بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، އަދި މެރިޓައިމް އެކެޑަމީ އޮފް މޯލްޑިވްސްގެ ވެރިން، ދައުލަތުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން މިއަދު މިތަނުގައި މި އެކަޑަމީ ހުޅުވާއިރު، އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ، މިތަނަށް އަންނަ ކުއްޖާ، ކިޔަވަން އަންނަ ކުއްޖާ، މާދަމާ މިތަނަށް އަންނައިރުގައި، އޭނާގެ ހިތުގައި، އޭނާ އެކުރާ ކަމަކީ، އޭނާގެ މުސްތަޤްބަލަށްޓަކައި ބޭނުންވާ ހުނަރެއް، ބޭނުންވާ ޢިލްމެއް ލިބިގަތުމަށްޓަކައި އޭނާ ކުރާ މަސައްކަތޭ. އެކަމަށްޓަކައި އޭނާ ގެއިން ނުކުންނަނީ. އޭނާ ގެއިން ނުކުންނައިރުގައި އެ ކުރެވޭ އަދި ވަރަށްބޮޑު މަސައްކަތެއް އޮވޭ. އެއީ، ޤައުމެއް ބިނާކުރުމުގެ މަސައްކަތް. އޭނާ ކިޔަވަން ނުކުންނަ ނުކުތުން އެއީ، ޤައުމު ބިނާކުރުމުގެ ފަރުދީ މަސައްކަތް. އެތައް ބަޔަކު ނުކުމެ ކިތަންމެ ކަމެއް ކޮށްގެން އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ތަރައްޤީއެއް މި ހޯދެނީ. ޤައުމިއްޔަތެއް ބިނާކުރުމުގައިވެސް ޤައުމީ ތަރައްޤީ ހޯދުމުގައިވެސް، ކޮންމެހެން ކުރާންޖެހޭ ވަކި ޚާއްޞަ ކަންތައްތަކެއް އެބަހުރޭ. އޭގެތެރޭގައި، ހުނަރު ލިބުން، މަތީ ތަޢްލީމަށް ފުރްޞަތު ފުޅާވެގެންދިޔުން މިއީ، ކޮންމެހެން އަޅުގަނޑުމެން ކުރާން ޖެހިފައި އޮތް ކަމެއް. އެކަން އަޅުގަނޑުމެން ކުރާއިރުގައި އަދި އޭގެއިތުރުން، ކުރާންހުރި ކިތަންމެ ކަމެއް ހުރީތީވެ، އެތައްކަމެއް އެއްކޮށް ނަތީޖާ ނުކުންނަ ގޮތަކަށް ކަންކަން ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް.

ކުޅުދުއްފުށީގައި ނުވަތަ ރާއްޖޭގެ އުތުރުގައި ރަނގަޅު ބޮޑު އާބާދީއެއް، ސިޓީއެއް ބިނާކުރުމަކީ ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. ދެކުނުގައި ސިޓީއެއް އޮތުމަކީވެސް ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. މާލެއަށް ހުރިހާ ކަމެއް ތޮއްޖެހިފައި އޮތް މިންވަރާއި އަދި މާލޭގައި ކަންކަން ތާށިވެ ނުވަތަ ދަތިވެފައި ހުރި މިންވަރަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެން ހުރި ކަމެއް. މާލޭގެ ހާސްކަމާއި، މާލޭގެ ފަޤީރުކަމާއި، މާލޭ ރައްޔިތުން އުޅެންޖެހޭ ހާލު. އެ ބުރަ މުޅި ރާއްޖެއަށް ފޯރައިގެން މިހާރު މިދަނީ ޙަޤީޤަތުގައި ހުރިހާ ޙައްދުން އެކަށް ނެއްޓިގެންދާތީ. އަޅުގަނޑުމެންގެ ރާއްޖެ އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، މިރާއްޖޭގައި އިތުރު ސިޓީ، އިތުރު އާބާދީތަކެއް ނުއުފައްދައި އެކަން ކުރެވޭނެ ހަމަ އެއްގޮތެއްވެސް މިހާރަކު ނެތް.

އަޅުގަނޑު މިދެންނެވި ވާހަކައަކީ، މޯލްޑިވްސް މެރިޓައިމް އެކަޑަމީއަށް އަންނަ ދަރިވަރު، ގެއިން ނުކުންނައިރުގައި، އެކުރާ މަސައްކަތަކީ، މިދެންނެވި މަސައްކަތްވެސްމެއޭ، ކުޅުދުއްފުށީގައި ސިޓީއެއް ބިނާކުރުމުގެ މަސައްކަތްވެސްމެއޭ. ކުޅުދުއްފުށީގައި މެރިޓައިމް އެކަޑަމީއެއް މި ހަދަނީ، މި ތަނަށް މި ސަރަޙައްދުން ވަރަށް ގިނަ ކުދިން އައިސް، އެކުދިންނަށް މިތަނުގައި ރަނގަޅު ތަޢުލީމެއް ލިބިގެން، އެމީހުންނަށް ރަނގަޅު ވަޒީފާތަކެއް ހޯދިގެން، އެމީހުންނަށް ގިނަދުވަހު، ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން އޮންނަ ފްލެޓް ލިބިގެން. އެމީހުންގެ ދަރިންނާއި، އަނބިންނާއި، އެމީހުންނަށް ރަނގަޅު ޞިއްޙީ ފަރުވާ ހެލްތް އިންޝުއަރެންސްގެ އުޞޫލުން ލިބިގެން. އެމީހުންގެ ދަރިންނަށް ވަށައިޖެހޭ ތަޢްލީމެއް ހޯދައިދެވިގެން. އަދި މި ރަށްރަށަކީވެސް މަގުތަކާއި، ފެނާއި ނަރުދަމައާއި، އަސާސީ ޚިދްމަތްތައް ދެވިފައި، ފޯރުކޮށްދެވިފައި ހުރި ރަށްތަކަކަށް ހެދިގެން، އަޅުގަނޑު މި އެދޭ ބަދަލާއި، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުކުންނާނީ. އަޅުގަނޑުމެންނަށް ލިބޭނީ.

އަޅުގަނޑުމެން ހިންގާ މަސައްކަތަކީ މިދެންނެވީ. އަޅުގަނޑުމެން އެންމެންގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށް އަޅުގަނޑުމެންކުރާ މަސައްކަތް. އެމަސައްކަތުގެ މިދެންނެވި ނަތީޖާ، ޢާންމު ޙާލަތު ރަނގަޅުވުން، އެ ނަތީޖާ އަޅުގަނޑުމެންނަށް މިލިބެނީ ކިތަންމެ ކަމެއް، ކިތަންމެ ގޮތަކަށް އެތައް ވަގުތެއްގައި ކުރީމާ. މިއަދު އަޅުގަނޑުމެންނަށް ވަރަށްބޮޑު ދެކަންތައް މިކުރެވެނީ. ފުރަތަމަ ކަމަކީ، އޮޕްޓިކް ފައިބަރ ކޭބަލެއް، އިންޓަރނެޓް ކޭބަލެއް ކުޅުދުއްފުށްޓަށްލުން. އަދި ކުޅުދުއްފުށިން ފަށައިގެން ގޮސް ދެކުނުން އައްޑޫން، ފުވައްމުލަކަށްވެސް އެ ނަރު ދިޔުން. ހަމައެޔާއެކީގައި، ކުޅުދުއްފުށީގެ ގިނަ ރައްޔިތުންނަކީ، ކިތަންމެ ފަހަރަކު ފާހަގަވެގެންދިޔަ ފަދައިން، ބޯޓްދަތުރު ކުރުމުގެ، ކަނޑުމަތީގައި އުޅުމުގެ ޘަޤާފަތެއް ތަކެއް، ހުނަރުތަކެއް ޒަމާނުއްސުރެ ފަށައިގެން، އަޅުގަނޑު ދަންނަވާނީ އެމީހުންގެ ލޭގައި ހިނގާ ރައްޔިތެކޭ. މިއަދު ކުޅުދުއްފުށީ މީހާ، ޙަޤީޤަތުގައި ތަރައްޤީވެ ނުވަތަ އެމީހާ ދިރިއުޅެމުން އައީ، ސީދާ އެމީހާ ވިއްކައިގެންނޭ. އެމީހާގެ މުލައްދަނޑީގެ ބާރުން. މުޅި މާލޭގައި ހިންގި ހުރިހާ މަސައްކަތްތައްވެސް އަދި ރާއްޖޭގެ ވަރަށްގިނަ ތަންތަނުގައި އަދި ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ޝިޕިންގ ލައިނުގައި ކުރެވުނު ގިނަ މަސައްކަތްތައް ކުރެވުނީ، ކުޅުދުއްފުށީ ވަރަށްގިނަ މީހުންގެ ސީދާ މުލައްދަނޑީގެ ބާރުން. އެމީހާ އެއީ، އެހާ ރަނގަޅު ބޯޓްދަތުރުކުރާ މީހަކަށްވެގެންދިޔައީވެސް، އެމީހާ ގައިގައި ފިސާރި ވަރު ހުރީތީވެ. އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ހަނދާންހުރޭ، 2007 ވަނަ އަހަރު އަޅުގަނޑު މިރަށުގައި މިވާހަކަ ދެންނެވިން. ކުޅުދުއްފުށީ މީހާ އެހެން ގޮތަކަށް ތަރައްޤީކޮށް، އެމީހާއަކީ އަނެއްކާވެސް ހަމަ އެހާމެ ބޭނުންތެރި މީހަކަށް ހަދާން އެބަޖެހެއޭ. މުޅި ރާއްޖޭގެ ހުރިހާ އެންމެންނަކީވެސް ބޭނުންތެރި ބަޔަކަށް އެބަ ހަދާންޖެހެއޭ. މީގެކުރީގައި ޖާނުން ވަރުހުރީމާ އެމީހާއަކީ ޕޯޓް ކޮމިޝަނަށް ވަރަށް ބޭނުންތެރި މީހެއް ނުވަތަ ސިފައިންގެ ތެރެއަށް ވަރަށް ބޭނުންތެރި މީހެއް، އިސްކޮޅެއް ހުރެއްޖިއްޔާ. އެއީ އެކަނި މީހެއްގެ ބޭނުން މިނާލެވޭ ކިރާލެވޭ ކަމަކީ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް އެބަ އެނގޭ، މީހަކަށް ތަންދޮރުއޮޅުންފިލައިގެން، ޢިލްމެއް ލިބިގެން، ހުނަރެއް ހުރެގެން، އޭނާއަކީ މިނާއިރު ވަރަށް ބަރު މީހަކަށް ވެވިދާނެ. ވަރަށް ވަރުގަދަ މީހަކަށް ވެވިދާނެ. އެކަޑަމީގެ ބޭނުމަކީ، މިދެންނެވި މަސައްކަތް ހިންގުން. ރާއްޖޭގެ ދަރިވަރުންނަށް ޚާއްޞަކޮށް، އުތުރުގެ ދަރިވަރުންނަށް ބޯޓް ދަތުރުކުރުމުގެ ހުނަރުތައް ފޯރުކޮށްދިނުން.

މިވަގުތު މިތަނުގައި ހިނގަމުން މިދަނީ ކޯސްޓަލް ނެވިގޭޝަން ކޯހެއް އެކަނި. އެ ކޯސް ހިނގަމުން އަންނަތާ މިހާރު ދެހަފްތާއެއްވެއްޖެ. ދާދި އަވަހަށް އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ހަމަ މި އެކަޑަމީއިން ރޭޓިންގސްއަށްވެސް ކިޔަވައިދޭނެ. އެއީ، ހަމައެކަނި ކްރޫއެއް ނޫން. އޭގެއިތުރުން، އިންޖިނޭރުންނާއި އަދި މެއިޓުންނާއި، ކެޕްޓަނުންނާއި، މާސްޓަރުންވެސް މިތަނުން އުފެއްދުމަކީ އެކަޑަމީއިން އަޅުގަނޑު ހިތުން ރާވާފައި އޮތް ރޭވުން. މި އެކަޑަމީގެ އަމާޒު. މި އެކަޑަމީގެ މި އަމާޒަށް ވާސިލުވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން، 30 އަހަރު، 40 އަހަރު ނަގާކަށް. ފުރޮޅު އުފެއްދުމަށްފަހުގައި ދެން ދުއްވާ މީހުން އެ ފުރޮޅުގައި ދުއްވުން ބުއްދިވެރީ. އަލުން ފުރޮޅު އުފައްދަން އުޅޭނެ ކަމެއް ނެތް. ރާއްޖޭގައި ތަރައްޤީވެފައި ހުރި ކިތަންމެ ކަމެއް ތަރައްޤީވެފައި މިހުރީ ވަރަށްދިގުލާ. އެހެންނަމަވެސް، ދުނިޔޭގައި އެ ޢިލްމާއި، އެހުނަރާއި އެކަންކަން ކުރާގޮތް އެއީ އާދައިގެ ބާ ކަމެއް. މި އާދައިގެ ކަންކަން ޙަޤީޤަތުގައި ކުރާން މިއަދު މިއޮތީ. އަލަށް ކުރާ އެއްވެސް ކަމެއް ނެތް. ދުނިޔޭގައި ނުކުރާ ކަމެއް އަޅުގަނޑުމެންނަކަށެއް ނުކުރެވޭނެ. އަދި ކުރާކަށް ނުވެސް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ކެޕްޓަނުންވެސް އަވަހަށް އުފެއްދޭނެ. އިންޖިނޭރުންވެސް އަވަހަށް އުފެއްދޭނެ. ކުރީގައި ވީގޮތް އެނގުނީތީވެ. ތަޖްރިބާ ލިބިފައި ތިބި މީހުންނާއި އަދި އިންސާނިއްޔަތަށްވެސް، ދިވެހި އުންމަތަށްވެސް، ދިވެހި ރައްޔިތުންނަށްވެސް އެކަން ތަޖްރިބާ ލިބިފައިވާތީވެ. އަޅުގަނޑު ޔަޤީން ކުރަނީ، މިއަންނަ އަހަރުވުމުގައި އަޅުގަނޑުމެން ދެން ކުރިމަތިލާނީ، މިތަނުގައި ކެޕްޓަނުންނާއި އަދި އެހެންވެސް މަތީ ފެންވަރުތަކަށް ކިޔަވައިދޭން ފެށުމުގައޭ.

މިއަދު ފާހަގަވޭ އަދި އިތުރު މުޅިން އެހެން މަސައްކަތެއްވެސް. ދިވެހިރާއްޖޭގެ ރަށްތަކުގައި ޚާއްޞަކޮށް، ބޮޑެތި ރަށްރަށުގައި ވަރަށް ބައިވަރު ބިނާ އެބަހުރި. ވަރަށް ބައިވަރު އޮފީސް އެބަހުރި. އެކިއެކި ބޭނުންތަކަށް ކުރެވިފައި ހުރި އެކިއެކި ޢިމާރާތް. އަޅުގަނޑުމެން އަބަދުވެސް އަހާ ސުވާލަކީ، ޢިމާރާތަކުންވިޔަސް، މީހަކުންވިޔަސް އަދި މެޝިނަކުންވިޔަސް، އެންމެ ރަނގަޅު ބޭނުމަކީ ކޮބައިތޯ. އެންމެ ދެކޮޅުޖެހޭ ކަމަކީ ކޮބައިތޯ. އަޅުގަނޑަށް ވިސްނާ ވިސްނާ ނޭނގުނު. އަހަރަކު ދެފަހަރު ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީމާ، ފަރިއްކޮޅު އަރުވަން ހުންނަ ތަނެއްގެ ގޮތުގައި މިފަދަ ބޮޑު ތަނެއް ހުރެގެން، މި ދައުލަތަށް ވަކިން ކުރާނެ އިތުރު ފައިދާއެއް ނެތް. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހެން ހުރި ޢިމާރާތްތައް އެއީ، އެކިއެކި ފެންވަރުގެ ސަރުކާރުގެ ޢިއްޒަތްތެރިންނާއި ބޭފުޅުން ނިދިކުރައްވަން، އުޅުއްވަން ހުރި ތަންތަނުގެ ގޮތުގައި ބެހެއްޓުމަކީ ޙަޤީޤަތުގައި މިއަދަށް ބޭނުންތެރިކަމެއްވެސް ނޫން. މި ކުޅުދުއްފުށީގައިވެސް ގެސްޓްހައުސްތައްވެސް ބައިވަރު. ގޮސް ބަޔަކު މީހުން ސަރުކާރުގެ މަސައްކަތެއްގައި މިރަށަށް އަޔަސްވެސް ހުރެލެވޭނެ ގޮތްތައް ނުލާހިކު ގިނަ. އެނޫން ގޮތަކަށް ޙަޤީޤަތުގައި އޮތް ރަށަކަށް އަޅުގަނޑަކަށް މިހާރު ނުވެސް ދެވޭ އެހެންވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ސަރުކާރުގައި މިހެން ހުރި ޢިމާރާތްތައް މިފަދަ ރަނގަޅު ބޭނުންތަކަށް ފުރޮޅާލުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް އެއީ، އިސްރާފުން އަޅުގަނޑުމެންނަށް ކަންކަން ސަލާމަތްކުރެވޭކަން. އަދި އެކަން ކުރާއިރުގައި، އެތައްއެތައް ރަނގަޅެއް އަޅުގަނޑުމެންނަށް ކުރެވުމުން ހެދެމުން ގެންދެވޭކަން.

މިކަން އަޅުގަނޑުމެންނަށްވުމުގައި ކުޅުދުއްފުށީ ރައްޔިތުންނާއި، ހއ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލާއި އަދި މި ސަރަޙައްދުގެ އެންމެހާ ބޭފުޅުންގެ ދުރު ވިސްނުން އެއީ، އެންމެބޮޑު ސަބަބު. މިތަން ހަމަ ކޮންމެ ކޮންމެ އަތޮޅެއްގެ، ރަށެއްގެ ބަޔަކު ދުލެއް ނުކުރާނެ މިކަހަލަ ތަހުޒީބީ ފުޅާކަމެއް ކުރާކަށް. ތިޔަބޭފުޅުންނަށް ވަށައިގެން ބަލާލީމާވެސް ފެންނާނެ ކަންއޮތްގޮތް. ކުޅުދުއްފުށި މިދެއްކީ ލާމަސީލު މިސާލެއް. މިއީއޭ ކުރީގެ އަތޮޅުގެތަކުން ކުރަން ހަމަ އެންމެ ބުއްދިވެރި ކަމަކީ. ރަށަށާއި، ރައްޔިތުންނަށާއި، ސަރުކާރަށާއި، ދައުލަތަށާއި އަޅުގަނޑުމެންނަށް ފައިދާހުރި ރަނގަޅު ގޮތެއްގައި މިތަންތަން ބޭނުންކުރާންވީއޭ.

އަޅުގަނޑު އުންމީދު ކުރަން، ކޮންމެ ޕާޓީއަކަށް ނިސްބަތްވީ ނަމަވެސް، ދައުލަތުގެ ހުރި ވަސީލަތްތައް އެއީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ ވަސީލަތްތަކަށް ހެދުމަށް އިންތިޚާބުވެފައި ތިބި އަޅުގަނޑުމެންގެ ހުރިހާ ބޭފުޅުންވެސް ވިސްނަވާނެކަމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި މިތަނުގައި މިކަން ކުރެވުނީ، އަޅުގަނޑު މިދެންނެވި ވިސްނުން، މިދެންނެވި ދުރު ވިސްނުން، މި ތިލަދުންމަތީ ރައްޔިތުންގެ ހިތްތަކުގައި އެނބުރި އަބަދުވެސް އަންނާތީ.

މިކަން ކާމިޔާބުވުމުގެ ކިތަންމެ ސިއްރެއް ހުންނައިރުގައި، އަޅުގަނޑު ދެކޭނީ ހަމަ އެންމެބޮޑު އަނެއް ސިއްރަކީ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ބޭފުޅުންގެ ހިތްވަރޭ. އަޅުގަނޑާއި ޢާދިލާ އަދި ނުވަތަ އަޅުގަނޑާއި އެހެން ވަޒީރަކާ އެކީގައި ކިތަންމެ ބަޔަކަށް ކިތަންމެ ކަމެއް ފަހިކޮށްދެވޭތޯ އެބައުޅެވޭ. ކިތަންމެ ކަމެއް. ހަމަ އެވެނި ބަޔަކު އަޅުގަނޑުމެންނާ ބައްދަލުކޮށް، މިވެނި ކަމެއް ހިންގަން ބޭނުންވެލައްވާ ކަމަށް ފާހަގަކުރެއްވީމާ، އެކަމަކާ ގުޅިގެން ވެވެން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރަން. މި ކާމިޔާބުގެ އައްސޭރިއަށް އާދެވެނީ، އެހެން ހިނގާ ކިތަންމެ ކަމެއްގެ ތެރެއިން ބައެއް ކަންކަން. އެކަން އެހެންވީމާ އެވަނީ، އެކަމަކާއިގެން އުޅޭ ބައެއްގެ ހިތްވަރާއި، ކެތްތެރިކަމާއި ޢަޒުމް ވަރުގަދަވީމާ. އެހެންވީމާ، އަޅުގަނޑު މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ވެރިންނަށާއި، އެ އެކަޑަމީގެ އެންމެހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު ދަރިވަރުންގެ ކިބައިން އެދެނީ، ފަރުވާތެރިކަމާއެކީގައި މަސައްކަތް ކުރުމަށް. އަދި ވިސްނުމަށް. ތިޔަބޭފުޅުންނަށް ހުޅުވިފައި އޮތީ ތިމަންނާގެ އަމިއްލަ ރަށުގޮނޑުދޮށުން ބޭރަށް އަދި އަތޮޅުދުނިންވެސް ބޭރަށް، ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ވިސްނުން އެކަންޏެއް ނޫނޭ. ޖާނާއި މާލުން ގޮސް އެވާގޮތެއް ބަލައި، އެކަންކަން ހިނގާ މަގުތައް ހޯދައި، އާމްދަނީވެސް ލިބި ވިސްނުން ފުޅާވެ، ރަށާއި ރާއްޖެ ތަރައްޤީ ކުރުމަށް ތައްޔާރުވުމަށް. އަޅުގަނޑު ޔަޤީން ކުރަނީ، ތިޔަބޭފުޅުން އަބަދުވެސް ދެމިތިބޭނީ އެމަސައްކަތުގައި ކަމަށް.

والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!