ސަރުކާރުން ހިންގާ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރަމުން ގެންދަނީ، ސަރުކާރުން ވަރަށް ބޮޑެތި ދިރާސާތަކެއްކޮށް، މި ދިރާސާތަކުގެ ނަތީޖާއަށް ބަލައި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާވެސް ހޯދުމަށް ފަހުގައެވެ. މިގޮތުން އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގައި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދޭ އެއްކަމަކީ، އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ރުހުމުގައި އެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމެވެ.

އެހެންކަމުން، ސަރުކާރުން މިހާރު ހިންގާ ޕްރޮގްރާމްގެ ދަށުން، އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރާއިރު، ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލު ސަރުކާރުން ހޯދާނެކަމާއި، ރައްޔިތުންގެ އަޣުލަބިއްޔަތު އޮތް ގޮތަކަށް މެނުވީ އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭނެ ވާހަކަ ދެންނެވީމެވެ.