ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއިން ފަލަސްޠީނަށް ފަންނީ އެހީއާއި އެހީތެރިކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފަލަސްޠީނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ، ފަލަސްޠީނުގެ ރައީސާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލަކަށްވީތީ، މި ދާއިރާއިން ފަންނީ މާހިރުން ރާއްޖޭގައި އެބަތިބި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ފަލަސްޠީނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި، އެއްބާރުލުމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ފަލަސްޠީނު ރައްޔިތުންނާމެދު ބަހައްޓާ ގާތްކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ދެ ޤައުމުގެ ގުޅުން އިތުރު ދާއިރާތަކުން ފުޅާކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ދަނޑުވެރިކަމާއި ދަނޑުވެރިކަމާގުޅޭ އެހެން ދާއިރާތަކުން ފަލަސްޠީނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފަލަސްޠީނުގެ ރައީސްގެ އިތުރުން، ފަލަސްޠީނުގެ މިނިސްޓަރ ފޮރ ޑިޓެއިނީސް އެންޑް އެކްސް-ޑީޓެއިންޑް އެފެއާޒް ޢީސާ ޤަރާޤޭއާއި، މިނިސްޓަރ ފޮރ ރިލިޖަސް އެފެއާޒް ޑޮކްޓަރ މަޙްމޫދު ޙައްބާޝާވެސް އިއްޔެވަނީ ބައްދަލުކުރައްވާފައެވެ.