بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 27 ޖެނުއަރީ 2012 ވީ ހުކުރު ދުވަސް. މިއަދު މި ރާއްޖޭގައި ޢަމަލު ކުރަމުން މިގެންދާ ޤާނޫނުއަސާސީއަކީ، ދިވެހިންގެ ވަރަށް ފޮނި އުންމީދުތަކަކާ އެކުގައި، އެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ދިވެހިން ލިބިގަތް ޤާނޫނުއަސާސީއެއް. މި ޤާނޫނުއަސާސީ މެދުވެރިކޮށް، ދިވެހިންކުރާ އެންމެ ފޮނި އުންމީދަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެ ރައްޔިތުންގެ ޢާންމު ޙާލަތު، މި ޤާނޫނުއަސާސީ މެދުވެރިކޮށް ރަނގަޅުވުން. ދިރިއުޅުމުގެ ފެންވަރު މައްޗަށްދިޔުން. އެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެންދިޔުން. ފަސޭހަކަމާއެކީގައި ކަންކަން ކުރެވޭނޭ ގޮތްތައް ރައްޔިތުންނަށް ފަހިވެފައި އޮތުން. މި އެންމެ ޢާންމު ޙާލަތު ރަނގަޅު ކުރުމުގެ ކަންކަން މެދުވެރި މިކުރެވެނީ، ޤާނޫނުއަސާސީއެއްގެ މަގުން. އެކަން އެހެން ވުމަށްޓަކައި، އެ އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދެނީ، ކިތަންމެ ކިތަންމެ އިޖުރާތުތަކެއް، ކަންކަން ހިންގަންވީ ކިތަންމެ ކިތަންމެ ގޮތްތަކެއް.

މި ޤާނޫނުއަސާސީން ރައްޔިތުން ކުރި އެންމެބޮޑު އެއް އުންމީދަކީ، މި ރާއްޖޭގެ ރިޔާސަތު ބަދަލުކުރުން. އެ ރިޔާސަތު ބަދަލުކުރުމަށް، ރާއްޖޭގެ ރައްޔިތުން އެދުނީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އުފައްދައި، އެ ނިޒާމް މެދުވެރިކޮށްގެން ބޭއްވޭ މިނިވަން ރިޔާސީ އިންތިޚާބަކަށްފަހުގައި. ރާއްޖޭގެ ރައްޔިތުން މިވަނީ އެކަންކޮށް ނިންމާފައި. އަދި ޤާނޫނުއަސާސީ މިވަނީ އެކަން ރައްޔިތުންނަށް ފޯރުކޮށްދީފައި. މިހާރު މި ރާއްޖޭގައި ހިނގަމުން މިދަނީ، މުޅިން އެހެން ރިޔާސަތެއް. މީގެކުރީގައި އަޅުގަނޑުމެން ދުށް ބާވަތުގެ ރިޔާސަތެއް ނޫން.

މި ޤާނޫނުއަސާސީ މެދުވެރިކޮށް ރައްޔިތުން އެދުނު، ރައްޔިތުން އެދޭ ޤާނޫނުހަދާ މަޖިލީހެއް އެކުލަވައިލުމަށް. ރައްޔިތުން ބޭނުންވާފަދަ މެންބަރުން، އެ މަޖިލީހުގައި ތަމްސީލުވެ، އެ ރައްޔިތުންގެ އުންމީދުތައް، ޙަޤީޤަތަކަށް ހަދައިދިނުމަށް. ރާއްޖޭގައި މިވަނީ މި ޤާނޫނުއަސާސީ މެދުވެރިކޮށް، މިދެންނެވި ރައްޔިތުންގެ މަޖިލިސް އެކުލަވައިލެވިފައި. އެ މަޖިލިސް މިހާރު އެގެންދަނީ ޙަރަކާތްތެރިވަމުން.

ރާއްޖޭގެ ޤާނޫނުއަސާސީން ރާއްޖޭގެ ރައްޔިތުން ކުރި އަނެއް އުންމީދަކީ، ރާއްޖޭގެ ރަށްތައް، ލާމަރްކަޒީ އުޞޫލުން ހިންގުން. ކަތީބުންނަކީ ޙަޤީޤަތުގައި އިންތިޚާބުވާ ބައެއްގެ ގޮތުގައި، އެ ރައްޔިތުން ވަރަށް ހަރުއަޑުން އަޑު އުފުލަމުން ގެންދިޔަ. ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ފާސްވެ، ރާއްޖޭގެ ރަށްތަކުގެ ކައުންސިލްތައް މިހާރު މިވަނީ އެކުލަވައިލެވިފައި. ޙަޤީޤަތުގައި މި ކާމިޔާބު ކުރެވުނު މައިގަނޑު ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ އާމްދަނީވެސް، ރާއްޖޭގެ ރައްޔިތުންނަށް ލިބޭ މަންފާތަކާއި ފައިދާތައްވެސް، ކިތަންމެ ގުނައަކުން އިތުރުވެގެން ހިނގައްޖެ. ހިލޭ ބޭސްފަރުވާއާއި، ދަތުރުފަތުރު ކުރުމުގެ ނިޒާމާއި، ބޯހިޔާވަހިކަމުގެ ފަހިކަމާއި އަދި ޑްރަގަށް ރާއްޖޭގެ ޒުވާނުން ޝިކާރައަކަށްވެފައި އޮތް މިންވަރު ކުޑަވުމާއި، ރާއްޖޭގެ ވިޔަފާރީގެ ކަންކަން ހަރުދަނާވެގެން ދިޔުމާއި، ދިވެހި ދައުލަތުގެ އާމްދަނީ އިތުރުވުމާއި، ރާއްޖެއަށް ހަމަޖެހުން އައުމާ، މި އެންމެ ކަންކަން، މި ރާއްޖޭގެ މި އާ ޤާނޫނުއަސާސީގެ ސަބަބުން އަޅުގަނޑުމެންނަށް ފުރިހަމަވަމުންދާތަން އެބަ ފެނޭ.

އަޅުގަނޑު ވަކިން ޚާއްޞަކޮށް ދަންނަވާނަން، ރާއްޖޭގެ ރަށްތަކަށް ކައުންސިލްތަކުގެ އިންތިޚާބަށްފަހުގައި އުފެދިފައިއެވާ ކައުންސިލްތަކަކީ، އެ ރަށްތަކުގެ ތަރައްޤީއަށްޓަކައި ނުހަނު ގިނަގުނަ މަސައްކަތް ކުރަމުން ގެންދާ ކައުންސިލްތަކެއް. އަދި އެ ކައުންސިލްތަކުގެ އުންމީދުތައްވެސް ވަރަށްގިނަ. އަދި އެހާމެ ފޮނި. އެ އުންމީދުތައް ޙާޞިލް ކުރުމަށް ކައުންސިލްތަކުންވެސް ގެންދަނީ އެހާގިނަ މަސައްކަތް ކުރަމުން. އަޅުގަނޑަށް ޔަޤީން، ކަށަވަރު، މި ރާއްޖޭގެ ހުރިހާ ރައްޔިތުންމެ ހެކިވާނެ، ރާއްޖޭގެ ރަށްތައް ހިންގުމަށް ކަތީބުން ތިއްބެވުމާއި އަދި ކައުންސިލުން އޮތުމާ، މިދެކަމުގެ ތަފާތު އެހާމެ ބޮޑުކަން. މިހާރު ރާއްޖޭގެ ރަށްތަކުގެ އުންމީދު، އަޅުގަނޑު ދަންނަވާނީ، މީގެކުރިއަށްވުރެ ކިތަންމެ ތަނަކުން މިވަނީ އުފުލިފައޭ.

މިދެންނެވި ހަތަރު މައިގަނޑު ކަމުގެ އިތުރުންވެސް، ރާއްޖޭގެ ރައްޔިތުން، މި ޤާނޫނުއަސާސީން ކުރި އަނެއް ބޮޑު އުންމީދަކީ، ރާއްޖޭގައި ރަނގަޅު ފަނޑިޔާރުގެތަކެއް އުފެދި، އެ ފަނޑިޔާރުގެތަކުން ރާއްޖޭގެ ރައްޔިތުންނަށް އިންޞާފް އަވަހަށް އަދި ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާ އެކީގައި ލިބޭނެ އިންތިޒާމަކުން ހަމަޖެހިގެންދިޔުން. އިންޞާފް ހޯދުމަށް ފަސޭހަވުމާއި އަދި އިންޞާފް އަވަހަށް ލިބުމާ، އެއީ ޤާނޫނުއަސާސީ ލާޒިމްކުރާ އެންމެ މުހިންމު، އެންމެ މައިގަނޑު ދެކަން. އަދި ހަމައެހެންމެ، މި ޤާނޫނުއަސާސީން ކުރި އަނެއް އުންމީދަކީ، ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވޭ ފަނޑިޔާރުގެތަކުގައި ތިއްބަވާނެ ފަނޑިޔާރުންނަކީ، ކަމަށް އެކަށީގެންވާ، ސުލޫކީ މިންގަނޑުތަކެއްގައި ތިއްބެވި އަދި ހަމައެހެންމެ ތަޢުލީމީ ފެންވަރު ހުރި ފަނޑިޔާރުންނަށްވުން. މިއަދުގެ ރާއްޖޭގައި ތަޢުލީމީ ޒުވާނުން ނުހަނު ގިނަ. ޤާނޫނީ ދާއިރާއިން ތަޢުލީމީ ޒުވާނުންވެސް ހަމައެހާމެ ގިނަ. މި ގާނޫނުއަސާސީ އުފެދިގެން އައީ، އެ ގިނަ ތަޢުލީމީ ޒުވާނުންނަށް ފަނޑިޔާރުކަމުގެ ފުރްޞަތުތައް ފަހިކޮށްދިނުމަށްޓަކައި. ޤާނޫނުއަސާސީގައި ފަނޑިޔާރުންގެ ޝަރުޠުތައް ކަނޑައެޅުނުއިރުގައި، ތަޢުލީމީ ފެންވަރަށް އެންމެ ބޮޑަށް ބާރުއެޅުނީ، ހަމަ މިދެންނެވި ބޭނުމުގައި. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ މުޅިން އެހެން މަންޒަރެއް. އެނގިވަޑައިގަންނަވާނެ، ޤާނޫނުއަސާސީގެ އިންތިޤާލީ ބާބުގައި ކަނޑައަޅާފައި މިވަނީ، އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ދެއަހަރު ދުވަހުގެ ތެރޭގައި، އެ ޤާނޫނުއަސާސީގައި އެބުނާ ގޮތަށް ފަނޑިޔާރުގެއެއް ކަނޑައެޅުން، ފަނޑިޔާރުގެއެއް އުފެއްދުން. އަދި ފަނޑިޔާރުން، އެ ފަނޑިޔާރުގެއަށް ޢައްޔަންކުރުން.

ޤާނޫނުއަސާސީގައި އެކަން ކުރުމަށް ޙަވާލުކުރެވިފައި މިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނާ. އެ ކޮމިޝަނުން އެކަން ކުރުމަށް ކަނޑައަޅާފައި އޮތީ، ޤާނޫނަކުން ކަނޑައެޅޭ ޝަރުޠުތަކުގެ މަތިން ފަނޑިޔާރުން ޢައްޔަން ކުރުމަށް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެންދިޔަ ތަނަކީ، މިދެންނެވި ޤާނޫނު އުފަންވުމުގެ ކުރީގައި، އެއީ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާ އެބުނާ ޤާނޫނު އުފަންވުމުގެ ކުރީގައި، 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންގެ ކިބައިގައި ހުންނަންވާ ޝަރުޠުތައް ކަނޑައެޅުން. އެންމެ ބޭފުޅުން ރަނގަޅަށް ހަނދުމައިގައި ހުންނާނެ، އަޅުގަނޑު އެދުވަހު ހަމަ ހުކުރު ދުވަހެއްގައި، އެވާހަކަވާނީ ތިޔަބޭފުޅުންނާ އެކުގައި ޙިއްޞާކޮށްފައި. ފަނޑިޔާރުންގެ ޝަރުޠު ކަނޑައެޅިގޮތާއި އަދި އެ ޝަރުޠުތަކަކީ އެއްގޮތަކަށްވެސް މި ރާއްޖޭގެ މިޒަމާނަށް ފެތޭނެ ޝަރުޠުތަކެއް ނޫންކަން އަޅުގަނޑުމެން ގެންދިޔައީ ފާހަގަކުރަމުން. މެއި މަހުގެ ތެރޭގައި، އަޅުގަނޑު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވާނީ ސިޓީއަކުންވެސް މިވާހަކަ ދަންނަވާފައި. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ހަމަ އެއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، ފަނޑިޔާރުން ހުވާކުރެވުނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން. އެއިރަކު އަދި ޤާނޫނުއަސާސީ އެބުނާ ފަނޑިޔާރުންނާ ގުޅޭ ޤާނޫނެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އެ ޤާނޫނު ލިބުނީ، 10 އޯގަސްޓްގައި. އެ ޤާނޫނާ އެކުގައި ނޫން ގޮތަކަށް ފަނޑިޔާރުންނަށް ހުވާކުރެވެން ނެތްކަން، ޤާނޫނުއަސާސީ ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، މިއަދާ ހަމައަށްވެސް މިވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން، ދަށުކޯޓުތަކުގެ ފަނޑިޔާރުން އެކުލަވައިނުލެވި. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުވާކުރައްވާފައިވަނީ އަދި ކަނޑައެޅިފައިވެސްވަނީ ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން. ހައިކޯޓުވެސް އުފެއްދިފައި އެވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން. އެހެން ނަމަވެސް، ދަށުކޯޓުތަކުގެ ފަނޑިޔާރުން، ކަނޑައެޅިފައި އެވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ދަންނަވަން ވަރަށްދަތި.

ރާއްޖޭގެ ރައްޔިތުންގެ ފޮނި އުންމީދަކީ، އެ ރައްޔިތުން އެދޭ ބާވަތުގެ ފަނޑިޔާރުން، އެރައްޔިތުންނަށް އިންޞާފް ކުރުމަށްޓަކައި ފަނޑިޔާރުގެތަކުގައި ތިއްބެވުން. އެ ރައްޔިތުން ބޭނުންވާ ބާވަތުގެ، އެދޭ ބާވަތުގެ ފަނޑިޔާރުންނަކީ ކޮބައިކަން ކަނޑައަޅައިދެނީ، ޤާނޫނުއަސާސީ. ޤާނޫނުއަސާސީގައި އެވާ އުޞޫލުތަކުގެ މަތިން ނޫންގޮތަކަށް، ފަނޑިޔާރުގެތަކުގައި ފަނޑިޔާރުން ތިއްބަވާކަމީ، އަޅުގަނޑުމެންނަށް މި ރާއްޖެއަށް މިވަގުތަށް ލިބިފައިވާ ވަރަށްބޮޑު ހުރަހެއް، ވަރަށްބޮޑު ގޮންޖެހުމެއް.

ރާއްޖޭގެ ދަށުކޯޓުތަކުގައި، މި ރާއްޖޭގެ ބޭންކްތަކުގެ މައްސަލަތައް އެހާމެ ގިނަ. އެމައްސަލަތައް ނުނިންމި ހުރުމާއެކުގައި، ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާން ބޭނުންވާ ފައިސާގެ ކިތަންމެ ޢަދަދެއް މިވަނީ ހުއްޓިފައި. އެތައް މާހިރުންނެއް ހިސާބުޖަހާގޮތުގައި، ޝަރުޢީ ނިޒާމް ފުރިހަމަވެއްޖެނަމަ، މި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އަދި އިތުރު ތިރީސް، ސާޅީސް ޕަސެންޓުން މައްޗަށްދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެއް. ޝަރްޢީ ނިޒާމް މެދުވެރިކޮށްގެން މެނުވީ، އިންވެސްޓްމަންޓްސްވެސް އަދި ވިޔަފާރިވެސް، އޭގެ ރިވެތިގޮތުގައި ކުރިއަށް ގެންދާން އުނދަގޫ.

އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ރާއްޖޭގައި ހިނގަމުން މިއަންނަ ހުރިހާ ކަންކަންވެސް، ޚާއްޞަކޮށް، މިދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި ހިނގަމުން މިއައި ކަންކަން ހިނގަމުން އައިއިރު، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން ދިޔައީ ކަންބޮޑުވަމުން. އެހެން ނަމަވެސް، މިރައްޔިތުންގެ ހިތްވަރާ އެކުގައި އަދި ރާއްޖޭގެ އެންމެހާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ބޭފުޅުންގެ ދުރުވިސްނުމާ އެކުގައި، ރާއްޖޭގެ ކަންކަން އައީ އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާ ކުރެވެމުން. އަޅުގަނޑުމެންނަށް މިވަނީ ދަތިތަކާ އެކުގައި ކަމުގައިވިޔަސްވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވި، އެ މަޖިލިސް އެކުލަވައިލެވިފައި. އަޅުގަނޑުމެންނަށް މިވަނީ ރަށު ކައުންސިލްތައް އެކުލަވައިލެވިފައި. އަޅުގަނޑުމެންނަށް މިވަނީ ރާއްޖޭގެ، ސަރުކާރުގެ އާމްދަނީ، އެތައް ގުނައަކުން މައްޗަށް ގެންދެވިފައި. އެކަމަށް ބޭނުންވާ އިޤްތިޞާދީ އަދި މާލީ ބިލްތައް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އެ ބިލްތައް ފާސްވެ، ޤާނޫނަށް މިހާރު މިވަނީ ހެދިފައި. އޭގެ ފައިދާ ސަރުކާރަށާއި ރައްޔިތުންނަށް މިހާރު މިދަނީ ކުރަމުން. އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު، ރާއްޖޭގެ ރައްޔިތުންނާ އެކުގައި އަޅުގަނޑުމެންނަށް ދެން އޮތް މަސައްކަތްވެސް، ބާރުކަމާ އެކީގައި، ސާބިތުކަމާ އެކީގައި އަޅުގަނޑުމެންނަށް ގެންގޮސް ނިންމޭނެ.

އަޅުގަނޑު ނިންމާލުމުގެ ކުރިން އަދި ދަންނަވަން ބޭނުން، އަޅުގަނޑުމެން ރާއްޖޭގައި އެކުލަވައިލެވިފައިވާ ޤާނޫނުއަސާސީގެ ސިފަ ބަޔާންކުރަމުން އަޅުގަނޑުމެން މިހާރު މިގެންދަނީ، އެއިރެއްގައި އެބޭފުޅަކަށް ފައިދާހުރި ގޮތަކަށް. އެހެން ނަމަވެސް، މި ޤާނޫނުއަސާސީއަކީ ރިޔާސީ ނިޒާމެއްކަން، ހުރިހާ ބޭފުޅުންވެސް ހަނދުމައިގައި ބަހައްޓަވަންޖެހޭނެ. ތިންބާރު ވަކިވެފައި މިވަނީ. ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި އަދި ޝަރީޢަތް ހިންގުމުގެ ބާރު. މިހުރިހާ ބާރެއްގެ މައްޗަށް މިވަނީ ދައުލަތުގެ އެންމެމަތީ ވެރިއެއް، ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ޢައްޔަންކޮށްފައި، ކަނޑައަޅާފައި. ޤާނޫނުއަސާސީން އެ ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ އެންމެމަތީ ވެރިޔާ ކުރަންޖެހޭ ކަންކަން، ވަރަށް ޞަރީޙަ ޢިބާރާތުން، ވަރަށް ސާފުކޮށް އެނގެން އެބައޮތް. ޤާނޫނުއަސާސީއެއް ތަންފީޛެއް ނުކުރެވޭނެ، ޤާނޫނުއަސާސީއެއް އަޅުގަނޑުމެންނަކަށް ހިންގަމަކުން ނުދެވޭނެ، އަޅުގަނޑު މިދެންނެވި ބާރުތަކުގެ ތެރެއިން އެއްވެސް ބާރެއް، އެ ކަނޑައަޅާފައި އޮތް މަސައްކަތް ނުކުރާ ކަމަށްވަނީވިއްޔާ. ޚާއްޞަކޮށް، ދައުލަތުގެ އެންމެމަތީ ވެރިޔާއަށް ލާޒިމްކޮށްފައިވާ ކަންކަން، ޤާނޫނުއަސާސީ ތަންފީޛު ކުރުމުގައި ކޮށްގެން މެނުވީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުން އުންމީދު މިކުރި ޤާނޫނުއަސާސީގެ ފޮނި މޭވާ އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުން ޤާނޫނުއަސާސީން ތި އުންމީދުކުރާ ތަނަވަސްކަމާއި، އުޖާލާކަމާއި، ފާގަތިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަމޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.