މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޝަހީދު އާދަމް ޙަލީމް، ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޑިއުޓީއަށް ދަނިކޮށް، ރޭ މެންދަމު އޭނާއަށް ތޫނު އެއްޗަކުން ޙަމަލާދިން ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމައާއި އަސަރާ އެކުގައެވެ. މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި، މަރްޙޫމް ޝަހީދު އާދަމް ޙަލީމްގެ ޢާއިލާއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. އަދި ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވައި، ޢާއިލާއަށް މި ލިބުނު ފުން ހިތާމައަށް ކެތްކުރުމުގެ ހިތްވަރު، އެ ޢާއިލާއަށް މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. ހަމައެއާއެކު، ކޮމިޝަނަރ އޮފް ޕޮލިސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ.
ރާއްޖޭގެ އަމަން ބަލަހައްޓަން ތިބޭ ފަރާތްތަކަށާއި، ޢާންމު ރައްޔިތުންނަށް ޙަމަލާދިނުމަކީ އެއްގޮތަކަށްވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާއި، މިފަދަ ޢަމަލުތައް ހިންގުމަށް ގޮވާލައި ހިތްވަރުދޭ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް، އެމީހުންނަށް ޙައްޤު އަދަބު ދިނުމަކީ، ސަރުކާރުން ފަސްޖެހޭނެ ކަމެއް ނޫންކަމުގެ ޔަޤީންކަން، މި ފުރްޞަތުގައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ. ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށްވުމާއެކު، މިފަދަ ޢަމަލުތައް ހިންގާ ކޮންމެ ފަރާތަކާ ދޭތެރޭގައިވެސް ޤާނޫނުގައި ދެވޭ އެންމެ ހަރުކަށި އަދަބު ދިނުމަށް ޢަދުލު އިންޞާފް ޤާއިމްކުރާ ހުރިހާ މުއައްސަސާތަކަށް މިފުރްޞަތުގައިވެސް އަޅުގަނޑު ގޮވާލަމެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މި ފުރުޞަތުގައިވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.
މާތްﷲ، މަރްޙޫމް ޝަހީދު އާދަމް ޙަލީމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށިއެވެ. އާމީން.