2012 ޑިސެމްބަރު 27ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 40 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި ސިޔާސީ ޕާޓީގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން އަލުން ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުއްވާފައެވެ.

(ހ) ސިޔާސީ ޕާޓީގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނެވުމަށް އަނބުރާ ފޮނުއްވާލައްވަން ޖެހިވަޑައިގަތީ، ރާއްޖޭގައި އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ރަޖިސްޓަރީވެ، ހިނގަމުން އަންނަ ގިނަ ޢަދަދެއްގެ ސިޔާސީ ޕާޓީތަކެއް، އެ ބިލު ތަޞްދީޤު ކުރުމުން ޤާނޫނަކަށްވެ ޢަމަލުކުރަންފެށުމާއެކު، ޕާޓީތަކާއި އެ ޕާޓީތަކުގެ މެންބަރުންގެ ކުށެއްނެތި، އުވިގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީއެވެ. މިގޮތަށް ދިމާވާއިރު، މި ދެންނެވި ޕާޓީތަކާއެކު ފައިސާގެ އެކިއެކި މުޢާމަލާތުތަކާއި އަދި ޤާނޫނީ މުޢާމަލާތުތައް ކުރައްވާފައިވާ 3 ވަނަ ފަރާތްތަކެއްގެ ޙައްޤުތަކެއްގެއްލި، އަދި އެޕާޓީތަކުގެ މެންބަރުންގެ ޙައްޤުވެސް، އެ ބިލު ތަޞްދީޤުކުރެވޭ ވަގުތުން ފެށިގެން ގެއްލިގެންދާނޭތީއެވެ. އަދި ޤާނޫނީ އޮނިގަނޑަށް ބަދަލެއްގެންނައިރު، ޤާނޫނީ އޮނިގަނޑާއެއްގޮތަށް ކަންކަންކުރުމަށް ފުރުޞަތެއްނުދީ، ޕާޓީތަކުގެ ޤާނޫނީ ހައިސިއްޔަތު ނެތިދާނޭ ފަދަ ގޮތަކަށް ޢަމަލުކުރުމަކީ ޢަދުލުއިންޞާފާއި ޤާނޫނުގެ ހަމަކަމުގައިވެސް ނުވާތީއެވެ. މީގެއިތުރުން، އެ ބިލުގައި، ރާއްޖޭގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީކުރެވޭނީ 10000 (ދިހަހާސް) މެންބަރުން ހަމަވެގެން ކަމުގައި ބަޔާންކުރެވިފައިވާއިރު، ސިޔާސީ ޕާޓީތައް އުފެއްދުމާއި ހިންގުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ހަމަކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤަކަށްވާއިރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެ ޙައްޤު ހަނިކުރެވޭނީ، މިނިވަން ޑިމޮކްރަޓިކް މުޖުތަމަޢުތަކުގައި އެ ޙައްޤު ނުވަތަ މިނިވަންކަން ހިފެހެއްޓޭނޭ ނުވަތަ ހަނިކުރެވޭނޭ ކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަމަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިބަޔާންކޮށްފައިވާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސިޔާސީ ޕާޓީތަކުގައި ތިބެންޖެހޭ މެންބަރުންގެ މަދު މިންވަރު، ކަނޑައަޅާފައިވަނީ ވަރަށް މަދު ޤައުމެއްގައިކަމާއި، ދުނިޔޭގެ އެންމެ އާބާދީ ބޮޑެތި ޤައުމުތަކުގެ ތެރޭގައިވެސް، މި ޢަދަދު 1000 (އެއްހާސް) އަށް އަރާފައިވަނީ ވަރަށް މަދު ޤައުމުތަކެއްގައި ކަމާއި، އެއްވެސް ޤައުމެއްގައި މި ޢަދަދު 5000 (ފަސްހާސް) އަށްވުރެ މައްޗަށް އަރާފައިނުވާއިރު، ރާއްޖެފަދަ އާބާދީ ކުޑަ ޤައުމަކަށް މިފަދަ ޢަދަދެއް ކަނޑައެޅުމަކީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤު ޤާނޫނުއަސާސީ ބަޔާންކުރާ ހަމަތަކަށްވުރެ ބޮޑަށް ހަނިކުރެވެނީކަމުގައިވާތީއެވެ. އަދި މިބިލު ތަޞްދީޤު ނުކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސުން އެދިވަޑައިގެންފައިވާތީއެވެ.

(ށ) ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލާމެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނައިވަޑައިގަތުމަށް އަނބުރާ ފޮނުއްވާލެއްވީ، އެ ބިލަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތައް ކަނޑައަޅައިދިނުމުގެ ބިލަކަށްވާއިރު، އެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މެންބަރުކަމުގެ ވާޖިބު އަދާކުރެއްވުމަށް ބޭނުންވާ އިމްތިޔާޒުތަކުގެ އިތުރުން، މަޖިލީހުގެ މެންބަރުންނާއި ޢާއިލާއަށް ލިބިދެވޭ ޢިނާޔަތްތައް ކަނޑައަޅާ ޤާނޫނަކަށްވެފައި، އެ ގޮތުން ޤާނޫނުން ހަމަޖައްސައިދީފައިވާ ޢިނާޔަތްތަކުގެ ތެރޭގައި އެބޭފުޅުންގެ އަނބިކަނބަލުން/ފިރިކަލުން/ދަރިކަލުން/ނުވަތަ ދަރިކަނބަލުންނަށް ކަނޑައަޅާފައިވާ ޢިނާޔަތްތަކާއި، މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ މެންބަރުކަން ނިމުމަކަށް އައުމުން ލިބިވަޑައިގަންނަވާ ޢިނާޔަތްތަކާއި، އެމަޖިލީހުގެ އަމީންޢާންމަށް ލިބިވަޑައިގަންނަވާ ޢިނާޔަތްތައް ހިމެނޭއިރު، މިފަދަ ޢިނާޔަތްތަކަކީ، އޭގެ ޒާތުގައި ޤާނޫނެއްގައި ކަނޑައަޅޭނޭ ކަންކަންކަމުގައިވީ ނަމަވެސް، އެއީ ބިލުގެ މަޤްޞަދު ކަމުގައި ކަނޑައަޅާފައިވާ އިންތަކުން ބޭރުކަންތައްތައް ކަމުގައިވާތީއެވެ. ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހަށް ހަމަ ކޮންމެ މީހަކުމެ ހާޒިރުވާން ޖެހޭ ކަމަށާއި، އެ މަޖިލީހަށް ޙާޟިރުވާ މީހަކު، "އެމީހަކަށްއެނގޭ އެންމެ ރަނގަޅަކަށް ތެދުބަހުން" ޖަވާބުނުދީފިނަމަ، އެއީ ޖިނާއީ ކުށެއްކަމުގައި ކަނޑައަޅައި، އެމީހަކު ޖޫރިމަނާކޮށް އެމީހަކަށް 3 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ ޖަލު ޙުކުމެއް ކަނޑައަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް މީހުން ޙާޟިރުކޮށް ކަންކަން ބެލުމަކީ، ޤާނޫނުއަސާސީއާއި ޤާނޫނުގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، ދައުލަތުގެ އެހެން ބާރުތަކާއި މުއައްސަސާތަކަށް ލިބިދީފައިވާ ޙައްޤުތަކާއި އިމްތިޔާޒުތަކާއި ބާރުތަކާއެކު، ހިނގަންޖެހޭ ކަންކަންކަމާއި، މިއިން އެއްވެސް ބާރަކީ މުޠުލަޤު ބާރަކަށް ނުވުމުން، މިގޮތަށް މި ޤާނޫނު ތަޞްދީޤުކޮށްފިނަމަ، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، ދައުލަތުގެ އެހެން ބާރުތަކާއި މުއައްސަސާތަކަށް ލިބިދީފައިވާ ޙައްޤުތަކެއް ގެއްލޭތީއާއި ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތަކާއި ހަމަތައް ގެއްލޭ ހިނދު؛ މިއީ ޤާނޫނީގޮތުން ކުރެވޭނޭ ކަމަކަށްވާނޭ ކަމަށް ފެނިވަޑައިނުގަންނަވާތީއާއި، މިފަދަ ކަމެއްގެ ތެރެއިން އެއްވެސް ފަރާތަކަށް ޖިނާއީ ޙުކުމެއް ކުރެވި، ޖަލުގެ އަދަބު ލިބުމަކީ އިންޞާފު ކަމުގައި ނުވަތަ ޤާނޫނުގެ ހަމަކަމުގައި ނުވާތީއެވެ.

މި ދެބިލުވެސް ތަޞްދީޤު ނުކުރައްވައި އަލުން ވިސްނާވަޑައިގެންދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އަނބުރާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ، މިދެންނެވި ޤާނޫނީ މައްސަލަތަކާބެހޭގޮތުން ބަންޑާރަނައިބު ދެއްވާފައިވާ ތަފުޞީލީ ޤާނޫނީ ލަފައިގައިވާ ހުރިހާ ކަމެއް ހިމެނުއްވުމަށްފަހުގައެވެ. އެހެން ނަމަވެސް، މިދެންނެވި ކަންކަން މިހެން ހުއްޓާވެސް، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން މި ދެ ބިލު އަލުން ފާސްކުރައްވާފައިވާތީ، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މި ދެބިލު ތަޞްދީޤުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެއް ކަމުގައިވާތީ، މި ދެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ. އަދި މި ދެ ބިލުގައިވާ ޤާނޫނީ މައްސަލަތައް ޙައްލުކުރެއްވުމަށް ޤާނޫނީގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް ބަންޑާރަނާއިބުގެ އޮފީހުން ކުރިއަށް ގެންދަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.