بســم اللّـه الرّحمـن الرّحيــم

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކައުންސިލް މެންބަރުން އަދި މުޅި މި ޕްރޮވިންސުންނާއި، އެހެންވެސް ރަށްރަށުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، މި ރާއްޖޭގެ ވެރިކަމާ ޙަވާލުވީ، މި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ މާތް މަޤްޞަދުގައި. މި ސަރުކާރު އުފެދުމުގެ މާކުރިއްސުރެ، މި ޕާޓީގެ ފަރާތުން އައީ، ރާއްޖޭގެ ރައްޔިތުންގެ އެދުންތައް މިނަމުން، ހޯދަމުން، ބަލަމުން. އަޅުގަނޑުމެން ދިޔައީ، ދޮރުން ދޮރަށް ހިނގަމުން. ގެއިން ގެޔަށް ގޮސް، އެތައް ބަޔަކާ ވާހަކަ ދައްކައި، ކިތަންމެ ބަޔަކާ ސުވާލުކޮށް، ކިތަންމެ ޖަލްސާއެއް ބޭއްވި، ކިތަންމެ މަޝްވަރާއެއް ކުރުމަށްފަހުގައި، މި ޕާޓީއަށް ވިސްނުނީ، އެ ޕާޓީ ދިވެހިރާއްޖޭގައި ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު، ކުރިމަތިލަމުން ގެންދާނީ، ދިވެހި ރައްޔިތުންނަށް، އެ ޕާޓީގެ ސަރުކާރެއްގައި ކޮށްދޭނެ ކަންކަން ވަރަށް ސާފު ބަހުން ކިޔައިދެމުންނޭ.

އޭގެތެރޭގައި، ޕާޓީގެ ފަރާތުން ފާހަގަކުރި އެންމެ މުހިންމު އަދި އެންމެ ފުރަތަމަ އެއް އަމާޒަކީ، މި ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ޖާގަ ނުދިނުން. އަދި ދިވެހިންގެ ހިތްތަކުގައި، އިސްލާމްދީނާމެދު ލޯބި އިތުރުކުރުމާއި، ދިވެހިންނަށް އަދި ދިވެހިރާއްޖޭގެ ސްކޫލްތަކުގައި، ދީނީ ތަޢުލީމު ރަނގަޅަށް ދަރިވަރުންނަށް ދެމުން ގެންދިޔުން. އެ ވަޢުދު ފުއްދުމަށްޓަކައި އެނގިވަޑައިގަންނަވާނެ، ސަރުކާރުން މިހާރު މިވަނީ ތިރީހަށްވުރެ ގިނަ މިސްކިތް، މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޢިމާރާތްކޮށްފައި.

2008 ވަނަ އަހަރު މި ރާއްޖޭގައި އޯ ލެވެލް އިމްތިޙާނުގައި، އިސްލާމްގައި ބައިވެރިވި ކުދިންގެ ތެރެއިން C ފާހަށްވުރެ މަތިން ފާސްވެފައިވަނީ 50 ޕަސެންޓަށްވުރެ ދާދި ކުޑަތަންކޮޅެއް މަތިން. މިދިޔަ 2011 ވަނަ އަހަރުގެ އޯ ލެވެލް އިމްތިޙާނުގައި، އެ ޕަސެންޓޭޖް ވަނީ 70 ޕަސެންޓަށް މަތިވެފައި. ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ޞާލިޙު ދިރިއުޅުމެއް އުޅުމަށް ބޭނުންވާނޭ އެންމެހާ ވަސީލަތްތައް ފޯރުކޮށްދިނުން. ރައްޔިތުންނަށް ދީނީ ހެޔޮމަގަށް އެނބުރުމަށް، ދަރިވަރުންނަށް ދީނީ ހެޔޮލަފާ ހޯދައިދިނުމަށް ދެވެންހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ދެމުން ގެންދިޔުން. މިއަދާ ހަމައަށްވެސް މި ސަރުކާރުން މިއަންނަނީ، މިދެންނެވި މަގަށް މަސައްކަތް ކުރަމުން. ކުރިއަށް އޮތް ތަނުގައި ސަރުކާރުން އަދި ވަކިން ބާރަށް މިމަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އަރުވަން.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަބަދުވެސް ފާހަގަކުރަމުން އައީ، ބޭނުމީ ތަރައްޤީއޭ. ބޭނުމީ އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވުމޭ. ބޭނުމީ މިއަދު އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަށްވުރެ އިތުރު އެއްޗެއް މާދަމާ އަޅުގަނޑުމެން އެންމެންގެ ޖީބަށްވެސް ވަނުމޭ. ބޭނުމީ ހާސްކަމެއްނެތި ދިރިއުޅުމޭ. ބޭސް ސިޓީއަށް ސަލާން ނުޖެހުމޭ. ފޮތް ލިސްޓަށް އާދޭސް ނުކުރުމޭ. ކަރަންޓް ބިލާއި، ފެން ބިލް ނުދެއްކި، ގޭގެ ކުލި ނުދެއްކި، ހާސްކަންމަތީގައި ދިރިއުޅޭން ނުޖެހުމޭ. ބޭނުމީ ތާހިރު ދިރިއުޅުމެކޭ. އަޅުގަނޑުމެން އެދެނީ ތަރައްޤީއޭ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހޯދުންތަކުން އެންމެ ސާފުކޮށް ފެނުނު އެއް ޙަޤީޤަތަކީ، ރާއްޖޭގެ ރައްޔިތުން ތަރައްޤީއަށް ފެންބޮވާފައި ތިބި މިންވަރު. މި މިންވަރު، ވަކިން ޚާއްޞަކޮށް، ބޮޑުކަމަށް އަޅުގަނޑުމެން އެންމެންނަށްވެސް ފާހަގަވެގެންދަނީ ރާއްޖޭގެ ރަށްތަކުން. ހައްދުންމަތި އެކަންޏެއް ނޫން، ކޮޅުމަޑުލު އެކަންޏެއް ނޫން. އައްޑޫއިން ކެލައަށް، ހުރިހާ ރަށެއްގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެދެނީ، އެމީހުންގެ ޢާންމު ޙާލަތު ރަނގަޅުވުމަށް.

އެ މަގަށް މަސައްކަތް ކުރުމަށްޓަކައި ސަރުކާރުން މިހާރު މިވަނީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލާފައި. މިދެންނެވި އޮނިގަނޑަކީ، އެނގިވަޑައިގަންނަވާނެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯ ތަންފީޛު ކުރުމަށްޓަކައި އެކުލަވާލެވުނު އޮނިގަނޑު. 2009 ވަނަ އަހަރުވެސް، 2010 ވަނަ އަހަރުވެސް، 2011 ވަނަ އަހަރުވެސް އަދި 2012 ވަނަ އަހަރުވެސް، ދައުލަތުގެ ބަޖެޓް ތަންފީޛު ވެގެންދާނީ، މިދެންނެވި ޤައުމީ ތަރައްޤީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން. ތިޔަބޭފުޅުންނަށް، މި ސަރުކާރުން، މި ޕާޓީން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. ތިޔަބޭފުޅުންގެ އުންމީދުތައް ޙާޞިލްކޮށްދިނުމަށް.

ބަނދަރު ހެދުމާއި، މަގު ހެދުމާއި، މިސްކިތް އެޅުމާއި، ބޯޅަދަނޑު ހެދުމާއި، ކްލާސްރޫމް ބިނާކުރުމާއި، އެއްގަމު ތޮށްޓާއި، ވާޓަރާ އަދި ސަހަރާތަކުގެ ވަށާ ފާރާއި، މަގުތަކާ، މި އެންމެ ކަންކަމަކީ، މުޅި މި ރާއްޖޭގެ ތަރައްޤީއަށް އަޅުގަނޑުމެން އެންމެންވެސް އެދިއެދި ތިބި ކަންތައް. އެކަންކަން ކުރުމަށްޓަކައި މި ދައުލަތަކީ، މި ސަރުކާރަކީ، ދަރަނިވެރިކަމުން ފިލައި އަދި އާމްދަނީ ރަނގަޅަށް ލިބޭ ސަރުކާރަކަށްވެފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެނގިވަޑައިގަންނަވާނެ، 2010 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުގެ އެންމެބޮޑު އަމާޒަކަށްވެފައި ހުރީ، ސަރުކާރަށް އާމްދަނީ ލިބޭ މިންވަރު އިތުރުކުރުން.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ސަރުކާރު ހިންގުމާ ޙަވާލުވިއިރު، ރާއްޖޭގެ ސަރުކާރުގެ އާމްދަނީއަކީ، ގިނަވެގެން 7 ބިލިއަން ރުފިޔާ. އެނގިވަޑައިގަންނަވާނެ، މުސާރައަށް އެކަނި 5 ބިލިއަން ރުފިޔާ ޚަރަދުކުރަންޖެހޭ. ދެން ފެނާއި، ކަރަންޓާއި، ކުއްޔާއި، މަރާމާތަށްވީމާ، ތަރައްޤީއަށް ހުންނަ ފައިސާއެއް، އޮތް ފައިސާއެއް ނެތްކަން އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ބޮޑަށް ސާފު.

ތަރައްޤީއަށްޓަކައި ރާއްޖޭގެ މުއްސަނދިކަން ބޭނުންކުރާންޖެހޭކަމީ، އިޤްތިޞާދީ މާހިރުންނާއި، ބައިނަލްއަޤްވާމީ އިދާރާތަކުން މި ދިވެހި ހުރިހާ ސަރުކާރަކަށް އަބަދުވެސް ނަޞޭޙަތްތެރިވަމުން، ލަފާދެމުން އައި ކަންކަން. އާމްދަނީން ޓެކްސް ނެގުމާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާއި އަދި ވިއްކާ ތަކެއްޗާއި، ދެވޭ ޚިދްމަތުން ޓެކްސްއެއް ނެގުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަން، މި ރާއްޖޭގެ އިޤްތިޞާދު މުޠާލިޢާކުރާ ކޮންމެ މީހަކަށްވެސް އަބަދުވެސް އޮތީ ވަރަށް ބޮޑަށް ސާފުކޮށް އެނގެން.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެބޮޑު އެއް އަމާޒަކަށްވީ، ނުސީދާކޮށް ނެގޭ ޓެކްސްތައް ދޫކޮށްލައި، ސީދާ ޓެކްސް ނަގައި، ދައުލަތުގެ ސަރުކާރުގެ އާމްދަނީ އިތުރުކުރުން. 2012 ވަނަ އަހަރު ފެށިގެން މިއައީ، އެތައް އައިޓަމެއްގެ ޑިއުޓީ، ކިތަންމެ ތަނަކުން ކުޑަވެގެން. އޭގެ ސަބަބުން، ތަކެތީގެ އަގަށް ހެޔޮ އަސަރު ކުރާނެ. އޭގެ ސަބަބުން، ވިޔަފާރިވެރިންނަށް ނުހަނު ފައިދާއާއި މަންފާ އިތުރުވެގެންދާނެ. އެނގިވަޑައިގަންނަވާނެ، މިހާރު ވިޔަފާރިވެރިއަކު ޑިއުޓީއާނުލާ ތަކެތި އެތެރެކުރާއިރުގައި، ޙަޤީޤަތުގައި ކޮންމެފަހަރަކު އެ ދަނީ، އެތައް ލައްކަ ރުފިޔާއެއްގެ ފައިދާ ނުވަތަ އަގުތައް، އެ ވިޔަފާރިވެރިޔާއަށް ހެޔޮވެގެން. އޭނާ ވިއްކާ އެއްޗަކުން، ކުރާ ވިޔަފާރިއަކުން ނޫނީ، އޭނާއަކަށް ސަރުކާރަށް އެއްޗެއްދޭކަށެއް ނުޖެހޭނެ. ޑިއުޓީގެ މަގަކީ، ވިޔަފާރި ކުރުމުގެ ކުރީގައި، ސަރުކާރަށް އެއިން ނަގާ އެއްޗެއް ނެގުން. އެއީ، ވިޔަފާރިވެރިޔާއަށް ފައިދާހުރި ކަމެއް ނޫންކަން، މިއަދު ވިޔަފާރިވެރިޔާއަށްވެސް އަދި ދިވެހި ސަރުކާރަށްވެސް މިދަނީ ވަރަށް ބޮޑަށް ސާފުވަމުން.

މިދިޔަ އަހަރު ޖީ.އެސް.ޓީ ނަގާން ފެށުނުއިރު، ވިޔަފާރިތަކުގެ ތެރެއިން ރާއްޖޭގައި ރަޖިސްޓްރީ ކުރެވި ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން ބާރަސަތޭކައެއްހާ ވިޔަފާރިވެރިން މިދިޔައީ ޖީ.އެސް.ޓީ ދައްކަމުން. އެހެން ނަމަވެސް، މިދިޔަ ޑިސެމްބަރު މަހުގެ ޖީ.އެސް.ޓީ، ޖެނުއަރީ މަހު ދެއްކިއިރު، މި ޢަދަދުވަނީ ތިންހާހަށް އިތުރުވެފައި. ސަރުކާރަށް ލަފާކުރެވެނީ ހަތަރުހާހެއްހާ ވިޔަފާރި ކަމަށް މާލޭގައި ސާދާކޮށް ހިނގާ މިދަނީ. އެހެންވީމާ، އޭގެތެރެއިން ބޮޑު ބައެއް މިއޮތީ ޓެކްސް ދައްކާފައި. މިފަދަ ޓެކްސް ދެއްކުމުގެ ނިޒާމަކުން، މިހާ ރަނގަޅަށް ޓެކްސް ދައްކާ ޤައުމެއް، އަޅުގަނޑު ހިތުން މިހާރު މި އެތެރެވަރީގައި މަދުވާނެ.

ވިޔަފާރިވެރިންގެ ޓެކްސްގެ ފައިސާއަކީ، ހަމަ އެ ވިޔަފާރިވެރިންގެ ޢާއިލާތަކަށް ޚިދްމަތް ކުރުމަށް، ޚަރަދު ކުރުމަށް ހުރި ފައިސާ. ތިޔަބޭފުޅުން ގަންނަ ތަކެތިން ދައްކާ ޖީ.އެސް.ޓީ.އަކީ، ހަމަ ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި އަލުން އަނބުރާ ބޭނުންކުރެވޭނެ ފައިސާ. މިއަހަރުގެ ދައުލަތުގެ އާމްދަނީގެ ގޮތުގައި، ސަރުކާރުގެ އާމްދަނީގެ ގޮތުގައި އަންދާޒާ މިހާރު ކޮށްފައި މިވަނީ، 11.6 ބިލިއަން ރުފިޔާ. އެއީ އަޅުގަނޑު ކުރީގައި ދެންނެވި 7 ބިލިއަނުން މިހާރު ގޮސްފައިވާ ހިސާބު.

އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ޤައުމެއް ތަރައްޤީވެދަނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި ވަކިގޮތަކަށް ކުރީމާކަން. ތަރައްޤީގެ މަގަކީ، ހަމައެކަނި ފައިސާއިން، ޕްރޮޖެކްޓުން އަޅުގަނޑުމެންނަށް ޙާޞިލްކުރެވޭ މަގެއް ނޫން. ތަރައްޤީއަށްޓަކައި ތަރައްޤީކުރާން މިޖެހެނީ، ވާން މިޖެހެނީ އިންސާނާ. ތަރައްޤީއަކީ އަޅުގަނޑުމެންނަށްވާ ކަމެއް. އެއީ، އަޅުގަނޑުމެން ވަށައިގެންވާ ތަންތަނަށްވާ ކަމެއް ނޫން. އަޅުގަނޑުމެންގެ ރަށަށްވާ ކަމެއް ނޫން. ގެޔަށްވާ ކަމެއް ނޫން. ތަރައްޤީއަކީ ތިމާއަށް ތަންދޮރުފިލުން. ތިމާއަށް ކުރިއަރައިދެވޭނޭ ތަނަވަސް ވިސްނުމެއް، ރަނގަޅު ތަޢުލީމެއް، ރިވެތި އަޚްލާޤެއް ލިބިގެން، މި ދުނިޔޭގައި އެހެންވެސް މީހުންނާ އެކީގައި، ޞުލްޙަވެރިކަމާ އެކީގައި ދިރިއުޅެން އެނގުން. އެ ދިރިއުޅުމުގެ ތެރެއިން އަޅުގަނޑުމެން މި ބޭނުންވާ ނަފާ އަޅުގަނޑުމެން ހޯދަމުން ދިޔުން.

އެ ތަރައްޤީއަށްޓަކައި މި ސަރުކާރުގެ އަބަދުވެސް އެންމެބޮޑު އުންމީދަކީ، މި ރާއްޖޭގެ ޑިމޮކްރަސީ. އަޅުގަނޑުމެންގެ ރައްޔިތުން އަޅުގަނޑުމެންނަށް ރައްޔިތުންގެ އުންމީދުތަކަށްޓަކައި ހޯދައިދީފައިވާ، ހޯދާފައި އެވާ ޤާނޫނުއަސާސީ ފުރިހަމަ ގޮތުގައި ތަންފީޛު ކުރަމުން ގެންދިޔުން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރި ކަންކަން. މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެބޮޑު ހިތާމައަކީ، ޚިޔާލުފާޅުނުކުރާކަން، ސަރުކާރަށް ފާޑުނުކިޔާކަން. ޒުވާބުކޮށް ހަޅޭއްލެވުމަކުންނެއް ސަރުކާރަކަށްވެސް، ރައްޔިތުންނަކަށްވެސް، އެ ދައްކާ ވާހަކައަކުން ލިބޭ މަންފާއެއްނޯވޭ. ފާޑުކިޔުމާއި، ޚިޔާލުފާޅުކުރުމަކީ، ތަރައްޤީއަށްޓަކައި ބޭނުންވާ ކަންކަން. އެހެން ނަމަވެސް، މިކަންކަން ދޫކޮށްލައި، 24 ގަޑިއިރު ޓީ.ވީ ޗެނަލްތަކުގައި ހަމައެކަނި ހަމަނުޖެހުން އުފެއްދުމަށް ވާގިދެމުން ގެންދިޔައިމާ، އަޅުގަނޑުމެން މި އެދޭ ތަރައްޤީއަށް ބޭނުންވާ ފާޑުކިޔުމުގެ ބަސްތައް ސަރުކާރަކަށް އަޑެއްނީވޭ. ބޮޑެތި ބޮޑެތި މަޝްރޫޢު ސަރުކާރުން ކުރިއަށް ގެންދަނީ. އެތައް އެތައް ބިލިއަނެއްގެ ރުފިޔާ، ސަރުކާރުން ޚަރަދުކުރަނީ، ވާދަވެރި ސިޔާސީ ޕާޓީތަކުން މިކަންކަން ބަލައި، ކަންކަން ކުރެވެމުންދަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށްތޯ ބުނެދޭ ފަހަރު ފަހަރެއް އަޅުގަނޑުމެންނަކަށެއް ނުފެނޭ.

ރާއްޖޭގައި ތަރައްޤީ ކުރަން އަޅުގަނޑުމެން މި އެދޭ ޑިމޮކްރަސީއަކީ، ރަނގަޅު ވާދަވެރި ސިޔާސީ ޕާޓީތައް ޙަރަކާތްތެރިވެގެން، އެ ޕާޓީތަކުގެ ތަރައްޤީގެ މެނިފެސްޓޯތައް، ތަރައްޤީގެ ވިލަރެސް ކުރެވުނު ޕްލޭންތައް ރައްޔިތުންނަށް ހުށަހެޅި، ރައްޔިތުންނަށް ރަނގަޅީ ކޮންގޮތެއްތޯ އަމިއްލައަށް ބަލައިގަނެވި، މިނެވި، އޭގެތެރެއިން އެ ރައްޔިތުންނަށް އެދޭ ޕާޓީއަކަށް ވޯޓްދީ، އެ ޕާޓީއެއް 5 އަހަރު ދުވަސް ވަންދެން ސަރުކާރު ހިންގަމުން ގެންދިޔުން. ދެތިން އަހަރެއްވީމާ، ގެއްލުނު އެތީގެ ބޮޑުކަމުން، ލިބުނު ހިތާމައިގެ ފުންކަމުން، ދެން ނުކުމެ، އަލުން އަނބުރާ ވެރިކަމަށްޓަކައި އުޅޭ އުޅުމަކުންނެއް، އަޅުގަނޑުމެން ރާއްޖެއިން މި ލިބޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. ޝައްކެއްވެސްނެތް. ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރެއް މަގުމައްޗަކުން ނުވެއްޓޭނެ. އެކަން އެންމެ ބޮޑަށް ސާފުވާނެ އެއް ސަރުކާރަކީ، އެއްބަޔަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. މާލޭ މަގުމައްޗަށް މާލޭ ވިޔަފާރިވެރިންނާއި، މާލޭގެ ރައްޔިތުންނަށް އުނދަގޫ ކުރަން ނުކުންނަ ސަތޭކައެއްހާ މީހުންނަކުން، މި ސަރުކާރެއްވެސް، މި ރައްޔިތުންނެއްވެސް ނުގުޑާނެ. ރައްޔިތުން އެއްވެ، ގިނަ ރައްޔިތުން އެއްވެ، ޚިޔާލުފާޅުކޮށް ހެދީމާ، ސަރުކާރު އެ ޚިޔާލު ބަލައިގަންނާނެ. އެކަމުގައި ޝައްކެއްނެތް. ދަނޑިބުރިބުރި ހިފައިގެން، ބާރުބާރަށް ދުއްވާފައި ގޮސް، ބިއްލޫރި ތެޅުމަކުންނެއް، ސަރުކާރު އެކަމަކާއެއް އިޖާބައެއް ނުދޭނެ.

މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަދި މި ސަރުކާރުގެ ހަމައެކަނި އަމާޒަކީ، ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުން. ރެޔާ ދުވާލު އަޅުގަނޑުމެން ކުރަން ހަމައެކަނި އެދޭ ކަމަކީ، ތިޔަބޭފުޅުންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް މަސައްކަތް ކުރުން. އެމަސައްކަތުގައި އަޅުގަނޑުމެން ކުޑަކޮށްވެސް ފަހަތަކަށްނުޖެހޭނެ. މިއަދުވެސް، މާދަމާވެސް އަޅުގަނޑުމެން ދާނީ އެމަސައްކަތްތައް ކުރަމުން. އަޅުގަނޑު އިތުރަކަށް ތިޔަބޭފުޅުން ގާތުގައި، މިވޭތުވެދިޔަ ތިން އަހަރު މި ސަރުކާރަށް ކުރެވިފައި ހުރި ކަންތައްތަކުގެ ވާހަކަ، އަޅުގަނޑު ހިތުން ދައްކާކަށް ބޭނުމެއްނުވޭ. ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ. އާދައިގެ އަހަރެއްގައި، އެހެންޏާވިއްޔާ އަށްޑިހަ މިލިއަން ރުފިޔާއަށްވުރެ އިތުރަށް، ޢުމްރާނީ ތަރައްޤީއަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައެއް ނުވާނެ. ސުނާމީ އަހަރު ނުވަތަ އިންތިޚާބެއްގެ އަހަރުގައި، އެ ހަތަރުސަތޭކަ މިލިއަން ރުފިޔާއާ ހަމައަށް ގެންދެވޭތޯ މަސައްކަތް ކޮށްފައި ހުރިތަން، ބައެއްފަހަރަށް ފެންނާން އޮވެދާނެ.

މިދިޔަ އަހަރު އެކަނި 1.6 ބިލިއަން ރުފިޔާ ވަނީ ޢުމްރާނީ ތަރައްޤީއަށް ޚަރަދު ކޮށްފައި. މި ސަރުކާރުގެ އަމާޒަކީ، ސަރުކާރަށް ލިބޭ އެއްޗެއް، ރައްޔިތުންނަށް އަބަދުވެސް ޚަރަދު ކުރަމުން ގެންދިޔުން. ހުއްޓުމެއްނެތި، ރައްޔިތުންގެ ތަރައްޤީއަށްޓަކައި ކުރެވޭންހުރި ހުރިހާ މަސައްކަތެއްވެސް ކުރަމުން ގެންދިޔުން. އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ތަންފީޛުވަމުން އަންނައިރުގައި، ތަންފީޛު ކުރަމުންދާއިރުގައި، ތިޔަބޭފުޅުން، އަޅުގަނޑުމެން ރާއްޖޭގެ ގިނަ ރައްޔިތުން އަބަދުވެސް އަޅުގަނޑުމެން ގާތުގައި ދައްކަމުންދިޔަ ވާހަކަތައް އަދިވެސް އަޅުގަނޑުމެން ހަނދާނުގައި އެބަހުރި. ދުވަހަކުވެސް އެ ވާހަކަތަކެއް އަޅުގަނޑުމެންގެ ހިތްތަކަކުން ފިލައިގެނެއްނުދާނެ.

ރައްޔިތުން އެދުނީ، ރައްޔިތުންގެ ފުރިހަމަ މަޖިލީހެއްގެ ތެރެއިން ދިވެހިރާއްޖޭގެ ޤާނޫނުތައް ހަދަމުން ދިޔުން. ރައްޔިތުން އެދުނީ، 30 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށް. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން މި ރާއްޖޭގެ ވެރިކަން ހިންގައިދިނުމަށް. ރައްޔިތުން އެދުނީ، ރާއްޖޭގެ ރަށްރަށް ލާމަރްކަޒީ އުޞޫލުން ހިންގުމަށް، ކަތީބުން ރަށްރަށުގައި އެއީ ވޯޓްދީގެން އިންތިޚާބު ކުރެވޭ ބައެއްގެ ގޮތުގައި ބަދަލުކުރުމަށް. ރައްޔިތުން އެދުނު އަނެއް އެންމެ ބޮޑު ކަމަކީ، ޢަދުލު އިންޞާފް، މި ރާއްޖޭގައި ޤާއިމްކޮށްދިނުން.

އަޅުގަނޑު ދެންމެ މިދެންނެވި އެންމެ ކަންތައްތަކުގެ ތެރެއިން އެނގިވަޑައިގަންނަވާނެ، ރިޔާސީ އިންތިޚާބު ވަނީ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބެއްގައި ބޭއްވި، އާ ރިޔާސަތެއް މިވަނީ އެކުލަވާލެވިފައި. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޭއްވި، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މަޖިލީހުގެ މެންބަރުން ނުތިބޭ އާ ރައްޔިތުންގެ މަޖިލީހެއް މިއޮތީ އެކުލަވާލެވިފައި. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މިވަނީ އިންތިޚާބު ކުރެވިފައި. ހުރިހާ ކަމެއް މިވަނީ ބަދަލުކުރެވިފައި. ތިޔަބޭފުޅުން ވިސްނަވާފައި ވިދާޅުވޭ، ފަނޑިޔާރުގޭގައި ބަދަލުވީ ކޮންކަމެއްތޯ؟ ފަނޑިޔާރުގޭގައި ބަދަލުވީ ކޮންކަމެއްތޯ؟ ފަނޑިޔާރުންގެ ތެރެއިން ބަދަލުވީ ކޮން ބޭފުޅުންނެއްތޯ؟ ފަނޑިޔާރުގޭގައި ކަންކުރާ އުޞޫލަށް އައީ ކޮން ބަދަލެއްތޯ؟ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ އުންމީދެއް އެއީ، މި ރާއްޖޭގައި އިންޞާފް ޤާއިމްކުރެވޭގޮތްވުން. އެއީ، މި ސަރުކާރުގެ ވަޢުދެއް. އެއީ، އަޅުގަނޑުމެން އެމަސައްކަތް ކޮށްދިނުމަށް، ތާއަބަދު މަސައްކަތް ކުރާނެ މަސައްކަތެއް.

އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ކުރިއަށް އޮތް އިންތިޚާބަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑެއް ނުދާނަން، އިންޞާފްވެރި ފަނޑިޔާރުގެއެއް ޤާއިމްކޮށްފައި ނޫނިއްޔާ. އަޅުގަނޑުމެން ރާއްޖޭގެ ތަރައްޤީ އެންމެ ބޮޑަށް ގުޅިފައިވަނީ އިންޞާފާ. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގާއިރުގައި، ހިންގާން އަޅުގަނޑުމެން މި އެދެނީ ޤާނޫނުގެ ވެރިކަން. ލިޔެފައި އޮތް ޤާނޫނުގެ ވެރިކަން. ޤާނޫނުގެ ވެރިކަން ހިންގާއިރުގައި، އެ ވެރިކަން ހިންގުމުގެ އަނެއް ނާރެސްއަކީ ހަމަކަށަވަރުންވެސް ފަނޑިޔާރުގެ. ހަމައެކަނި ކައުންސިލް އިދާރާއެއް ނޫން. ހަމައެކަނި މަދްރަސާއެއް ނޫން. ހަމައެކަނި ހެލްތް ސެންޓަރެއް ނޫން. ފަނޑިޔާރުގޭގެ މުހިންމު ކަމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް. އެ ފަނޑިޔާރުގެ ރަނގަޅަށް އަޅުގަނޑުމެންނަށް ޤާއިމް ކުރެވެންޖެހޭނެ. އެނގިވަޑައިގަންނަވާނެ، މިއަދު އިސްދޫގައި އަޅުގަނޑު ބަލައިލިން، ކޯޓް ޢިމާރާތް ކުރެވެމުންދާތަން. އެހެން ނަމަވެސް، އެ ކޯޓުގައި މަސައްކަތް ކުރާން ތިބި މީހުން ތަރައްޤީ ކުރުމުގެ މަސައްކަތް އަދި އޮތީ ހަމަ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ނުކުރެވި.

ތިޔަބޭފުޅުން ބައްލަވާ، މަދްރަސާގައި ހުންނަވާނީ، ޑިގްރީ ނަގައިގެން ހުންނަ ހެޑްމާސްޓަރެއް. ހެލްތް ސެންޓަރުގައި ހުންނާނީ ޑިގްރީއެއް ނުވަތަ ޑިޕްލޯމާއެއް ނަގައިގެން ހުންނަ ނަރުހެއް، ހެލްތް ވާރކަރެއް ނުވަތަ މެނޭޖަރެއް. އެހެންވެސް މުއައްސަސާއެއް ބެއްލެވިނަމަވެސް، އެތަނެއްގައި ހުންނާނީ މިހާރު ޑިގްރީ ނަގައިގެން ނުވަތަ ޔުނިވަރސިޓީއިން ޑޕްލޯމާއެއް ހަދާފައި ހުރި ކުއްޖެއް، މީހެއް. އަޅުގަނޑުމެންގެ ހިތާމައަކީ، އެ ފެންވަރަށް އަޅުގަނޑުމެންނަށް ރާއްޖޭގެ ފަނޑިޔާރުގެތައް ނުގެނެވޭކަން. އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ފަނޑިޔާރުންނަކީވެސް، މި ރާއްޖޭގެ ދެންހުރި އެހެން އިޖްތިމާޢީ އަދި އިޤްތިޞާދީ މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނެކޭ އެއް ފެންވަރުގައި ތިބޭ ބަޔަކަށް ހެދުން.

ހޭނައްތާ ކޮޓަރިއެއް އަޅުގަނޑުމެންނަށް ހެދިދާނެ. އެހެން ނަމަވެސް، އެތަނުގައި ހޭނައްތައިގެން އޮޕަރޭޝަން ކުރެވޭނީ، އެކަން ކުރަން ދަންނަ ޑޮކްޓަރެއް ހުރެގެން. ކޯޓެއް އަޅުގަނޑުމެންނަށް ޢިމާރާތް ކުރެވިދާނެ. އެހެން ނަމަވެސް، އިންޞާފްވެރި ގޮތުގައި، އެކަން އަޅުގަނޑުމެންނަށް، އިންޞާފް ޤާއިމް ކުރެވޭނީ، ޤާނޫނު ދަންނަ، ކަމަށް އެކަށީގެންވާ ފަނޑިޔާރަކު، އެކޯޓުގައި ހުރެގެން. އަޅުގަނޑަށް މުހިންމީ ހަމައެކަނި މާލޭގައި ހުރި ކޯޓްތަކެއް ނޫން. އަޅުގަނޑަށް މުހިންމީ، ކޮންމެ ރަށެއްގައި މިހުރި ކޯޓް. އެ ކޯޓް މެދުވެރިކޮށްގެން ނޫނީ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ކައުންސިލަރުން މަސައްކަތް ކުރާން މިޖެހެނީ، ލާމަރްކަޒީ ޤާނޫނާއި، މާލިއްޔަތުގެ ޤާނޫނާއި، ބިމާބެހޭ ޤާނޫނާ، ދެންވެސް އެހެންހުރި ހުރިހާ ޤާނޫނުތަކެއްގެ ތެރެއިން. ކަމެއް ދަމެއް ދިމާވީމާ، އޮޅުންފިލުވާން ޖެހެނީވެސް އަދި ލަފައެއް ހޯދާން މިޖެހެނީވެސް، ޤާނޫނީ ލަފައެއް. އިތުރު އެހެން ލަފާ ދެން ދޭންތިބޭނީ ހަމައެކަނި ރައްޔިތުން. އެ ލަފާ އަޅުގަނޑުމެންނަށް ލިބޭނެ ގޮތަކަށް ނޫނިއްޔާ، އަޅުގަނޑުމެންގެ ރަށްތަކެއް ކުރިއަކަށް ނުދާނެ.

މިއަދު އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަން މިވަނީ 8 ޕަސެންޓަށް ކުރިއަށް ގޮސްފައި، ދުނިޔޭގެ އެހެން ކިތަންމެ ޤައުމެއްގައި ހީނަރުކަން އައިސްފައި ވަނިކޮށް. އެއީ ޑިމޮކްރަސީގެ ސަބަބުން. އަޅުގަނޑަށް ފެނޭ ރާއްޖޭގެ ރަށްތައް. އަޅުގަނޑު ދަން ރާއްޖޭގެ ރަށްތަކަށް. އަޅުގަނޑަށް ބައްދަލުވޭ ރާއްޖޭގެ ކައުންސިލްތަކާ. އަޅުގަނޑަށް އެނގޭ، ކަތީބުންގެ ވެރިކަމާއި ކައުންސިލްގެ ވެރިކަމާ ހުރި ތަފާތު. ކައުންސިލަރުންގެ އުންމީދުތައް. ކައުންސިލަރުން ވިލަރެސް ކުރަމުން އެ ގެންދާހާ ޕްލޭން. އެބޭފުޅުން ތަންފީޛު ކުރުމަށް އެކުރާ މަސައްކަތް. އެއީ އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން ކަތީބުންގެ ޒަމާނުގައި ދުވަހަކުވެސް ދެކެފައި އޮންނާނެ މަންޒަރެއް ނޫން. މި ބަދަލު އަޅުގަނޑުމެންނަށް ގެނެވުނީތީވެ، އަޅުގަނޑުމެން އެވަނީ ޤައުމީ އުފެއްދުންތެރިކަން މައްޗަށް ގެންދެވިފައި. ފަނޑިޔާރުގެ ބަދަލުކުރެވުނީމާ، ޤައުމީ އުފެއްދުންތެރިކަން އަނެއްކާވެސް މައްޗަށް ގެންދާނެކަމީ، އަޅުގަނޑުގެ ހިތުގައި ކުޑަކޮށްވެސް ޝައްކެއްހިނގާ ކަމެއް ނޫން. އަޅުގަނޑަކު ބޭނުމެއް ނޫން، އަޅުގަނޑު ގާތްތިމާގެ، ދަންނަ މީހަކަށް ފަނޑިޔާރުކަންދޭކަށެއް.

އަޅުގަނޑުމެން ބޭނުމީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކުގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުމީ، އަޅުގަނޑުމެންގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވުން. އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އާ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑަށް އެބަ ފެނޭ، ރަން ރީނދޫ ކުލައެއްގެ ހިޔާދަށުގައި، މާ ރީތި އުފާވެރި އުޖާލާ ކުލަތަކެއް އަޅުގަނޑުމެންނަށް ފެންނަމުންދާތަން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މިއަންނަ އަހަރަކީ، މިއަހަރަށްވުރެ އަދި މާ ފާގަތި އަހަރަކަށްވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.