ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، އިންޑިޔާގެ ހެލްތް މިނިސްޓަރ ޝްރީ ޖަގަތް ޕްރަކާޝް ނައްޑާ އިޙްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮންނަ ގާތް ގުޅުން އަބަދުވެސް އަގު ވަޒަންކުރައްވާނެކަމައް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމައް އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް، ސިއްޙީ ދާއިރާއިން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެޤައުމުގެ ބޭފުޅުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުވުމުގައި އިންޑިޔާގެ ހެލްތް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމާއި ފާގަތިކަމަށްޓަކައި، ދިވެހި ސަރުކާރާއެކު އިންޑިޔާ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ހެލްތް އިރްތިޝާމް އާދަމްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ ޤައްސާން މައުމޫންގެ އިތުރުން އިންޑިޔާއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާފައިވާ ސަފީރު އަޚްމަދު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިޔާގެ ހެލްތް މިނިސްޓަރ ޝްރީ ޖަގަތް ޕްރަކާޝް ނައްޑާ ގެ އަރިހުގައި މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިންޑިޔާގެ ހެލްތް މިނިސްޓަރގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.