بســم اللّـه الرّحمـن الرّحيــم

ދައުލަތުގެ ވަޒީރުން، ފުނަދޫގެ ކައުންސިލް މެންބަރުންނާއި އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

ރާއްޖޭގެ ރަށްތަކުގެ ނަރުދަމާގެ ނިޒާމާއި ފެނުގެ ނިޒާމު ޤާއިމު ކޮށްދިނުމަކީ، މި ރާއްޖެއަށް ނުހަނު ބޭނުން ބޮޑު ކަމެއް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި، އަސާސީ ޙައްޤުތަކުގެ ތެރޭގައިވާ އެއް ޙައްޤެއް އެއީ، ރައްޔިތުންނަށް ނަރުދަމާގެ ނިޒާމު ފޯރުކޮށްދިނުން. ކުށުގެ ތުހުމަތުން ބަރީޢަވުމަށްޓަކައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުންވެސް އެއީ ހަމަ އަސާސީ ޙައްޤެއް. އަދި ހަމައެހެންމެ، ނަރުދަމާގެ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީވެސް އަސާސީ ޙައްޤެއް. ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މި ދެންނެވި ޙައްޤުތައް އަދި މި ދެންނެވި މަސްއޫލިއްޔަތުތައް ސަރުކާރަށް ވީ އެންމެ ފުރިހަމަ މިނެއްގައި އަދި ސަރުކާރަށް ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ.

ފޮނަދުއަކީ ރާއްޖޭގައި މީހުން ގިނަ ރަށްތަކުގެ ތެރެއިން ރަށެއް. މިރަށުގެ ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރުމުގެ ބޭނުންތެރިކަން ސަރުކާރަށް ވިސްނިފައި އޮންނަތާ ދުވަސްތަކެއްވެއްޖެ. މި ސަރުކާރުގެ ކުރީގައި، މި ނަރުދަމާގެ ނިޒާމްގެ މަސައްކަތް އޮތީ ނުހިންގިފައި. އެހެންނަމަވެސް، ސަރުކާރު ބަދަލުވުމާއެކުގައި، ނަރުދަމާގެ ނިޒާމެއްގެ ބޭނުންތެރިކަން، ތިޔަ ރައްޔިތުން މި ސަރުކާރަށް ފާހަގަކޮށްދެމުން އަންނަތާ ދުވަސްތަކެއްވެއްޖެ. އަޅުގަނޑުމެން، ސަރުކާރު ހިންގުމާ ޙަވާލުވިއިރު، ފޮނަދޫގައި ޤާއިމްވެފައި ހުރި ޕްރޮޖެކްޓްގެ އޮފީހެއް. ދެން އަޅުގަނޑުވެސް ކޮންމެވެސް މިންވަރަކަށް ސާފުވޭތޯ ބެލިން، އެއީ ކޮންކަމެއް ކުރަން ޤާއިމް ކުރެވިފައި ހުރި އޮފީހެއްތޯ.

އަޅުގަނޑުމެންނަށް ހިތްވަރެއް ލިބުނު އެ އޮފީހުގެ ނަން ފެނުނީމާ. އޭގައި އޮތް، މިވެނި ޕްރޮޖެކްޓް ކަމަށް. އެހެން ނަމަވެސް، އެ އޮފީހުން މެދުވެރިވެގެން، ނަރުދަމާ ނިޒާމެއް ޤާއިމް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ހަމަޖެހިފައި ނެތީތީވެ، އެ އޮފީސް މެދުވެރިކޮށް، ނަރުދަމާ ނިޒާމެއްގެ ކަންތައް ކުރިއަކަށެއް ނުގެންދެވުނު. ސަރުކާރުން އެހެންވީމާ، ޤަޞްދުކުރީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ލޯނެއް ނަގަން. އަޅުގަނޑު ކުޑަކޮށް ފާހަގަކޮށްދޭން ބޭނުން، މި ލޯނާ ގުޅޭގޮތުން ދެނުކުތާ.

އެއް ނުކުތާއަކީ، އެއްވާހަކައަކީ، ތިޔަބޭފުޅުންނަށް އަޑުއިވެމުންދާނެ، ވާދަވެރި ފަރާތްތަކުން ދިވެހި ސަރުކާރުގެ ދަރަނި ބޮޑުވެފައި އޮތް މިންވަރު. ޤައުމެއްގެ ދަރަނި މި ގެންގުޅެންޖެހެނީ، ބޭރު ޤައުމުތަކަށް ދަރާފައިވާ މިންވަރު ދަރަނީގެ ގޮތުގައި ގެންގުޅުން ބުއްދިވެރިކަމަށް، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މި ބުނަނީ، އެ ޤައުމެއްގެ ޤައުމީ އުފެއްދުންތެރިކަމުގެ 50 ޕަސެންޓަށްވުރެ މައްޗަށް އެއްވެސް ބައެއްގެ ދަރަނި ގެންދިޔުމަކީ ރަނގަޅު ކަމެއް ނޫނޭ. އަޅުގަނޑުމެންގެ ދަރަނީގެ މިންވަރަކީ މިހާރު އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަމުގެ 40 ޕަސެންޓް. އެހެންވީމާ، މިއަހަރުގެ ބަޖެޓްގައި ދެން އޮތް ބައި، އަޅުގަނޑުމެންގެ ދަރަނި އަދި އިތުރަށް އުފުލަން ސަރުކާރުން ނިންމީ، މިހާރުން މިހާރަށް ރާއްޖޭގެ ކިތަންމެ ރަށެއްގައި ކުރާންހުރި ބައިވަރު ކިތަންމެ ކަމެއްހުރީތީ. މިސާލަކަށް، މި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަށް އެބަދޭ، ދެމިލިއަނެއްހާ ޑޮލަރު. ދެމިލިއަން ޑޮލަރަކީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ދިވެހި ސަރުކާރުން ނަގާފައިވާ ލޯނެއް. އެ ލޯނު އަނބުރާ ދައްކާނީ، ހަމަ ދިވެހި ރައްޔިތުން. އެއްވެސް ހާލެއްގައި އެއީކީއެއް، އެއްވެސް ބަޔަކު ދިވެހި ރައްޔިތުންނަށް ދީފައިވާ އެއްޗެއް ނޫން.

ލޯނުގެ ވާހަކަ ދައްކާއިރުގައި އަޅުގަނޑުމެން، ބައެއްފަހަރަށް ލޯނު، އެހީގެ ގޮތުގައި މި ދައްކާ ސަބަބެއް އަޅުގަނޑަށް އޮންނަނީ މާބޮޑަށް ސާފުނުވެވިފައި. ލޯނެއް ނެގުމަކީ ޙަޤީޤަތުގައި، އެ ލޯނު ދޭ މީހާއަށް ފައިދާވާ ކަމެއް. ފަރާތްތަކުން ލޯނު މި ދޫކުރަނީ، ދިގު ޒަމާނުގައި ބެހެއްޓޭނެ ފައިސާ، އެ ފަރާތްތަކުގައި ބާކީވެފައި ހުންނާތީވެ. އެ ފައިސާގެ އިންޓްރެސްޓްގެ ފައިދާއެއް ނަގަން. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކަކީ، ބައިނަލްއަޤްވާމީ ތަރައްޤީގެ ބޭންކެއް. ޚާއްޞަކޮށް، އޭޝިޔާގެ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކަށް އެހީތެރިވެދޭ ބޭންކެއް. ސަރުކާރުން މި ބޭންކް މެދުވެރިކޮށް، މި ލޯނެއް ނެގުމަށްފަހުގައި، މިރަށުގެ ނަރުދަމާގެ މަސައްކަތް އިރާދަކުރައްވައިގެން މިހާރު މިވަނީ ނިންމާލެވިފައި. މިދިޔަ އަހަރު މި މަސައްކަތް ފެށުނީ. މިރަށުގެ ނަރުދަމާއާއި އަދި މަހިބަދޫގެ ނަރުދަމާއާ، މިދެރަށުގެ ނަރަދަމާއަކީ، މިދެންނެވި ލޯނުގެ ތެރެއިން ހަމަޖެހިފައިވާ ދެ ނަރުދަމާ. އަދި ދެ ނަރުދަމާވެސް ޓެންޑަރުގެ އުޞޫލުން ބީލަމަށް ހުޅުވާލުމުން، ބީލަން ކާމިޔާބު ކުރީ ޖަޕާނުގެ ކުންފުންޏަކުން. ޖަޕާނުގެ އެ ކުންފުނިން މިހާރު މިވަނީ ވަރަށް ފުރިހަމައަށް މިމަސައްކަތް ކޮށް ނިންމާފައި. އަޅުގަނޑަށް މި މަސައްކަތް ބަލައިލުމަށް، މަހިބަދޫގެ ނަރުދަމާގެ މަސައްކަތް ގޮސްފައި އޮތް މިންވަރު ވަރަށް ބޮޑަށް ސާފުވެގެންދިޔަ. އަޅުގަނޑަށް ޔަޤީން، މިރަށުގެ ނަރުދަމާގެ މަސައްކަތްވެސް ހަމަ އެހާމެ ފުރިހަމައަށް ނިމިފައިވާނެކަން.

ރާއްޖޭގެ ރަށްތަކުގެ ފެނާ ގުޅޭގޮތުން އަދި ޚާއްޞަކޮށް، ނަރުދަމާއާ ގުޅޭގޮތުން މި ސަރުކާރަށް އެންމެބޮޑު އެހީތެރިކަމެއް ވެދެއްވާ ސަރުކާރުގެ މިނިސްޓްރީއަކީ އެންވަޔަރަންމަންޓް މިނިސްޓްރީ ނުވަތަ ހައުސިންގ މިނިސްޓްރީ. އަޅުގަނޑު މިވަގުތު ޝަހީދާ އާދަމަށް މިކަމުގައި ނުހަނު ޝުކުރު ދަންނަވަން ބޭނުން. އެބޭފުޅާއަކީ ނަރުދަމާއާ ގުޅޭގޮތުން ނުވަތަ ނަރުދަމާގެ ނިޒާމާ ގުޅޭގޮތުން މަތީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ރާއްޖޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅެއް. ނުހަނު ބުރަ މަސައްކަތް، މިހުރިހާ ރަށެއްގެ ނަރުދަމާއާ ގުޅޭގޮތުން އަބަދުމެ ކުރައްވާ. އަޅުގަނޑުމެން އަބަދުވެސް ޝަހީދާ އަރިހުން އެދެނީ، ކުޑަ މުއްދަތެއްގެ ތެރޭގައި، ގިނަ މަސައްކަތްތަކެއް ކޮށްދެއްވުމަށް. ކޮންމެފަހަރަކުވެސް އަޅުގަނޑަށް ފެނިފައި ހުންނަނީ، މި މަސައްކަތްތައް އެބޭފުޅުން ވަރަށް ފުރިހަމައަށް އަދި ވަކިން ޚާއްޞަކޮށް، ޝަހީދާ، އެ މަސައްކަތް ކުރައްވާފައިވާތަން. އަޅުގަނޑު އެކަމަށްޓަކައި ޝަހީދާއަށް ނުހަނު ޝުކުރު ދަންނަވަން.

ފޮނަދޫގެ ރައްޔިތުންގެ ނަރުދަމާގެ ނިޒާމުގެ އިތުރުންވެސް، މިތަނުގައި ފެނުގެ ކަންތައް ހަމަޖެހޭތޯ ސަރުކާރުން މިގެންދަނީ ވަރަށް ބޮޑަށް ބަލަމުން. އިރާދަކުރެއްވިއްޔާ، ހަމަ މިއަހަރުގެ ތެރޭގައި، ސަރުކާރުން ބަލާނަން، މިރަށުގެ ފެނަށްވެސް ކޮންމެވެސް ޙައްލެއް ސަރުކާރުން ފޯރުކޮށްދެވޭތޯ. ހަމައެއާއެކީގައި، ފޮނަދޫގެ މަގު އަދި ފޮނަދޫގެ ތަރައްޤީއަށް ބޭނުންވާ އެހެން ކިތަންމެ ކަމެއްވެސް ސަރުކާރުން މިއަންނަނީ ވިލަރެސް ކުރަމުން. އިރާދަކުރެއްވިއްޔާ، މިރޭ އަޅުގަނޑުމެންނަށް ފޮނަދުއަށްވެސް އަދި މި ލ. އަތޮޅަށްވެސް ހުރި ހުރިހާ ކަމެއްގެ ވަރަށް ތަފްޞީލީ މަޢުލޫމާތު، ތިޔަބޭފުޅުންނަށް ފޯރުކޮށްދެވޭތޯ ބަލާނަން.

މިރޭ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން އިފްތިތާޙުކުރާ އެއް މަޝްރޫޢަކަށްވާނެ، ފޮނަދޫގެ ކަރަންޓްގެ ޚިދްމަތް، މި އިޢާދަކުރަނިވި ހަކަތައިން ދެވޭނެ ގޮތަކަށް ހަމަޖެއްސުމުގެ ޕްރޮޖެކްޓެއް ފަށައިގަތުން. މިދެންނެވި ޕްރޮޖެކްޓަކީ، ޑެންމާކް ސަރުކާރުގެ އެހީގައި، އދ. ޔޫ.އެން.ޑީ.ޕީ. އޮފީސް މެދުވެރިކޮށްގެން ހިންގޭ ޕްރޮޖެކްޓެއް. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ފަހަރެއްގައި ހަނދާންވެދާނެ. ކޯޕަންހޭގަންގައި 2009 ވަނަ އަހަރު އަޅުގަނޑުމެން މަސައްކަތް ކުރިން. އަދި އެތަނުގައި ދުނިޔޭގެ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އޮތް ބައްދަލުވުމެއްގައި އަޅުގަނޑަށް ޑެންމާކް ސަރުކާރުގެ ބޮޑުވަޒީރާ ބައްދަލުވުމުގެ ފުރްޞަތު ލިބުނީތީވެ، އެ ބޮޑުވަޒީރު އަރިހުގައި އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން ވަރަށް އެދެމޭ، ރާއްޖޭގައި އެއް ބައްރަށް އޮންނަ އަތޮޅުތައް، ރަށްރަށް މި ލ. އަތޮޅަކީ. އަޅުގަނޑު އޭނާއަށް ލ. އަތޮޅުގެ ޗާޓެއް ދެއްކިން. އަދި އިރާދަކުރައްވައިގެން މިހާރު މިވަނީ މިއަތޮޅަށް ނުހަނު ބޮޑު ޚަރަދު ކުރުމަށްޓަކައި ޑެންމާކް ސަރުކާރުގެ އެހީގައި ރަނގަޅު ޕްރޮޖެކްޓެއް އެކުލަވައިލެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިތަނުގެ ކަރަންޓްގެ ހުރިހާ ކަމެއް އަދި ނަރުދަމާގެ ކަންތައްތައްވެސް އަދި ފެނުގެ ކަންތައްތައްވެސް އަދި ތަޢުލީމުވެސް، ޞިއްޙަތުވެސް، މަގުތައްވެސް، މުނިފޫހިފިލުވުންވެސް، ކުޅިވަރުވެސް. ތަރައްޤީއަށް މިބޭނުންވާ ގިނަގުނަ ކަންކަން ކުރުމުގެ މަޝްރޫޢުތައް ނުވަތަ ކުރުމުގެ ޕްލޭންތައް، ސަރުކާރަށް މިހާރު މިވަނީ އެކުލަވާލެވިފައި. އަދި އެކަންކަން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފައިސާވެސް މިވަނީ ސަރުކާރަށް ހޯދިފައި. މިރަށުންވެސް، މިއަތޮޅުންވެސް ކިތަންމެ ޒުވާނުންނެއް، ކިތަންމެ ބޭފުޅުންނެއް އެނގިވަޑައިގަންނަވާނެ، ދާދިފަހުންވެސް ރަށްރަށުގައި ބައްދަލުވެ، އެ މަޝްރޫޢުތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުންވަނީ ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި. އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖޭގެ މި ރަށްތައް ތަރައްޤީވެދިޔުން. ތިޔަބޭފުޅުންގެ ދިރިއުޅުމުގެ ޙާލަތު، މިހާރަށްވުރެ ރަނގަޅުވުން. ތިޔަބޭފުޅުންގެ އާމްދަނީ އިތުރުވެގެންދިޔުން. ތިޔަބޭފުޅުންނަށް އުފާފާގަތިކަން ލިބުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.