ކޮމަންވެލްތްގެ ޤައުމުތަކުގައި ހިނގާ މައްސަލަތައް ބެލުމަށްޓަކައި، ކޮމަންވެލްތް ގެ މުއައްސަސާގެ ތެރޭގައި ހިމެނޭ، ކޮމަންވެލްތްގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާއިން ރާއްޖޭގެ މައްސަލަ ނެގުމާ ގުޅިގެން، މިކަން ވާނީ ހަމަ އިއްޔެ ދިވެހި އެންމެހާ ރައްޔިތުންނަށް ދިވެހި ސަރުކާރުން އޮޅުން ފިލުވައިދީފައެވެ. ނަމަވެސް، އިއްޔެގެ ވަގުތެއްގައި ސީމެގްގެ މެންބަރު ޤައުމެއްކަމުގައިވާ، ކެނެޑާގެ ފޮރިން މިނިސްޓްރީގެ ފަރާތުން ވަނީ، ރާއްޖެ އަދިވެސް ސީމެގްގެ ރަސްމީ އެޖެންޑާގައި އޮތްކަމަށް އިޝާރާތްކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. ވުމާއެކު، މިމައްސަލައިގައި ދިވެހި ރައްޔިތުންނަށް ކަން ހިނގާފައިވާ ގޮތް ސާފުކޮށްދިނުމުގެ ގޮތުން، އަންނަނިވި ކަންކަން ހާމަކުރަމެވެ.

(ހ) ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނާފައިވާ ހިމެނުން އިއްޔެ ބޭއްވުނު ސީމެގްގެ ޖަލްސާގައި ނިމުމަކަށް ގެނެސް، ރާއްޖެ ސީމެގްގެ ޖަލްސާތަކުގެ “matters of interest” ނުވަތަ ޖަލްސާގެ ޝައުޤުވެރިކަން ހުރި ކަންކަމުގެ ތެރެއަށް ބަދަލުކުރެވިފައިވާކަން. ސީމެގްގެ ކަންކަން ހިނގާ ގޮތުގެ އުޞޫލުތަކަށް ބަލާއިރު، މިގޮތަށް ހަމަޖެހުމުން، ރާއްޖެއާބެހޭ އެއްވެސް ކަމެއް ވަކި މައްސަލައެއްގެ ގޮތުގައި ނުވަތަ ވަކި އެޖެންޑާ އައިޓަމެއްގެ ގޮތުގައި ސީމެގްގައި މަޝްވަރާ ކުރެވިގެން ނުދާނޭކަމާއި، ރާއްޖެއާ ބެހޭގޮތުން، އެއްވެސް މަޝްވަރާއެއް ކުރެވޭނީ، ސީމެގް ރަސްމީ އެޖެންޑާގައި ނުހިމެނޭ ޤައުމުތަކެކޭވެސް އެއްފަދައިންކަން.

(ށ) ރާއްޖެ، ސީމެގްގެ ރަސްމީ އެޖެންޑާގައި 22 ފެބްރުއަރީ 2012 ގައި ހިމެނުމާ ގުޅިގެން، ސީމެގްގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ސީމެގްގެ ޖަލްސާތަކުގައި ބައިވެރިނުވެވޭނޭ ގޮތަށް އޮތްއޮތުންވެސް އިއްޔެގެ ޖަލްސާގައި ނިމުމަކަށް އައިސް، ސީމެގްގެ ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި ރާއްޖެއަށް ބައިވެރިވެވޭނޭކަން.

(ނ) ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މަސައްކަތް ފާހަގަކޮށް، މިމަސައްކަތުގައި ކޮމަންވެލްތްގެ ފަރާތުން އެއްބާރުލުން ދެއްވައި، އެހީތެރިކަން ދެއްވުމަށް ނިންމަވާފައިވާކަން.

(ރ) ސީމެގްގެ ރަސްމީ އެޖެންޑާގައި، އެއްވެސް ޤައުމެއް ހިމެނުމަކީ، ސީމެގްގެ ވަކި އުޞޫލުތަކެއްގެ ތެރެއިން ކުރެވޭ ކަމެއްކަމާއި، އަދި ސީމެގްގެ ރަސްމީ އެޖެންޑާގައި ޤައުމެއް ހިމެނިއްޖެނަމަ އެއީ ވަކި ޤާނޫނީ ޙާލަތަކަށް އެޤައުމެއް ވާސިލުވުމުންކަމާއި، އަދި ޤައުމެއް ސީމެގްގެ އެޖެންޑާއިން ނެގުމަކީ އެޤައުމުގެ މިދެންނެވި ޤާނޫނީ ޙާލަތު ބަދަލުވެގޮސް، އެޤައުމު ކުރީގައި އޮތް ޙާލަތަށް ގެންދެވޭ ހަމައެއްކަމަށްވާކަން.

(ބ) ސީމެގްގެ ރަސްމީ އެޖެންޑާގައި ޤައުމެއް ހިމެނޭނީ، އެޖެންޑާގައި ހިމެނޭނޭ ފަދަ ޙާލަތެއް މެދުވެރިވެގެންކަމާއި، ސީމެގްގެ ރަސްމީ އެޖެންޑާއިން ޤައުމެއް ނެގުމަށްފަހު، (ޝައުޤުވެރިކަން ހުރި މައްސަލަތަކުގެ) ތެރޭގައި އެޤައުމަކާ ބެހޭގޮތުން މަޝްވަރާކުރި ނަމަވެސް، އެއީ ސީމެގްގެ ރަސްމީ އެޖެންޑާގައި ޤައުމެއް ހިމެނޭނޭ ޙާލަތެއް ނޫންކަން.

ކެނެޑާގެ ފޮރިން މިނިސްޓްރީގެ ބަޔާނާ ގުޅިގެން، ދިވެހި ސަރުކާރުގެ ފަރާތުންވަނީ، ކޮމަންވެލްތްގެ ސެކްރެޓޭރިއަޓާ ގުޅައިގެން މަތީގައިވާ ކަންކަން ޔަޤީންކޮށްފައެވެ.