ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންނާއި ބައްދަލުކުރައްވާ، އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ސާފު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ޕްރެޒެންޓޭޝަނަކާއިއެކު ހުށަހަޅުއްވާފައެވެ. ހަމަ އެއާއެކު އެ ބޭފުޅުންގެ ފަރާތުން މި ކަންތައްތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އަދި ހައްލުކުރުމުގައި އެހީތެރިކަން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަވެސް އެ ތަކެތި ބޭނުންކުރުމުގެ ފަންނީ ޤާބިލުކަން ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުކަމާއި، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހިމެނެއެވެ. އަދި، މި ކަންކަމުގެ ސަބަބުން ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ބޭނުންވާ ތަފާތު ބޭސްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ހެލްތް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނު ވަނީ މި ވަގުތު މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދީގެން ހައްލުކުރެވެންހުރި މައްސަލަތައް ހައްލުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، އަވަހަށް ހައްލުކުރަން ޖެހޭ ކަންކަމާއިމެދު ކަމާއިގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާ، އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ތަކުރާރުކޮށް އެކި ބައްދަލުވުންތަކުގައި ފާހަގަކުރާ އެއްގޮތް މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ހެލްތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ތަރައްޤީވެގެން ދިއުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުން މަދުކުރެވިގެންދާނެ ކަމުގެ އުންމީދު އޮތްކަމުގައި ވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ހަމައެއާއިއެކު، އެ ހޮސްޕިޓަލަށް ކުރިމަތިވާ ގޮންޖެހުންތަކަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ކަމާއިގުޅުންހުރި އިދާރާތަކުގެ އިސްބޭފުޅުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.