بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ކުޑަކުދިންގެ ހިޔާގެ މަސައްކަތްތައް މަޑުމަޑުން ކުރިއަށް ގެންދެވޭތާ ދުވަސްތަކެއްވެއްޖެ. ކުޑަކުދިންގެ ހިޔާއަކީ މީގެ ދުވަސްކޮޅެއް ކުރިން، 1990ގެ އަހަރުތަކުއްސުރެ ފެށިގެން އެކިގޮތްގޮތަށް ހިންގެމުން އައި މަރްކަޒެއް. އަޅުގަނޑުމެން ސަރުކާރާ 2008 ވަނަ އަހަރު ހިންގުމާ ޙަވާލުވީއިރުގައި، އެތަނުގައި ތިރީހަކަށް ކުދިން އުޅޭ. މިހާރު ކުޑަކުދިންގެ ހިޔާގައި، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ފަސްދޮޅަހަކަށް ކުދިން އެބަތިބޭ.

ދެން އަޅުގަނޑަށްވުރެ ބޮޑަށް، ދެންމެ އެބޭފުޅުން ފާހަގަކޮށްދެއްވައިފި، އެ ހިޔާގައި މަދުވާ، ވަރަށް މުހިންމު ކަންތައްތައް. ލޯބި ދިނުމާއި، އެކުދިންނާ އަޅާލުމާއި، އެކުދިންނަށް ކަންތައްތައް ކޮށްދެވޭތޯ ބެލުމާ، މިކަންކަމަކީ، ހިޔާގެ ކުދިންނަށް ވަރަށް ބޮޑަށް އަބަދުވެސް ބޭނުންވާ ކަންކަން. ދެން އަޅުގަނޑުމެން އެކަކަށްވެސް އޮޅިފައެއް ނޯންނާނެ، އަޅުގަނޑުމެން ކުޑައިރު އަޅުގަނޑުމެންނަށް ލިބުނު ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަމާ، މި އެންމެ ކަންކަން ކަން ޙަޤީޤަތުގައި އަޅުގަނޑުމެން މިއީ ކޮންބައެއް ކަމަށް މިއަދު ވެފައި މިތިބީ. އަޅުގަނޑުމެން ރާއްޖޭގެ ދެން އަންނާން އޮތް ޖީލާ އަޅާލުމުގެ ތެރޭގައި، ޔަތީމު ކުދިންނާއި އަދި މައިންބަފައިން އަޅާނުލާ ކުދިންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ގޮތްތަކެއް އޮތުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް.

ސަރުކާރުން މިކަމަށް ހިންގަމުން ގެންދާ އެއް މަޝްރޫޢަކީ، ޔަތީމު ކުދިން ބަލަހައްޓާ ފަރާތަކަށްނަމަ، ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޢިނާޔަތެއް ދިނުން. އޭގައި ގެންގުޅެވުނު އެއް ވިސްނުމަކީ، ހަމަ ދެންމެ އެ ފާހަގަކުރި ކަން. މައިންބަފައިން ނުވަތަ މައިންބަފައިން ނެތް ތަނެއްގައި، ކޮންމެވެސް މީހެއް ކައިރީގައި ތިބެ ބޮޑެތިވީމާ، ވަކި ޚާއްޞަ ތަނަކަށް އެކުދިންލެވި، އެތާ ތެރޭގައި ވަރަށްގިނަ އުނދަގޫތަކާއި، އެކިއެކި ޙާދިޘާތަކުގެ ތެރޭގައި އުޅުމަށްވުރެ، ބައެއްފަހަރަށް އެބަ ފާހަގަވޭ، އަމިއްލަ މީސްމީހުންގެ ގޭގޭގައި އެކުދިންނަށް އުޅެވޭނެ ގޮތްގޮތް ހަމަޖެހުނިއްޔާ، އެއީ މާ ފުރިހަމަ އިންތިޒާމަކަށް، ނިޒާމަކަށް ވެގެންދާނެ. ސަރުކާރުން މަސައްކަތް ކުރަނީ، މިދެންނެވި ވިސްނުމުގައި. އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބައެއް އެއީ. މިދެންނެވީ އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވަނީ، ޢުމުރުން ދޮށީ މީހުންނަށް ދެވޭ ޕެންޝަންގެ ވާހަކަ. އެހެންނަމަވެސް، ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް، ސަރުކާރުން ކޮންމެ މަހަކު ދެހާސް ރުފިޔާގެ ޢިނާޔަތެއް ދެމުން އަންނަތާ މިހާރު ދޮޅުއަހަރެއް، ދެއަހަރެއްހާ ދުވަސްވެއްޖެ. އޭގެ ސަބަބުން، ކޮންމެވެސްވަރެއްގެ ނަތީޖާއެއް ނުކުމޭ. އަދި އަޅުގަނޑު ހިތުން އޭގެ ސަބަބުން، ބައެއް ކުދިންނާ އަޅާލުމަށް، ބައެއް ބެލެނިވެރިންނަށްވެސް ފަސޭހަވެގެންވެސްދޭ.

ކުޑަކުދިންގެ ހިޔާއާއި އަދި އަޅާނުލާ މައިންބަފައިން ނެތް ކުދިންނާ އަޅާލުމުގެ ފުރިހަމަ ޤައުމީ އިންތިޒާމެއް އޮވެގެން ނޫނިއްޔާ، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މި އެދޭ ޤައުމެއް ބިނާ ނުކުރެވޭނެކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ތެރޭގައި، ނިކަމެތިންނަށް އަޅާލުމާއި، ފަޤީރު ނުވަތަ ކުޅެދުންތެރިކަން އެކިގޮތްގޮތުންވެސް ނެތް ފަރާތްތަކަށް ބެލުމާ، މިކަންކަން ރަނގަޅަށް ގެންދެވިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއީ ޙަޤީޤީ އިންސާނުންގެ ގޮތުގައި އަދި އަޅުގަނޑުމެންނަކީ އިންސާނިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި ދިރިއުޅެން އުނދަގޫވާނެ.

އަޅުގަނޑު މިރޭ ހަމަ ދަންނަވާލަން އިތުރަށް ބޭނުން. ކުޑަކުދިންގެ ހިޔާ ތަރައްޤީވެ މިދަނީ އަދި ބެލެހެއްޓެމުން މިދަނީ، ވަރަށްގިނަ އަމިއްލަ ފަރާތްތަކެއްގެ އެހީގައި. އަދި ޖަމާޢަތްތަކުގެވެސް އެހީގައި. އެ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން ކުޑަކުދިންގެ ހިޔާގެ އެކިއެކި ކަންކަމާ އެކިގޮތްގޮތަށް އަބަދުވެސް ބަލާ. އަދި ވަރަށް ރަނގަޅު އެހީތެރިކަންވެސް ލިބޭ. އަޅުގަނޑު އެދެނީ، ހަމަ މިހާރަށްވުރެ އަދިވެސް އިތުރަށް އަޅުގަނޑުމެން އެންމެންވެސް ކުޑަކުދިންގެ ހިޔާއާ އަޅާލުމަށް. އަޅުގަނޑު އުންމީދު ކުރާނީ، އަޅުގަނޑުމެންގެ ހުރިހާ ކުޑަކުދިންނަކީވެސް އުފާވެރިކަމާ އެކީގައި ބޮޑެތިވާނެ ކުޑަކުދިން ކަމަށް.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!