بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ދައުލަތުގެ ވަޒީރުން، ޔުނިވަރސީޓީގެ ޗާންސެލަރ، އިންޑިއަން ހައިކޮމިޝަނަރ، އަދިވެސް ދައުލަތުގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް، މިއަދުގެ ޝާޢިރުން، އަދީބުން، ޅެންވެރިން ލިޔުންތެރިން.

السّـلام عليـكم

ދިވެހި ޅެންވެރިކަމަކީ، ދިވެހިން މި ދީބުގައި އުޅެންފެށީއްސުރެ ފަށައިގެން އުފެދެމުން، ފޯދެމުން މިއަދު އަޅުގަނޑުމެން މި ދެކޭގޮތަށް ފައްކާވެފައި އޮތް ކަމެއް. އެކަމަކީ، އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަމާއި، އުޖާލާކަން ގެނެސްދޭ ކަމެއްކަމީ، އަޅުގަނޑުމެން އެއްވެސް ދިވެއްސަކަށް ކުޑަމިންވަރަކަށްވެސް އޮޅިފައެއް ނުވާނެ. މިދުވަސް އަދި މިބާވަތުގެ ދުވަސްތައް އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ، ދިވެހި ޅެންވެރިކަން ދިރުވުމުގެ މަތިވެރި މަޤްޞަދުގައި. އަޅުގަނޑުމެންގެ، އަޅުގަނޑަށް ޔަޤީން، ހުރިހާ ޝާޢިރުންގެވެސް އަމާޒަކީ، މަޤްޞަދަކީ، ހަމައެކަނި ޝާޢިރުގެ ހިތުގައިވާ އުދާސްތައް ހާމަކުރުމެއް ނޫން. ކިޔުންތެރިންނަށް، އަޑުއެހުންތެރިންނަށް، އެއިން އުފަލާއި ޢިބްރަތްވެސް ހޯދައިދިނުން.

ޅެންވެރިންގެ ދުވަސް، އަޅުގަނޑުމެން މި ފާހަގަކުރަނީ، އަޅުގަނޑުމެން އުންމީދު ކުރަން އަދި އަޅުގަނޑުމެން ޔަޤީން ކުރަން، މި ރާއްޖެ ދުށް އެންމެ ކުޅަދާނަ ޝާޢިރުންގެ ތެރެއިން އެއް ޝާޢިރެއް، ބަގީޗާގޭ އިބްރާހީމް ޝިހާބް. އަޅުގަނޑުމެންނަށް ދެންމެ ޝިހާބްގެ އެތައް ޅެމެއް ނުވަތަ ޅެމަކުން ދެތިން ބައިތެއް އަޑުއިވިގެން ހިނގައްޖެ. އަޅުގަނޑު ޅެން ކިޔުމުގެ މާނައެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑު އަބަދުވެސް ހަމަ ގައިމުވެސް ހިތަށްއަރާ، ޝިހާބް އިރާދަކުރެއްވިއްޔާ، މިއަދު ދަތުރުކުރައްވާނީ، ވަޑައިގަންނަވާނީ ސުވަރުގެޔަށޭ.

[ޙަޔާތުގެ ފިކުރު ނެތް ތަނެކޭ، މަރެއްގެ ޚިޔާލު ނެތް ތަނެކޭ،
ގަޔާވެވިގެން ތިބޭ މަތިވެރި ޙަޔާތެއްވާ އެއީ ތަނެކޭ.]

އަޅުގަނޑަށް ދެންމެ [ޙިމާރުލް ޤައުމުގެ] ނުވަތަ ބޮޑުފެންވަޅުގޭ ސީދީގެ ޅެމަކުން ތަންކޮޅެއް އަޑުއިވުނު. އަޅުގަނޑު ވަރަށް ކުރިއްސުރެ ފަށައިގެން، ސީދީގެ އެހެން ޅެމެއް އަޑުއަހަން.
[އަސާރައިގައި ކަސަރު ހުއްޓާ، މަސާލަ ގަރަމް ވަތަށް ފެތިފައި،
ބަސާބިސުތައް އެކަނިވީމާ، ފަސާދަނުވާ ކަމަށްވޭހޭ]

ދެންހަމަ އެ ބައިތު ދަމުން ދަމުން ގޮސް، އެންމެފަހުން އައިސް ބުނޭ،

[ސުދާރާއަށް ގުދުވެ އޮވެ ނުދާނެއިރަކުން
ގޮދާ ދިޔުމުން، ފަސާދަނުވާ ކަމަށް ވަކިވޭހޭ]

އަޅުގަނޑު އަޑުއަހަން، ޅެން އަޅުގަނޑު ކިޔާވެސް އުޅެން. ޅެން ދެންމެ އަޅުގަނޑުގެ ހިތަށް އަދި ޅެމަކުން އަޅުގަނޑަށް ކުރި އެންމެބޮޑު އަސަރެއް، ޙަޤީޤަތުގައި ކުރީ [ކޮކާލަކަށްވީނަމަ]

[އުފާ އުފަލުން އުފާކުރަމުން ވަޔާއެކު އުދުހިދެވިދާނޭ،
ތަފާތު އެކިމަލުން ފޮނިބޮއި މަޖާކޮށްވެސް އުޅެވިދާނޭ.]

[އަލަށް ފަރިވާ މަލަށް ތިރިކޮށް] ދެން އަޅުގަނޑަށް ހީވަނީ އެ ބައިތު އެހެން ދަމުން ދަމުން، ވަރަށް ދިގަށްދޭ. [ނުހަނު ފޮނި މަރްޙަބާއެއްވާ.] ތަފާތު އެކިމަލުން ފޮނިބޮއި މަޖާކޮށްވެސް އުޅެވިދާނެ ކަމަށް ޝާޢިރު ވިދާޅުވީ.

އަޅުގަނޑަށް އެ ޅެން ލިބުނީ، އޭރު އަޅުގަނޑު ދޫނިދޫ ގޮޅީގައި އޮންނަތާ ދެއަހަރާއި ހަތަރު މަސްވެއްޖެ. އަޅުގަނޑަށް ފުރަތަމަފަހަރަށް އެއްޗެތި ކިޔަން ހުއްދަ ލިބުނީމާ، އަޅުގަނޑަށް ލިބުނު ފަތްތޫރައެއްގައި، ޒުލްފާ އިބްރާހީމް ޒެމްބަސީ ލިޔުއްވާފައި އޮތް ޅެމެއް. ދެން އަޅުގަނޑު އެއިރަކު ޒުލްފާ އިބްރާހީމެއް ނުދަންނަން. ދެން އެހެންނަމަވެސް، އަޅުގަނޑު އެ ޅެން ކީ،
[އުފާ އުފަލުން އުފާކުރަމުން ވަޔާއެކު އުދުހި ދެވިދާނޭ
ތަފާތު އެކިމަލުން ފޮނިބޮއި މަޖާކޮށްވެސް އުޅެވިދާނޭ]
އަޅުގަނޑު އެ ޅެން ކީ

[ބިރެއް ސިހުމެއް ނުވާ ޖައްވުން އިރެއް އިރަކަށް
ދެފިޔަ ލައްޕާ މަޖާކޮށްވެސް އުޅެވިދާނޭ]

އަޅުގަނޑު އެއިރު އިންގޮތުން، އަޅުގަނޑަށް ހައްތަހާވެސް ހިތަށްއެރީ، މިއީ އަޅުގަނޑުގެ ވާހަކައޭ މި ދައްކަނީ. އަޅުގަނޑަށް ފަހުން ޒުލްފާއާ ބައްދަލުވީ. ދެން އަޅުގަނޑަށް އެއިރު އެނގުނު، ހަމަ ޒުލްފާވެސް އެ ކިޔުއްވަނީ، ގޮނޑީގައި އިންނަވާތީވެ،

[ދެފިޔަ ލައްޕާ ހުޅުވިދާނޭ، އުފާ އުފަލުން
އުފާކުރަމުން ވަޔާއެކު އުދުހި ދެވިދާނޭ.]

އަޅުގަނޑު ސިއްސުވާލި އެހެން ޅެމެއް. ޒަމާނީ ޅެންވެރިއެއް، އަޅުގަނޑަކަށް ނޭނގެ ކީއްވެގެން ކަމެއް ކޮންމެއަކަސް. އަޅުގަނޑު ދޭތެރެއަކުން އެ ޅެން ބައެއްފަހަރަށް ބުނެވެސްވޭ. އެއީ،

[ހިތާ މޭ ހިބައިން ލިޔެދިނީމާ ނުވޭހޭ
ފިތާ ހިތުގެ ހިތި ނާތުލާ ހަމަ ނުވީހޭ
ލެޔާ ނާރު އެކުގައި ވެދުންކޮށް ހެދީމާ
ހެޔާއި ބުއްދި އެކުގައި ނުގެންގޮސް ނުވީހޭ]

ފަރެސް ޢާމިރު، އެބޭފުޅާގެ ޅެމެއް.

އަޅުގަނޑުމެންގެ ތެރޭގައި ޅެން ކިޔެމުން، ޅެން ހެދެމުން މިއަންނަ އައުމުގައި، ބައެއްފަހަރަށް އަޅުގަނޑުމެންގެ ތެރެއިން މާހިރުން، އަޅުގަނޑުމެންގެ ތެރެއިން މުރުޝިދުން، އެބަ އަޅުގަނޑުމެން، ހަމަ މަގަށް ގެނައުމަށް، ކުރީގެ ޅެންވެރިންގެ ޅެންތައް އަނެއްކާވެސް އަޅުގަނޑުމެންނަށް ދައްކާ. އަޅުގަނޑުމެންނަށް ކިޔައިދޭ. އަޅުގަނޑުމެންނަށް އަންގައިދޭ. އޭގެ މަޤްޞަދަކީ، އޭގެ ބޭނުމަކީ، ދިވެހި ޅެންވެރިކަން އެ ހުރި ފަށުވިކަމުގައި، އެ ހުރި ބަނިޔާދަން ކަމުގައި އަޅުގަނޑުމެންނަށް ގެންދެވޭތޯ މަސައްކަތް ކުރުން. އޭގެ މާނައަކީ، އެއްވެސް ހާލެއްގައި އަޅުގަނޑު ނުދެކެން، އަޅުގަނޑުމެން އާ ޅެމަށް ނުވަތަ އާ ގޮތްތަކަށް ނުހެއްލެންވީ ކަމަކަށް. މިއަދު ޞާދިޤު ތަރުޖަމާ ކުރައްވާފައި އެވާ މުލޭގެ ޅެންފޮތް. އަޅުގަނޑު އެންމެ ފުރަތަމައިނުން އެގޮތަށް، ޞާދިޤު ޅެން ލިޔުއްވާފައި ހުއްޓާ ދުށީ، އާ ޅެމުގެ ގޮތުގައި. އެއީ، ފަތްތޫރައިން ލިޔުއްވާފައި، ފަތްތޫރައިގައި ޞާދިޤު ލިޔުއްވާފައި އޮތް ޅެމެއް.

ދެން މިއަދު އަޅުގަނޑުމެންނަށް މުލޭގެ ޅެންފޮތް، ދެބޭފުޅުންވެސް، ޙަބީބާވެސް ދެބޭފުޅުންވެސް އެ ތަރުޖަމާ ކުރައްވާފައި އޮތްއިރުގައި، ވަރަށްގިނަ ބައިތުހުރީ މިދެންނެވިހެން އެ އާ ޅެމުގައި ހުރިގޮތަށް.

އަޅުގަނޑު މިތަނުގައި ދެތިން ޅެންވެރިއެއްގެ ޅެން އެކަނި އަޅުގަނޑަށް މި ދަންނަވާލެވުނީ. އަޅުގަނޑު މިތަން ބަލައިލާއިރު ވަރަށް ލަދުވެސްގަނޭ. އަޅުގަނޑަށް އެނގޭ، ހަމަ ކޮންމެ ބޭފުޅަކީވެސް، ތިޔަބޭފުޅުންގެ ޤަލަމުން އަޅުގަނޑުމެންގެ ހިތްތައް، އަޅުގަނޑު ދަންނަވާނީ ރޮއްވާލަދޭނެ ބޭފުޅުންނޭ. އަދި ނުވަތަ އަޅުގަނޑުމެންގެ ހިތްތަކަށް ނުހަނު އުފާވެރިކަން ގެނެސްދެއްވާ ބޭފުޅުންނޭ.

ޤައުމެއް، ޤައުމަކަށްވެ މިދަނީ އަދި އިންސާނަކު އިންސާނީ ޙަޔާތެއް، އިންސާނުންނަށް ލިބިގެންވެސް މިދަނީ، އުފާވެރިކަމާއި އަޅުގަނޑުމެންގެ ދިރިއުޅުމުގެ އުޖާލާކަމެއް އަޅުގަނޑުމެންނަށް ލިބުނީމާ. އަޅުގަނޑުމެން، ޅެންވެރިންގެ ދުވަސްވެސް އަދި މިބާވަތުގެ އެންމެ ދުވަސްތައް ފާހަގަކުރަމުން މިގެންދަނީ، ޤައުމީ ތަރައްޤީއަށް މިކަމުގައި ހުރި މުހިންމު ކަމާއި އަދި މި ޅެންވެރިކަން ދިރުވުމުގެ ބޭނުންތެރިކަން ބޮޑުކަމުން.

އަޅުގަނޑު ގާތުގައި ދެންމެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވި. އެބޭފުޅާގެ މިނިސްޓްރީގެ ބަޖެޓަށްވުރެ، އެކަޑަމީގެ ބަޖެޓް މިފަހަރު ބޮޑުކޮށް އެބަ ފެނެޔޭ. ދެން އަޅުގަނޑު ނުދަންނަވަން. ދަތުރުފަތުރު ކުރުމަށްވުރެ، ކޮންމެހެނެއް ޅެންވެރިކަން މުހިންމު ކަމަށް ފެންނަނީ ކަމަކަށް. އެހެން ނަމަވެސް، އަޅުގަނޑެއް ނުދަންނަވާނަން، ދަތުރުފަތުރު ކުރުމަށްވުރެ މުހިންމު ނޫން ކަމެއް ކަމަކަށް ޅެންވެރިކަމަކީ. އާދެ! ދަތުރުފަތުރު ކުރުމަކީވެސް އަޅުގަނޑުމެންގެ ވަޢުދެއް. ރީތި ޅެން އަޑުއަހާ ކިޔުމަކީވެސް އަޅުގަނޑުމެންގެ ވަޢުދެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.


والحَمْـدُ لِلّـهِ. والســّلام عليــكم.