بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! މިއަދުގެ މި އުފާވެރި ޙަފްލާގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި، އޭނާއަށް ޝުކުރު ދެންނެވުމާއެކު، އަދި ޒުވާނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ސާބިތު ބަސްފުޅުތަކަށް އޭނާއަށް ވަރަށް ބޮޑަށް މަރްޙަބާ ދެންނެވުން.

މިއަދު އަޅުގަނޑަށް މި ލިބުނީ ވަރަށް އުފާވެރި ފުރުޞަތެއް. އާދެ! އެއީ ޒުވާނުންގެ އޮޑީގައި ދަތުރެއް ކުރުން. މިދިޔަ އަހަރުވެސް އަޅުގަނޑު ޒުވާނުންގެ އޮޑިއަށް ޒިޔާރަތެއް ކުރިން. އެހެންނަމަވެސް، ޒުވާނުންނާ އެކީގައި ދަތުރުކޮށްލުމުގެ އުފާ މިދިޔަ އަހަރު އަޅުގަނޑަށް ލިބިފައެއް ނެތް. އެއާ ޚިލާފަށް، މިއަދު ދިވެހި ޒުވާނުން ތަމްސީލުކުރާ ބަޔަކާ އެކީގައި، ޒުވާނުންގެ އޮޑީގައި މާލެއިން ފުރައިގެން ތުލުސްދުއަށް މިއައި އައުން ހިމެނިގެންދާނީ، އަޅުގަނޑަށް ލިބުނު ވަރަށް އުފާވެރި ތަޖުރިބާއެއް ކަމުގައި. އެ ޒުވާނުންނާ އެކީގައި އަޅުގަނޑު ހޭދަކޮށްލި ވަގުތަކީ ވަރަށް އުފާވެރި ވަގުތެއް. އެ ޒުވާނުންގެ އަމިއްލަ ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު އެޒުވާނުންނަށް ލިބުނު. އާދެ! އެޒުވާނުން، އެ ޚިޔާލުތައްވެސް ހުށަހެޅި. އަދި ބައެއް ކަންތައްތަކުގައި ސަރުކާރުން ކަންތައް ގެންދާގޮތުގެ މަޢްލޫމާތު އޮޅުންފިލުވުމުގެ ގޮތުން ސުވާލުތަކެއްވެސް ކުރި. އެސުވާލުތަކަށް މިނިސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި އަޅުގަނޑާ ދެމީހުންނަށް ވެވުނުވަރަކުން ޖަވާބުދީވެސް ހެދިން. އަދި ކުދިންގެ މަޢްލޫމާތަށްޓަކައި ބޭނުންވާނެ ކަމަށް ފެންނަ ބައެއް އެހެން މަޢްލޫމާތުވެސް އަޅުގަނޑުމެން ދިނިން.

އެހެންވީމާ މިކުރި ދަތުރަކީ، އަޅުގަނޑަށް ލިބުނު ވަރަށް މުއްސަނދި ތަޖުރިބާއެއް ކަމުގައި ދަންނަވަމުން، މި ދަތުރުގައި ބައިވެރިވި ހުރިހާ ޒުވާނުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ޒުވާނުންގެ ބޯޓުގައި، ނުވަތަ ޒުވާނުންގެ އޮޑީގައި ދަތުރުކޮށް ތުލުސްދުއަށް ޒިޔާރަތް ކުރުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ތުލުސްދުއަށް އަޅުގަނޑު އައުމުން، މާލެއަތޮޅު އަތޮޅުއޮފީސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ އަލްފާޟިލް އިބްރާހީމް ރައޫފާއި، އަދި އަތޮޅުއޮފީހުގެ އެހެން ވެރިންނާއި މުވައްޒަފުން، ހަމައެހެންމެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ވެރިންނާއި، މިރަށުގެ ވެރިންނާއި، ތުލުސްދޫ ޒުވާނުންނާއި ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޒުވާނުންގެ ފަރާތުން އަޅުގަނޑުމެންނަށް ވަރަށް މަތިވެރި ޝުޢޫރުތަކެއް ދެންމެ އިވިގެން ހިނގައްޖެ. ދިވެހި ޤައުމުދެކެ ލޯބިވާ، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ހެޔޮއެދޭ އަދި ތަރައްޤީގެ މައިދާނުގައި އެކި ރޮނގުރޮނގުން ކުރިއަށްދާން ތިބި ޒުވާނުން، އެމީހުންގެ ހިތްތަކުގައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތައް އިއްވައިދިން ކަމަށްޓަކައި، އެ ޒުވާނުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

މި ޝުޢޫރުތަކަކީ، އަޅުގަނޑުމެންނަށް ވަރަށްގިނަ އުންމީދުތަކެއް ގެނެސްދިން ޝުޢޫރުތަކެއް. އަދި މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިޢާރު ކަމަށްވާ، ”ޒުވާނުންގެ ތަރައްޤީއަށްޓަކައި - ޒުވާނުން“ މި ޝިޢާރުގެ ދަށުން ޒުވާނުން ކަނޑައެޅި ޢަޒުމްތަކެއް ކަމުގައި އަޅުގަނޑުމެންނަށް އިވިގެންދިޔަ. އަޅުގަނޑުގެ ގޮވާލުމަކީ، ނުވަތަ އިލްތިމާސަކީ އެ ޢަޒުމުގައިވާ ކަންތައްތައް އިޚްލާޞްތެރިކަމާއެކު ފުރިހަމަ ކުރެއްވުމަށް، ތިޔަ ޒުވާނުން މަސައްކަތް ކުރައްވާށޭ. ހަމައެހެންމެ، ޒުވާނުން އެކުރާ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އަދި އަމިއްލަ ފަރާތްތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާތީ، ސަރުކާރުގެ ދާއިރާތަކުންނާއި، އަމިއްލަ ފަރާތްތަކުން ޒުވާނުންނަށް، އެ އެހީތެރިކަން ފޯރުކޮށްދެއްވާށޭ.

އާދެ! އަޅުގަނޑުމެންނަށް އިވިގެން މިދިޔަ ޝުޢޫރުތައް ބިނާވެފައިމިވާ ޒުވާނުންގެ ޝިޢާރުގެ ދަށުން، ޒުވާނުންނާ ދޭތެރޭ ނިންމާ ކަންތައްތަކުގައި، ޒުވާނުންގެ ޙިއްޞާ ވަރަށް މުހިންމު. ޝައްކެއްނެތް. ޒުވާނުން ކުރިއަށްދާންވީގޮތާއި، ޒުވާނުން ތަރައްޤީވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، އެމީހުންގެ ހިތުގައިވާ އުންމީދުތަކާއި، މިކަންތައްތައް އެންމެ ބޮޑަށް އިޙްސާސް ކުރެވޭނީ ހަމަ ޒުވާނުންނަށް. އެހެންވީމާ، ޒުވާނުންގެ ކުރިމަގު އުޖާލާ ގޮތެއްގައި ބައްޓަން ކުރުމަށްޓަކައި، ސަރުކާރުން ރާވާ ރޭވުންތަކުގައިވެސް ޒުވާނުންގެ ޚިޔާލާއި މަޝްވަރާގެ ބޭނުން ވަރަށްބޮޑު.

މިއަދު ޒުވާނުންގެ ބޯޓުގައި ނުވަތަ ޒުވާނުންގެ އޮޑީގައި އަޅުގަނޑު މިކުރި ދަތުރުގައިވެސް ޒުވާނުންގެ ފަރާތުން އިވިގެންދިޔަ އެއްއަޑަކީ، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ޕްލޭން ކުރުމުގައި، ރޭވުމުގައި ޒުވާނުންގެ އެކިއެކި ޖަމްޢިއްޔާތަކުގެ ޚިޔާލު ނުހޯދޭކަން. ނުވަތަ ހޯދި ނަމަވެސް، އެކަން އެންމެ ފުރިހަމަގޮތުގައި ނުކުރެވޭކަން. އާދެ! މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވެއްޖެ ނުކުތާއެއް. ރަށުގެ ޕްލޭން ތައްޔާރު ކުރާއިރު، ރަށް ކުރިއަށްދާންވީ ގޮތް އަޅުގަނޑުމެން ރާވައި، އެކަމުގެ ތަޞައްވުރެއް އެކުލަވައިލާއިރު، ރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާނެ. އޭގެތެރޭގައި ޒުވާނުންނަކީ ވަރަށް މުހިންމު ބައެއް އަދާކުރާ ބަޔެއް. ޒުވާނުންގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ކްލަބްތަކާއި އަދި ޢާންމު ރައްޔިތުންގެ ޚިޔާލުތައް މިކަންކަމުގައި ހޯދުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އެހެންވީމާ، ރާއްޖޭގެ ކޮންމެ ރަށެއްގެ ވެރިން، ނުވަތަ ރަށެއްގެ ކަންތައްތައް ހިންގަވަން ތިއްބަވާ ބޭފުޅުންނާއި، ކޮމިޓީތަކާއި، މިބޭބޭފުޅުން ރަށާބެހޭ އެކިއެކި ތަރައްޤީގެ ޕްލޭންތައް ތައްޔާރު ކުރައްވާއިރު، ޒުވާނުންގެ މަޝްވަރާއާއި ޚިޔާލު ހޯއްދެވުމަށް، އަޅުގަނޑު އިލްތިމާސް ކުރަން. ހަމައެފަދައިން، އެ ރަށްރަށުގައި އުފެދިފައިވާ އަމިއްލަ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުގެ މަޝްވަރާއާއި ޚިޔާލު ހޯއްދެވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! ޒުވާނުން މިކުރާ ދަތުރުތަކުގެ ސަބަބުން، އެމީހުންނަށް ވަރަށްގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ. އެމީހުންނަށް ބޭނުންވާ ތަފާތު ހުނަރުތައްވެސް ލިބިގެންދާނެ. ޒުވާނުންނަށް ތަޖުރިބާ ލިބުމަކީ އަދި އެކިއެކި ހުނަރުތައް ލިބުމަކީ، އަދި އެމީހުންނަށް ތަފާތު ރޮނގުރޮނގުން މަޢްލޫމާތު ލިބުމަކީ، ސަރުކާރުންވެސް ވަރަށް ބޮޑަށް ބޭނުންވާ އަދި ސަމާލުކަން ދެމުން އަންނަ ކަމެއް. ޒުވާނުންގެ އޮޑީގެ މިދަތުރުގައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ޒުވާނުން ދަތުރުކުރަމުންދާއިރު، އެ އަތޮޅުތަކުގައި ދިވެހިން ދިރިއުޅޭ ގޮތާއި، އެއް އަތޮޅަކާއި އަނެއް އަތޮޅަކާ ހުރި ތަފާތާއި، އެއްރަށެއްގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތާއި، އަނެއް ރަށެއްގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތާއި، އެމީހުންގެ ދިރިއުޅުން ބައްޓަންކޮށްފައިވާ ގޮތާއި، އަދި އެމީހުންގެ ހުރިނަމަ ހުރި ހުނަރުތަކާއި، އެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި، ތާރީޚީ ތަރިކައާއި، މި ހުރިހާ އެއްޗެއް ޒުވާނުންނަށް ފެނިގެންދާނެ.

މިކަން ވާނީ ޒުވާނުންނަށް ލިބޭ ވަރަށްބޮޑު ތަޖުރިބާއަކަށް. އެމީހުންނަށް ލިބޭ ވަރަށް މުއްސަނދި މަޢްލޫމާތުތަކަކަށް. އޭގެ ބޭނުންކުރުމަކީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. މިގޮތަށް މިދަތުރުތައް ކުރީމާ، ޒުވާނުންނަށް މުޅި ރާއްޖެ ދަސްވާނެ. ރާއްޖޭގެ މާޙައުލު އެނގޭނެ. ރާއްޖޭގެ ރައްޔިތުން ދިރިއުޅޭގޮތް އެނގޭނެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތަކަކީ ކޮބައިކަންވެސް އެނގޭނެ. އެކަންކަން ޙާޞިލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުންވެސް އެމީހުންނަށް ޚިޔާލުތަކެއް ކުރެވޭނެ. އެހެންވީމާ، މިފަދަ ދަތުރުތައް އިތުރުކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް.

މިއަދު ޒުވާނުންގެ އޮޑީގައި ދަތުރުކުރަމުން އައިއިރު، ކޮންމެވެސް އެއްޒުވާނެއްގެ ވާހަކައިގައި ބުނި، ތިމަންނާ ދެކޭގޮތުގައި މިކަމަކީ ވަރަށްބޮޑު ޤައުމީ ކަމެކޭ. ރާއްޖޭގެ ރައްޔިތުންވެސް، ހުރިހާ ރަށްރަށަކުންވެސް މިކަން ދެކެންޖެހޭނީ، ތިމަންނާ ދެކޭގޮތުގައި ޤައުމީ ކަމެއްގެ ގޮތުގައޭ. އެހެންނަމަވެސް، ބައެއް ރަށްރަށުން ތިމަންނާމެންނަށް ވަރަށް އުފަލާއެކު މަރްޙަބާކިޔާ، ވަރަށްގިނަ ކަންތައްތައް ފަސޭހަކޮށްދެމުންދާއިރު، އެހެން ބައެއް ރަށްރަށުން އެވަރަށް އެކަން ނުފެންނާތީ، ތިމަންނާމެން ހިތާމަކުރަމޭ.

އާދެ! އެއީ ވަރަށްބޮޑު ތެދެއް. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ރަށަކުންވެސް، ކޮންމެ އަތޮޅަކުންވެސް ޒުވާނުންގެ އޮޑި، އެ އަތޮޅަކަށް ނުވަތަ އެރަށަކަށް ދިޔައީމާ، އެއަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ރައްޔިތުންނާއި ވެރިން އެޒުވާނުންނަށް މަރްޙަބާ ވިދާޅުވާންޖެހޭނެ. އަދި އެމީހުންނަށް ކަންތައްތައް ފަސޭހަކޮށްދެއްވައި، އެމީހުން މި ކުރަނީ ވަރަށް މުހިންމު ޤައުމީ ދަތުރެއްކަން ހަނދުމަފުޅު ބަހައްޓަވައިގެން، އެމީހުންގެ ހުރިހާ ކަމެއްވެސް އެންމެ ރީތި ގޮތަކަށް، އެންމެ ހަމަޖެހޭ ގޮތަކަށް، އެންމެ ފައިދާހުރި ގޮތަކަށް ހަމަޖައްސަވައިދެއްވޭތޯ، ރަށްރަށުގެ ވެރިންނާއި، ކޮމިޓީތަކާއި، ޢާންމު ރައްޔިތުން މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު އެދޭގޮތަކީ، މިއަދު ޒުވާނުންގެ އޮޑި ދަތުރުކުރަމުންގޮސް، މީގެފަހުން ދާ ކޮންމެ ރަށެއްގައިވެސް، އެރަށެއްގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން ޒުވާނުންގެ އޮޑިއަށް އެކަށީގެންވާ މަރްޙަބާއެއް ވިދާޅުވެ، އެމީހުންނަށް ކަންތައްތައް ފަހިކޮށްދެއްވައި ފަސޭހަކޮށްދެއްވުން.

އާދެ! މިއަދު އަޅުގަނޑު ތުލުސްދުއަށް ޒިޔާރަތް ކުރުމުން، އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. ތުލުސްދުއަށް މިކުރާ ޒިޔާރަތުގައި، ސުނާމީ ކާރިސާއާ ގުޅިގެން ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫން މިރަށަށް ބަދަލުވި ރައްޔިތުން ދިރިއުޅުއްވާ ސަރަޙައްދަށް ޒިޔާރަތް ކުރުމަށްވެސްވަނީ ހަމަޖެހިފައި. މި ފުރުޞަތުގައި، ރިނބުދޫ ރައްޔިތުންނަށް، ތުލުސްދޫ ރައްޔިތުން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ހަނދާންކޮށް، ތުލުސްދޫ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން.

މިއަދުގެ މި ހޫނުގަދަ ވަގުތަކީ، މި ޖަލްސާ މާދިގުކޮށް ގެންދިޔުމަށް ފަހިކޮށްދޭ ވަގުތެއް ނޫން. އެހެންވީމާ އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ ޤައުމަށް ފައިދާހުރި ގޮތުގައި މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން. ހަމައެހެންމެ، ދިވެހި ޒުވާނުންނަކީ ދީނަށް އިޚްލާޞްތެރި، ޤައުމަށް ވަފާތެރި، ޤައުމުގެ ތަރައްޤީގައި ވަރުގަދަ ޢަޒުމަކާއި ސާބިތުކަމަކާ އެކީގައި މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން.

والسّلام عليكم ورحمة اللّـه وبركاته.