެއްވުމުގައިވެސް ނަމޫނާ މުދައްރިސެއް.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްވެސް ވަރަށް މުހިންމު އަހަންމިއްޔަތު ކަމެއް ދެއްވި ބޭފުޅެއް. ޚާއްޞަކޮށް، އެ ދުވަސްވަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްނުކުރާ ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމުގައި، އެ މަނިކުފާނު އަދާކުރެއްވި ދައުރަކީ މިފަދަ މުނާސަބަތެއްގައި ފާހަގަކޮށްލަންޖެހޭ ދައުރެއް. ފަތުރުވެރިކަން ކުރިއެރުއްވުމަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ދައުލަތުގެ ފަރާތުން އެ މަނިކުފާނަށް ވަނީ، ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްވެސް އަރުވާފައި.

މިއަދު ޑޮކްޓަރ މުޞްޠަފާ ލުޠުފީ އެ ހުންނެވީ، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި. އެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ އިޖްތިމާޢީ ދާއިރާގެ ކަންކަން ކުރިއަށް ގެންދެވުމުގައި، އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ލަފާފުޅާއި އިރުޝާދު އަޅުގަނޑާ އަބަދުވެސް ޙިއްޞާކުރައްވާ.

އެ މަނިކުފާނަކީ ރާއްޖޭގެ މި ފަހުގެ ތާރީޚުގައި ކުރެވުނު ސިޔާސީ އިޞްލާޙީ މަސައްކަތުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ހިތްވަރުގަދަ ބޭފުޅެއް. ސިޔާސީ ގޮތުން ރާއްޖެއަށް ހެޔޮ ބަދަލުތައް ގެނައުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގައި، ޤައުމުގެ މަޞްލަޙަތު އިސްކުރައްވައި، ވަރަށް ސާބިތުކަމާއި ޖޯޝުގައި، ބައިވެރިވެވަޑައިގެންނެވި. މަގުމަތީ ޙަރަކާތްތަކުގައި ވެސް އެންމެ އިސް ސަފުގައި ފައި ހަމަކުރެއްވި.

އާދެ، މިއަދުގެ މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރެއްވި ބޭފުޅުންގެ ތެރޭގައި، ވަރަށް ދިގު މުއްދަތެއްގައި، އެއް ޚިދުމަތެއްގައި ދެމިތިއްބެވި ބޭފުޅުން އެބަ ތިއްބެވި.

އެހެންކަމުން، އައްޝައިޚް އަޙްމަދު ފަހުމީ ދީދީއަށާއި، ރަޝީދާ އިބްރާހީމަށާއި، ކެޕްޓަން އަޙްމަދު ޒުބައިރަށާއި، މައިޒާން ޢަލީ މަނިކަށް، އަދި ފަތުރުވެރިކަމުގެ ދާއިރާއިން އިނާމު ޙާޞިލްކުރި ވޮޔޭޖާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ވެރިންނަށާއި، އެ ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ތަފާތު ދާއިރާތަކުން އިނާމު ޙާޞިލް ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވާ. އޭގެ ތެރޭގައި ވަރަށް ޒުވާން، ޢިލްމީ، ހުނަރުވެރި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ. އެ ބޭފުޅުން އެ ކުރައްވާ ޚިދުމަތްތަކަކީ، ޤައުމީ ފެންވަރުގައި ބަލައިގަނެ، އަގު ވަޒަންކުރަންޖެހޭ ޚިދުމަތްތަކެއް. އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރަން.

މި އަހަރު ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީން ކޮށްދެއްވި ބުރަ އަދި އުނދަގޫ މަސައްކަތްޕުޅުތަކުގެ އަގު އަޅުގަނޑު ވަޒަންކުރަން. އެކަމަށްޓަކައި ކޮމިޓީގެ ހުރިހާ މެންބަރުންނަށާއި، ޗެއަރޕަރސަން ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިއަދުގެ މި ޖަލްސާގައި، މަތީ ދަރަޖަ ޙާޞިލްކުރައްވައިގެން، 1 ވަނަ ހޯއްދަވާ ހުރިހާ ބޭފުޅުންނަށާއި، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، 1 ވަނަ ދަރަޖައިގައި ފާސްވެ، މެޑެލް ޙާޞިލްކުރައްވާ ޙާފިޡުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ކީރިތި ޤުރްއާން ހިތުދަސްކުރެއްވި ޙާފިޡުންނަށް ޤުރްއާން ހިތުދަސްކޮށްދެއްވުމަށް މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުދައްރިސުން ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރަމުން، އެ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަސް. ޤައުމެއްގެ ނިސްބަތުން ފާހަގަކުރާނެ އެންމެ ފަޚުރުވެރި އަދި އެންމެ ހައިބަވަންތަ ދުވަސް. މިއީ ވަރަށް މަތިވެރި އަމާނާތެއްގެ ޒިކުރާ އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސްދޭ މުނާސަބަތެއް.

އެއީ ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ޙަވާލުކުރި ދިވެހި ޤައުމުގެ މިނިވަންކަމުގެ ޒިކުރާ. އެ ދުވަސް ފާހަގަކުރުމުގެ މާނަވީ ރަމްޒަކީ، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގެ ޢަހުދު ކަށަވަރު އައުކުރުން. މިނިވަންކަމުގެ ބިންގާ ވަރުގަދަކުރުމާއި، އެ ބިންގަލުގެ މަތީގައި ކާބަފައިން ބިނާކުރި ދިވެހި ޤައުމިއްޔަތު އާރާސްތުކުރުމުގެ ޢަހުދު ކަށަވަރު ހިފުން.

މިނިވަންކަމުގެ މަދަނީ އައްޑަނައަކީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ޤައުމީ ލޯބި. އެ އައްޑަނައިން ރައްކާތެރިކޮށްދޭ މިނިވަންކަމުގެ ބިންގަލަކީ ދާޚިލީ ހަމަޖެހުން. އެ ބިންގަލުގެ މަތީގައި ބިނާކުރާ ޤައުމިއްޔަތުގެ ކުރިބޯށްޓަކީ، ރައްޔިތުންގެ މެދުގައި އޮންނަ ޞުލްޙަމަސަލަސްކަމާއި އަމާންކަމާއި އެކުވެރިކަން.

ހަމައެކަނި ބޮޑުތަކުރުފާނުގެ ސީރަތަށް އަޅުގަނޑުމެން ނަޒަރު ހިންގިޔަސް، އެ ރަދުންގެ މިނިވަން ޖިހާދުގެ އިހާއި ފަހުގެ ޞަފުޙާތަކުން ވެސް ފެންނަނީ، މިނިވަންކަމުގެ މި ދެންނެވި ބަހާތައް. ދެ ޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އުތީމުގެ ޒުވާން ތިން ބަޠަލުން، މަލިކައްޑޫގައި ކުރެއްވި ޤައުމީ ޖިހާދުގެ ކޮންމެ ދުވަހެއް އަދި ކޮންމެ ހިނދުކޮޅެއް، އެ ރަދުން ހޭދަކުރެއްވީ ދިވެހިން އެއްބައިވަންތަކޮށް އެކުވެރި ކުރެއްވުމަށް.

ދޮންބަންޑާރައިންގެ ޤައުމީ ޖިހާދުން ވެސް އަޅުގަނޑުމެންނަށް ފެންނަނީ، ޞުލްޙަޔާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތް. އެ ރަދުންގެ ޤައުމީ ޖިހާދުގެވެސް އާރާއި ފަންވަރަކީ، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން. އެ ރަދުންނަށް ލިބިވަޑައިގެންނެވި ހަކަތައަކީ، ހަމަޖެހުމާއި ޞުލްޙަވެރިކަމަށް ރައްޔިތުން ބޭނުންޖެހިފައި ތިބި މިންވަރު.

ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ޤާއިމުވެފައި އޮތް ފަސް އަހަރު. ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމައަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ޚާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާޚިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު.

މިނިވަންކަމުގެ ޙަޤީޤީ އުފަލަކީ، އެ މީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ޙާޞިލުވުމުގެ އުފާ. މިނިވަންކަންމަތީގައި ޤައުމު ދެމިއޮތަސް، ޤައުމީ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއް. އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ޙައްޤާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން.

ދިވެހިންގެ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރާ މިފަދަ ރަސްމިއްޔާތެއްގައި ތިބޭއިރު، އިއްޔެ އަޅުގަނޑުމެން ތިބި ހިސާބާއި، މިއަދު ތިބި ފިޔަވަޅުމަތިން ހިނގައިގަނެ، މާދަމާ އަތުލާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނައިލުމަކީ ކުރަންޖެހޭނެ ކަމެއް.

ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ޤަރުނުގެ ތަރައްޤީ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ޙާލަތު. މާތް ﷲގެ ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ޙާލަތު ބަދަލުކޮށް ތަރައްޤީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން.

މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން، މި ފިޔަވަޅުމަތީ ހުރެ އުފަލާއެކު އަޅުގަނޑު ދަންނަވަން އޮތީ، ޢިލްމު އުނގެނުމާއި މަތީ ތަޢުލީމް ޙާޞިލުކުރުމުގެ ފުރުޞަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު ވެސް މިހާރު ނުހުންނާނެޔޭ. ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން، މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް، ދިވެހި ޒުވާނުންނަށްޓަކައި އަޅުގަނޑުމެން ފުރުޞަތުތައް ފަހިކޮށްދީފިން.

ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ ޒާތީ މިނިވަންކަމަކީ، ދަރިންނަށް ކިޔަވައިދީގެން ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން. މާތް ﷲގެ ވާގިފުޅާއެކު، ހަމަޖެހުމާއި ޞުލްޙަވެރިކަން ޤާއިމުކޮށް، މިއަދު އަޅުގަނޑުމެންނަށް މިވަނީ ޤައުމު ބިނާކުރުމުގެ ބިންގާ އެޅިފައި. ރާއްޖޭގެ އުތުރުން ދެކުނަށް އަޅުގަނޑުމެން މުޑުވައްކުރި ތަރައްޤީގެ އޮށްތައް މިވަނީ ކޯދުލައި ހެދިގަންނަން ތައްޔާރުވެފައި.

ދެން ކުރަން އޮތް ކަމަކީ، އަޅުގަނޑުމެން މި ތައްޔާރުކުރި ތަރައްޤީގެ ބުސްތާނަށް ފެން ދީ އެ ގަސްތައް ހެއްދުން. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވީ، އެ ގަސްތަކުގެ ހިޔާ މުޅި ރާއްޖެއަށް ފަތުރާލައި، އެ ހިޔާވަހިކަމުގެ ދަށުގައި ކުރިމަގުގެ ޖީލުތަކަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން.

އާދެ، މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އިނގިރޭސީންގެ ޙިމާޔަތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 އަހަރު ފުރޭ، 59 ވަނަ މިނިވަން ދުވަސް. ޞުލްޙަވެރިކަމާއެކު މަޝްވަރާގެ މަގުން ހިންގަވައި، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު.

ޝަހީދުވި ޢަލީ ރަސްގެފާނަކީ، ދިވެހިންގެ މިނިވަން ޖިހާދުގައި ޤުރުބާންވެވަޑައިގެންނެވި ނަމޫނާ ބަޠަލެއް. އަޅުވެތިކަމުގެ 15 އަހަރާއި 6 މަހަށްފަހު، ޕޯޗުގީޒުންގެ ވަކިތަކުން ދިވެހިން މިނިވަންކޮށްދެއްވި ޤައުމީ ބަޠަލަކީ، އުތީމު، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ސިރީ ސަވާދީއްތަ މަހާރަދުން. މަލާބާރީންގެ އަނިޔާވެރި އަޅުވެތިކަމުން ދިވެހިންނަށް މިނިވަންކަމުގެ ހަމަނޭވާލެވުނީ، ހުރާ ދޮންބަންޑާރައިންގެ ހިތްވަރުގަދަ ޤައުމީ ޖިހާދުން.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކޮށްދެއްވީ، ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމްގެ ޖިހާދީ ލޭފޮދުން. އަދި އެ ދުވަހު ދިވެހި އުންމަތުގެ ޙައްޤުގައި ހަނގުރާމަ ކުރައްވައި ޝަހީދުވި އެންމެހައި ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީން.

މިނިވަން ދިދައެއްގެ ހިޔާ ދަށުގައި ތިބެ، މިނިވަންކަމުގެ ޝުޢޫރުތައް، މިއަދު އަޅުގަނޑުމެންނަށް މިފާޅުކުރެވެނީ، މި ދެންނެވި ޤައުމީ ބަޠަލުން މި ދިވެހި ފަސްގަނޑުގެ ޙައްޤުގައި، ވެވަޑައިގެންނެވި އަގުނުކުރެވޭ ފަދަ މަތިވެރި ޤުރުބާނީގެ ސަބަބުން. އެހެންކަމުން އެ ހުރިހާ ބޭފުޅުންނަށްވެސް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި، މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މިއަދު އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެއާއި ބައިނަލްއަޤުވާމީ މުޖްތަމަޢާ ދެމެދުގައި އޮތް ރަޙްމަތްތެރި ބަދަހި ގުޅުން. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ދިރުން ލިބިއްޖެ. ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ ޢާއިލީ ތަނަވަސްކަން އިތުރުވެއްޖެ.

ކުރިމަގުގައި ވެސް އަޅުގަނޑުގެ އެންމެ އިސް އަމާޒަކީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިޔާމަތްކޮށް ރައްކާތެރިކުރުން. ދިވެހިންގެ މިލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު. މި ޖަޒީރާތަކުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި، މާތް ﷲގެ ވާގިފުޅާއެކު، ސާބިތުކަމާއެކު އަޅުގަނޑު ދެމިހުންނާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމުގެ ހެޔޮ ތައުފީޤު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ދެމިތިބުމުގެ ސާބިތުކަން ދެއްވައި، އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކުރުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވާށި! އަޅުގަނޑުމެންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރައްވައި، ޞުލްޙަވެރިކަމާއި ހަމަޖެހުމުގެ މަތީގައި، އުފާވެރި އަމާން ދިރިއުޅުމެއް ބިނާކުރުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.