بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލުވުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކަމަށްޓަކައި، އެންމެހައި ނިޢުމަތްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

މި ބަރަކާތްތެރި މައްސަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަން. އަދި މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ފޮނުވަން.

މިއަހަރުގެ ރޯދަމަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ، މިއިން ޒަމާނެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިޙާނަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައި."ކޯވިޑް19"ގެ ބަލިމަޑުކަން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޢާންމު ޙަރަކާތްތައް ހުއްޓުމަކަށް ގެނެސްފި. އިޖުތިމާޢީ ގައިދުރުކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން، އަޅުގަނޑުމެން ޖަމާޢަތުގައި އަދާކުރާ އަޅުކަންތައްވެސް މިވަނީ މެދުކަނޑައިލަން ޖެހިފައި.

އެހެންނަމަވެސް، މި ހިތާމައިގެ ދަނޑިވަޅުގައި، ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި ކަމީ، މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއްވި ވަރަށް މަތިވެރި ނަސީބެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީންވެސް ބާރުއަޅަނީ، އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ޙަޟްރަތުން މަދަދާއި ވާގިވެރިކަމަށް އެދުމަށް.

ރޯދަ މަހަކީ އަޅުކަމުގެ މޫސުން. ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުމުގެ މައްސަރު. އެހެންކަމުން، މި މުހިންމު ދުވަސްތައް އަޅުގަނޑުމެން ހޭދަކުރަންވީ، "ކޯވިޑް19" ގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވައި، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދިޔުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުގައި.

މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައި. ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ބޭފުޅުންވެސް އިސްކަން ދެއްވުން ވަރަށް މުހިންމު. ކީރިތި ޤުރްއާން ކިޔެވުން އިތުރުކޮށް، ތަރާވީޙް ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަން ދެއްވައި، ހުރިހާ ބޭފުޅުންވެސް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަންވީ، މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ.

މުޅި ދުނިޔޭގެ އިޤްތިޞާދު ދަށްވެ އެކަމުގެ ނަތީޖާ ރާއްޖެއަށްވެސް މިވަނީ ކުރިމަތިވެފައި. އަޅުގަނޑުމެންގެ ތެރޭގައިވެސް، ވަރަށް ދަތި ޙާލުގައި އުޅޭ މީހުން އެބަތިބި. މާލީ ގޮތުންނާއި ބޯހިޔާވަހިކަމުގެ ގޮތުންވެސް ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅޭ މީހުން، އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އަދި ޞިއްޙީ ގޮތުންވެސް ވަރަށް ނާޒުކު ޙާލަތުގައި އުޅޭ ބަޔަކު އެބަތިބި. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ހުރަސްއެޅިފައިވާ މީހުން ވެސް އެބަތިބި.

މި ކަންކަމަށް ވިސްނާއިރު، މި ބަރަކާތްތެރި މައްސަރުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކުރަން ބޭނުންވާ އިލްތިމާސަކީ، މިއީ އަޅުގަނޑުމެންގެ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހަދަމާތޯއޭ. އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅެން އަޅުގަނޑުމެން އިސްކަން ދެމާތޯއޭ.

މިއީ، ކީރިތި ޤުރްއާނުގެ މައްސަރު ކަމަށްވާއިރު، އެ މާތް ފޮތް އުނގަންނައިދޭ އެންމެ މަތިވެރި އަޚްލާޤީ ސިފަތަކަކީ، އަނެކުންނަށް އޯގާތެރިވުމާއި، ފަޤީރުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި ނިކަމެތީންނަށް ހެޔޮފޯރުވުން. އެހެންކަމުން، އަޅުގަނޑުމެންނަށް ކުރިމަތިވެފައިމިވާ ދަތި ޙާލަތުގައި، އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު ފުރިހަމަގޮތުގައި ހޯދުމަށްޓަކައިވެސް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންތައް.

އަޅުގަނޑުމެންގެ ގެއިން ނުނިކުމެ ތިބެން ޖެހުނަސް، އަޅުގަނޑުމެންގެ ޙައްޤުގައި ޢާއިލާއާއި ގާތްތިމާގެ މީހުންނާ ވަކިން، ވަރަށް މުހިންމު އަދި އެހާމެ ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކު އެބަ ތިބިކަން ހަނދާންކުރަންޖެހޭ. ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، ޑެލިވަރީގެ ޚިދުމަތް ދޭ މީހުންނާއި، އެނޫންވެސް ކިތަންމެ ބަޔަކު، ކުރަމުން އެދަނީ، އަޅުގަނޑުމެންނަށް އެކަންކަމުގެ އަގު އަދާކުރެވޭ ވަރަށްވުރެ މާ މަތިވެރި ޚިދުމަތްތަކެއް.

އަޅުގަނޑުމެން ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު މި ދަތިކަން ތަޙައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު. ރާއްޖެއިން "ކޮވިޑް19"ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތް. ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، މި އުނދަގޫ ދަތި ޙާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށް.

މި މަސައްކަތް ކާމިޔާބު ކުރުމުގައި، ލޮބުވެތި ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ނިހާޔަތަށް ބޭނުންވޭ. މިއީ، އަޅުގަނޑުމެންގެ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް، އެންމެ ފުރިހަމައަށް އިޤްތިޞާދުކޮށް، އިސްރާފުކުރުމާ މުޅިން ދުރުހެލިވާންވީ އެންމެ މުހިންމު ވަގުތު. ރޯދައިގެ އަޅުކަމުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ވަރުގަދަ ފިލާވަޅަކީވެސް، ކާބޯތަކެތި އިޤްތިޞާދުކޮށް އިސްރާފުނުކުރުން. ބޭކާރު ޚަރަދުތައް ހުއްޓާލައި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލެއްވުމަށް، މި ޙާލަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި މާތް މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ނަޞީބު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. އަޅުގަނޑުމެން މި މައްސަރުގައި ކުރާ އެންމެހައި އަޅުކަންތަކާއި ކުރާ ޞަދަޤާތްތައް ޤަބޫލުކުރައްވައި، އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެއްވުން. "ކޯވިޑް19" އިން ރާއްޖެ ރައްކާތެރިކުރުމަށް، އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތުގައި ބަރަކާތް ލައްވައި، އެ ބޭފުޅުންގެ މަސައްކަތަށް ކުރިއެރުމާއި ކާމިޔާބު ދެއްވުން އެދި ދުޢާކުރަން. އަޅުގަނޑުމެން މިކުރާ ދުޢާ އިޖާބަ ކުރައްވައި، "ކޯވިޑް19"ގެ ބަލިމަޑުކަން ރާއްޖެއިން ފިއްލަވައި އަޅުގަނޑުމެންގެ ރާއްޖެ އަމާން ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه