ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް ޢަލީ ރޭ މެންދަމުގެ ވަގުތެއްގައި ވަރަށް އަނިޔާވެރި، ރަޙުމްކުޑަ ގޮތެއްގައި އަވަހާރަކޮށްލި ޚަބަރު އަޅުގަނޑަށް ލިބުނީ ފުން ހިތާމައާއި އަސަރާއެކުގައެވެ. މިޢަމަލަކީ، އަނިޔާވެރިކަމާއި، ރަޙުމްކުޑަކަމުގެ ހަޑިމުޑުދާރު، ދަށު ދަރައިޖައިގެ ޢަމަލެކެވެ. އަދި، މިޢަމަލު، އެންމެ ހަރުކަށި ޢިބާރާތުން އަޅުގަނޑު ކުށްވެރިކުރަމެވެ. މިޖަރީމާ ހިންގި ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރެވޭނެއެވެ.

ފުން ހިތާމައިގެ މިދަނޑިވަޅުގައި، މަރްޙޫމް އަފްރާޝީމް ޢަލީގެ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢްޒިޔާ ދަންނަވަމެވެ. ހިތާމައިގެ މިވަގުތުގައި، މަރްޙޫމްގެ ޢާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މި ފުރުޞަތުގައިވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

މާތްﷲ، މަރްޙޫމް އަފްރާޝީމް ޢަލީގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށިއެވެ. އާމީން.