بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ޙާޞިލުކުރި ދަރިވަރުންނާއި އެކުދިންގެ ބަލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން މި ތަނުގައި އެއްވެ މިތިބީ ވަރަށް އުފާވެރި އިޙްސާސްތަކަކާއެކު. ދެންމެ މިތަނުން، ސްކޮލަރޝިޕާ ޙަވާލުވި 7 ދަރިވަރުންނަކީ، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މަތީ ސާނަވީ އިމްތިޙާނުތަކުން، އެންމެ މަތީ ދަރަޖައިގައި ފާސްވި ކުދިން. މިއީ، ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ 5 ދަރިވަރަކާއި، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 2 ދަރިވަރެއް.


އާދެ! މިއީ މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުތަކުން ފުރާނާލައިގެން ނެގުނު އަރަގުކޮޅު. ތިޔަ ކުދިންގެ ޙަޔާތުން 12 އަހަރުގެ ބުރަ މަސައްކަތަށްފަހު، ތިޔަ ހޯދި ފުރިހަމަ ކާމިޔާބީއަށްޓަކައި، ވަރަށް ހޫނު މަރުޙަބާއެއް ރައްދުކުރަން. އަދި ތިޔަ ކުދިން މިއަދު ތިޔަ ޙާޞިލުކުރި ކާމިޔާބީއާ ހަމައަށް ކުރި ދިގު ދަތުރުގެ ތެރޭ އެޅި ކޮންމެ ފިޔަވަޅެއްގައި، ތިޔަ ކުދިންނަށް ހިތްވަރު ދެއްވައި އެހީތެރިވެދެއްވި މައިންބަފައިންނާއި ބެލެނިވެރިންނަށްވެސް މަރުޙަބާ ދަންނަވަން. ތިޔަ ކުދިންނަށް ކިޔަވައިދެއްވި ހުރިހާ މުދައްރިސުންނަށް ޝުކުރު ދަންނަވަން.


ޢިލްމީ ގޮތުންނާއި އުފެއްދުންތެރިކަމުގެ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން، ދުނިޔެ އަޅަމުން އަންނަ ހަލުވި ފިޔަވަޅުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމުމަކީ، އުނގެނުމާއި ޢިލްމު ހޯދުމުގެ ޙަޤީޤީ ފެށުން. މިއަދު ތިޔަ ދަރިވަރުންނަށް ލިބުނު ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއެކު، ދެން ތިޔަ ކުދިން ކުރިމަތިލާނީ މަތީ ތަޢުލީމުގެ މަރުޙަލާތަކާ.


ތަޢުލީމީ ގޮތުން މަތީ ވަނަތައް ޙާޞިލުކުރާ ދަރިވަރުންނަށް މިފަދަ ސްކޮލަރޝިޕްތައް ދެނީ ވަރަށް މަތިވެރި މަޤްޞަދެއްގައި. އެއީ ޒިންމާދާރުކަމާއެކު ޤައުމު ބިނާކޮށް އާރާސްތު ކުރުމުގެ މަސްއޫލިއްޔަތާ ޙަވާލުވާނެ، އުފެއްދުންތެރި ޢިލްމީ ދަރިންތަކެއް ބިނާކުރުން. އެކަމަށްޓަކައި ދައުލަތުގެ ފަރާތުން މިހާރުވެސް ވަރަށް ބޮޑެތި ހޭދަތަކެއް އެބަ ކުރެވޭ.


ރާއްޖޭގައި ހުރި މަތީ ތަޢުލީމް ދޭ މުއައްސަސާތަކުން، ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ދައުލަތުގެ ޚަރަދުގައި އެކަން ކުރެވޭނެގޮތް ސަރުކާރުން ހަމަޖެއްސީ މިދިޔަ އަހަރު. އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް، މިހާތަނަށް 6250 ދަރިވަރަކަށް، 130 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ.


ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލުކުރަން ދޫކުރާ ލޯނު އެހީގެ ދަށުން، މިހާރުވެސް ތަފާތު 24 ޤައުމެއްގައި 1480 ދިވެހި ދަރިވަރަކު، މަތީ ތަޢުލީމުގެ ތަފާތު ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަ ގެންދޭ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގެ ދަށުން، ތަފާތު 7 ޤައުމެއްގައި 54 ދަރިވަރަކު ތަފާތު ޕްރޮގްރާމްތައް އެބަ ފުރިހަމަކުރޭ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕްގެ ދަށުން، ތަފާތު 7 ޤައުމެއްގައި މިހާރުވެސް 117 ދަރިވަރަކު ކިޔަވަމުން އެބަގެންދޭ.


މީގެ އިތުރުންވެސް، ދިވެހި އެތައް ހާސް ދަރިވަރުންނެއް، ދުނިޔޭގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަ ގެންދޭ. އެ ހުރިހާ ދަރިވަރުންވެސް، ކިޔަވަމުން އެދަނީ ރާއްޖެއަށް ބޭނުންތެރި، ވަރަށް މުހިންމު ދާއިރާތަކަކުން. އިރާދަކުރެއްވިއްޔާ އެ ހުރިހާ ދަރިވަރުންނަކީވެސް، ޤައުމުގެ ތަރައްޤީގައި މުހިންމު ޙިއްޞާއެއް ވާނޭ ދަރިވަރުންތަކެއް ކަމުގައި އަޅުގަނޑު އުންމީދުކުރަން.


ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރައިގެންދާ އެއްޗެއް ނޫން. އަދި އަމިއްލައަށް އާރާސްތުވެ ބިނާވެގެންދާ އެއްޗެއްވެސް ނޫން. ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ސިކުނޑީގައި އުފަންވެގެން އަންނަ އީޖާދީ ފިކުރުތަކެއްގެ ނަތީޖާ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ދިވެހި ދަރީންގެ ސިކުނޑިތަކުގައި އީޖާދީ ވިސްނުން އާލާކޮށް ފައްކާކުރެވޭ ވަރަށް، ދިވެހި ދަރިންނަށް ޢިލްމު ހޯދައިދޭން.


ތިޔަ ދަރިވަރުންވެސް، މަތީ ތަޢުލީމް ޙާޞިލުކުރަން ތިޔަ ނުކުންނަނީ، ތިޔަ ދަރިވަރުންގެވެސް އުންމީދުތަކަކާއި، ޙާޞިލުކުރަން ބޭނުންވާ މަޤްޞަދެއް އޮތީމަ. ހަމައެފަދައިން، ތިޔަ ދަރިވަރުންގެ މައިމީހާ، އާދެ މި ލޮބުވެތި ވަޠަން، ތިޔަ ދަރިވަރުންގެ ފަރާތުން ކުރާ އުންމީދުތަކެއްވެސް އެބަހުރި. އެއީ ޤައުމަށް ވަފާތެރި، ތެދުވެރި އަދި އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރާނެ ދަރިންތަކެއް ކަމުގައިވުން.


ވަކިން ޚާއްޞަކޮށް މިދުވަސްވަރު، އެފަދަ ދަރިންތަކަކަށް ރާއްޖެ އެބަ ބޭނުންވޭ. ރާއްޖޭގެ ޙަޔާތުގައިވެސް، އަޅުގަނޑުމެންނާ މިއަދު އަރާ ހަމަކޮށްފައި މިވަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. ކޮރޯނާ ވައިރަހުގެ ނުރައްކަލުގެ ސަބަބުން، ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް އަނަރޫފަވެފައިވާ ދުވަސްވަރެއް.


ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން، މުޅިންހެން ހުއްޓިފައި އޮންނަތާ ތިން މަސްދުވަހަށްފަހު، އަލުން ހުޅުވައިލެވުނީ މިދިޔަ ބުދަ ދުވަހު. މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަހުން، މި ޞިނާޢަތް މެދުކެނޑިގެންދިޔަ ފުރަތަމަ ފަހަރު. މިކަމުގެ ސަބަބުން، އިޤްތިޞާދީ ގޮތުން މިއިން ޒަމާނެއްގައިވެސް ނުލިބޭހާ ބޮޑު ގެއްލުމަކާ ރާއްޖެ މިވަނީ ކުރިމަތިލާން ޖެހިފައި.


އެހެންކަމުން، މިއީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ތެދުވަންވީ ވަގުތު. މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތަކާއި، ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވާ ދިވެހިންގެ ޢަދަދު، މިހާރަށްވުރެ އިތުރުކޮށްގެން. ޚާއްޞަކޮށް ތިޔަފަދަ، ދިވެހި ޒުވާނުންގެ ތާޒާ ލޭގެ ހޫނުން، ޤައުމުގެ އިޤްތިޞާދަށް ދިރުން ލިބިގެން.


އެހެންކަމުން އަޅުގަނޑު މިއަދުވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރަނީ، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް. މިއީ، ބިދޭސީ މަސައްކަތު މީހުންގެ ސަބަބުން، ރާއްޖެއިން ބޭރުވެގެންދާ ބޭރު ފައިސާގެ މިންވަރު މަދުކުރުމަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް. ހަމައެފަދައިން، ޒުވާނުން ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވުމަކީ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކެއްގެވެސް ޙައްލެއް.


އެހެންވީމާ، ތިޔަ ދަރިވަރުންވެސް މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމަށް ބޭނުންތެރި، ޤައުމަށް ބޭނުންހިފޭފަދަ ޝަޚްޞިއްޔަތެއް، ތިޔައިން ކޮންމެ ދަރިވަރެއްގެ ކިބައިގައި އުފެއްދުމަށް. ތިޔަ ދަރިވަރުން ވިސްނަންވީ، ޤައުމު ތިޔަ ދަރިވަރުންގެ ކިބައިން އެދެނީ ކޮން ކަމަކަށްތޯ؟ ޤައުމަށްޓަކައި، ތިމާގެ ކިބައިގައި ތަރައްޤީ ކުރަންވީ، ކޮން ދާއިރާއަކުން، ކޮންކަހަލަ ހުނަރެއްތޯ؟


އަޅުގަނޑު އުންމީދުކުރަނީ، ރާއްޖޭގެ ހުރިހާ ދަރިވަރުންނާއި، ހުރިހާ ޒުވާނުންނަކީވެސް، ޤައުމާމެދު ފިކުރު ހިންގައި، ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޙުގައި ޢިލްމު އުނގެނި، މަސައްކަތާއި ހުނަރު ދަސްކޮށްގެން، ޤައުމު ތަރައްޤީ ކުރުމުގެ ޒިންމާއާ ޙަވާލުވާނެ ބަޔަކަށްވާނެކަމަށް. މާތް ﷲ ތިޔަ ދަރިވަރުންނަށް އެކަމުގައި ހެޔޮ ތައުފީޤު ދެއްވައި މަގު ފަހިކޮށްދެއްވުން އެދި ދުޢާކުރަން.


އަޅުގަނޑުގެ ދުޢާއަކީ، ޢިލްމުވެރި އަދި މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވުން. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމު ބިނާކޮށް އާރާސްތު ކުރުމުގެ ލޯބި އަޅުގަނޑުމެންގެ ހިތްތަކުގައި ދަމަހައްޓަވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.