بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، خاتم الأنبـياء والمرسـلين، وَعلـى آلـه وصحبـه أجمـعـين.

މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން، ދައުލަތުގެ ވަޒީރުން، ޔޫ.އެން. އެޖެންސީސްތަކުގެ ރެޕްރެޒެންޓެޓިވުން، ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ އެންޖީއޯސްތަކުގެ ވެރިން، އަދި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛

السّلام عليــكم ورحـمــة اللّـه وبـركاتـه. 

އާދެ، "މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 2016-2017"ގެ ހޯދުންތައް އާންމުކުރުމުގެ މި ރަސްމިއްޔާތުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މިފަދަ ދިރާސާތަކަކީ ދުރު މުސްތަޤްބަލަކަށް ވިސްނާއިރު، ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް ބައްޓަންކުރުމަށް ހޯދޭ ވަރަށް މުހިންމު މަޢުލޫމާތުތަކަކަށް ވެގެންދާނެ. ހަމައެހެންމެ، ޞިއްޙީ ދާއިރާއިން ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް މިފަދަ ދިރާސާތަކުން ފެނިގެން އެބަދޭ.

މިފަދަ ދިރާސާއިން، ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ވަރަށްބޮޑަށް އަޅުގަނޑުމެންނަށް މިހާރު މިވަނީ ފެނިގެން ގޮސްފައި. އާދެ، އެގޮތުން ގޭބިސީތަކުގެ ޙާލަތާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން ހުރި މިންވަރު ވަރަށްބޮޑަށް ފެނިގެން އެބަދޭ. ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ނޭދެވޭ އާދަތައް މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރު، މި ދިރާސާއިން ދައްކުވައި އެބަދޭ. މިފަދަ ނުރަނގަޅު އާދަތަކުން މި މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް މި ދިރާސާގެ ހޯދުންތައް މަގުފަހިކޮށްދޭނެ.

މި ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މިންވަރު މަދުކުރުމާ ގުޅޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރެވި، ޚާއްޞަ ސިޔާސަތުތަކެއް ކަނޑައެޅި، ގިނަ މަސައްކަތްތަކެއް ފެނިގެންދާކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ. އާދެ، އެގޮތުން މިހާރުވެސް ވަނީ، ޒުވާނުން ދުންފަތާ ދުރުހެލިކުރުވުމަށްޓަކައި، ގިނަ ޙަރަކާތްތަކެއް ފެށި، އެ މަސައްކަތް ފެށްޓިފައި. އާދެ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ގެއްލުން، ކުރީގައި ދުވަހަކުވެސް ފާހަގަނުކުރާ މިންވަރަށް، ސަރުކާރުން މިވަނީ އެކިއެކި ޖަމުޢިއްޔާތަކާ ގުޅިގެން، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންވެފައި.

އާދެ، މިފަދަ ސަރވޭއެއް އަޅުގަނޑުމެންނަށް މިއަދު ފެނިގެންދާއިރު، މިއަދަކީވެސް އަޅުގަނޑު ދަންނަވާނީ، މިބާވަތުގެ ކަންތައްތަކަށް، ވަކިން ޚާއްޞަކޮށް، ދުންފަތުގެ އިސްތިޢުމާލުން ލިބޭ ގެއްލުންތަކަށް ވިސްނައި، އަޅުގަނޑުމެން އެކަމާ ދުރުހެލިވުމަށްޓަކައި ޢަޒުމް ކަނޑައަޅަންޖެހޭފަދަ ދުވަހެކޭ.

އާދެ، ޤައުމެއްގެ މުސްތަޤްބަލް ބިނާވެގެންވަނީ، އެ ޤައުމެއްގެ އާންމު ފަރުދުންނަށް ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރާއި، އާންމު ޞިއްޙީ ޙާލަތުގެ މައްޗަށް. އެހެންކަމުން، މި ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަރުވަން، ގިނަ މަސައްކަތްތަކެއް ކުރަންވަނީ ޖެހިފައި. ރަށްރަށުގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ.

އާދެ، މިފަދަ ކަންތައްތަކަކީ ވަރަށް ގިނަ ބަޔަކު ގުޅިގެން ނޫނީ އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަންތައްތައް. އަދި މިއަދުވެސް އަޅުގަނޑުމެން ކުރިއެރުންތަކެއް ހޯދަމުންދާއިރު، އަޅުގަނޑުމެންނަށް ހަމަ ރާއްޖޭގެ ޢާންމު ޞިއްޙީ ޙާލަތާމެދު އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވަމުން އެބަދޭ.

އެހެންވީމާ، މި ކަންތައްތައް ނައްތާލުމުގައި، އަޅުގަނޑުމެން ދުރު ވިސްނުމަކާއެކު، އެންމެން އެކުގައި މަސައްކަތް ކުރުމަކީ އިންތިހާ ދަރަޖައަށް ބޭނުންވާ ކަމެއްކަން ފާހަގަކޮށް، އަޅުގަނޑު ހަމަ އެކަމަށް އެންމެހާ ރައްޔިތުންނަށް އެގޮތަށް ދަންނަވާލަން.

އާދެ، ދުޅަހެޔޮ ޞިއްޙަތެއް ހޯދުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގައި، ކޮންމެ ފަރުދެއްގެވެސް އަމިއްލަ ޒިންމާ ވަރަށްބޮޑު. އެގޮތުން ޞިއްޙަތަށް ފައިދާހުރި ގޮތަށް ދިރިއުޅުމުގެ ކަންކަން އަޅުގަނޑުމެން ބައްޓަންކުރަން އެބަޖެހޭ. ބަލިތަކުން ރައްކާތެރިވުމަށްދޭ ސަމާލުކަން އަޅުގަނޑުމެން އިތުރުކުރަން އެބަޖެހޭ. ޞިއްޙީ ނުރަނގަޅު އާދަތަކުން ދުރުހެލިވެ، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމުގެ އާދަތައް، އަޅުގަނޑުމެންގެ ގައިގައި އަށަގަންނަވަން އެބަޖެހޭ. ކަސްރަތު ކުރުމާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުމުގެ މުހިންމުކަން ވަރަށްބޮޑު.

އާދެ، ސާފުތާހިރުކަމަށް ދޭންޖެހޭ އިސްކަން އިތުރުކޮށް، ދިރިއުޅޭ މާޙައުލަކި، ސާފުތާހިރު ތަނަކަށް ހަދަން އެބަޖެހޭ. އާދެ، ކުރީގައިވެސް މި ދެންނެވިފަދައިން، އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށްވާނީ، އާދެ، އެންމެ ބޮޑު ނިޢުމަތަކަށް މި ވެގެންދަނީ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުން. ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަދި އަމިއްލަ ޖަމުޢިއްޔާތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އާންމު ފަރުދުން، މި މަސައްކަތުގައި، ބައިވެރިވެ، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން މިއަދު ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކުރީގައި މި ދެންނެވި އަޅުގަނޑުމެންގެ ނަފްސު، އަޅުގަނޑުމެންގެ ހަށިގަނޑަށް، ޞިއްޙަތަށް ގެއްލުންހުރި ކަންތައްތަކުން އަޅުގަނޑުމެން ދުރެހެލިވާންޖެހޭ.

އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ، އާދެ ޕްރެޒެންޓޭޝަނުންވެސް ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ، ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން އާންމު މިންގަނޑުން ބަލާކަމަށްވަންޏާ، ވަރަށް މަތީގައި އުޅޭކަން. އަޅުގަނޑު މިއަދު ހަމަ ހުރިހާ ޒުވާނުންނަށް ވަކިން ޚާއްޞަކޮށް ގޮވާލަން ބޭނުން، އަޅުގަނޑު ހަމަ މައިންބަފައިންނަށް ވަރަށް ޚާއްޞަކޮށް ގޮވާލަން ބޭނުންވޭ، މިކަމުން ދުރުހެލިވުމަށްޓަކައި އަޅުގަނޑުމެން ޚާއްޞަ ކެމްޕެއިނެއް ކުރުމުގެ މުހިންމުކަން.

އާދެ، އަޅުގަނޑު މިވަގުތު ހަމަ ދަންނަވާލަން ބޭނުންވޭ. ދުންފަތަކީ އަޅުގަނޑު ކުޑައިރުއްސުރެ ފެށިގެން އަޅުގަނޑު އެކަމަކާ ވަރަށް ނަފްރަތުކުރާ ކަމަކަށްވާތީ، ﷲ އިރާދަކުރެއްވީތީ ދުވަހަކުވެސް، ޓެސްޓް ކޮށްލުމުގެ ގޮތުންވެސް، ސިނގިރޭޓެއްގެ ރަހަ އަޅުގަނޑު ނުބަލަން.

އެހެންވީމާ، އަޅުގަނޑު މިއަދު، އެންމެހާ ރައްޔިތުންނަށް ދަންނަވާލަން. މިކަމުން ދުރުހެލިވެ، އަދި މިކަން ކުރާއިރު، ޙަޤީޤަތަކީ މިކަން ނުކުރާ މީހާއަށްވެސް ވަރަށްބޮޑު ގެއްލުންތަކެއް އެބަ ލިބިގެންދޭ. އަޅުގަނޑުމެންނަށް މަގުމަތިން ފެނިގެން މިދަނީ، މާބަނޑު އަންހެނުންނާއި، ކުޑަކުދިންނަށްވެސް ދުމުގެ މިކަންތައްތަކުން ލިބިގެންދާ ގެއްލުން.

އަޅުގަނޑު މިއަދު ދިވެހި އެންމެހާ ރައްޔިތުންނަށް ދިވެހިރާއްޖޭގައި ދިރިއުޅޭ އެހެން އެންމެހާ ފަރާތްތަކަށްވެސް ގޮވާލަން ބޭނުންވަނީ، ދުންފަތުގެ އިސްތިޢުމާލުން، ޚާއްޞަކޮށް އަޅުގަނޑުމެންގެ މައިންނާއި، އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ ބޭފުޅުންނާއި، އަޅުގަނޑުމެންގެ ކުޑަކުދިން އަޅުގަނޑުމެން ސަލާމަތްކުރަން އެބަޖެހެޔޭ.

މި މަސައްކަތަކީ އަޅުގަނޑުމެން ޤައުމީ ވިސްނުމެއްގައި، އަޅުގަނޑުމެންގެ ޞިއްޙަތަށް ފައިދާހުރިގޮތަކަށް ކަންތައްތައް ބޭނުންކުރުމުގެ ވިސްނުމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ ކަމެއް.

ހަމައެއާއެކު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، މިއަދު، އާދެ، އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދައްކުވައިދެއްވާ މިސާލުގައި އަޅުގަނޑުމެންގެ މުޅި އެންމެހާ ރައްޔިތުން ހިއްޕަވަން އެބަޖެހޭ. އާދެ، ހަށިހެޔޮ ދުޅަހެޔޮކަންމަތީ ދެމިތިބުމުގެ މުހިންމުކަން އެމަނިކުފާނުވެސް އެ ވަޑައިގަންނަވަނީ ދައްކަވަމުން.

އަޅުގަނޑުމެން ކަސްރަތުކުރަން އެބަޖެހޭ. އަޅުގަނޑުމެން އޮފީހުގައި ގިނަ ވަގުތުތައް ހޭދަކުރާއިރު، އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ވަގުތުކޮޅެއް އަޅުގަނޑުމެންގެ ހަށިގަނޑަށް ދޭން. އަޅުގަނޑުމެންގެ ނަފްސަށް ދޭން. އަޅުގަނޑުމެން އެކްސަރސައިޒްތަކެއް ކޮންމެވެސް މިންވަރަކަށް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް ބައެއްފަހަރު ކަސްރަތު ކުރުމާއި، ކަންތައްތައް ކުރުމަކީ ކުޑަކޮށް ލަދުވެތިކަމަކަށްވެސްވޭ. ޙަޤީޤަތަކީ އެހެންނަމަވެސް މިއީ، މިޒަމާނުގައި އަޅުގަނޑުމެން ފޮލޯކުރަންޖެހޭނެ އާދަތައް.

އެހެންވީމާ، އަޅުގަނޑު ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް، ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހަށިހެޔޮ، ދުޅަހެޔޮ ޞިއްޙަތަކަށް ކަސްރަތުކުރުން އިތުރުކޮށް، ހިނގުމާއި އަދި ކުޅިވަރުގެ ތެރެއަށް އަޅުގަނޑުމެން ވަދެ، ކުޅިވަރުންވެސް އަޅުގަނޑުމެން އެބަޖެހޭ، އެ ހިތްހަމަޖެހޭފަދަ ގޮތަކަށް ކަސްރަތު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން.

ދެން ހަމަ އެއާއެކު އޮތީ، އަޅުގަނޑުމެންގެ ކެއިންބުއިމުގެ އާދަ. އާދެ، އަޅުގަނޑުމެން އެބަޖެހޭ، ޞިއްޙަތަށް ފައިދާހުރި ކާނާ ކާން. އަޅުގަނޑުމެން ކާމިޔާބަށް އެދޭނަމަ އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއްގައި ނުހިފޭނެ. އަޅުގަނޑުމެން ދޫކޮށްލަންޖެހޭނެ އެއްޗެތިތަކެއްވެސް ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އެންމެ މީރުވާ އެއްޗެތި ކޮންޓްރޯލް ކުރުމަކީ އެއީ، ފަހަރެއްގައި ހަމަ ކުރަންޖެހިދާނެ ކަމެއް.

ދެން، އަޅުގަނޑު ހަމަ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް، މިއަދު ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަންތައްތައް އަޅުގަނޑުމެން ކުރަން އެބަޖެހެޔޭ. މިގޮތަށް ދަންނަވަން މި ޖެހެނީ، ކުރީގައިވެސް ދެންނެވިފަދައިން، އަޅުގަނޑުމެންނަށް ރިޕޯޓުން ފެނިގެންދިޔަ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ ޙަޤީޤަތުގައި ވަރަށް ބޮޑު އަދަދެއް މިތިބީ، އަޅުގަނޑުމެންގެ ހަށިގަނޑުގެ ބަރުދަނާއި އިސްކޮޅާ ކަންތައްތަކަށް ބަލައިފި ކަމަށްވަންޏާ، މިންގަނޑަށްވުރެ ތަންކޮޅެއް އެއްފަރާތަށް ޖެހިފައި. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ވިސްނުމުގައި، ކުރިއަށް ގޮސްފިކަމަށްވަންޏާ، އާދެ، ފަސްއަހަރު ފަހުން، ކުރެވޭ މިފަދަ ސަރވޭއަކުން އަޅުގަނޑުމެންނަށް މިއަދު މި ކުރެވުނު، މި ފަސްއަހަރު ކުރެވޭ މަސައްކަތުގެ ނަތީޖާ ފެނިގެންދާނެ.

އަޅުގަނޑަށް އެނގޭ، މި ރިޕޯޓް އެކުލަވައިލުމުގައި، ވަރަށް ގިނަ ޖަމުޢިއްޔާތަކާއި އަދި ރާއްޖޭގެ ވަކިން ޚާއްޞަކޮށް، ހެލްތު ދާއިރާގެ ބޭފުޅުންގެ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވޭ. އަތޮޅުތަކަށް ދަތުރުކުރައްވާފައިވޭ. އަދި ހަމައެއާއެކު، ވަރަށްބޮޑު ހޭދައެއް މިކަމަށް ކުރައްވާފައިވޭ. ނަތީޖާއެއް ނުވަތަ އަޅުގަނޑުމެން މިފަދަ ރިޕޯޓެއް، ސަރވޭއެއް، އެނަލައިޒެއް ހެދުމުގެ ބޭނުމަކީ، އެކަމަކަށް އަޅުގަނޑުމެން ފޮލޯކޮށް، އެއަށްވުރެ ރަނގަޅު ދުވަހެއް ހޯދުމަށްޓަކައި ސްޓްރެޓަޖީތަކެއް ކަނޑައެޅިގެން، އެއަށް ފޮލޯ ކޮށްގެން މަސައްކަތްތަކެއް ކުރުން.

އެހެންވީމާ، އަޅުގަނޑު ހަމަ އެންމެހާ ބޭފުޅުންނަށް، ނިންމާލުމުގެ ކުރިންވެސް ހަމަ ދަންނަވާލަން އޮތީ، މި ރިޕޯޓުގެ ބޭނުން އަޅުގަނޑުމެން ހެޔޮގޮތުގައި ހިފުމަކީ، މި ރިޕޯޓަށް އަޅުގަނޑުމެން ބޯލަނބައި، ޞިއްޙީ ޚިދުމަތްތެރިންނާއި، އެ ފަންނުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިރުޝާދާއި، ލަފާގެ އަޅުގަނޑުމެން އަޑު އަހައި، ކަންތައްތައް ކުރުން.

އާދެ، އަޅުގަނޑު ދިވެހިރާއްޖޭގައި މި ދާއިރާ ކުރިއެރުވުމަށްޓަކައި، ހޭލުންތެރި ކުރުވުމަށްޓަކައި، މެދުކެނޑުމެއްނެތި، ވަރުބަލިކަމެއްނެތި، މަސައްކަތް ކުރައްވާ، އެންމެހާ ފަރާތްތަކަށް އިންތިހާއަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ދިވެހިންނަކީ، ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި اللّـه سبحـانـه وتعـالى ލެއްވުން. އަދި އަޅުގަނޑުމެން މި ރިޕޯޓުގެ މައްޗަށް ބިނާކޮށް ކުރާ މަސައްކަތް، ދުޅަހެޔޮ ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށްޓަކައި، ނަތީޖާތަކެއް ހާސިލުކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އެކަމުގައި ތައުފީޤު ދެއްވުން.

ވަޑައިގެންދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!

والسّــلام عليــكم ورحـمــة اللّــه وبـركاتـــه.