بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 3 ފެބްރުއަރީ 2012 ވީ ހުކުރު ދުވަސް. މާދަމާއަކީ، ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަސް. ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑު މި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ދަންނަވަން. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް އަޅުގަނޑު މި މުނާސަބަތުގައި ތަހުނިޔާ އަރިސްކުރަން.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން ބޭނުންވަނީ، މިދުވަސްކޮޅު ދިވެހިރާއްޖޭގޭ ވެރިރަށް މާލޭގައި، ރޭގަނޑު މަދުބަޔަކު ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އަމަންއަމާންކަން ހީނަރުވަމުންދާ މައްސަލަތަކާ ބެހޭގޮތުން.

ޝައްކެއްނެތް، މަދުބަޔަކު، އެބައިމީހުންގެ ސިޔާސީ މަޤްޞަދުތަކެއް ޙާޞިލް ކުރުމުގެ ބޭނުމުގައި، ތަންތަނަށް އެއްވެ، ސިލްސިލާ މުޒާހަރާއެއްގެ ނަމުގައި، ވަރަށްގިނަ ރައްޔިތުންތަކަކަށް ގޯނާކޮށް އުނދަގޫވާގޮތަށް ކަންކަން ދަނީ ކުރަމުން. އަދި ދައުލަތުގެ މުދަލަށް އަރައިގަނެ، މާރާމާރީ ހިންގުންވެސް މިވަނީ ނުރައްކާ ފައްތަރަކަށް މިއަދު ގޮސްފައި. މިކަމަކީ އަޅުގަނޑު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމެއް. އަދި އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއަޅައި، މާލޭގެ އަމަންއަމާންކަން ހޯދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނަން.

ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލެއަކީ، ނުރައްކާތެރި ބިރުވެރި ތަނަކަށްވާކަށް ހަމަ އެންމެ ދިވެހި ރައްޔިތަކުވެސް ނޭދޭނެކަން އަޅުގަނޑަށް ޔަޤީން ކަށަވަރު. 11 ނޮވެމްބަރ 2008 ގައި ސީދާ ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި ފެށުމާ ޖެހެންދެން، މިރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮތީ ޤާނޫނީގޮތުން ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ނިގުޅައިގަނެ، އަމިއްލަ މަޞްލަޙަތަށް މަސައްކަތް ކޮށްފައިވާ ވެރިކަންތަކެއް. ނަމަވެސް، މިއަދު ރާއްޖޭގައި އަޅުގަނޑުމެން ޤާއިމްކުރަން މަސައްކަތް ފަށާފައިވަނީ، ސީދާ ރައްޔިތުންގެ ޙިއްޞާ އެކުލެވިފައިވާ ޒަމާނީ ޑިމޮކްރެޓިކް ވެރިކަމެއް.

ވެރިކަމުގެ ތިންބާރު މިއަދު މިވަނީ ވަކިވެ މިނިވަންވެފައި. ވެރިކަންކުރާ ފަރާތް ނުވަތަ ވެރިން މިއަދު މިވަނީ، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރެވިފައި. ޤާނޫނުހަދާ މަޖިލިސްވެސް މިއަދު މިވަނީ، ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާފައި. ނަމަވެސް، ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރު އަދިވެސް އޮތީ ވަކިގޮތަކަށް ސީދާ ރައްޔިތުންގެ ޙިއްޞާނުވާގޮތަށް، ހަމަ ކުރީގައިވެސް ބައްޓަން ކޮށްފައިވާ ގޮތަށް. މިކަމާ ދެކޮޅުހަދާ ހެޔޮލަފާ ދިވެއްސަކު އުޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.

ތިންބާރު ވަކިން އޮތް ނަމަވެސް، ދައުލަތުގެ އެންމެ މުހިންމު އެއްބާރު އަދިވެސް މިއޮތީ ނުކުޅެދޭ ޙާލަތެއްގައި. މަދު ބައެއްގެ ބާރާއި ނުފޫޒުގެ ދަށުގައި. މިކަމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން އަޅުގަނޑު އެކަމާމެދު ވިސްނާ ފިކުރުކޮށް، ފިޔަވަޅުނާޅާ ހުރެވިދާނެ ވަރަށްވުރެ، މާ ޤައުމީ މައްސަލައެއްކަމީ، އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އެގޮތުން، ސަރުކާރުން މިކަމާމެދު ފިޔަވަޅުއަޅަން ފެށުމާއެކު، މަދުބައެއްގެ ހީލަތްތެރި ރޭވުމެއްގެ ދަށުން މިއަދު މިވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ އަމާންކަން ގެއްލެން ފަށާފައި. ދިވެހިރާއްޖޭގެ ރީތި ނަން ކިލަނބުވާން ފަށާފައި. މިކަންކަމުގެ އަޑީގައިވަނީ، މަދު ބައެއްގެ އަތުން ބީވެގެންދިޔަ ބާރުވެރިކަން އަލުން އަނބުރާ ހޯދުންކަމީ، ދެބަސްވެވޭނޭ ޙަޤީޤަތެއް.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އެޕާޓީގެ ސިޔާސަތު އެކުލަވައިލީ، ވެރިކަމާ ޙަވާލުވުމުގެ މާކުރިން. ޕާޓީގެ ކޮންގްރެސްއިން ފާސްކޮށްފައިވާ އަޅުގަނޑުމެންގެ މެނިފެސްޓޯގެ ޒަރީޢާއިން. އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރުގެ އެންމެހާ ސިޔާސަތުތަކަކީ، ވަރަށް ސާފުކޮށް ލިޔެ ޗާޕްކޮށް ޢާންމު ކޮށްފައިވާ ސިޔާސަތުތަކެއް. ނަމަވެސް، އެ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔުމުގެ ޤާބިލުކަން ލިބިފައިނުވާކަމީ، އަޅުގަނޑު ހިތާމަކުރާ ކަމެއް. މިއަދު އެ ސިޔާސަތުތަކުން އަޅުގަނޑުމެން ސަރުކާރު ހިނގަން ފަށައި، ނުހަނު ގިނަ މަންފާ ލިބެން ފެށުމުން، އެ ސިޔާސަތުތަކަށް އެއްވެސް ޢިލްމީ ބަރުދަނެއްނެތި، ފާޑުކިޔުމުގެ މާނައަކީ، ހަމަ ޙަޤީޤަތުގައިވެސް ވާދަވެރި ސިޔާސީ މަސްރަޙެއްގައި، ރާއްޖޭގެ މިއަދުގެ އިދިކޮޅު ޕާޓީތަކަށް މަސައްކަތް ކުރުމުގެ ޤާބިލްކަން ނެތްކަމުގެ ވަރަށްބޮޑު ހެއްކެއް. މިފަދަ މާޙައުލެއްގައި ޑިމޮކްރެޓިކް ވެރިކަމެއް ކުރާކަށް ފަސޭހައެއް ނުވާނެ. ހަރުދަނާ ރަނގަޅު އިދިކޮޅު ޕާޓީއެއް އޮތުމުގެ މުހިންމުކަން، މިކަމުން އެނގި ދޭހަވޭ. ރައްޔިތުންގެ އަސާސީ ޚިދްމަތްތައް، ކުރިއާ އަޅާބަލާއިރު މިއަދު މިވަނީ ނުހަނު ރަނގަޅު ހިސާބެއްގައި. ތަޢުލީމާއި ޞިއްޙީ ކަންކަން މިއަދު މިވަނީ އިހަށްވުރެ ހާސްތަނުން ރަނގަޅު ކުރެވިފައި. އެކަމުގެ ސިއްރަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް. މިނިވަން، ހަމަހަމަ ވާދަވެރި ޖައްވެއްގައި ވިޔަފާރި ކުރާނެ މާޙައުލެއް އުފެއްދެމުންދާތީ. ޖީ.އެސް.ޓީ އާއި ރިޒޯޓްތަކުގެ ބިމުން ކުލި ނެގުންފަދަ ސިޔާސަތުތަކުގެ ނަތީޖާ.

ވޭތުވެދިޔަ 3 އަހަރަކީ ދުނިޔޭގެ އިޤްތިޞާދު ވަރަށް ހީނަރުވެ، ގިނަ ބޮޑެތި ޤައުމުތައްވެސް ދެކޮޅުނުޖެހިދިޔަ އަހަރުތަކެއް. ނަމަވެސް، އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އިރާދަކުރެއްވިއްޔާ ދުވަހުން ދުވަހަށް، އަހަރުން އަހަރަށް މިދަނީ ރަނގަޅުވަމުން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުގެ ނަތީޖާއަކީ މިއީ. މިކަމުން، މި ސަރުކާރަށް ޢާންމު ރައްޔިތުންގެ ތާއީދު އޮންނަކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން. ބާރުވެރިކަމުގެ ދަހިވެތިކަމުގައި މަދު މީސްކޮޅެއް، މިކަންކަމާ ކަންބޮޑުވާކަންވެސް އަޅުގަނޑަށް އެނގޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިދުވަސްވަރު ވެރިރަށް މާލޭގައި ހިންގަމުންމިދާ ނޭދެވޭ ޙަރަކާތްތަކުގެ އަޑީގައިވެސް ތިބީ ހަމަ އެމީސްކޮޅު.

މިދިޔަމަހު އަޅުގަނޑުމެންގެ ބޮލުގައި އެޅުވީ، މާތްވެގެންވާ އިސްލާމްދީން ނައްތާލަން މިސަރުކާރުން މަސައްކަތްކޮށް، ނަޞާރާދީނާއި ބުދުދީން ރާއްޖެއަށް ގެންނަން އުޅޭކަމުގެ ތުހުމަތުތަކެއް. އެކަން، ކޮޅެއްގައި ނުޖެހުނީމާ، މިހާރު އަނެއްކާ އަނެއް ކަމެއް ފެށީ. ޤާނޫނީ އިމުން ބޭރުން އަޅުގަނޑުގެ ސަރުކާރުން އެންމެ ފިޔަވަޅެއްވެސް އިރާދަކުރެއްވިއްޔާ ނާޅާނެ. ރައްޔިތުންގެ ބާރު އެކުލެވިފައިވާ، ޤާނޫނީ ޙިމާޔަތް، ރައްޔިތުންނަށް ހޯދައިދީ، ޢަދުލު އިންޞާފު ޤާއިމްކުރާ ދައުލަތެއް ދިވެހިރާއްޖޭގައި އުފައްދަން މަސައްކަތްކުރީ އަޅުގަނޑުމެން. ދިވެހި ފަހުގެ ތާރީޚް މިކަމަށް ހެކިދޭނެ. އެތަކެއް ދިވެހިންނެއް، އެތަކެއް ޤުރްބާނީތަކެއް، މިކަން ޙާޞިލް ކުރުމަށް ކޮށްފައިވާކަން ކަށަވަރު.

އަޅުގަނޑު އެ ޕާޓީއަކަށް ނިސްބަތްވާ އެމް.ޑީ.ޕީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން، މިމަސައްކަތުގައި މުހިންމު ދައުރެއް އަދާކުރިކަމީ، ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް އަޅުގަނޑަށް މިއަދުވެސް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑު ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް ދުވަހަކުވެސް އަރައިގަންނަ ތަނެއް ނުފެންނާނެ. އެކަމުގެ ޙަޤީޤަތް ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.

ސީދާ ރައްޔިތުންގެ ބާރު އެކުލެވިގެންވާ ޑިމޮކްރެޓިކް ވެރިކަމެއް ދުނިޔެއަށް ފުރަތަމަ ތަޢާރަފްވެފައިވަނީ، މީގެ 2500 ވަރަކަށް އަހަރު ކުރިން. އެއީ އެދުވަސްވަރު ގްރީސްގައި ހިނގަމުންދިޔަ ޚުދުމުޚްތާރު ވެރިކަމާ އިދިކޮޅަށް ކުރެވުނު މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް، ތާރީޚީ ލިޔުންތަކުން ދައްކާ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނީވެސް ވަރަށްގިނަ ޒަމާންތަކާއި އުނދަގޫތަކަކަށްފަހުގައި. 1990 ވަނަ އަހަރުން ފެށިގެން ވަރަށް ސީދާ ގޮތެއްގައި، ގިނަ ބަޔަކު ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވޭ. މިގޮތުން ގޮސް މިކަން ކާމިޔާބަކާ ހަމައަށް އަޅުގަނޑުމެންނަށް ގެނެވުނީ، 2008 ވަނަ އަހަރު ސީދާ ރައްޔިތުންގެ ވޯޓަކުން.

ޑިމޮކްރަސީގެ ހެޔޮ ނަފާ މިއަދު ދިވެހި ރައްޔިތުންނާ ހަމައަށް ވާޞިލްވާކަމީ ޝައްކެއްނެތް ކަމެއް. ވަޢުދުތަކަކާއެކު އަޅުގަނޑުމެން ސަރުކާރާ ޙަވާލުވާނެ ފުރްޞަތު ލިބުނީ، ޑިމޮކްރަސީގެ ސަބަބުން. ސީދާ ރައްޔިތުންގެ ބާރު ހިނގާ ސަރުކާރެއް އުފެދުނީ، ޑިމޮކްރަސީގެ ސަބަބުން. ދިވެހިރާއްޖޭގެ ތަރައްޤީގެ ދުވެލި މިހާ ބާރުވެ، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާވެ، ފުޅާވުމުގެ އަޞްލަކީވެސް ރައްޔިތުންގެ ވެރިކަން. ދައުލަތުގެ ފައިސާއިން މަދު މީސްކޮޅަކަށް ޚިދްމަތް ލިބި، ފައިދާވުމުގެ ބަދަލުގައި އެންމެހާ ރައްޔިތުންނަށް ޚިދްމަތާއި ފައިދާ ލިބޭ މަގު ފަހިވީވެސް 2008 ގައި ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ފެށުމާ ގުޅިގެން.

މި ޑިމޮކްރަސީ، އަޅުގަނޑުމެންނަށް ލިބިފައިމިވާ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި، ކޮންމެހެން ބޭނުންތެރި އެއް މުއައްސަސާއަކީ، އެއްކަމަކީ އިންޞާފްވެރި ހަމަހަމަ ފަނޑިޔާރުގެއެއް މި ރާއްޖޭގައި ޤާއިމް ކުރުން. އެހެންވީމާ، މި ފަނޑިޔާރުގެ ޤާއިމް ކުރުމުގެ މަސައްކަތުގައި، އަޅުގަނޑަށް ކަށަވަރު، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޅުގަނޑާ އެކުގައި މަސައްކަތް ކޮށްދެއްވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.