އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ދިވެހި ކޮންޓިންޖެންޓް ފުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބައިވެރިވެވަޑައިގެންފިއެވެ. މިރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދު ހެނދުނު އޮތް މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިނިވަން ފަންސާހުގެ އުފާވެރިކަން ފާހަގަކުރަމުންދާ ދުވަސްވަރެއްގައި މިނިވަން ފަންސާހުގެ ޙަރަކާތެއްގެ ގޮތުގައި ހިމެނިގެން އެތްލީޓުން އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއަށް ދަތުރުކުރާ ކުރުން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފަލެއްކަމަށާއި އަދި ހަމައެހެންމެ ދިވެހިރާއްޖޭގެ ފެންވަރުން މި ކުރެވެނީ ވަރަށް ބޮޑު މަސައްކަތްތަކެއް ކަމަށާއި، ކުޅިވަރަކީ ދިވެހިންނަށް އެހާ ބޮޑު އުފާވެރިކަމެއް ގެނެސްދޭ ކަމަކަށްވާއިރު، މިނިވަން ފަންސާހުގެ އުފާ، މި ކުޅިވަރުތަކުން ދިވެހިންނަށް ލިބޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ބޭރަށް ދާ އެންމެ ބޮޑު ކޮންޓިންޖެންޓާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ބައިނަލްއަޤްވާމީ މުބާރާތެއްގައި ހަވާސާގެ ތެރެއިން ނަމަވެސް ޓީމެއް ބައިވެރިވެވޭ ކަމަށްވަންޏާ، އެއީ ކޮންމެހެން އެހާ އުފާކުރަންވީ ކަމެއް ނޫންކަމަށާއި، ހަމައެއާއެކު، ކުޅިވަރު ކުޅެނީ ހަމައެކަނި ބައިވެރިވާން ނޫންކަމަށާއި ކުޅިވަރު ކުޅެނީ މޮޅުވާންކަމުގައެވެ. އަދި، ކުޅިވަރު ކުޅޭ ކަމަށްވަންޏާ ޢަޒުމެއް އޮންނަންވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ކާމިޔާބު ހޯދައިފި ނަމަ ކުޅުންތެރިންނަށް ސަރުކާރުން އޭގެ "ހަދިޔާ" ދޭއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ސަރުކާރަކީ ޒުވާނުންގެ ކުރިއެރުމަށް އަދި ޒުވާނުންގެ ތަރުބިއްޔަތަށް އެތަކެއް ކަމެއް ކޮށްދޭނެ ސަރުކާރެއްކަމަށާއި، އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވާން ކުޅުންތެރިން ތަމްރީން ހޯދަމުން ދިޔަ އިރު ދިމާވި ދަތިތައް ހައްލުކޮށްދޭން ސަރުކާރުން ވަގުތުން އެހީތެރިވެފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެތްލީޓުންނަށް ހިތްވަރުދެއްވަމުން، ރަނާއި ރިހިން ދިވެހީންގެ ރަންޔޫބީލް ގިރިޓީކުރަމުރަމުންދާ މިދަނޑިވަޅުގައި ކުޅިވަރުންވެސް މިކަންކޮށްދެއްވުމަކީ ދިވެހި ރައްޔިތުންގެ ހިނިތުންވުމަށް ކޮންޓިންޖަންޓުން ކޮއްދެއްވޭނެ އެންމެ ބޮޑުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލު ކުރާ ކޮންޓިންޖެންޓުގެ ވަފްދަށް ދިވެހިރާއްޖޭގެ ދިދަ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.