بســم اللّـه الرّحمـن الرّحيــم

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދިވެސް ދައުލަތުގެ ވެރިންނާއި، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުންނާއި، މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު، އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް، ވެށިފަހި މާލޭގެ މަސައްކަތް ކުރިއަށްދާގޮތް ތަފްޞީލުކޮށްދިނުމުގެ މާބޮޑު މާނައެއް ނެތްކަން އެބަ ސާފުވޭ. ތިޔަބޭފުޅުންނަށް ވަރަށް ފުރިހަމައަށް އެނގިވަޑައިގަންނަވާ، މުޅި ޕްރޮގްރާމް ހިނގުމަށް ހަމަޖެހިފައިވާ ގޮތް. ގޯތި ބޭނުންވާ ފަރާތްތައް ހޯދުމަށް ސަރުކާރުން އިޢްލާނު ކުރުމުން، އެކާވީސްހާހަށްވުރެ ގިނަ ފަރާތުންވަނީ އެކަމަށް އެދިފައި. ސަރުކާރުގެ އަމާޒަކީ، އޭގެތެރެއިން ވީހާވެސް ގިނަ ބަޔަކަށް، ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ހޯދައިދިނުން. ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ، ޙަޤީޤަތުގައި، އެ އެކާވީސްހާސް މީހުންނަށްވެސް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް. އަޅުގަނޑުމެން ދެކެނީ، އަޅުގަނޑުމެންނަށް އެނގެނީ، މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވެން އޮތް ކަމެއްކަން. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި މަސައްކަތް ތިޔަބޭފުޅުންނަށް ކޮށްދީ ނިންމާނަން.

މިއަދު ގޯތި ޙަވާލުކުރެވުނު ފަރާތްތަކާއި އަދި ފްލެޓް ލިބޭނެކަމާއި، ގޯތި ލިބޭނެކަން އަންގައިދެވުނު ފަރާތްތަކާއި އަދި އެނޫންވެސް ގޮތްގޮތުން މި ޕްރޮގްރާމްގައި ބައިވެރިވެ ތިއްބެވި އެންމެހާ ފަރާތްތަކަށް، އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުން، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް، މާލޭ ސަރަޙައްދުގައި ގޮތެއް ހޯދައިދޭނަމޭ. އެއީ، މާލެއަށާއި، މާލޭ ސަރަޙައްދަށާއި އަދި މި ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެކޭ. އަޅުގަނޑުމެންނަށް ފާހަގަވެފައިވަނީ، މި ސަރަޙައްދުގެ ދޮޅުލައްކައަށްވުރެ ގިނަ މީހުން، މާލޭގައާއި އަދި މާލޭ ކައިރީގައި މި ދިރިއުޅެމުން ގެންދާ ދިރިއުޅުމަށް އުޖާލާކަމެއް ގެނެވި، ހަރުދަނާކަމެއް ހޯދި އަދި އިޤްތިޞާދީ އޭޖެންޓެއްގެ ގޮތުގައި، އިޤްތިޞާދީ ޙަރަކާތްތެރިންގެ ގޮތުގައި، މި ސަރަޙައްދުގެ ދޮޅުލައްކަ މީހުންނަށް ޙަރަކާތްތެރިވެވިއްޖެނަމަ، މުޅި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެންމެހާ ވަސީލަތްތައް، މި ދޮޅުލައްކަ މީހުން އަތުން ނެގުމަކީ، އަޅުގަނޑުމެންނަށް ފަސޭހައިން ކުރެވެން އޮތް ކަމެއްކަން.

އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މާލޭ ސަރަޙައްދުގައި ހިންގާންޖެހޭ ޕްރޮގްރާމްތަކެއް އެބަހުރި. މި ސަރުކާރުން މިގެންދަނީ، މިދެންނެވި ޕްރޮގްރާމްތައް ހިންގަމުން. އެކާވީސްހާސް ބޯހިޔާވަހިކަން ނުވަތަ ހައުސިންގ ޔުނިޓް، މި ސަރަޙައްދުގައި އުފައްދާނެ ޖާގަ އޮތްތޯ އަޅުގަނޑުމެން އެބަ ވަޒަން ކުރަންޖެހޭ. މިވަގުތު މާލޭގައި މިވަނީ ސޯޅަހާސް ގެ. އެހެންވީމާ، އަޅުގަނޑުމެން ޙަޤީޤަތުގައި މިދައްކަނީ، މިހާރު މާލޭގައި ހުރި ގޭގެ ޢަދަދަށްވުރެ، މާގިނަ ޢަދަދަކަށް މިވަނީ މީހުން މާލޭ ސަރަޙައްދުން ދިރިއުޅެން، ބޯހިޔާވަހިކަމަށް އެދިފައި. މިހާރު ސާފުކުރެވިފައިމިވާ A ކެޓަގަރީގައި އެ ހިމެނެނީ، މާލޭގައި ބިންކޮޅެއް އޮވެމެ، އެހެން ނަމަވެސް، އެ ބިންކޮޅު ކުޑަކަމުން، ރަނގަޅު ދިރިއުޅުމެއް ބިނާ ނުކުރެވި ތިބެންޖެހޭތީވެ، އެ ފަރާތްތަކަށް ހޯދައިދޭ ލުޔެއް ހޯދައިދިނުން. އެއީ، އެ ބިންކޮޅު ދޫކޮށްލީމާ، ބޮޑު ބާރަސަތޭކަ އަކަފޫޓްގެ ބިމެއް ނުވަތަ ފްލެޓެއް ދެވޭނެ އުޞޫލެއް ހޯދުން. އެ އުޞޫލު ހިންގާން ފެށުން.

ވެށިފަހި މާލޭގެ ފެށުމަކީ، މިދެންނެވި އުޞޫލު އަޅުގަނޑުމެން ހިތަށް ގެނައުން. ބޭނުމަކީ، ހަމައެކަނި މާލެއިން ޖާގަ ހޯދުމެއް ނޫން. ހަމައެޔާއެކުގައި، ތަނަވަސް ދިރިއުޅުމެއް، އެފަރާތްތަކަށްވެސް ހޯދައިދިނުން. އަޅުގަނޑުގެ ފަހަތުން މިހާރު ތިޔަ ފެންނަ މާލޭގެ ޗާޓްގައި ފާހަގަވެފައި އެވަނީ، ފުރަތަމަ އިޢްލާނު ކުރުމުން، މާލެއިން ބިންކޮޅު ދޫކޮށްލައި، އޭގެ ބަދަލުގައި، މާލެއިން ފްލެޓެއް ނުވަތަ ހުޅުމާލެއިން ފްލެޓެއް ނުވަތަ ހުޅުމާލެއިން ގޯއްޗެއް ބޭނުންވާ ފަރާތްތައް ކަމަށް، މި ޕްރޮގްރާމްގައި ބައިވެރިވެ، އެ މަސައްކަތް ހިނގަމުންދާ ފަރާތްތައް. އޭގެތެރެއިން، މިހާރުވަނީ ކުރީގައި 104 ފަރާތަކަށް ގޯތި ލިބޭނެކަން އަންގައިދެވިފައި. މިފަހަރު އަޅުގަނޑުގެ ހަނދާން، ކުށް ނޫން ކަމަށްވަނީވިއްޔާ، އެއީ 133 ފަރާތް. އަދި މިހާރު މި އިތުރު 50 ފަރާތަކަށް، ކުރީގައި ޔަޤީންކަން ދެވިފައިވާ 50 ފަރާތަކަށް މިހާރު މިދަނީ އެގްރީމަންޓް ކުރެވި، ބިން ޙަވާލުކުރެވެމުން.

މާލޭގެ 158 ފަރާތަކަށް ފްލެޓް ލިބޭކަން، އަޅުގަނޑު ހަނދާންވާ ގޮތުގައި، މިރޭ ފާހަގަވެގެންދާނެ. އެ 158 ފަރާތާއި އަދި ހުޅުމާލެއިން 23 ފަރާތަކަށް ފްލެޓް ލިބޭކަން މިރޭ އަޅުގަނޑު ހިތުން އެނގިގެންދާނެ. އެ ޖުމްލަ އެއްކުރީމާ، މާލެއިން ހުސްވާ ބިންކޮޅުތައް، އަޅުގަނޑުގެ ފަހަތުގައި އެހުރި މާލޭގެ ޗާޓުން އެ ފެންނަނީ. މި މަގުން މަސައްކަތް ކުރަމުން ގެންދިޔައިމާ، މާލޭގެ ވަރަށްގިނަ ބިން ހުސްކުރެވި، މާލޭގައި ފެހިކަން އިތުރުކުރެވި އަދި މާ ތަނަވަސްކަންމަތީގައި އުޅެވޭނެގޮތް ވެގެންދާނެ. ޙަޤީޤަތުގައި، މިއަދު ހުޅުމާލެއިން ފްލެޓެއް ނުވަތަ މި A ކެޓަގަރީގެ ތެރެއިން ބިމެއް ލިބޭ ކޮންމެ މީހަކާއި އަދި އެ ބިމާ ޖެހިގެން ހުރި މީހާއަށްވެސް، މި ޕްރޮގްރާމުން މިއޮތީ ފެހިކަން ލިބިފައި. ގޭ ކައިރީގައި ގަހެއް އިންދުމުގެ ފުރްޞަތު ނުވަތަ ގޭ ކައިރީގައި ހުސް ތަންކޮޅެއް ބޭއްވުމުގެ ފުރްޞަތު، މިހާރު މާލެއިން ކޮންމެވެސްވަރަކަށް އަޅުގަނޑުމެންނަށް ލިބެމުން މިދަނީ.

ދެވަނަ ބުރަކަށް އަނެއްކާވެސް A ކެޓަގަރީގައި ހުޅުވާލެވޭނެ. އަޅުގަނޑަށް ވަރަށް ސާފުކޮށް އެބަ އެނގޭ، މާލޭ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު އެބަ އެދޭ، އަނެއްކާވެސް ހަމަ ބިންކޮޅު ދޫކޮށްލެވި، އޭގެ ބަދަލުގައި، ހުޅުމާލެއިން ބިންކޮޅެއް ނުވަތަ ފްލެޓެއް ލިބޭނެ އުޞޫލު ހަމަޖެހުން. އަޅުގަނޑުމެންނަށް ފެންނަނީ، އިރާދަކުރެއްވިއްޔާ، A ކެޓަގަރީގެ 2 ވަނަ ބުރަކަށް ހުޅުވާލެވިގެންދާނެ. B ކެޓަގަރީގައި، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ހަތްހާސް އެއްސަތޭކަ މީހުން، ބައިވެރިން އެބަވޭ. ދެން އެކާވީސް ހާހުން ބާކީހުރި ބައި މިވަނީ C ކެޓަގަރީގައި. މިހުރިހާ ކެޓަގަރީއަކަށްވެސް ބޯހިޔާވަހިކަމެއް، ބޯހިޔާވައްސެއް ހޯދައިދެވިގެން ނޫނިއްޔާ، ޙަޤީޤަތުގައި އަޅުގަނޑުމެން މި އެދޭ [އަނެއް ދިވެހިރާއްޖެ] އޭގެ ފުރިހަމަ ގޮތުގައި ހޯދަން ދަތިވާނެ.

އެހެންވީމާ، މާލޭގެ ބޯހިޔާވަހިކަމުގެ ދައްޗާއި ނުވަތަ މާލޭގެ ތޮއްޖެހުމާ ނުގުޅި އޮތް މި ރާއްޖޭގެ އެއްވެސް މައްސަލައެއް އަޅުގަނޑަށް ހޯދަން ދަތި. އަތޮޅުތެރޭގެ ތަރައްޤީވެސް ގުޅިފައި އޮތީ މާލޭގެ ތޮއްޖެހުމާ. އަތޮޅުތަކުގެ ތަރައްޤީއަށް އެޅިފައި ހުރި ހުރަސްތައް، ޙަޤީޤަތުގައި ގުޅިފައި އޮތީ މާލޭގެ ތޮއްޖެހުމާ. މާލޭގެ މިހާރުގެ އުފެއްދުންތެރިކަމަކީ، ގާތްގަނޑަކަށް ދިހަ، ބާރަ ބިލިއަން ރުފިޔާ. އެ އުފެއްދުންތެރިކަން މިހާރު މި ނުކުންނަނީ، ސޯޅަހާސް ގެއިން. އަޅުގަނޑުމެންނަށް ލަފާކުރެވެނީ، އެ ގޭގެ ޢަދަދު އަޅުގަނޑުމެންނަށް އިތުރުކުރެވިއްޖެނަމަ، މާލޭގެ އުފެއްދުންތެރިކަންވެސް އިތުރުވެގެންދާނެކަމަށް. އަދި ދުނިޔޭގެ އެހެން ތަންތަނުގައިވެސް މިކަން ހިނގާފައި އޮތީ މިފަދައިން. އެހެންވީމާ، މާލޭގެ ޖީ.ޑީ.ޕީ އަޅުގަނޑުމެން މިދެކެނީ، ހައުސިންގ ޕްރޮގްރާމާ އެކީގައި، އިރާދަކުރެއްވިއްޔާ، ދެގުނަވެގެންދާނެ ކަމަށް. އޭގެ ސަބަބުން، މުޅި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ފައިސާއާއި އަދި ސަރުކާރުގެ އާމްދަނީ އިތުރުވެގެން ދިޔައީތީވެ، މުޅި ރާއްޖެއަށް އަޅުގަނޑުމެން މި އެދޭ ތަރައްޤީ ގެންނާން އަޅުގަނޑުމެންނަށް ފަސޭހަވާނެ. ޙަޤީޤަތުގައި މާލެ، މިކަމަށް ބޭނުންކުރުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެންމެ އަވަހަށް މިކަން ކުރެވޭން އޮތް ގޮތް. އަދި އެންމެ ބާރަށް އަޅުގަނޑުމެންނަށް މިކަން ހިންގޭންވެސް އޮތް ގޮތް.

މާލެއަށް ޙައްލު ގެންނައިރުގައި، އެހެންވީމާ، އެއާ ގުޅިގެން، މުޅި ރާއްޖެއަށް ޙައްލު އަންނައިރުގައި، ފަސޭހަކަމާއެކީގައި، މާލެއާއި ހުޅުމާލެ އެބަ ގުޅެންޖެހޭ. މާލެއިން ރީތިކޮށް ހުޅުމާލެއަށް ފަސޭހައިން އަވަހަށް ދެވޭނެ ގޮތެއް އެބަ ހޯދަންޖެހޭ. އަޅުގަނޑުމެން ގެންގުޅޭ ތަޞައްވުރެއް އެއީ، ކަޅިއްސުރެ ފަށައިގެން އައިސް ގިރާވަރު ދެކުނު ކަނޑާ ހަމައަށް އޮންނަ މަގެއް އެޅުން އެއީ. އޭގެތެރޭގެ އެންމެދުރު ޖާގައަކީ ޙަޤީޤަތުގައި ގާދޫކޮލު. އެހެން ނޫނިއްޔާ، ހުޅުލެއާއި މާލެއާ ދެމެދު. މިހާރު މިވަނީ ހުޅުލެއާއި މާލެއާ ދެމެދުގެ ފާލަމެއް އެޅުމަށްޓަކައި ކުންފުންޏަކާ، އޭގެ ފީޒިބިލިޓީއެއް ހެދުމަށް، މިދިޔަ އަހަރުގެ މެދެއްހާ ތަނުގައި ސަރުކާރުން ދިނީ. އެ ކުންފުނިން ވަނީ އެ ފީޒިބިލިޓީ ހެދުމަށްފަހުގައި، ކެބިނެޓަށް މިއަދު އެ ފީޒިބިލިޓީ ހުށަހަޅުއްވައިދެއްވާފައި. ކެބިނެޓުން މިއަދު ވަނީ ނިންމާފައި، މާލެއާއި ހުޅުމާލެއާ ދެމެދުގެ ފާލަމެއް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔުމަށް.

އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑު މިހެން ދަންނަވާއިރުގައި، އެއާ ގުޅުވައިގެން އަޅުގަނޑު ހިތުން އަޅުގަނޑުގެ މަސްއޫލިއްޔަތެއް އެއީ، އެކަން އަޅުގަނޑުމެން ކުރަނީ ކިހިނެއްތޯ، ކޮންތާކުން ހޯދާ ފައިސާއަކުންތޯ، އެ އަޅުގަނޑުމެން ކޮންމެވެސްވަރަކަށް އޮޅުންފިލުވައިދިނުން. މާހިރުން ލަފާކުރަނީ، މިކަމަށް ހިނގާނީ، ހަތްދިހަ މިލިއަނާއި ސަތޭކަ މިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެކޭ. މިހާރު ޢިމާރާތް ކުރެވެމުންދާ އެއްހާސް ހަސަތޭކަ ފްލެޓްގެ މުޅި ޖުމްލަ އަގަކީ، ސަތޭކަ އަށާވީސް މިލިއަން ޑޮލަރު. މިދެންނެވި ބްރިޖްގެ އަގަކީ، ހަތްދިހަ މިލިއަނާއި ސަތޭކަ މިލިއަނާ ދެމެދުގެ ޢަދަދެއް. އިއްޔެގައި އެއްހާސް ހަސަތޭކަ ފްލެޓް ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރެވިފައި. އެތަނަށް ދެވިފައި. އެމީހުންގެ ބެލެންސް ޝީޓާއި، އެމީހުންގެ ރަޙުނެއްގެ ގޮތުގައި އިތުރުކުރެވިފައި. އެހެންވީމާ، މިއަދު އެޗް.ޑީ.ސީ.އަކީ، ކުރީގައި އޮތް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މިހާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ، މި ބްރިޖް އެޅޭނެވަރުގެ އާމްދަނީއެއް ނުވަތަ އެސެޓެއް، ބެލެންސް ޝީޓްގައި ވަރުހުރި ކުންފުންޏެއް. މިއީ އަޅުގަނޑުމެން ސަރުކާރުން ނެގި ލޯނު، ސަތޭކަ އަށާވީސް މިލިއަން ޑޮލަރު މި ނެގީ ގެ އަޅަންވެގެން. ގެތައް އަޅާފައި، ގެތައް ސަރުކާރުން މި ދިނީ އެޗް.ޑީ.ސީ.އަށް. ދިނުމަށްފަހުގައި، މި ލޯނު ދެއްކުން އެއީ، ޓްރެޜަރީގެ މަސައްކަތަކަށް ހަދާފައި، އެ ލޯނު ދެއްކުމުގެ މަސައްކަތް، އެ ގެތަކުން ނުހޯދާ ގޮތަށް ސަރުކާރުން ނިންމީ. އެހެންވީމާ، ޙަޤީޤަތުގައި ނިމިފައި އޮތް ކަމެއް.

އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މި ބްރިޖް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެންނަށް އެކަމުގެ އަޅުގަނޑު ހިތުން ކުރުމުގެ ޤާބިލުކަންވެސް އަދި އެވިސްނުމާއި، އެކަމުގައި ބުއްދި ގެންގުޅެންވީ ގޮތްތައްވެސް އެނގޭ. އަދި އަޅުގަނޑުމެންގެ ތެރޭގައި، މިކަމުގެ މާހިރުންނާއި، މިކަމުގައި އަޅުގަނޑުމެންނަށް ލަފާދޭނެ ފަރާތްތައް ނުހަނު ގިނަ. އަދި އިތުބާރާ އެކީގައި، އަޅުގަނޑުމެންނަށް މިކަން ކުރިއަށް ގެންދެވޭނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް.

މާލޭގެ މައްސަލަތައް އެތަން މިތަނާއި ރާއްޖޭގެ އެކި ކަންކޮޅުތަކާ ގުޅިފައިވާކަމީ، އަޅުގަނޑުމެންނަށް އެއްވެސް ހާލެއްގައި އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އަދި މިދަންނަވާ މަޝްރޫޢުތައް ހިންގުމަށްޓަކައި، އަސްލަމްވެސް ދެންމެ ފާހަގަކުރައްވައިފި، އަޅުގަނޑުމެން ޙަޤީޤަތުގައިވެސް ރަށު ބަންދުން ސަލާމަތްވާންޖެހޭ. އަޅުގަނޑުމެން މި ބޭރުމީހުންދެކެ މިގަންނަ ބިރާ، މި ރާއްޖެ ނަގައިގެން ގެންގޮސްދާނެތީވެ، މިކުރާހާ ފިކުރު ދޫކޮށްލާންވެއްޖެ. އަޅުގަނޑުމެންގެ ރާއްޖެއެއް ހިފައިގެނެއް، އެހެން ބަޔަކަށް އެހެން ތަނަކަށް ނުދެވޭނެ. ހުޅުލޭގައި އަޅާފައި އޮންނަ އެއަރޕޯޓެއް ނުގެންދެވޭނެ. އެ އޮންނާނީ އެތަނުގައި. ރާއްޖޭގެ ޤާނޫނަށް ގެންނަ ބަދަލުންވެސް އަދި ރާއްޖޭގެ ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކުން، މި ރާއްޖޭގައި ހުރި ހުރިހާ އެއްޗެއް އެއީ، އަބަދުވެސް މި ރާއްޖޭގެ ރައްޔިތުންގެ އެއްޗިއްސަށް ވެދާނެ. ބޭރުން އަންނަ ފަރާތްތަކުން އަންނަނީ، ޙަލާލު، ޞައްޙަ ވިޔަފާރި ކުރުމަށްޓަކައި. އެ ވިޔަފާރީގެ ފައިދާ، އެފަރާތްތަކުން ބޭނުންވާނީ. އެ ވިޔަފާރީގެ ފައިދާ، ރަނގަޅު ގޮތުގައި ނެގޭނެ ޤާނޫނުތައް އަޅުގަނޑުމެންގެ ތެރޭގައި ހުންނާންޖެހޭނެ. ޕާޓްނަރޝިޕް ޤާނޫނު ފާސްނުކުރީމާ ކަމުނުދާނެ. ބޭރުގެ އިންވެސްޓްމަންޓް، މާލިއްޔަތު ޤާނޫނު، ބޭރުގެ އިންވެސްޓްމަންޓް ނުގެނެވޭ ގޮތަށް އެނބުރީމާ، ފްލެޓް އަޅަން ދަތިވާނެ. އަދި ތަރައްޤީވާންވެސް އަޅުގަނޑުމެންނަށް ދަތިވާނެ. އަޅުގަނޑުމެން ޖީ.އެމް.އާރާ އިދިކޮޅަށް މުޒާހަރާ ކުރީމާވެސް އަދި ޖީ.އެމް.އާރޭ ކިޔަމުން ކިޔަމުން އައިސް، މުޅި އިންޑިޔާ ރައްޔިތުންނަށް، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުޑައިމީސްބަސް ބުނަމުން ގެންދިޔައިމާވެސް، ދެން ބޭރު ސަރުކާރުތަކަށް އަނެއްކާ މި ސަރުކާރުން އޮޅުންފިލުވައިދޭންޖެހޭ ކަންކަން އިތުރުވެގެންދާނެ. އަދި އެހެން މީސްމީހުން އަޅުގަނޑުމެންގެ މައްޗަށްކުރާ ނަފްރަތު އިތުރުވެގެންދާނެ.

އަޅުގަނޑުމެންނަށް ޑިމޮކްރަސީގެ ފޮނިކަން، ފަހިކަން ލިބިފައި މިވަނީ، ދާދި މިދާކަށްދުވަހު. އޭގެ ޖޯޝްގައި، އޭގެ އުފަލުގައި، އަޅުގަނޑުމެން ހުރިހާ ވާހަކައެއް ދައްކަމުން މިގެންދަނީ. އޭގެތެރެއިން އަޅުގަނޑަށް ފާހަގަވާ އެންމެ މުހިންމު އަދި އަޅުގަނޑަށް ފާހަގަވާ ގޮތުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެންމެބޮޑު ހުރަހެއް އޮތް ދެބާވަތެއްގެ ވާހަކަތަކެއް ފެނޭ. ފްލެޓް އެޅުމަށްވެސް އޮތް ހުރަހެއް. އަދި އެހެންވެސް ތަރައްޤީއަށް އޮތް ހުރަހެއްގެ ގޮތުގައި، އަޅުގަނޑަށް ފާހަގަވަނީ، މި ބޭރުމީހުންނާ އަޅުގަނޑުމެން މާބޮޑަށް ނަފްރަތުކޮށް، އެކަންކަން ފާހަގަކޮށް، އެކަމުގައި އަޑުއުފުލާ އުޅޭ އުޅުމާއި އަދި ހަރުކަށި ދީނީ އުޞޫލުތައް، މި ރާއްޖެއަށް ތަޢާރުފް ކުރުމަށް އަޑުއުފުލާ ގެންގުޅޭ ޚިޔާލު. އަޅުގަނޑުމެންނަކަށެއް އެއްވެސްއަތަކަށް ގޮސް ހައްދުފަހަނަޅައެއް ނުދެވޭނެ. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން އެދެނީ ތަރައްޤީ. އެ ރައްޔިތުން ބޭނުންވަނީ ތަނަވަސް ދިރިއުޅުމެއް. އެ ރައްޔިތުން ބޭނުންވަނީ، ރިވެތި ގޮތުގައި އަނބިދަރިންނާ އެކީގައި އުޅެވޭނެ ގޮތެއް. ތިމަންނާއަކީ، ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން މަސައްކަތް ކޮށްގެން، ތިމަންނާގެ އަނބިދަރިންނަށް ކާންދީގެން އުޅޭ، ފަޚްރުވެރި ދިވެއްސަކޭ ބުނެ، ހިންދެމިލާ ރައްޔިތެއް، މި ރާއްޖޭގައި އޮތުމަށް، މި ރާއްޖޭގެ ރައްޔިތުން އެދެނީ.

ހަމަގައިމުވެސް، އަޅުގަނޑަކަށެއް ނޯޅޭ، މާލޭ ރައްޔިތުން އެދޭ އެދުމެއްވެސް. އަދި މުޅި ރާއްޖޭގެ ރައްޔިތުން އެދޭ އެދުމެއްވެސް. އެ ރައްޔިތުންނެއް ނޭދޭ، މި ރާއްޖޭގައި އަތް ކަނޑާކަށްވެސް، ޤަތުލުކުރާކަށްވެސް، ރަޖަމްކުރާކަށްވެސް، އަދި އެ ރައްޔިތުންނެއް ނޭދޭ އިނގޭތޯ، މި ރާއްޖޭގެ ޒުވާނުން، މިޔުޒިކް އަޑުއެހުން ހުއްޓާލާކަށްވެސް. މި ރާއްޖެއަކީ ވަރަށް ޒަމާންވީ ރާއްޖެއެއް. މި ރާއްޖެއަކީ އަށްސަތޭކަ އަހަރުގެ މެދުކެނޑުމެއް ނެތް، އިސްލާމީ ޘަޤާފަތަކާއި، އިސްލާމީ ތާރީޚެއްވެސް އޮތް ރާއްޖެއެއް. މި ސަރުކާރަކީ، މި ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ޖާގަދޭނެ ސަރުކާރެއް ނޫން. އާދަމް މަނިކު ދެންމެ ފާހަގަކުރައްވައިފި، ހަމަގައިމުވެސް މިހާރު މިސްކިތަށް އަރާ މީހުންގެ ޢަދަދު ގިނަވާނެ. ދީނީ ދަރުސްދޭލެއް އިތުރުވާނެ. އަދި ދަރުސެއް ވަށައިގެން ފުލުހުން ތިބެ، އެތަނުގައި ދައްކާ ވާހަކަ އަބަދުވެސް ރެކޯޑްކޮށްގެން ގެންގޮސް، އެކިއެކި ބާވަތް ބާވަތުގެ ތަޙުޤީޤު ކުރުމާ، މިބާވަތުގެ ކަންކަމަކީ މިހާރު މި ރާއްޖޭގައި ހިނގާ ކަންކަމެއް ނޫން. ރައްޔިތުންނަށް ސާފުގޮތުގައި، ދީނީ މަޢްލޫމާތު އޮޅުންފިލުމުގެ ހުރިހާ ފުރްޞަތެއް، މި ރާއްޖޭގައި އެއޮތީ ހުޅުވާލެވިފައި.

އަޅުގަނޑުމެންގެ ރާއްޖެ، ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމަށް، މި ރާއްޖޭގެ ރައްޔިތުން ނިންމާފައި އޮތީ، މި މެނިފެސްޓޯ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯ އަދި ވަކިން ޚާއްޞަކޮށް، ދަންނަވަންތޯ، އަޅުގަނޑު އެކަން ކުރުމަށް. މި ރާއްޖޭގެ ރައްޔިތުންނަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކުރުތަކާއި ޚިޔާލުތަކެއްވެސް ނޯޅޭނެ. އަދި އަޅުގަނޑަށް ޔަޤީން، އަޅުގަނޑެއްވެސް ނޯޅޭނެ. ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނަކީ، ތިޔަބޭފުޅުންގެ ތަރައްޤީގެ އަމާނާތް ރައްކާތެރިކަމާއެކީގައި ބަލަހައްޓައިދޭނޭ ފަރާތް. ބަލަހައްޓައިދޭނޭ ޕާޓީ. ބަލަހައްޓައިދޭނޭ ސަރުކާރު. އިސްލާމްދީން، ރާއްޖޭގައި ރައްކާތެރި ކުރުމަކީ، ދެމެހެއްޓުމަކީ، މި ރާއްޖޭގެ ރައްޔިތުން އަބަދުމެ ބޭނުންވާނެ ކަމެއް. އަދި އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ތެރޭގައި އެއަށް ކުޑަވެސް ލޮޅުމެއް، ކިލަނބެއް އަންނާން ބޭނުންވާނެ ހަމަ އެކަކުވެސް ނުހުންނާނެ. އިސްލާމްދީނުގެ ޙިމާޔަތުގައި އުފުލާ އަޑަކީ، އަޅުގަނޑު އަނެއްކާވެސް ހަމަ ތަކުރާރުކޮށް ދަންނަވާނަން. އެ އަޑަކީ ހަރުކަށި އުޞޫލުތައް، މި ރާއްޖޭގައި ޤާއިމް ކުރުމަށް އުފުލޭ އަޑޭ. އެ އުޞޫލުތައް، މި ރާއްޖޭގައި ޤާއިމް ކުރުމަކަށް، މި ރާއްޖޭގެ ރައްޔިތުންނެއް ނޭދެއޭ. ވެދާނެ، މި ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން، އަޅުގަނޑު ދެންމެ މިދެންނެވި ބަސް ބުނުމަށް ދަތިވެފައި ތިބި ކަމަށްވެސް. އަދި ވެދާނެ، އަޅުގަނޑުމެންގެ ތެރެއިން ސިޔާސީ އެކިއެކި ވެރިންނަށް ސާފުގޮތުގައި މި ވާހަކަ ދެންނެވުމަށް ދަތިވެފައި ތިބި ކަމަށްވެސް. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުން އިންތިޚާބުކޮށްފައި މިހުރީ، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެބަ އެނގިލައްވާ، އަޅުގަނޑު މިވާހަކަ ތިޔަބޭފުޅުން ކައިރީގައި ބުނުމަށް، ތިޔަބޭފުޅުން އެބަ އެދޭކަން، އަޅުގަނޑުގެ ހިތުގައި ހިނގާތާ ކިތަންމެ ދުވަހެއްވެއްޖެ. އެހެންވީމާ، އަޅުގަނޑަށް ތިޔަބޭފުޅުންނާ މިވާހަކަ ދެއްކެން އޮތް މިންވަރަކަށް، ދެއްކެން އަޅުގަނޑަށް ފުރްޞަތު ލިބުނު މިންވަރަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދާނީ ތިޔަބޭފުޅުންނާ މިވާހަކަ ދައްކަމުން.

ތިޔަބޭފުޅުންގެ ތަރައްޤީ ގުޅިފައި ހުރީ، ތިޔަބޭފުޅުންނަށް ހައުސިންގ ޕްރޮގްރާމްތައް ހިންގޭން އޮތީ، މި ރާއްޖޭގައި ވަކިބާވަތެއްގެ ސިޔާސަތުތަކެއް ހިންގިގެން. ވަކިގޮތަކަށް މި ރާއްޖެ ގެންދެވިގެން. އަޅުގަނޑުމެން ދައްކާ ބައެއްފަހަރަށް، ވޭތުވެދިޔަ 30 އަހަރުގައި، އާދަމް މަނިކު ދެންމެ ބުނުއްވި. އަޅުގަނޑުމެން ބިންގާ އަޅާފައި އެބަހުއްޓޭ، 30 އަހަރަށްވުރެ ގިނަ ފްލެޓް. ފްލެޓް އެކަންޏެއް ނޫން އިނގޭތޯ. މާލެ ހިއްކާފައި ގޯތި ދިން ޢަދަދަށްވުރެވެސް، އަޅުގަނޑުމެން މިހާރު މިދޭ ޢަދަދު ގިނަވެއްޖެ. އެއީ ވަކިބާވަތެއްގެ ސިޔާސަތަކަށް އަޅުގަނޑުމެން އެނބުރުނީތީވެ، މި ރާއްޖެއަށް ލިބުނު ފުރްޞަތެއް. އެއްގޮތަކަށްވެސް ހީނުކުރައްވާތި، އެއީ މިވެނި ޕްރޮޖެކްޓެއް ހެދިގެން، އަނެއް ޕްރޮޖެކްޓެއްވެގެން، އެހެން އައިސް، އަޅުގަނޑުމެންނަށް ވަމުން އަންނަ ކަމެއް ކަމަށް. އެއީ ވަކިގޮތަކަށް އަޅުގަނޑުމެންގެ ރައްޔިތުން އެނބުރި، ވަކިބާވަތެއްގެ ޤާނޫނުއަސާސީއަކަށް އަޅުގަނޑުމެން ތަބާވެ، ޢާންމު ޤައުމެއްގެ ސިފައިގައި އަޅުގަނޑުމެން ދިރިއުޅެން ފެށީމާ، އަޅުގަނޑުމެންނަށް ލިބޭ ފުރްޞަތުތަކެއް. އެހެން ނޫނިއްޔަކާއެއް، އަޅުގަނޑުމެންނަކަށް މިފުރްޞަތުތަކެއް ނުލިބޭނެ. މިތަނުން އަޅުގަނޑުމެން ޖީ.އެމް.އާރަށް އުނދަގޫކޮށް، އެބައިމީހުން މިތަނަށް ނާންނަވަރުކޮށްފައި، ދެން މާލެއާއި ހުޅުލެއާ ދޭތެރޭގައި ބްރިޖެއް އަޅަންވެގެން، ބޭރު ކުންފުންޏެއް ކައިރީ އަންނާށޭ ބުނީމާ، އަންނަ ތަނެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނީ، ހުޅުވި ތިބެގެން. އަޅުގަނޑުމެންނަށް ކަންކަންވާނީ، މިދުނިޔޭގެ ޢާއިލާގެ ތެރޭގައި، އަޅުގަނޑުމެންވެސް ދިރިއުޅެގެން.

ހުޅުމާލޭގައި އިތުރު ފިޔަވައްސަކަށް އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު އަނެއްކާ ބިން ހިއްކަން ފެށޭނެ. މިއަންނަ މަހު އިރާދަކުރެއްވިއްޔާ، 110 ހެކްޓަރުގެ ބިން، ގުޅީފަޅުގައި ހިއްކުމުގެ މަސައްކަތް ފެށޭނެ. އަދި ގުޅީފަޅުގައި އަޅަންހުރި ފްލެޓްތައް އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުތެރޭގައި އަޅަން ފެށޭނެ. އަދި އަޅުގަނޑުމެންނަށް އެ ފްލެޓްތައްވެސް ދޫކުރަން ފެށޭނެ. އަޅުގަނޑުމެން ވަނީ އަޅުގަނޑުމެން މިދެންނެވި ކަޅިއްސުރެ ގިރާވަރު ކަނޑަށް އަޅާ މަގަށްޓަކައި، ވިލިނގިއްޔާއި މާލެއާ ދޭތެރެ އަދި ގުޅީފަޅާއި ވިލިނގިއްޔާ، ގުޅީފަޅާއި ތިލަފުށްޓާ، މިދެމެދުތަކުގައި ހުރި ތަންތަނުގައި ފާލަން އެޅުމަށް ބޭނުންވާ އެކިއެކި ދިރާސާތައް ހެދުމާއި، ފީޒިބިލިޓީތައް ހެދުމުގެ މަސައްކަތް ސަރުކާރުންވާނީ ދުނިޔޭގެ ރަނގަޅު ކުންފުނިތަކާ ޙަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނެއް ހުއްޓައެއްނުލާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم