بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު މިރަށަށް އައިއްސުރެ އަޅުގަނޑަށްވީ މިންވަރަކުން މިރަށުގެ ވީހާ ގިނަ ތަނެއް ބަލައިލެވޭތޯ މަސައްކަތް ކުރިން. ރަށުގެ ކަންތައްތައް ހިނގަމުންދާގޮތް އޮޅުންފިލުވޭތޯ އަޅުގަނޑު މަސައްކަތް ކުރިން. އަޅުގަނޑަށް މިރަށުގެ ކައުންސިލަރުންނާއި އަދި މިރަށުގެ އެކިއެކި މުއައްސަސާތަކުގެ ނުހަނު އިޙްތިރާމާއެކީގައި އެއްބާރުލެއްވުން ދެއްވައި، އަޅުގަނޑު އެހި ހުރިހާ ސުވާލަކަށް އެބޭފުޅުން ޖަވާބު ދެއްވައި، އަޅުގަނޑަށް މިރަށުގެ ކަންކަން ސާފުވާގޮތް ކޮންމެވެސް މިންވަރަކަށްވުރެ ބޮޑަށް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށް މިހާރު މިވަނީ މިރަށާ ގުޅޭގޮތުން އަޅުގަނޑު އައުމުގެ ކުރީގައިވެސް އަޅުގަނޑަށް އެއްވެފައިހުރި އެނގިފައިހުރި ބައެއް މަޢްލޫމާތުގެ އިތުރުން، ވަރަށްގިނަ މަޢްލޫމާތު، ރަށާ ގުޅޭގޮތުން އަޅުގަނޑަށް މިވަނީ ލިބިފައި.

މިއަދު މިހާތަނަށް އަޅުގަނޑުމެންނަށް މިސަރުކާރުގައި އާދެވުނުއިރު، ޢާންމުކޮށް، މިސަރުކާރުން ހިންގާ ޕްރޮގްރާމްތައް ފިޔަވައި، އެހެން މިދެންނެވީ، މިރަށުގެވެސް ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެ ލިބޭ ޕެންޝަނާއި ޢިނާޔަތް ލިބޭނެ. އަދި ނުކުޅެދޭ މީހުންނަށް ލިބޭ ޢިނާޔަތާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ލިބޭ ޢިނާޔަތާ، މިދެންނެވި މިހެންގޮސް މި އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ކަމެއް މިރަށުގައިވެސް ހިނގަމުންދާނެ.

އެހެންނަމަވެސް، މިދެންނެވި ކަންކަމުގެ އިތުރުން، ފާހަގަކުރެވޭފަދަ ޢުމްރާނީ ރަށު ތަރައްޤީގެ މަސައްކަތެއް މިއަދާ ހަމައަށްވެސް މި ސަރުކާރަށް އޮތީ މިރަށުގައި ކުރާން ނުފެށިފައި. ކުރާން ނުފެށި އޮތް އެންމެ ބޮޑު އެއްސަބަބަކީ، ޙަޤީޤަތުގައި އަޅުގަނޑަށް ބޮޑަށް ސާފުނުވާތީވެ. މިއަދު މިއީ އަޅުގަނޑަށް މިރަށުގައި ވަރަށް ހިތްހަމަޖެހިގެން، ރަށުގެ ހުރިހާ ތަނެއްހެން ވަރަށް ރަނގަޅަށް މިނެ، ކިރާ، ބަލައި، އޮޅުންފިލުވައި ހެދުނު ދުވަހެއް. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑުގެ ހިތުތެރޭގައިވެސް އަދި ސަރުކާރުގެ އިތުރު ހިތްވަރެއް، އިތުރު ޖޯޝެއް އެބަހުރި. އަޅުގަނޑުމެން ހަމަ މި އުންމީދުކުރާ ފުރިހަމަ ތަރައްޤީގެ ހަބަކަށް، ނާރެސްއަކަށް މިރަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ބާރަށް ފެށުމަށް.

އެގޮތުން، އިރާދަކުރެއްވިއްޔާ، މިހާރު ހަމަ އަޅުގަނޑު މާލެދިޔުމާ އެކީގައި ގޮސްފައި ބަނދަރު ހެދުމުގެ މަސައްކަތަށް ބޭނުންވާ ޑިޒައިންތައް ހެދުމާއި، ބަނދަރުގެ މަސައްކަތްތައް ފެށުމަށް، ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ، މިއަންނަ ހަފްތާގެ ތެރޭގައި ސަރުކާރުން ފަށާނެ. ބަނދަރުގެ މަސައްކަތް މިރަށަށް ކިތަންމެހާވެސް ބޭނުންތެރި. އެންމެބޮޑު ސަބަބަކީ، މިރަށަކީ ކޮޅުމަޑުލުގެ އެކަންޏެއް ނޫން، ރާއްޖޭގައި މަސްވެރިކަމަށް ރަނގަޅު އަދި ރަނގަޅަށް މަސް ބާނާ ރަށްރަށުގެ ތެރެއިން އެއްރަށް. އޮޑިދޯނިފަހަރު ގިނަ، ހީވާގި ކެޔޮޅުންނާއި، އެންވެރިންނާއި، ދޮށިއަޅާ މީހުން އުޅޭ އަދި އެހާމެ މުރާލި، ހީވާގި އަންހެނުން އުޅޭ ރަށެއް. މިރަށުގެ ތަރައްޤީއަށްޓަކައި މިރަށުގެ ރައްޔިތުން ކޮށްފައިވާ މަސައްކަތަކީ، ރާއްޖޭގެ އެހެން ކިތަންމެ ރަށަކަށް ނަމޫނާއަކަށްވާންޖެހޭނެ ކަންކަން.

އަޅުގަނޑު ހަނދާނެއް ނުހުރޭ، ވަރަށް ކުޑައިރުއްސުރެ ފަށައިގެން، 1980ގެ އަހަރުތައް މެދުޖެހުނުހާ އިރުއްސުރެ ފަށައިގެން އަޅުގަނޑު ހަނދާންވަނީ، މިރަށުގައި މިއޮތް ބާވަތުގެ ވަރުގަދަ އެއްގަމު ތޮށްޓަށް ވާޓަރެއް، އެއިރުއްސުރެ އޮތީ ހަދާ ނިމިފައި. އެއީ ހަމަ މިރަށު ރައްޔިތުން ވަރަށްބުރަ މަސައްކަތުން، ސަރުކާރުގެ އެހީތެރިކަމާވެސް އެކީގައި ހަދާ ނިންމާފައި އޮތް ރަނގަޅު ހެޔޮ ބަނދަރެއް. މިބަނދަރު އަޅުގަނޑުމެން މިއަދު މިވަނީ މިދެންނެވިހެން ބަދަލުކުރަން ޖެހިފައި. މަރާމާތު ކުރަން ޖެހިފައި ނުވަތަ ބޮޑުކުރާން ޖެހިފައި. އާ ބަނދަރަކަށް އިރާދަކުރެއްވިއްޔާ، ޑިޒައިންގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި، އެ އާ ބަނދަރުގެ މަސައްކަތް ސަރުކާރުން ފަށާނެ.

އަޅުގަނޑަށް މިރަށުން އެންމެބޮޑު ހިތްހަމަޖެހުމެއް ލިބުނީ، މިރަށުގެ ސްކޫލަށް ދިޔުމުން. އަޅުގަނޑު އަބަދުވެސް ދަންނަވަން. އަޅުގަނޑު އަބަދުވެސް ފާހަގަކުރަން. ރަށެއްގެ ތަރައްޤީގެ ނާރެސްއަކީ ޙަޤީޤަތުގައި މަދްރަސާއޭ. އެ މަދްރަސާއިން ނުކުންނަ ދަރިވަރުންގެ ޢިލްމާއި، އެމީހުންގެ ހުނަރާއި، އެމީހުންގެ ޤާބިލްކަމުގެ ތެރެއިންނޭ ރަށު ތަރައްޤީ މި ހޯދެނީ. މިތަނުގެ މަދްރަސާގެ ކުރިއެރުން ހުރީ ރާއްޖޭގެ އެހެން އެއްވެސް މަދްރަސާއެއްގައި ނުވާ މިންވަރަށޭ ދެންނެވީމާ، އެއީ އަދި ކުށަކަށެއް ނުވާނެ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވަން، އުތުރުން ބައެއް ރަށްރަށުގައި އެބަހުރި ހަމަ މިބާވަތުގެ ނަތީޖާތައް ހޯދަމުން އައިސްފައި. އެހެން ނަމަވެސް، 23 ޕަސެންޓްގެ ކުރިއެރުމެއް، މިރަށު މަދްރަސާ، އޯ ލެވެލް އިމްތިޙާނުން 5 މާއްދާއިން ފާސްވާ ކުދިންގެ ޢަދަދު އިތުރުކޮށްފައި އެބައޮތް، 23 ޕަސެންޓުން. އެއީ، އަޅުގަނޑު މަދްރަސާގެ ޕްރިންސިޕަލަށާއި، ހެޑްމާސްޓަރަށާއި އަދި މަދްރަސާގެ ހީވާގި ޓީޗަރުންނަށާއި، ބެލެނިވެރިންނަށާއި އަދި ކުޅަދާނަ ދަރިވަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން ބޭނުންވާ ކަމެއް.

މަދްރަސާއަށް މިވަގުތަށް ބޭނުންވާ ކަންކަމުގެ ގޮތުގައި، އަޅުގަނޑަށްވެސް ފާހަގަވި، ހަމަކަށަވަރުންވެސް މަދްރަސާއަށް އެބަ ބޭނުންވެޔޭ ހޯލެއް. ސަރުކާރުން އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ހޯލެއް ޢިމާރާތް ކުރަން ފަށާނެ. މަދްރަސާގެ ސައިންސް ލެބަށް ބޭނުންވާ ސާމާނު އަދި ކޮމްޕިއުޓަރ ރޫމަށް ބޭނުންވާ ބައެއް ސާމާނު އަދި އޭގެއިތުރުން، މަދްރަސާއަށް ދެންގޮސް ބޭނުންވާ އެހެން އެހެން ކިތަންމެ ފުރިހަމަކަމެއް އެބަ ފެނޭ. އެއް ޓީޗަރަކު އަޅުގަނޑަށް ފާހަގަކޮށްދިން، ހޯމް ސައިންސް ނުވަތަ ކައްކާ އަދި ގޭތެރޭގެ ދިރިއުޅުމާއި ވައްޓަފާޅި ދަސްކޮށްދޭ މާއްދާއަށް ބޭނުންވާ ތަންތަނާއި އަދި ވަކިން ޚާއްޞަކޮށް، އިނގިރޭސި ޓީޗަރު އަޅުގަނޑަށް ފާހަގަކޮށްދެއްވި، ލައިބްރަރީއަކާއި އެ ލައިބްރަރީއަށް ބޭނުންވާ ރަނގަޅު ފޮތްތައް، އެ ލައިބްރަރީއަށް ބޭނުންވާ ކަމަށް. މިހާރުވެސް މިރަށުގެ އިނގިރޭސީގެ ފެންވަރު އަދި އިނގިރޭސިން ކުދިން ފާސްވާ މިންވަރު އަޅުގަނޑަށް އަޅައިގަތީ އެހެން ރަށްރަށަށްވުރެ ރަނގަޅު ކަމަށް. އެހެންވީމާ، މިރަށުގެ ލައިބްރަރީ ރަނގަޅުކޮށްދިނުމަކީ، އަޅުގަނޑު އަމިއްލައަށްވެސް ވަރަށްކުރާހިތްވާނެ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެކަން ކޮށްދޭނަން.

ރަށުގެ އާމްދަނީ އިތުރުކުރަން އެބަޖެހޭ، ރަށުގެ ރައްޔިތުންނަށް ފައިސާ ލިބޭނެ ގޮތްތައް އަޅުގަނޑުމެން އެބަ ހޯދާންޖެހޭ. އެއީ، ރަށުގެ އާމްދަނީ އިތުރުކުރުމަށްޓަކައި މިރަށު ރައްޔިތުން އަބަދުވެސް ކުރަމުން މިގެންދަނީ މަސްވެރިކަން. އެ މަސްވެރިކަމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ އާލާތާއި ވަސީލަތްތައް، ސަރުކާރަށްވީ މިންވަރަކުން މިގެންދަނީ މިރަށުގައި ތަރައްޤީ ކުރަމުން. އިރާދަކުރެއްވިއްޔާ، އައިސް ޕްލާންޓްގެ ޚިދްމަތް މިހާރު އެހެރީ ފެށިފައި. ކުރިއަށް އޮތް ތަނުގައި، އޭގެ ދެވަނަ އައިސް ޕްލާންޓެއް ބެހެއްޓި، މިހާރު ބެހެއްޓިފައި އެހެރަ އައިސް ޕްލާންޓްގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އެ އައިސް ޕްލާންޓްވެސް މަސައްކަތް ކުރަން ފަށާނެ.

ހަމައެހެންމެ، މިރަށުގެ ފެން ޕްލާންޓެއްވެސް އެބަހުރި. އެހެން ނަމަވެސް، އަޅުގަނޑަށް ފާހަގަވީ، ބައެއް ސަރަޙައްދުތަކުގައި ފެން ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާކަން. އެހެންވީމާ، މިރަށުގައި ފެން ޕްލާންޓްގެ ޚިދްމަތް، ވީހާވެސް އަވަހަކަށް ދެވޭތޯ އަޅުގަނޑު މަސައްކަތް ކޮށްދޭނަން. އަޅުގަނޑު މިކަން ކުރާއިރުގައި، އިރާދަކުރެއްވިއްޔާ، ރަށުތެރެއަށް ހޮޅި އަޅައިގެން، އެކަން ކުރެވޭނޭ އިންތިޒާމެއް ހަމަޖެހޭތޯ އަޅުގަނޑު ބަލައިދޭނަން.

އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުން. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، އަޅުގަނޑުމެންނަށްވީ މިންވަރަކުން، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅައިދިނުން.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ގުރައިދޫގެ އެމް.ޑީ.ޕީ.ގެ ހުރިހާ މެންބަރުންނަށާއި އަދި އަޅުގަނޑުމެންނަށް ވަރަށް ލޯތްބާ އެކީގައި ތިޔަބޭފުޅުން އަދާކޮށްދެއްވި އިޙްތިރާމާއި އަދި މެހްމާންދާރީކަމާއި އަދި އޭގެއިތުރުން، ހަމަ މުޅި ގުރައިދޫގެ ހުރިހާ ރައްޔިތުން މިއަދު އަޅުގަނޑުމެން މިރަށަށް އައިމާ، ކަންތައް ތިޔަ ބެހެއްޓެވި ގޮތް އެއީ، އަޅުގަނޑު އަބަދުވެސް ހަނދާން ހުންނާނެ ކަމެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށްވީ މިންވަރަކުން، އަޅުގަނޑުމެން ގެންދާނީ ގުރައިދޫ ކަންކަން، ކުރިއަށް އޮތް ތަނުގައި މާރަނގަޅަށްވެސް ފުރިހަމަކުރަމުން.

والحَمْـدُ لِلّـهِ. والســّلام عليــكم.