ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަރިހަށް، ޖަޕާނުގެ ސަފީރު މިސްޓަރ ކެނީޗީ ސުގަނޫމާ، އިޙްތިރާމުގެ ‏‏ޒިޔާރަތެއް ކުރައްވައިފިއެވެ.‏ މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ޖަޕާނުގެ ސަފީރު ކުރެއްވި އިޙްތިރާމުގެ ‏‏ޒިޔާރަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަ ކުރައްވައި، މިގުޅުން ކުރިއަށްއޮތްތާނގައި އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ޢައްޔަން ކުރެއްވުމާ ގުޅިގެން، ޖަޕާނުގެ ސަފީރު އެމަނިކުފާނަށް މަރްޙަބާ ވިދާޅުވިއެވެ. މިސްޓަރ ކެނީޗީ ސުގަނޫމާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖަޕާނުގެ ފަރާތުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްޤީއަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ޢާއިޝަތު އަޒީމާ ބައިވެރިވެވަޑައިގެންނެވިއެވެ.