ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ދިވެހިރާއްޖޭގެ ގައިޑުންނަށް ދެއްވާ އެންމެ ޝަރަފުވެރި ބެޖް "ޕްރެޒިޑެންޓްސް ބެޖް"، ތިން ގައިޑަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ދެއްވައިފިއެވެ.

މިފަހަރު ބެޖު ޙާޞިލުކުރީ ހިރިޔާ ސްކޫލުގެ ދަރިވަރު، ސ.ހިތަދޫ ލާޖުވަރުދީ މަރިޔަމް ރިމްޝާ ސުހައިލާއި، އަމީނިއްޔާ ސްކޫލުގެ ދެ ދަރިވަރުން ކަމުގައިވާ ހދ. ހަނިމާދޫ ރިލައިފް ފިރާޝާ މުޙައްމަދާއި، ސ.ހުޅުދޫ ޑެއިޒީވިލާ ރީމް ޒާހިރެވެ.

ބެޖް ދެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބެޖު ޙާޞިލުކުރި ދަރިވަރުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވިއެވެ. އަދި ބެޖު ޙާޞިލު ކުރުމަށްޓަކައި އެކުދިން ކޮށްފައިވާ މަސައްކަތް ފާހަގަކުރައްވަމުން، މިފަދަ އެވޯޑެއް ޙަވާލުކޮށްދެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަޚުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.